ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް 2

>> 28.11.09

މި މައުޟޫއަށް ދެވަނަ ލިޔުމެއް ލިޔަން އަޅުގަނޑު މި ގަސްތުކުރީ މި މައުޟޫއަށް އަޅުގަނޑު ލިޔުނު ފުރަތަމަ ލިޔުމުގައި ވާ ވާހަކަތައް ދިވެހި ބަޔެއް ދަރިންނަށް ހަޖަމުނުކުރެވުނީތީއެވެ. އެ ލިޔުމުގައި 20 ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި ބައިބުލް އެއްގެ ވާހަކަ ދަންނަވާފައި ވާނެއެވެ. އެ ބައިބުލް އެކުލަވާލާފައިވަނީ ދުނިޔޭގެ އެކިޤައުމުތަކުން ނަސާރާއިންގެ ޢިލްމުވެރިން ގެނެސްގެން ކަމުގައި ދެންނެވިފައި ވާނެއެވެ. އަދި ކުރީގެ ބައިބުލްތަކުގައިވާ 17 ވާސް ފަހުން މި ޝާއިއުކުރި ބައިބުލްގައި ފުހެލެވިފައިވާ ވާހަކަވެސް ދެންނެވިފައި ވާނެއެވެ. އަދި އެ ވާސްތައް ފުހެލެވުނު ސަބަބެއްކަމަށް އެބައިބުލް އެކުލާވާލި ޢިލްމުވެރިން ވިދާޅުވެފައިވާ ސަބަބުވެސް ބަޔާންކޮއްދެވިފައި ވާނެއެވެ. އަދި ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ބައިބުލްގެ ބައެއްކަމުގައިވާ ލޫކަސްއިންވެސް އެ ބަދަލުތައް ފެނަން ހުންނާނެ ވާހަކަ ދެންނެވިފައިވާނެއެވެ. (އެލިޔުން ބައްލަވާލެއްވުމަށް މި ލިންކަށް ވަޑައިގަންނަވާށެވެ: http://www.muraasil.com/details/view/3/4115)

ނަމަވެސް ހިތާމައަކީ ބައިބުލްގެ ޢިލްމުވެރިން އެކަމަށް އެއްބަސްވާއިރު ދިވެހި ބައެއް ދަރިންނަށް އެކަން ހަޖަމުކުރަން އުދަގޫވާތީއެވެ. އަދި ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ނުވަތަ ނޭނގިތިބެ ނަމަވެސް ބައިބުލްއިން ފުހެލެވިފައިވަނީ ހަމައެކަނި ނަންބަރު ކަމުގަޔާއި ކޮންޓެންޓް ނޫންކަމުގައި ބަޔެއް ކުދިން ދައުވާ ކުރަމުން އެބަ ގެންދެއެވެ. ނަމަވެސް ޙަޤީގަތަކީ ފުހެލެވިފައިވަނީ ނުވަތަ އުނިކޮށްލެވިފައިވަނީ ކޮންޓެންޓް ކަމެވެ. ހަމައެކަނި ވާސް ނަންބަރެއް ނޫނެވެ. ބައިބުލްގެ ކިންގްޖޭމްސް ވާޝަންއާއި ނިއު އިންޓަނޭޝަނަލް ވާޝަންއާއި ނުވަތަ ދިވެހި ތަރުޖަމާއާއި އަޅާކިޔުއްވާށެވެ. މިގޮތުން ދިވެހިބަހަށް ތަރުޖަމާކުރެވިފައިވާ ލޫކަސްގެ 17ވަނަ ބައިގެ 36ވަނަ އާޔަތް ވަނީ އެއްކޮށް ފުހެލެވިފައެވެ. 35ވަނަ އާޔަތާ ޖެހިގެން އިންނާނީ 37ވަނަ އާޔަތެވެ. ނިއު އިންޓަނޭޝަނަލް ވާޝަންގައި ވާގޮތަށެވެ. އެހެންނަމަވެސް ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައިވާ ލޫކަސް 23ވަނަ ބައިގެ 17 ވަނަ އާޔަތް ދިވެހިތަރުޖަމާގައި ހިމަނާފައި ވެއެވެ. މިއީ މާތްކަލާނގެ ބަސްފުޅުތަކާމެދު އަމަލުކުރަން އަންގަވާފައިވާ ގޮތްބާވައެވެ؟
ކޮންމެއަކަސް ބައިބުލްގެ ދިވެހި ތަރުޖަމާއިން ލޫކަސްގެ 17ވަނަ ބައިގެ 36ވަނަ ވާސްގެ ކޮންޓެންޓްގެ ވާހަކަ ދައްކަމާ ހިނގާށެވެ. އެގޮތުން 35 ވަނަ ވާސްގައި ވަނީ "ގޮވާން މުގުރަން ދެއަންހެނުން ތިބިކަމުގައިވާނަމަ އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެއެވެ." 36ވަނަ ވާސްގައި ފުހެލެވިފައިވާ ކޮންޓެންޓަކީ "ދަނޑުގައި ދެފިރިހެނުން ވާނެއެވެ. އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެވެ" މިބައި ދިވެހި ތަރުޖަމާގައިވަނީ ފުހެލެވިފައެވެ. (ދިވެހި ތަރުޖަމާގެ 95 ވަނަ ޞަފުޙާ)

ދެން ދިވެހި ތަރުޖަމާގެ 23ވަނަ ބައިގެ 17ވަނަ އާޔަތްވެސް ބައްލަވާށެވެ. އޭގަައި ވެއެވެ. "ޢީދުލް ޕަސްކާގެ މުނާސުބަތުގައި ރޫމުގެ ސަރުކާރުން ބަނީ އިސްރާއީލުގެ މީހުން ހިތްހަމަޖެއްސުމުގެ ގޮތުން ކުށްވެރިންގެ ތެރެއިން މީހަކު ދޫކޮށްލައެވެ." (ދިވެހި ތަރުޖަމާގެ 124ވަނަ ޞަފުޙާ) މި ވާސް ނިއު އިންޓަނޭޝަނަލް ވާޝަންގައިވަނީ ފުހެލެވިފައެވެ. (އަދި ނިއު އެމެރިކަން ސްޓޭންޑަޑް ބައިބުލްގައި މި ވާސް ފުހެލުމަށްފަހު ފުޓްނޯޓްގައި ލިޔެފައި ވެއެވެ. "ކުރީގެ ފަތްފޮތްތަކުގައި މި ވާސް ނެތެވެ") ނަމަވެސް ދިވެހި ތަރުޖަމާގައިވަނީ ހިމަނާފައެވެ. ސުވާލަކީ މިހުރިހާ ވާޝަންތަކާއި ފޮތްތަކަކީވެސް މާތްރަސްކަލާނގެ ބަސްފުޅު ހެއްޔެވެ؟ އިސްސާނުންނަށް ތެދުމަގު ދެއްކެވުމަށް އިލާހީ ހަޟުރަތުން ބާވައިލެއްވި ވަޙީ ބަސްފުޅު ހެއްޔެވެ؟

އަދި އެހިސާބުން ނިމުނީކީ ނޫނެވެ. މިގޮތަށް މިބަދަލުތައް ގެނެވިފައިވާކަން ބަޔާން ކޮށްދިނުމުން ދެން އެވިދާޅުވަނީ ފުހެލެވުނު ވާސްގައި އެއްވެސް ޙުކުމެއް ނެތްކަމުގައެވެ. ވީމާ އެ ވާސް ފުހެލެވުމުން މައްސަލައެއް ނެތްކަމުގައިގައެވެ. އަދި އެއީ ބަދަލަކަށްވެސް ނުވާނެކަމުގައެވެ. ސުބްޙާނަﷲ އެވެ. މާތްކަލާނގެ ވަޙީބަސްފުޅުތަކުގައިވާ މުހިންމު ނޫންތަކެއްޗާއި މުހިންމު ތަކެތި ވަކިކޮށް ފުހެ އިތުރުކުރަން އަޅުގަނޑުމެންމިއީ ކޮންބަޔެއްތޯއެވެ؟ މާތްކަލާނގެ ވަޙީގެ އެންމެ އަކުރަކީވެސް އެންމެ ފިއްޔަކީވެސް އޭގައި ބޭނުމަކާއި ހިކުމަތެއް އޮވެގެން ބާވާލައްވާފައި ވާ ތަކެތިކަން ކަށަވަރެވެ. އިންސާނީ ބުއްދިއަށް ކުރެވޭ ފާޅުވެގެންވާ ބޮޑު މަލާމާތަކަށް ނުވާނެތޯއެވެ؟

ކުރިއަށް ދަމާ ހިނގާށެވެ! ނަސާރާއިންނާއި ގުޅުންހުރި ޙުކުމްތަކެއް ނުފުހެވެއޭ ބުނުމަކީވެސް ތެދުވާހަކައެއް ނޫނެވެ. ސަބަބަކީ ނަސާރާއިން، އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ އަޤީދާތަކާއި ގުޅުންހުރި ބަޔެއް ވާސްތައް ނުވަތަ ބަސްތައްވެސް ފުހެލެވިފައި ވެއެވެ. މިސާލަކަށް ޓްރިނިޓީގެ ވާހަކަ ނަގަމާހިނގާށެވެ. ޓްރިނިޓީ ނުވަތަ 'ޓްރައިން ގޯޑް' މި ބަހަކީ ބައިބުލްގެ އެއްވެސް ވާޝަންއެއްގައި ވާބަހެއް ނޫނެވެ. ނަމަވެސް މިއީ ނަޞާރާއިންގެ އަޤީދާގެ އަސްލެވެ. މި އަސްލު ނުވަތަ އެވެރިންގެ އީމާންކަމުގެ ބިންގާ އެވެރިން ގަބޫލުކުރާ އިލާހީ ފޮތުން ފެންނާކަށް ނެތެވެ. އެކަމާމެދު އައިސްފައިވާ އިލާހީ ވަޙީ ބަސްފުޅެއް ނެތެވެ. މިދަންނަވާ އަޤީދާއާ އެންމެ ކައިރިކުރާ ވާސްއަކަށް ބައިބުލްގައި ވަނީ 1ޖޯން 5ވަނަ ބައިގެ 7 ވަނަ ވާސް އެވެ. ނަމަވެސް، މި ވާސްވެސް ވަނީ ފަހުން ނެރުނު ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލާފައެވެ. މި ވާސް ފުހެލުމަށްފަހު ބައިބުލްގެ ފުޓްނޯޓްގައި ލިޔެފައި ވެއެވެ. "16ވަނަ ގަރުނުގެ ކުރީން އެއްވެސް ފަތްފޮތަކުން ފެންނާކަށް ނެތެވެ" މާނައަކީ މިވާސްއަކީ އެއީ ޢިސާގެފާނު އުޑަށް އުފުއްލެވިތާ ފަނަރަ ސަތޭކަ އަހަރުފަހުން ހަދާފައިވާ ވާސް އެއްކަމެވެ. އެ ވާސްގައިވާކަމުގައިވަނީ މިފަދައިންނެވެ.

“For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one” (1john 8:7)
"އުޑުގައިވާ ރެކޯޑުތައް އެނގިގެންވާ ތިން ފަރާތެއްވެއެވެ. އެއީ ދަ ފާދަރ، ބަސްފުޅު އަދި މާތްވެގެންވާ ރޫޙެވެ؛ މި ތިންފަރާތަކީ އެއްފަރާތެވެ."
Footnote: (not found in any Greek manuscript before the sixteenth century)
ފުޓްނޯޓުގެ ތަރުޖަމާ: "16ވަނަ ގަރުނުގެ ކުރީން ގުރީކުގެ އެއްވެސް ފަތްފޮތަކުން ފެންނާކަށް ނެތެވެ."

މުޅި ބައިބަލްގައިވާ ހުރިހާ ވާހަކަތަކެއްގެ ތެރެއިން (އޯލްޑް ޓެސްޓްމަންޓާއި ނިއު ޓެސްޓްމަންޓް ހިމެނޭގޮތަށް) ޓްރިނިޓީ އޭ މިކިޔާ ކޮންސެޕްޓާ އެންމެ ގާތްކުރާ މާނަދޭހަވާ ވާސްއަކީ މިއީއެވެ. ނަމަވެސް މި ވާސްއަކީވެސް ހަދައި އިތުރުކޮށްފައިވާ ވާސްއެއްކަމަށް ބައިބުލްގެ ޢިލްމުވެރިން އެވިދާޅުވަނީއެވެ. ނިއު އިންޓަނޭޝަނަލް ވާޝަން ބައްލަވާށެވެ. މީގެ އިތުރުން ފުހެލެވިފައިވާ ވާސްތަކުގެ ތެރޭގައި ތިރީގައި މިބަޔާންކުރާ ވާސްތައް ހިމެނެއެވެ.

- މެތިއުއިން ފުހެލެވިފައިވަނީ: 17 ވަނަ ބައިގެ 21 ވަނަ ވާސް، 18 ވަނަ ބައިގެ 11 ވަނަ ވާސް، 23 ވަނަ ބައިގެ 14 ވަނަ ވާސް މިއެވެ.

- މާރކްއިން ފުހެލެވިފައިވަނީ: 7 ވަނަ ބައިގެ 16 ވަނަ ވާސް، 9 ވަނަ ބައިގެ 44 ވަނަ ވާސް، އަދި 46 ވާސް، 11 ވަނަ ބައިގެ 26ވަނަ ވާސް، 15 ވަނަ ބައިގެ 28 ވަނަ ވާސް މިއެވެ.

- ލޫކްއިން ފުހެލެވިފައިވަނީ: 17 ވަނަ ބައިގެ 36 ވަނަ ވާސް، 23 ވަނަ ބައިގެ 17 ވަނަ ވާސް މިއެވެ.

- ޖޯންއިން ފުހެލެވިފައިވަނީ: 5 ވަނަ ބައިގެ 4 ވަނަ ވާސް މިއެވެ.

- އެކްޓްސްއިން ފުހެލެވިފައިވަނީ: 8 ވަނަ ބައިގެ 37 ވަނަ ވާސް، 15 ވަނަ ބައިގެ 34 ވަނަ ވާސް، 24 ވަނަ ބައިގެ 7 ވަނަ ވާސް، 28 ވަނަ ބައިގެ 29 ވަނަ ވާސް މިއެވެ.

- ރޯމަންސްއިން ފުހެލެވިފައިވަނީ: 16ވަނަ ބައިގެ 24ވަނަ ވާސް މިއެވެ.

އަދި މިނޫނަސް ނަސާރާއިންގެ އަޤީދާއާއި ގުޅުންހުރި ބައެއް ބަސްތައްވެސް ފުހެލެވިފައި ވެއެވެ. މިސާލަކަށް 'ބިގޮޓަން ސަން' މިބަސްވެސް ވަނީ ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައެވެ. ލިޔުން ކުރުކޮއްލުމުގެގޮތުން ތަފްސީލަކަށް ނުގޮސް ކުރިއަށްދާނަމެވެ. ކޮންމެއަކަސް އަޅުގަނޑު މި ބަޔާންކުރީކީ އަޅުގަނޑު އަމިއްލައަށް ހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ނުވަތަ މުސްލިމުން ދައްކާފައިވާ ވާހަކަތަކެއްވެސް ނޫނެވެ. ނުވަތަ މުސްލިމުންގެ ވެބްސައިޓެއްގައި ޝާއިއުކޮއްފައިވާ ވާހަކަތަކެއްވެސް ނޫނެވެ. މިއީ ނަސާރާއިންގެ މުގައްދަސް ފޮތްކަމުގައިބުނާ ބައިބުލް (ނިއު އިންޓަނޭޝަނަލް ވާޝަން) އެކުލަވާލި ޢިލްމުވެރިންގެ ބަހެވެ. އެ ފޮތުގެ ފުޓް ނޯޓްގައިވާ ވާހަކައެވެ. އެވެރިންގެ ރަސްމީ ވެބްސައިޓްތަކުގައިވާ ވާހަކަތަކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢީސާ އަލައިހި ސަލާމްގެ މައްޗަށް މާތްކަލާނގެ ބާވާލެއްވި ފޮތަކީ މީހަކު ލިޔުނު ތޯތޯ ވާހަކައެއް ނޫނެވެ. ނަސާރާއިން ބޭނުންވީމާ އުނިކޮށް ބޭނުންވީމަ އިތުރުކުރާއިރު މާތްކަލާނގެ ކިބައަށް ބިރުވެތިކަމެއް ހަމަ ނެތީތޯއެވެ؟ އެވެރިން އިލާހީ ޙަޟުރަތަށް ކިޔަމަންތެރިކަން އަދާކުރަނީ މިދަފައިން ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުތަކަކީ އެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން އޮވެފައި، އަނެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން ނެތުން ނޫންކަން، ކިރިޔާވެސް ބުއްދިއެއްހުރި (ކަމުގެ ދެކޮޅުބަލާ) އިންސާނަކަށްވިއްޔާ އެގޭނެއެވެ. އެގޮތަށް އެއްދުވަހު އިތުރުކޮށްފައި އަނެއްދުވަހު އުނިކުރުމުން ސާބިތުކޮށްދެނީ އެއީ މާތްކަލާނގެ ފުރިހަމަ ކަލާމްފުޅެއް ނޫންކަމެވެ. މިއީ މާތްކަލާނގެ ކަލާމްފުޅުގެ ތެރެއަށް އެބައި މީހުން ބޭނުންވާ ތަކެތި އުނިކޮށް އިތުރުކުރާ މީހުނެވެ. އެމީހުންގެ އަމިއްލަ އެދުމާ ފައިދާއަކަށްޓަކައެވެ.

ޢިސާ އަލައިހިސަލާމް އެފަރާތަކަށް އަޅުކަންކޮށް ދުޢާދެންނެވި ފަރާތް ވަޙީކުރައްވާފައި ވެއެވެ.
"ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ މާތްކަލާނގެ ޙަޟުރަތުން ބާވާލެއްވި ފޮތެކޭ ބުނާމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެބައި މީހުން އެކަންކުރަނީ) ދުނިޔޭގެ ފަނާދަނިވި އެދުމަކަށް ޓަކައެވެ. އެމީހުންގެ އަމިއްލައަތުން އެލިޔުނު ބާތިލު ތަކެތީގެ ސަބަބުން އެމީހުނަށް ގެއްލުމާ ހަލާކު ހުއްޓެވެ. އަދި އޭގެބަދަލުގައި އެމީހުން ހޯދައިގަންނަ ތަކެތީގެ ސަބަބުންވެސް އެމީހުނަށް ހަލާކު ހުއްޓެވެ." (ސޫރަތުލް ބަގަރާ، 79ވަނަ އާޔަތް)

1 comments:

ޝުޖާޢު March 2, 2010 at 9:10 AM  

މިއީ ވަރަށް ރަނގަޅު ލިޔުމެއް. ހިތާމައަކީ ކަންމިހެން ހުރިއިރުވެސް، އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން ނުވިސްނާ ބަޔަކު މި ބާތިލު އަގީދާއަށް އެނބުރޭކަމެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ލިބިފައިތިބެވެސް މި ހަލާކަށް ހުށަހޮޅޭތީއެވެ. މާތް ﷲ އެންމެހާ މުސްލިމުންނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން މިންވަރުކުރައްވާށި. އަދި އިސްލާމްދީނަށް ގަދަކަން ދެއްވާ، ޣައިރު މުސްލިމުންގެ ތެރެއިން ތެދުމަގު ހޯދަން އުޅޭ ފަރާތްތަކަށް ތެދުމަގުދައްކަވައި ދެދުނިޔޭގެ ސަލާމަތްކަން މިންވަރު ކުރައްވާށި، އަޅަމެންގެ ދިވެހި ގައުމާއި ދިވެހިންނަށް ބާއްޖަވެރިކަމާއި ތެދުމަގު މިންވަރުކުރައްވާށީ! އާމީން.

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP