ޖާރިޔާގެ ވާހަކަ – ފަހަތުގައި ސިއްރެއް ފޮރުވިފައިވާ ބޮޑު ޖަރީމާއެއް!

>> 25.11.09

މިއަދާހަމަޔަށްވެސް ޖާރިޔާގެ ވާހަކައަކީ ވަރަށްގިނަ ނޫސްތަކުން 'ފޫގަޅާފައި' ދައްކަމުންއައި ވާހަކައެކެވެ. މިކަމަކީމިއީ އަލަށް ދިވެހި އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަނެފައިވާތީވެ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން 'މަޖުނޫނު ކުރިވި' ކަމެކެވެ. ރައްޔިތުންނަށް ކަމުގެ ހަޤީޤަތް ފޯރުކޮއްދިނުމަށް ނޫސްކޮންފަރެންސްތައް ބާއްވަންޖެހޭވަރުން އޮފީހުގައި 'ފޫހަރުލައިގެން' ނުތިބެވުނު ކަމެކެވެ. ދީނާމެދު ނަފުރަތުކުރާ 'ހީލަތްތެރިންގެ' ބުލޮގުތައް މަޝްހޫރުކުރުވި ކަމެކެވެ. ދީނާއިމެދު ތަނެއްދޮރު ނުދަންނަ ނޫސްވެރިންތަށް، އެމީހުންގެ ގަލަމުގެ ދެލި މައިތިރި ނުކުރެވިގެން އުޅުނުކަމެކެވެ.

ސުވާލަކީ މިއީ ދީނާއި ޤައުމަށް ލޯބިކުރާ އަދުލުވެރި ބަޔެއް ތޯއެވެ؟ ނުވަތަ ތިމާމެންގެ ނޫސް މަޝްހޫރުކުރުމާއި ދެއްކުންތެރިކަމަށް މަސައްކަތްކުރާ ލާދީނީ ބަޔެއް ތޯއެވެ؟ ނުވަތަ ސިޔާސީ ކޮންމެވެސް މަޤްސަދެއް ހާސިލުކުރުމަށް މަސައްކަތްކުރާ ބަޔެއްތޯއެވެ؟ ނުވަތަ އިސްލާމުދީނުގެ އަދުއްވުންގެ ދަލުގައި ޖެހި ސަލާމަތް ނުވެވިގެންއުޅޭ ބަޔެއްތޯއެވެ؟ މިބައިމީހުން 'މިޖާރިޔާގ'ެ މައްސަލާގައި އަމަލުކުރަމުން އައިގޮތަށް ބަލައި ދިރާސާކޮއްލުމުން މި ސުވާލުތަކުގެ ޖަވާބު ލިބިދާނެއެވެ.
ރަތްކުލައިން ހައިލައިޓްކޮށް ޖާރިޔާގެ ވާހަކަ ސުރުހީގައި ޖެހުމަށްފަހު، ދެން ޖަހަނީ މޫނުބުރުގާއެޅި ކޮންމެވެސް މީހެއްގެ ފޮޓޯއެކެވެ. ނުވަތަ ތުބުޅިލީ މީހެއްގެ ފޮޓޯއެކެވެ. ނުވަތަ އެހެން ކޮންމެވެސް ދީނީ ޝިއާރެކެވެ. ލިޔެވިފައި ހުންނަނީ ތިމާގެ ހިތުގައި ދީނަށްކުރާ ނަފުރަތުގެ ވާހަކައެވެ. އަރަބިން އަންޑަވެޔަރ ނުލާވާހަކައާއި، ޖަމަލުގައި ދަތުރުކުރި ވާހަކައެވެ. މިކަމާގުޅިގެން ނޫސްކޮންފަރެންސެއް ބާވައިފިނަމަ އުޅެނީ ދީނަށްޓަކައި މަސައްކަތްކުރާ ކޮންމެވެސް ޝޭޚަކަށް ހަޖޫޖެހުމަށެވެ. ނުވަތަ ދީނީ ވުޒާރާއެއް ބަދުނާމު ކުރާށެވެ. އަދި އެންމެ ހިތާމަކުރަންޖެހޭ ކަމަކީ ދައްކަންޖެހޭ އަސްލުވާހަކަ ދައްކަން ހަނދާންނެތިފައިވާތީއެވެ. ޖާރިޔާއަކީ ކޮބާކަން ބުނެއެއް ނުދެއެވެ. އެފަދަ ނުބައި އަމަލެއް ހިންގާފައިވާނަމަ އެކަމެއްކުރީ ކާކުކަމެއް އަންގައެއް ނުދެއެވެ. އެއީ ކިހިނެއް ކޮންގޮތަކުން ހިނގާފައިވާ ކަމެއްކަން ހާމަކޮށެއް ނުދެއެވެ. އެންމެ ގާތަކަށްވެސް ލިޔެވިފައި ހުންނަނީ "މީހަކު ބުންޔޭ...13 އަހަރުގެ ކުއްޖެކޭ...އަޅެކޭ...ޖާރިޔާއެކޭ...ކަށަވަރޭ...ކަށަވަރޭ.." މިފަދަ ވާހަކަތަކެކެވެ. ހެއްކެއް ގަރީނާއެއް ނުދައްކައެވެ.

އާއެކެވެ. ކަމެއް ނުހިގާނަމަ ދައްކާނެ ހެއްކެއް ގަރީނާއެއް ނުވެސް އޮންނާނެއެވެ. ކަމުގެ ޙަޤީޤަތް ހާމަވިއިރު އެއީ ކައިވެނިކޮށްގެން އުޅުނު ދެމަފިރިންގެ ވާހަކައެކެވެ. 12 ނުވަތަ 13 އަހަރުކަމަށް ބުނި 'ޖާރިޔާއަކީ' މިހާރު 18އަހަރު ވެފައިވާ ކުއްޖެކެވެ. މީހެއްޤެ އަތްބެކެވެ. ހިތާމައަކީ ކަމުގެ ހަޤީޤަތް ސާބިތުވެ، އެއީ ކިހިނެއް ހިނގިކަމެއްކަން އެނގުމުން، 'ފޯރިނަގާފައި' އުޅުނު ނޫސްވެރިންތަކާއި އިންސާނީ ޙައްޤަށް މަސައްކަތްކުރާ ޖަމާއަތްތައް 'ފިލާފައި' ވާތީއެވެ. އެހިސާބުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުގެ ލޯތައް ކަނުވިފަދައެވެ. ދޫތަށް ބުރިވިފަދައެވެ. ނޫސްވެރިންގެ ޤަލަމުގެ ދެލިތަށް ހިކުނުފަދައެވެ. ކުޑަމިނުން ތިމަންނަމެންނަށް ދެއްކުނީ ޙަޤީޤަތެއް ނެތް ވާހަކައެކޭ ބުނާކަށްވެސް އެބޭފުޅުންގެ 'ތެދުވެރިކަން' ތަނެއް ނުދިނެވެ. ކުރެވުނު ތުހުމަތުތަކަށް އިތުބާރުހުރި ހެއްކެއް ދައްކައި ސާބިތު ނުކުރެވިގެން އުޅުނުއިރަކު މިބޭފުޅުން ހީވަނީ އެހެން ކަމެއްވެގެން އުޅޭބަޔެއް ހެނެވެ. "ޖާރިޔާ ކަށަވަރު ވެއްޖެ....ޖާރިޔާ ކަށަވަރުވެއްޖެ..." މިހެން ގޮވާއިރަކު ހީވަނީ ދުނިޔޭގައި އަލަށް ކަމެއްހިނގައިގެން އުޅޭހެނެވެ. ޙަޤީޤަތް ހާމަވެ ސާބިތުވުމުން، ތެދުހަދަން ލަދުގަތެވެ. ރައްތިޔުންނަށް ކަމުގެ އަސްލު އޮޅުންފިލުވައި ދިނުމަށް ފަސްޖެހުނެވެ. މިއީ އިންސާނީ ޙައްޤު ދިފާއުކުރަން އުޅޭ ބަޔެއްބާވައެވެ؟ މިއީ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދޭން އުޅޭބަޔެއްބާވައެވެ؟ އަބުރާ ބެހުމުގެ ކުށަކީ މަދަނީ ކުށަކަށް ހަދަން އެބޭފުޅުން އެ ގޮވަނީ މަފަދަކަންތައްތައް ނުކުރޭވޭތީ ކަމައް ވެދާނެއެވެ.

އެހިސާބުން އެ ނިސްބަތްކުރި އަންހެން ކުއްޖާގެ ޙައްޤަކީ ކޮބައިތޯއެވެ؟ އެކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުންތައް ކޮބައިތޯއެވެ؟ އެކުއްޖާގެ މައްޗަށް ކުރި ޒިނޭގެ ތުހުމަތުތައް ކޮބައިތޯއެވެ؟ މިއީ ދިވެހި ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ބަޔަކު ކައިވެނި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ވީމާ، ޒިނޭނުކުރާ އަންހެން ކުއްޖެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ކުޑަ ޖަރީމާއެއް ނޫނެވެ.

އާއެކެވެ. މިއީކީ އަޅުގަނޑަކާ ބެހޭކަމެއް ނޫނެވެ. ނަމަވެސް، އެވިދާޅުވާ އިންސާނީ ޙައްޤަކީ މިއީތޯއެވެ؟ އެވިދާޅުވާ މިނިވަން ނޫސްވެރިކަމަކީ މިއީތޯއެވެ؟ ކަންކަމުގެ ޙަޤީޤަތް އޮޅުވާލުންތޯއެވެ؟ ވަރުވަރުން ޒިނޭކުރާ ކުދިން އެތިބީ ތިބިތާނގައެވެ. ވަރުވަރުން ޅަ އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަ މީހުނާ ފިރިހެން ކުދިންނާއެކު ޖިންސީގުޅުން ހިންގާމީހުން އެތިބީ ތިބިތާނގައެވެ. އައި ޖީ އެމް އެޗްގެ ރިޕޯޓްތަށް ދައްކާގޮތުން މިއަހަރުގެ މިހާހިސާބައް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައިވެއެވެ. އެކަންތަށް ތަހުގީގު ނުކުރެވެންވީ ކީއްވެތޯއެވެ؟ އިންޑިޔާގައާއި ލަންކާގެ ހޮސްޕިޓަލް ތަކުގައި 18 އަހަރު ނުފުރޭ ނުވަތަ ކައިވެނި ނުކޮށް ނަހަލާލަށް ބަލިވެއިދެފައިވާ ދިވެހި އެތަށް އަންހެން ކުދިންނެއް އެބޯޝަން ހެއްދުމަށް ގޮސްތިބިކަން އެފަދަ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެއިޑްސްގެ ވަބާގައި ޖެހިފައިވާ ފިރިހެނަކު އެތަކެއް އަންހެން ކުދިންނަކާއިއެކު ޖިންސީގުޅުން ހިންގަމުން ގޮސްފައިވާކަން ހަމަ މިބޭފުޅުންނަށް އެނގިނުލައްވަނީ ތޯއެވެ؟ ނަމަވެސް އެހުރިހާކަމެއް އެހެން އޮއްވައި ބޮޑުވެގެން މި އުޅުނީ ކައިވެނި ކޮއްގެން އުޅުނު ބަޔަކާ ހެދިއެވެ. ހީވާގޮތުން މައްސަލައަކަށްވަނީ ކައިވެނި ކުރީމައެވެ. ކައިވެނި ނުކޮށް ކޮންމެކަމެއް ކުރިއަސް އެންމެ ރަނގަޅެވެ.

އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑު މިދަންނަވަން އުޅޭވާހަކަ އޮޅުވައި ނުލާށެވެ. ކައިވެނި ކުރުމަކާނުލައި ޖާރިޔާއިންގެ ނަމުގައި ކުދިން ގެންގުޅޭނަމަ އެކަން ކުށްވެރި ކުރެވެންޖެހޭނެއެވެ. އަޅުގަނޑުވެސް އެކަމާ އެއްބަހެވެ. ނަމަވެސް އެހިސާބުން ނިންމައި ނުލާށެވެ. ޖާރިޔާއިންގެ ނަމުގައި ނޫނަސް ކައިވެނިން ބޭރުގައި ހިންގޭ ޖިންސީގުޅުންތަށް ކުއްވެރި ކުރެވެން ޖެހޭނެއެވެ. އަނބިމީހާގެ އިތުރުން ސައިޑް ބިޓުންތައް ގެންގުޅޭމީހުން ކޮބާތޯއެވެ؟ އެ އަނބިމީހާގެ ޙައްޤެއް ނެތީތޯއެވެ؟ ނަހަލާލަށް ބަލިވެއިންނަ ދިވެހި އަންހެން ކުދިންތައް ކޮބާތޯއެވެ؟ ކަށަވަރުންވެސް 85 ކުދިން އައިޖީއެމް އެޗުން ހާމަކޮއްފައިވާއިރު، ފޯރިނަގާފައި އުޅެންވާނީ އެންމެ ކުއްޖެއްގެ ކަމަކާ އެކަންޏެއް ނޫނެވެ. އެހެން ނޫންތޯއެވެ؟ ހުރިހާ ކުދިންގެ މައްސަލަވެސް ބެލެންޖެހޭނެއެވެ. ޒިންމާވާ ފަރާތްތަކަށް އަދަބުވެސް ދެވެންޖެހޭނެއެވެ.

ނަމަވެސް މިފަހަރު މިބޭފުޅުން މިއުޅެގަތީކީ ރަނގަޅު ވިސްނުމެއްގައެއް ނޫނެވެ. މިކަމުގައިވަނީ މުޅިން އެހެން މަޤްސަދެއްކަން މިބޭފުޅުންގެ އަމަލުތައް ހުރިގޮތުން އެނގެއެވެ. ހިއްތަކަށް 'ރަހުމު' ވަދެގެން އެއުޅެނީ އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނާތީކީ ނޫނެވެ. ނުވަތަ އެހާ ކޮންބޮޑުކަމެއް އެފާޅުކުރަނީ ޤައުމުގައި ބޮޑެތި ޖަރީމާތަކާއި ބަދުއަޚްލާޤީ އަމަލުތަށް ކުރާމީހުން ގިނަވާތީއަކީ ނޫނެވެ. ވީމާ މިފަހަރު މިމައްސަލާގައި ޖަރީމާ ހިންގީ 'ޖާރިޔާ ގެންގުޅުނު މީހާ'އެއް ނޫނެވެ. ޖަރީމާ ހިންގި ބަޔަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ 'މަޖުނޫނުންނެވެ'. ބުލޮގުތައް ހިންގާ 'ހީލަތްތެރިންނެވެ'. ނޫސްވެރިކަމުގައި އުޅޭ ދީނުގެ އަގީދާ ބަލިކަށިވެފައިވާ 'ޅޮހުންނެވެ'.

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP