ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 3

>> 5.3.10

އަމަލު ނުކުރުމަށް ނިންމާފައިވާ ރަލާބެހޭ ޤަވާއިދަށް ސަޕޯޓްކޮށް މިބައިމީހުން ބުނާ އަނެއް ވާހަކައަކީ، 1400 އަހަރު ކުރިން ޓޫރިޒަމެއް ނެތެވެ. އޭރާއި މިހާރާއި ތަފާތެވެ. ރާވިއްކުމުގެ ބޭނުމަކީ ޙަރާމް ކަމަކަށް އަރައިގަތުމެއް ނޫނެވެ. ރާވިއްކުމުގެ މަޤްޞަދަކީ ފަތުރުވެރިކަން ކުރިއެރުވުމެވެ. ޤައުމަށް މަންފާއިތުރު ކުރުމެވެ. މިވަރުގެ އިޤްތިސާދެއް ނުދަންނަ 'މުއްލާއިންގެ' ބަސްޤަބޫލުކޮށްގެން ޤައުމު ކުރިއަރުވާނީ ކިހިނެއްތޯއެވެ؟
ޙަޤީޤަތަކީ، މިބައި މީހުންނަކީ މަންފާއަށް އެކަނި ވިސްނާބައެކެވެ. އަދި ދުނިޔެއާއިމެދު އެކަނި ވިސްނާ ބައެކެވެ. 'މުއްލާއިން' ބަލާފަދައިން ކަމުގެ ދެކޮޅުބަލާ ބައެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ރާ ޙަރާމް ކުރެއްވި އިރު، ރާ ބުއިމަކީ ނުވަތަ ވިއްކުމަކީ މަންފާ ނުލިބޭ ކަމެކޭ ވަޙީއެއް ނުކުރައްވައެވެ. އަދި ކިއެއް އެއީ މަންފާ ލިބޭކަމެއް ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް، އެއިން ލިބޭ އެކިކަހަލަ ގެއްލުމާ ލިބޭ މަންފާއާއި އަޅާ ކިރާއިރު މަންފާއަށްވުރެ ލިބޭގެއްލުންތައް މާބޮޑުކަމުގައި ބަޔާންކުރައްވާފައި ވެއެވެ.

"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)

ވީމާ 'މުއްލާއިން'ގެ ވިސްނުމާއި ފިކުރު ފޯރުވާހާއި ދުރަށް މިމީހުންގެ ވިސްނުމާއި ފިކުރުވެސް ފޯރުވާނަމަ، އެކަހަލަ އެއްކޮޅަށް ބުރަވާ ވިސްނުމެއް ނުގެންގުޅޭނެކަން ޔަޤީނެވެ. އަނެއްކޮޅުން، ފަތުރުވެރިން ރާއްޖެއަންނަނީ ރާބޯކަށް ނޫނެވެ. ނުވަތަ އޫރުމަސް ކާކަށް ނޫނެވެ. އެތަކެތި ނުވިއްކިޔަސް ފަތުރުވެރިން ރާއްޖެ އަންނާނެކަން ޔަޤީނެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަން ދެކިލުމަށެވެ. ގޮޑުދޮށްތަކުގައި ހިތްއުފާކުރުމަށެވެ. ކަނޑުތަކުގައި ފީނާލުމަށެވެ. ދުނިޔޭގެ ފަތުރުވެރި ކަމުގެ ގާތްގަޑަކަށް %10 ހިއްސާކުރާ މިޑުލް އީސްޓްގައި ފާހަގަކޮއްލެވޭ މަތީފަންތީގެ އެތަކެއް ސަތޭކަ ހޮޓަލެއް ރަލާއި އޫރުމަސް ނުވިއްކައި ހިންގަމުން ދެއެވެ. ފަތުރުވެރިން ދުނިޔޭގެ އެކިމަންޒިލް ތަކަށް ޒިޔާރާތްކުރަނީ ރާބޯކަށް ނުވަތަ އޫރުމަސް ކާކަށެއް ނޫނެވެ. އެމީހުން އެހެން ޤައުމުތަކަށް ޒިޔާރާތްކުރަނީ އެޤައުމުތަކުގެ ތާރީޚައި، ދީނާއި އާދަކާދަތައް ދެނެގަތުމަށެވެ. އެތަކެތި މުގުރާކަށެއް ނޫނެވެ. ދުނިޔެވީ އެދުމަކަށްޓަކައި ދީނާއި ތަރިކަ ވިއްކަން މަސައްކަތް ކުރަނީ އަހަރުމެންނެވެ.

ދެން މިމީހުން ބުނާ އެންމެ ދެކޮޅުނުޖެހޭ ވާހަކައަކީ، މިފަދަ ގަވާއިދެއްގެ ސަބަބުން އަޅުގަނޑުމެންގެ އަގީދާ އަށް އަސަރު ކުރަންވީ ކީއްވެތޯއެވެ؟ މަގުމަތީގަ ރާ ހިލޭ ބެހިއަސް އަގީދާ ވަރުގަދަ ބަޔަކު ހަމަ ގައިމުވެސް ނުބޯނެއެވެ. ވީމާ، މިފަދަ ޤަވާއިދުތަކާއި ދެކޮޅަށް އަޑުއުފުލަނީ އަޤީދާ ބަލިކަށި މީހުންނެވެ.

އާއެކެވެ. މަގުމަތީގައި ބަނގުރާ ހިލޭ ބެހިޔަސް އަޤީދާ ހަރުދަނާ އަޅަކު އެ ނުބޯނެއެވެ. ސަބަބަކީ މާތްﷲ އެކަން ޙަރާމް ކުރެއްވީތީއެވެ. ހަމަ އެގޮތަށް ޓޫރިސްޓަކު ދިވެހި ޤައުމަށް ނަޔަސް އަޤީދާ ހަރުދަނާ މުސްލިމަކު ރާވިއްކައިގެން ފައިސާއެއް ނުހޯދާނެއެވެ. އެއީވެސް މާތްﷲ ޙަރާމްކުރައްވާފައި ވާތީއެވެ. އެހާހިސާބަށް ވިސްނުން ނުފޯރީތޯއެވެ؟ ނުވަތަ ތިޔަ ވިދާޅުވާ އަޤީދާއަކީ ކޮބާތޯއެވެ؟ އެއީ ފާފަތަކަށް ހުޅުވިފައިވާ ދޮރުތައް މަދުކަމުން އަދިވެސް އިތުރު ދޮރުތައް ހުޅުވާލުންތޯއެވެ؟ ނުވަތަ ތިޔަ އަޤީދާއަކީ ރަލަކީ އިންސާނާގެ ހަށިގަނޑަށާއި ފުރާނައަށް ގެއްލުންވާ އެއްޗެއްކަން ތިމާ ޤަބޫލުކުރާތީވެ ތިމާ އެކަން ނުކޮށްހުރެ، ތިމާގެ އަމިއްލަ އެދުމަކަށްޓަކައި، ފައިސާ ކޮޅަކަށްޓަކައި އެހެންއިންސާނުން 'މަރުގެ' ތެރެއަށް ވެއްޓިގަތަސް ތިމާ އެކަން 'އޯކޭ'ކޮށްގެން ބަލަން ހުރުންތޯއެވެ؟ ނުވަތަ ތިޔައަޤީދާއަކީ ކާއިނާތުގެ ވެރި އިލާހު ނަހީކުރައްވާފައިވާ ކަންތައްތައް ކުރުންތޯއެވެ؟ ނުވަތަ އެކަންކަމަށް ސަޕޯޓްކުރުންތޯއެވެ؟ އެހެންކަމަށް ވާނަމަ ތިޔަފަދަ އަޤީދާއަކަށް އަޅުގަނޑުމެން ދިވެހި މުސްލިމުން 'ސަލާ'މެވެ. އަލްވަދާއެވެ.

ދިވެހި ވިސްނުންތެރި ރައްޔިތުންނޭވެ! މިބައިމީހުންގެ މިވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ މަޤްސަދުތަކެއްވެއެވެ. އެއީ މިހާރުވެސް މުއްސަދިން އިތުރަށް މުއްސަދި ވުމެވެ. އަދި އެމީހުންގެ ތެރޭގައިތިބި ބޯ މީހުން އަމާންކަމާއި އޮމާންކަމާއެކުތިބެ ބުއިމަށް އިތުރު ދޮރުތައް ހުޅުވުމެވެ. ޤައުމަށާއި މުޖުތަމައަށް ކޮންމެކަހަލަ ގެއްލުމެއް ލިބުނަސް އެމީހުނަށް ފަރުވާލެއްނެތެވެ. އަދި ކިއެއް އެމީހުންނަކީ މަރަކަށް އާޚިރަތަކަށް ފަރުވާލެއްބަހައްޓާ ބައެއްނޫނެވެ. ވީމާ މިއީ ދިވެހި ރައްޔިތުން އެކަމަށް ސަމާލުވެ ވިސްނަންޖެހޭނެ ކަމެއްކަން ޔަޤީނެވެ. ތިމާމެންގެ ދެދުނިޔޭގެ ފަލާހާ ކާމިޔާބަށްޓަކައެވެ.

-ނިމުނީ-

އިތުރަށް ވިދާޅުވުމަށް....

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 2

ދިވެހި ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭ ވަކިފަންތީގެ ހޮޓާތަކުގައި ރާވިއްކުން ހުއްދަކުރުމަށް ސަޕޯޓްކޮށް މިބައިމީހުން ދައްކާ އަނެއްވާހަކައަކީ، އެ ބޯނީ ބޯން ބޭނުންވާ މީހުންނެވެ. ބޭނުން ނުވާމީހަކު ނުބޯނެއެވެ. އެއީ އެބަޔެއްގެ މިނިވަންކަމާއި ގުޅިފައިވާ ކަމެކެވެ. 'ހައްދުފަހަނަ' އަޅާފައިވާ 'މުއްލާއިންނަށް' މި މިނިވަންކަން ހަޖަމު ނުކުރެވެނީ ތޯއެވެ؟

މިބައިމީހުންގެ މި 'އިމޯޝަނަލް' ވާހަކަތަކާއިމެދު އަޅުގަނޑު ދަންނަވާނެ ވާހަކައަކީ، ރާބުއިމަކީ ނުވަތަ ވިއްކުމަކީ ވަކިބައެއްގެ މިނިވަންކަމޭ ކިޔާފައި ދޫކޮއްލެވޭވަރުގެ ކުޑަކަމެއް ނޫނެވެ. އެއީ މައިގަނޑު 2 ސަބަބަކަށްޓަކައެވެ.

ފުރަތަމަ ސަބަބަކީ އެއިންލިބޭ ނޭދެވޭ އަސަރުތަކާއި ގެއްލުންތަކާއި ގުޅިފައިވަނީ ރާބޯމީހާއަށް އެކަންޏެއް ނޫނެވެ. އެއީ އެއްވެސް ކުށެއްނެތް އެތައްބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާކަމެކެވެ. ރާބުއިމަކީ ނުވަތަ ތަނެއްގައި ރާ އާންމުވުމަކީ، އެހެނިހެން ޖަރީމާތަކަށްވުރެ ނުރައްކާތެރިކަން ބޮޑު ޖަރީމާއެކެވެ. ސަބަބަކީ ރާބުއިމަށްފަހު ބުއްދިއެއް ނުހުރެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. މަސްތުގެ އެހާލަތުގައިތިބެ ވައްކަން ކުރެއެވެ. ރޭޕްކުރެއެވެ. ވަޅިއަޅައެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އަނިޔާލިބެނީ ހަމައެކަނި މަސްތުވެގެން ތިބޭ މީހުންނަކަށް ނޫނެވެ. ކުށެއްނެތް އެތައްހާސް ބަޔަކަށެވެ. ދުނިޔޭގައި ރާބޯ ބަޔެއް ޤައުމުތަކުގައި ކުރެވިފައިވާ ބަޔެއް ސަރވޭތަކުގެ ރިޕޯޓްތަށް ބުނާގޮތުން 2.1 މިލިޔަންމީހުން ރާ ބޯކަމަށް ރިޕޯޓްކުރެވޭނަމަ، އެމީހުންގެ ސަބަބުން 4 ނުވަތަ 5 މިލިޔަން މީހުނަށް އެކަމުގެ ނުރައްކާތެރިކަން ތަހައްމަލް ކުރަންޖެހޭކަމުގައި ވެއެވެ.

ޤަވާއިދެއް ހެދިދާނެއެވެ. ނަމަވެސް މަސްތުވުމަށްފަހު ޤަވާއިދު ހަދާނެއް ނުހުރެއެވެ. ބަނގުރާ އާންމުކޮށް ވިއްކާ ޤައުމުތަކުގައި މިހާރުވެސް 'ހަރުދަނާ' ޤަވާއިދުތައް ހެދިފައި އެބަހުއްޓެވެ. މިސާލަކަށް ރާ ބޮއިގެން ހުރެ ދުއްވާ އެއްޗެހި ދުއްވުން މަނަލެވެ. ނަމަވެސް، ރާވިއްކުން އާންމުކުރެވިފައިވާ ޤައުމެއް ކަމުގައިވާ އެމެރިކާގައި، ރާބޮއި މަސްތުވުމުގެ ސަބަބުން ދުއްވާއެއްޗެހި ދުއްވުމުން ހިނގާ އެކްސިޑެންތަކުގައި އެވްރެޖްކޮށް އަހަރަކު 25000 މީހުން މަރުވެއެވެ. އެފަދަ އެކްސިޑެންޓްތަކުގައި މަރުވާ ގިނަ މީހުންނަކީ އެއްވެސް ކުށެއްނެތް މީހުންނެވެ. ރޭޕްކުރުމާއި މީހުންމެރުންފަދަ ޖަރީމާތައްވެސް ހަމަ އެފަދައެވެ. އަނިޔާގެ ޝިކާރަވެރިންނަކީ ގިނަފަހަރު ކުށެއްނެތް މީހުންނެވެ. ވީމާ މިއީ އެބައިމީހުން އެބުނާފަދަ ބޯ މީހުންގެ ނުވަތަ ހިއްޕަވާ ބޭފުޅުންގެ މިނިވަންކަމޭ ކިޔާފައި ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ.

ދެވަނަ ސަބަބަކީ ރަލަކީ އެހެން ހުރިހާ ނުބައިކަމަކަށް މަގުފަހިކުރުވާ އެންމެހާ ނުބައިކަމެއްގެ މަންމައެވެ. ރާވިއްކުން ތަނެއްގައި އާންމުވެއްޖެނަމަ އެތަނެއްގައި އެހެން ހުރިހާ ނުބައި އަމަލުތައް ފެތުރެއެވެ. ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކްރިމިނަލް ރިކޯޑްތައް މިކަމަށް ހެކިވެއެވެ. ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގައި، އެޤައުމުތަކުގައި ރިޕޯޓްކުރެވޭ ލާއިންސާނީ ޖަރީމާތަކުގެ %73 ޖަރީމާތަކާއި ރަލާއި ގުޅިފައިވާ ކަމުގައި ރިޕޯޓްތަކުން ދައްކައެވެ. މިފަދަ ބައެއް ޤައުމުތަކުގެ ކޯޓްތަކުން ހާމަކުރާގޮތުގައި ބަޔެއް ކޯޓްތަކަށް ހުށައެޅޭ އާއިލީ، ސިވިލް އަދި ކްރިމިނަލް މައްސަލަތަކުގެ %95 މައްސަލައަކީ ސީދާކޮށް ނުވަތަ ނުސީދާކޮށް މަސްތުވުމާއި ގުޅިފައިވާ މައްސަލަތަކެވެ.

މިސާލަކަށް އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕްކޮށްލެވޭއިރު ގާތްގަޑަކަށް 1365 ކުދިން (%73) ރޭޕްކުރުމާއި ރަލާއި ގުޅިފައި ވެއެވެ. ދުވާލަކު 45 މީހުން ޙައްޤަކާނުލާ މަރާލެވޭކަމަށް އެޤައުމުގައި ރިޕޯޓްކުރެވޭއިރު 37 މީހުން (%83) މަރާލުމާއި ރާބޮއިގެން މަސްތުވުމާއި ގުޅިފައި ވެއެވެ. ކޮންމެ މަހަކު އެތައްލައްކަ އިންސެސްޓް (މަންމަ-ދަރިފުޅު، ބައްޕަ-ދަރިފުޅު ނުވަތަ ބޭބެ-ދައްތަ ޖިންސީ ގުޅުންހިންގުން) ހިނގާއިރު އޭގެ %95 ހާދިސާތަކާ ގުޅިފައިވަނީ ރާބޮއިގެން މަސްތުވެފައި ތިބުމެވެ. މީގެއިތުރުން ރާބުއިމާއި ރާވިއްކުމާމެދު ކަންބޮޑުވުންފާޅުކޮށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން 2005 އަހަރު ޖެނީވާގައި ނެރިފައިވާ ރިޕޯޓެއް ބުނާގޮތުގައި، ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގައި ވައްކަން ކުރުމާއި، ފޭރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ރޭޕުކުރުމާއި މީހުންމެރުމާއި އަދިވެސް މިފަދަ ޖަރީމާތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ.

ވީމާ ޚުލާސާކޮށް ދަންނަވާލެވޭނީ ރާވިއްކުމުގެ ސަބަބުން ނުވަތަ ބުއިމުގެ ސަބަބުން އޭގެ އަނިޔާ ލިބެނީ ހަމައެކަނި އެ ބޯމީހާއަކަށް ނޫނެވެ. އެއީ މުޖުތަމައުގެ ކުށެއްނެތް އެތައްބަޔެއް މިދުނިޔެއާއި އަލްވަދާއު ކިޔަންޖެހޭ ސުންޕާ ބައްޔެކެވެ. ކުށެއްނެތް އެތައް ބަޔަކު ދާއިމީ ނުކުޅެދުންތެރިންނަށް ހަދާލާކަމެކެވެ. އެތައް އާއިލާއެއްގެ ދިރިއުޅުން ބަރުބާދު ކޮއްލާކަމެކެވެ. އަދި ހަމައެއާއިއެކު ތަނެއްގައި ރާ އާންމުވުމަކީ މުޖުތަމައުގައި ހުރިހާ ނުބައި ބައްޔެއް ފެތުރުމުގެ ޢަލާމާތެވެ. ވީމާ މިއީ ބޯ މީހުންގެ ނުވަތަ ހިއްޕަވާ ބޭފުޅުންގެ މިނިވަންކަމޭ ކިޔާފައި ދޫކޮށްލެވޭވަރުގެ ކުޑަކުޑަ ކަމެއް ނޫނެވެ. މުޖުތަމައުގައި ދިރިއުޅޭ އެހެން އަފްރާދުންގެ މިނިވަންކަންވެސް ރައްކާތެރި ކުރެވެންޖެހޭނެއެވެ. ވީމާ މިނިވަންކަމާއިމެދު 'މުއްލާއިންގެ' ވިސްނުންހުރިގޮތް މާތަނަވަސްވެފައި 'ފެއަރ' ކަމުގައި ދަންނަވަންޖެހެއެވެ.

ހެދިފައިވާ ޤަވާއިދުން ނުކުންނާނޭ ނޭދެވޭ ނަތީޖާއަށް ރިޢާޔަތްކުރުމެއްނެތި އެބައިމީހުން ބުނާ އަނެއް ވާހަކައަކީ، ރާވިއްކުން ނޫނަސް އެހެން ފާފަތައްވެސް ދިވެހިން ކުރެއެވެ. ވީމާ ރާ ބުއިމުގެ ނުވަތަ ވިއްކުމުގެ ފާފައާމެދު މިހާ ދެކޮޅުވެ 'ފޯރިއެއް' އަރައިގެން އެއުޅެނީ ކީއްވެބާއެވެ؟

މިބައިމީހުންގެ މިވާހަކަތަކައް ނިކަން ފުންކޮށް ވިސްނަވާށެވެ. އެމީހުންގެ މަޤްސަދަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބަ ހާމަވެއެވެ. އެއީ ފާފަތައް އަދިވެސް އިތުރުކުރުމެވެ. އެކަމަށްޓަކައި އިތުރު ދޮރުތައް ހުޅުވާލުމެވެ. މިއީ ޤައުމަށާއި ދިވެހިންނަށް ލާބަޔާއި މަންފާއެދޭ ބައެއް ބާވައެވެ؟ ލާބައާއި މަންފާ އެދޭ ބައެއްނަމަ މަސައްކަތްކުރާނީ އަދި ބުނާނީ ދިވެހިން އެހެން ފާފަތައްވެސް ކުރުން މިދަނީ އިތުރުވަމުންނެވެ. ވީމާ އެކަން އިތުރުވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރާށެވެ. އެހެން ނޫންތޯއެވެ؟

ކުރިންވެސް ދެންނެވިފަދައިން ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމައެވެ. ތަނެއްގައި ރާ އާންމުވެއްޖެނަމަ އެތަނެއްގައި އެހެނިހެން ނުބައި އަމަލުތައް އާންމު ނުވެނުދާނެއެވެ. އެހެންކަމުން ރާއްޖޭގައި އެހެނިހެން ނުބައި އަމަލުތައް އާންމުވެފައި ވުމުންވެސް ދޭހަވާކަމަކީ ރާއްޖޭގައި ރަލާއި މަސްތުވާތަކެތި އާންމުވެފައިވާލެއް ފުޅާކަމެވެ. ވީމާ، ދީނާއި ޤައުމަށް ހެޔޮއެދޭބަޔަކު، ރާވިއްކުން އަދިވެސް އިތުރަށް ފުޅާކޮށް އެކަން އިތުރަށް އާންމުކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. ސަޕޯޓެއް ނުކުރާނެއެވެ. ނުވަތަ ވީމާ މިހާރަށްވުރެ ފުޅާކޮށް ރާވިއްކުން ހުއްދަކުރުމުގެ ޤަވާއިދަށް ތާއީދުކޮށް މީހުންގެ އީމާންތެރިކަން އެ ގޯސްކުރަނީ، އަދިވެސް އެފަދަ ފާފަތައް މިމުޖުތަމައުގައި ކުރިޔަށްދާވަރު މަދުކަމުން އެކަމާ ހިތްޕުޅާ ހަމަ ނުކުރައްވާތީ ތޯއެވެ؟

-ނުނިމޭ-

އިތުރަށް ވިދާޅުވުމަށް....

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 1

ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ އަޑު ހަރުކޮށް މިއަދު ދެކެވެމުންދާ އެއްވާހަކައަކީ ރަލުގެވާހަކައެވެ. ދިވެހިރާއްޖޭގައި ރާވިއްކުމުގެ ޤަވާޢިދު އިސްލާޙުކޮށް، ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ސަރުކާރުން ހުއްދަކުރަން މަސައްކަތްކުރި ވާހަކައެވެ. މިކަމާއިގުޅިގެން ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު މިކަމާއިދެކޮޅަށް އަޑުއުފުލައި ދެކޮޅުވެރިކަމުގެ ޝުޢޫރުތައްވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން މަދުބައެއްގެ ވިންދުހުރީ ރާވިއްކުމާއި އެއްކޮޅަށެވެ. އިސްލާމްދީނުގައި އެކަން ޙަރާމް ކުރެވިފައި ވާއިރުގައިވެސް، އަދި ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކްރިމިނަލް ރެކޯޑްތައް ރަލުގެ ނުރައްކާތެރިކަމުގެ ސިގްނަލްތައް ދެމުންދާއިރުގައިވެސް އެފަދަ މީހުންނަކަށް ފަރުވާލެއްނެތެވެ. ޤައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަމަށް ހެދިގެންތިބެ ކަމުގެ ޙަޤީޤަތް އޮޅުވާލައި، މިވަބާ އާންމު ކުރުމަށްޓަކައި އެތަކެއް ވާހަކަތަކެއްދައްކައި ދިވެހިންގެ ވިސްނުމާއި ކުޅެލަން މަސައްކަތް ކުރަމުން އެބަދެއެވެ. އެހެންކަމުން އެބައިމީހުންގެ އޮއްޓަރެއްނެތް މިވާހަތަކާމެދު ފުންކޮށް ވިސްނައި ޙަޤީޤަތަށް ވާސިލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ދިވެހިރާއްޖޭގައި މިހާރަށްވުރެ ފުޅާކޮށް ރާވިއްކުމަށް މަގުފަހިވާގޮތަށް ހެދިފައިވާ ޤަވާއިދަށް ތާއީދުކޮށް މިބައިމީހުން ބުނާ އެއްވާހަކައަކީ، ދިވެހިރާއްޖެ ނޫނަސް އެހެން މުސްލިމު ޤައުމު ތަކުގައިވެސް ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކޮށްފައި ވެއެވެ. ވީމާ ރާއްޖޭގައި އެކަން ހުއްދަ ކުރުމުން ދިވެހި ޢިލްމުވެރިންތަކަށް ހަޖަމު ނުކުރެވެނީ ކީއްވެބާއެވެ؟

މިމީހުންގެ މި ކޮންސެޕްޓްގެ މިސާލަކީ، ހައްވާގެ ދަރިފުޅުގެ ގަޔަށް ވަޅިހަރައި މަރާލުމުން، ހައްވަވެސް ބުނާށެވެ. މައްސަލައެއް ނެތެވެ. ކުރީދުވަހު މަރިޔަމްގެ ދަރިފުޅުވެސް ވަޅިހަރައި މަރާލާފައި ވެއެވެ. އެހެން ނޫންތޯއެވެ؟ އަދިވެސް ތަންކޮޅެއް ފުންކޮށް ވިސްނަމާ ހިނގާށެވެ. ހަޤީޤަތަކީ ބަޔަކު ގޯސްކަމެއް ކުރުމަކީ، އެހެންމީހުން އެގޯސްކަންތައް ކުރުން 'އޯކޭވާ' ހުއްޖަތެއް ނޫނެވެ. އިސްލާމްދީނަކީ މުސްލިމު ޤައުމުތަކެއް ނޫނެވެ. އިސްލާމްދީނަކީ ކާއިނާތުގެވެރި ﷲގެ ޙަޟުރަތުން ބާވާލައްވާފައިވާ ދިރިއުޅުމުގެ ނިޒާމެވެ. ވީމާ ކަމެއް ރަނގަޅުތޯ ނުވަތަ ގޯސްތޯ ޔަޤީންކުރަން ބަލަންޖެހެނީ މުސްލިމު ޤައުމުތަކަކަށް ނޫނެވެ. ބަލަންޖެހެނީ އިސްލާމްދީނަށެވެ. ޤުރުއާނަށެވެ. ސުންނަތަށެވެ. ވީމާ ޢިލްމުވެރިންނަށް ހަޖަމްނުކުރެވޭ ވާހަކަ ދެއްކެވުމުގެ ކުރިން، ތިމާމެން ކަންތައްތަކުގެ 'ޕްރިންސިޕަލް' ދަނެގެން ވާހަކަދެއްކުން މާރަނގަޅުވާނެ ކަމުގައި ފެނެއެވެ.

ރާބުއިމާ ރާވިއްކުމުގެ ނުރައްކާތެރިކަމަށް ވިސްނާލުމެއްނެތި މިމީހުން ބުނާ އަނެއްވާހަކައަކީ، ރާހުއްދަ ކުރީ ދިވެހި ގޭބިސީތަކަކަށް ނޫނެވެ. ހުއްދަ ކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި މިނިސްޓްރީ އިން ގަބޫލުކުރާ ފެންވަރަށް ހަދައި ރަޖިސްޓްރީ ކޮށްފައިވާ، ވަކިވަރަކަށްވުރެ މުއްސަދި ހޮޓާތަކުގައި ހިންގާ ބާރ ތަކުގައެވެ. މައްސަލައަކީ ކޮބާތޯއެވެ؟

އަޖައިބެކެވެ! ރަޖިސްޓްރީ ކުރުމަކީ ޙަރާމްކަމެއް ހަލާލުކަމަކަށް ބަދަލުވާނެ ކަމެއް ނޫނެވެ. ނުވަތަ ރަޖިސްޓްރީ ކުރުމުން އެކަމުން ލިބޭނެ ސިއްޙީގެއްލުން ކުޑަވޭބާވައެވެ؟ ނުވަތަ މަސްތު ނުވަނީ ބާވައެވެ؟ ދުނިޔޭގެ ބޮޑެތި ހޮޓާތަކުގައި "ޕްރޮފިޝަނަލް ޕްރޮސްޓިޓިއުޓުން" ނުވަތަ ހުނަރުވެރި ކަސްބީ އަންހެނުން ރަޖިސްޓްރީ ކޮއްގެން ތިބެއެވެ. އެއީ ޒިނޭކުރުމަށް ސަރުކާރުން ލައިސަންސް ނަގައިގެން އިންތިހާރުކޮށް ފާޅުގައި އެކަން 'ކަސްބީން' ނެވެ. އެއީވެސް ފަތުވެރިނަންނަށްޓަކައި ބަޔެއް ޤައުމުތަކުގައި ޤަވާއިދެއްގެ ދަށުން ދޭ ހުއްދައެކެވެ. މާދަމާ މިޤައުމުގައެވެސް ފަތުރުވެރިކަމަށްޓަކައޭ ބުނެ އެހުއްދަ ދޭންވީ ތޯއެވެ؟

އާއެކެވެ. ދިވެހިން މިއަދު ރާބޮނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކޮށްގެނެއް ނޫނެވެ. ނަމަވެސް މިކަމުގެ އަސްލަށް އަޅުގަނޑުމެން ރުޖޫޢަވަމާ ހިނގާށެވެ. އަސްލަކީ މީހުން 'ދިރިނޫޅޭ' ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރުމެވެ. ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިރާއްޖޭގައި ރަލާއި މަސްތުވާތަކެތި އާންމުވުމަށް ހުޅުވުނު ދޮރެއްކަމުގައެވެ. އޭރުވެސް ހުއްދަކުރެވުނީ ޤަވާއިދެއްގެ ދަށުންނެވެ. ދިވެހި ގޭބިސީތަކަކަށް ނޫނެވެ. އެޤަވާއިދު ބުނާގޮތުންވެސް ދިވެހިންނަށް ރާވިއްކުން ހުއްދައެއް ނޫނެވެ. ނަމަވެސް ކަންވަމުން ދިޔައީ އެގޮތަށް ތޯއެވެ؟ ރިސޯޓްތަކަށް ހިތްއުފާކޮށްލާން ވަޑައިގަންނަވާ ދިވެހި ސައުދާގަރުންނަށާއި، 24 ގަޑިއިރު ހަމަހޭގައި ތިއްބަވަން ބޭނުންފުޅުނުވާ ބޭފުޅުންނަށް އެރިސޯޓްތަކުން ރާ ނުވިއްކާ ތޯއެވެ؟ އަދި މިއުޒިކް ޝޯފަދަ ޝޯތައް ހުށައަޅައިދޭންދާ ފަންނާނުންނަށް ރާ ނުވިއްކާ ތޯއެވެ؟ ޖަވާބު އެންމެނަށްވެސް އެނގެއެވެ. ޤަވާއިދު އޮތީ އޮތްތާނގައެވެ. މާގިނަދުވަހެއްނުވެ ދިވެހިގޭބިސީތަކުންވެސް ކޭސްތައް ފެންނަންފެށިއެވެ. އެހެން ނޫންތޯއެވެ؟

އެދުވަހު އެހުޅުވައިދިން ދޮރުގެ ސަބަބުން މިއަދު މިކުޑަކުޑަ ދިވެހި މުޖުތަމައު މިވަނީ އެތައް ވޭނެއް ތަހައްމަލު ކުރަންޖެހިފައެވެ. ޒުވާނުންގެ ތެރެއިން އެތައް ބަޔަކު އެވަނީ މަސްތުގެ ހާލުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ރާގެންގުޅުން ހުއްދަ ނޫންއިރުގައިވެސް މީހުންދިރިއުޅޭ ރަށްރަށުގައި އާންމުން ރާބުއިން މިވަނީ އާންމުވެފައެވެ. އަސްލަކީ އެދުވަހު ހުޅުވައިދިން ދޮރެވެ. ވީމާ، އަޅުގަނޑުމެން މާޒިން އިބްރަތް ހާސިލްކޮށް، ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރަމާ ތޯއެވެ! މިހާރު އާންމުކުރަން މަސައްކަތްކުރާ ޤަވައިދު ބުނާގޮތުންވެސް އެތަނަށް ވަންނަނީ ކޮންބައެއްތޯ ބަލަން ފުލުހުން ނުތިބޭނެއެވެ. އެހެންކަމަށްވާނަމަ، ދިވެހިންނަށް ރާނުވިއްކައެއް ނުހުންނާނެކަން ޔަޤީނެވެ. އެންމެހާ ކަންތައްތަކެއް ބައްލަވާ ވޮޑިގެންވާ ﷲގެ ޙުކުމްފުޅުގައި ކޮޅުފައިންޖަހައި، އިތުރަށް ފައިސާ ހޯދުމަށްޓަކައި ރާވިއްކާ ވިޔަފާރި ވެރިއަކު އިކޮނޮމިކްސް މިނިސްޓްރީގެ ގަވައިދުގައި އެގޮތަށް އޮތީތީއޭ ކިޔާފައި، ފައިސާދައްކާފައި ބޯން އަންނަ ދިވެއްސަކު ހުއްޓުވާނެތޯއެވެ؟ މާޒީއިން ކަންހިނގާފައިވާ ގޮތަށް ބަލާއިރު ނުހުއްޓުވާނެއެވެ.

-ނުނިމޭ-

އިތުރަށް ވިދާޅުވުމަށް....

ޢީސާގެފާނު، އެކަލޭގެފާނަކީ ކަލާނގެއެއްކަމުގައި ވިދާޅެއްނުވެއެވެ! އެކަމަކު އެކަލޭގެފާނަކީ މާތް الله އަށް އަޅުކަންކޮށް އުޅުއްވި މުސްލިމެކެވެ!

އިތުރަށް ވިދާޅުވުމަށް....

ރާވިއްކުން ހުއްދަކުރުން! މަންފާ ލިބޭނެ ކަމެކެވެ. ނަމަވެސް ގެއްލުން މާބޮޑެވެ.

>> 1.3.10

އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި، ކާއިނާތުގެ ވެރިއިލާހުގެ ހަޟުރަތުގައި ރަލަކީ ނުވަތަ މަސްތުވާ ތަކެއްޗަކީ އިންސާނުން ބޭނުން ކުރުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ނަމަވެސް އެއިލާހުގެ ޙުކުމްފުޅަށް ގޮންޖަހާލުމަށްފަހު، މުސްލިމުން ކަމުގައި ދައުވާކުރާބަޔަކު ރާއްޖޭގައި ރާވިއްކުމުގެ ޤަވާއިދެއް ހަދައި މިހާރަށްވުރެ ފުޅާކޮށް ރާވިއްކުން ހުއްދަކޮށްފިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު އެކަމާ ދެކޮޅަށް ތެދުވެ އެކަމާ ނުރުހުންފާޅުކުރަމުން ދަނިކޮށް ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައެވެ. ތިމާމެން ޤަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކާ އަސާސުތައްވެސް މުގުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. މާތްﷲގެ ޙުކުމްފުޅުތަކުގައި ކޮޅުފައިން ޖަހަންކެރުނު ބަޔަކަށް ޑިމޮކްރެސީގެ އަސާސުތައް ވާނީ ކޮންއެއްޗަކަށް ތޯއެވެ؟

ރާވިއްކަން ހުއްދަކުރުމަށް މިބައިމީހުން ދަށްކަމުން މިދަނީ މައިގަނޑު އެއްބަހަނާއެކެވެ. އެއީ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައެވެ. ރާއްޖޭގެ މާލީހާލަތު ރަގަޅުކުރުމަށްޓަކައެވެ. ފައިސާވަންނާނޭ އިތުރު ދޮރުތަކެއް ހުޅުވުމަށްޓަކައެވެ. އަޅުގަނޑު ދެކޭގޮތުގައި އަދި އެހެން ސަބަބެއްވެސް ފަހަތުގައި ފޮރުވިފައި ވެއެވެ. އެއީ މިއަދުގެ ސަރުކާރުގެ ވެރިންގެ ތެރޭގައި ތިއްބެވި ބަޔެއް ބޭފުޅުންނަކީ 24 ގަޑިއިރު ހަމާގައި ތިއްބަވަން ބޭނުންފުޅު ނުވާ ބޭފުޅުންކަމުގައިވާތީއެވެ. އަމާންކަމާ އޮމާންކަމާއެކު އެބޭފުޅުންނަށްވެސް އެކަން ކުރެވޭނީ ޤާނޫނަކުން އެކަން ހުއްދަކޮށްގެނެވެ. އެހެން ނޫންތޯއެވެ؟ ނަމަވެސް އެވާހަކަ 'ސިއްރުކޮށްފައި' ބާއްވަމާ ހިނގާށެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ރަލަކީ ނުވަތަ ރާވިއްކުމަކީ އޭގެސަބަބުން މަންފާތަކެއް ކުރާނޭ ކަމެކެވެ. އެކަން ކީރިތި ޤުރުއާނުގައިވެސް ބަޔާންކުރައްވާފައި ވެއެވެ. ހަމަ އެއާއި ވިދިގެން ރާ ޙަރާމްކުރެވުނު ސަބަބުވެސް ވަނީ ބަޔާންކުރައްވާފައެވެ. އެއީ އޭގެން އެލިބޭ ވަގުތީ މަންފާއަށްވުރެ އޭގެންލިބޭ ދާއިިމީ ގެއްލުން ބޮޑުވީމައެވެ. ރަލާބެހޭގޮތުން މާތްﷲ އެކަލާނގެ ކަލާމްފުޅުގައި ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)

ވީމާ މިއީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ނުކުތާއެކެވެ. އެބޭފުޅުން އެވިދާޅުވަނީ ރާވިއްކުން ހުއްދަކުރަނީ ފަތުރުވެރިކަން ކުރިއެރުވުމަށެވެ. ނުވަތަ މަންފާ އިތުރުކުރުމަށް ކަމަށެވެ. އެނެއްކޮޅުން އަރުށީގެ ވެރި އިލާހު އެވަޙީކުރައްވަނީ، މަންފާކުރާނެ ކަމަށެވެ. ނަމަވެސް ކުރާ މަންފާއަށްވުރެ، އޭގެން ކުރާނޭ ނޭދެވޭ އަސަރުތަކާ ލިބޭ ގެއްލުންތައް މާބޮޑުވާނޭ ކަމުގައެވެ. މިއީ ޔަޤީން ކަށަވަރު ކަމެކެވެ. ރާ ވިއްކުމުންލިބޭނެ ނޭދެވޭ އަސަރުތަކަކީ އެކަމާމެދު އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެއީ އިޖްތިމާއީ އެތަށް ބައްޔެއްގެ ފެށުމެވެ. ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ރާވިއްކުން އާންމުވެފައިވާ ހުޅަގުގެ ޤައުމުތަކުން ވެސް މިއަދު އެކަން ޤަބޫލުކުރެއެވެ. އަދި އެކަމަށް ހައްލެއް ބޭނުންވެއެވެ. ސަބަބަކީ އެކަމުން ޤައުމަށާއި މުޖުތަމައަށް ލިބެމުންދާ ގެއްލުމުގެ ބޮޑުކަމުންނެވެ. ގެއްލުން ތަހައްމަލް ނުކުރެވޭތީއެވެ.

މިސާލަކަށް، އެމެރިކާގައި ކޮއްފައިވާ ބަޔެއް ސަރވޭތައް ދައްކާގޮތުން އެޤައުމުގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 25000 މީހުން ރާބުއިމާއި ގުޅިގެން ދިމާވާ އެކި ހާދިސާތަކުގައި މަރުވެފައި ވެއެވެ. އަދި މީގެއިތުރުން އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕުކުރެވޭއިރު، އެމެރިކާގެ އެފް ބީ އައި އިން ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން ރޭޕްކޮއްލެވިގެން ރިޕޯޓްކުރެވޭ 60-85% ހާދިސާތަކާއި ގުޅިފައިވަނީ ރާބުއިމެވެ. އެއީ އަންހެން ކުއްޖާ ރާބޮއިގެން ހުރުން ނުވަތަ ރޭޕުކުރާމީހާ ރާބޮއިގެން ހުރުމެވެ.

އަނެއްކޮޅުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިންވެސްވަނީ ރާބުއިމާއި ރާވިއްކުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. "ރާބުއިމާ ޖިންސީހާނިިއްކަ" މި މައުޟޫގެ މައްޗަށް ދުނިޔޭގެ ތަފާތު 8 ގައުމެއްގައި ހަދާފައިވާ ރިސާޗެއްގެ ރިޕޯޓް 2005ވަނަ އަހަރު ޖެނީވާގައި ނެރިފައި ވެއެވެ. މި ރިޕޯޓްގެ 7ވަނަ ސަފްހާގައި ބުނެފައިވާގޮތުން 'ގްރޫޕް ސެކްސް' އާއި އެދުން ފުއްދުމުގައި ފުރަގަސްފަރާތް ބޭނުންކުރުމާއި، އެއްޖިންސުން ގުޅުންހިންގުންފަދަ ނޭދެވޭ ޖިންސީ ގުޅުންތަށް އެޤައުމުތަކުގައި ހިންގާފައިވަނީ ރާބޮއިގެން ތިބެ ކަމުގައެވެ. ނުވަތަ ކުދިންނަށް ރާދީ މުސްތު ކުރުވައިގެން ކަމުގައެވެ. އަދިވެސް އެ ރިޕޯޓްގެ 8ވަނަ ސަފުހާގައި ބުނެފައިވާ ގޮތުން ރޭޕުކުރުމާއި، އެހެންވެސް ޖިންސީ ގޯނާކުރުންތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން މިފަދަ ކަންކަމާއި އެ ޖަމިއްޔާއިން ކަންބޮޑުވާކަމުގައި އެރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި މީގެއިތުރުން ރާބުއިމަކީ އެބުއިމުގެ ސަބަބުން އިންސާނާއަށް އެކިކަހަލަ ބަލިތައް ޖެހޭ ނުބައި ވަބާއެކެވެ. މިއީ އެއްވެސް ޑޮކްޓަރަކު އެކަމާ ދެބަސްވާނެ ކަމެއް ނޫނެވެ. މިއަދު އެކަމުން ލިބޭ ގެއްލުން ބޮޑުކަމުން ހުޅަނގުގެ ޤައުމުތަކުންވެސް ދަނީ ރާބުއިން ހުއްޓުވާނެ މަގެއްފެނޭތޯ ބަލަމުންނެވެ. މިގޮތުން އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ރާބުއިމުން ލިބޭ ގެއްލުން ސްކޫލްތަކުގައި ކިޔަވައި ދިނުމަށް އެޤައުމުގެ ބަޔެއް ޑޮކްޓަރުންވަނީ 7 ފެބްރުއަރީގައި 'މެޓްރޯ' ނޫހުގައި ގޮވާލާފައެވެ.

މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި، އެމެރިކާއާއި އަދި ހުޅަނގުގެ ޤައުމުތައް އެކަމާމެދު ކޮންބޮޑުވާކަން ސާބިތުކޮށްދޭ ހެކިތަކެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެދީނަކަށް ތަބާވާ އިސްލާމް ދީން ރާބައިމާ ރާވިއްކުން މަނާކޮށްފައިވަނީ އެކަމުގެ ނޭދެވޭ އަސަރުތަށް ބޮޑުކަމުންކަން ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނެތެވެ. އެކަމުގެ ސަބަބުން ލިބޭ މަންފާއަކަށްވުރެ، އެކަމުން މުޅިޤައުމަށާއި މުޖުތަމައަށް ލިބޭނޭ ނުރައްކާތެރިކަމާ ގެއްލުންތަށް މާބޮޑެވެ. އެކަމުގެ ނޭދެވޭ އަސަރު ކުރާނީއަކީ ހަމައެކަނި އެ ބޯ މީހާއަކަށް ނޫނެވެ. މުޖުތަމައުގެ އެހެނިހެން އަފްރާދުންނަށްވެސް މެއެވެ. އެ ބޮއިގެން ހުންނަ މީހަކު ވަޅިއަޅާނީ ނުވަތަ ރޭޕުކުރާނީ ތިބާގެ ދަރިފުޅުގެ ނޫންކަމެއްވެސް ނޭނގެއެވެ. މިފަދަ ނުބައި ކަންކަމަށް މަގުފަހި ކުރުވާކަމެއް އިސްލާމު ދީނުގައި މަނާކޮށްފައި ވަނިކޮށް އަދި ދުނިޔޭގައި ރާވިއްކުން ހުއްދަ ކޮށްފައިވާ ޤައުމުތަކުން އެކަމުގެ ބިރުވެރިކަމުގެ ސިގުނަލްތައް ދެމުންދާއިރުގައިވެސް އަޅުގަނޑުމެންގެ ޤައުމުގައި އެވަނީ މިވަބާ އިތުރަށް އާންމުވާނެފަދަ ގޮތަކަށް ހުއްދަކޮށްފައެވެ. ބުނެފާނެއެވެ. ހުއްދަކުރަނީކީ ދިވެހިންނަކަށް ނޫނެވެ. ހަމައެކަނި ފަތުރުވެރިންނަށެވެ.

ނަމަވެސް މާޒީއިން އަޅުގަނޑުމެން އިބްރަތް ހާސިލްކުރުން މުހިންމެވެ. މިހާރު މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަ ނުކުރާއިރުގައިވެސް، މަސްތުވާ ތަކެއްޗާއި ރަލުގެ ކަންތައް މިވަނީ އިންތިހާއަށް ގޮއްސައެވެ. އެކަންފެށުނީ ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރި ހިސާބުންނެވެ. ދެން މިއަދު މީހުން ދިރިއުޅޭ ރަށްރަށުގައި ޤަވައިދެއްގެދަށުން އެކަން ހުއްދަ ކުރެވުމުން ދެން އެކަން އާންމުވެގެން ދާނެ މިންވަރު އިޙްސާސް ކޮށްލައްވާށެވެ. ހެދިފައިވާ ޤަވައިދު ބުނާގޮތުން އެތަނަށް ވަންނަނީ ކޮންބަޔެއްތޯ ބަލަން ފުލުހުންނެއް ނުތިބޭނެއެވެ. އެންމެހާ ކަންތަށް ތަކެއް ބައްލަވާ ވޮޑިގެންވާ ﷲގެ ޙުކުމްފުޅުގައި ކޮޅުފައިންޖަހައި، އިތުރަށް ފައިސާ ހޯދުމަށްޓަކައި ރާވިއްކާ ވިޔަފާރި ވެރިއަކު އިކޮނޮމިކްސް މިނިސްޓްރީގެ ގަވައިދުގައި އެގޮތަށް އޮތީތީއޭ ކިޔާފައި، ފައިސާދައްކާފައި ބޯން އަންނަ ދިވެއްސަކު ހުއްޓުވާނެތޯއެވެ؟

ކޮންމެއަކަސް ވިޔަފާރީގެ މަންފާއަކަށްޓަކައި ވަކިވަރަކަށްވުރެ މުއްސަދި މީހުނަށް ރާވިއްކުން މިވަނީ ހުއްކޮށްފައެވެ. ޤައުމަށް ނަފާ އިތުރުކުރުމުގެ މަޤްސަދުގައެވެ. ނަމަވެސް އެންމެހާ ޚަޒާނާއެއް މިލްކުވެވޮޑިގެންވާ މާތްﷲ ވަޙީކުރައްވަނީ ތިލިބޭ މަންފާއަށްވުރެ ލިބޭގެއްލުން މާބޮޑުވާނެ ކަމަށެވެ. ފާފަ ބޮޑުކަމަށެވެ. ވިސްނާ ފިކުރު ކުރައްވާށެވެ. ކުޅަދުންވަންތަ އިލާހުގެ ޙުކުމްފުޅުތަކުގައި ކޮޅުފައިންޖަހައި، ދުނިޔެވީ ވަގުތީ ފައިދާއަކަށްޓަކައި އާޚިރަތް ވިއްކާލުމަކީ ހާދަހާވާ ހިތާމަކުރަންޖެހޭނެ ކަމެކެވެ.

އިތުރަށް ވިދާޅުވުމަށް....

Re:ރާބޮވިގެން އުޅޭ މައްސަލަ: ޓޫރިޒަމާ ކުޅުމަކީ، އިޤްތިޞާދާ ކުޅުމެވެ.

ހާދަހާ ވިންކަން މަ ބޭނުން، ކެތްނުކުރެވޭ!
......ލަސްނުކޮށް އަޅުވާ ތިޔަޤަވާއިދު ގެޒެޓްގައި

ބިރުގަނޭމަ ތަކުބީރު ނުގޮވާ ކަލޭމެން ނުކުމެ
.......ފަސްވެދާނެ އެޅުވުން ތިޔަޤަވާއިދު ގެޒެޓްގައި

ހާދަހާދެރައޭ އަޅެ ދެން މި ވީގޮތް
.......އޭރުވެސް މަ ސިހޭ 'ޢަރަބި' ދެނެތިބީންދެކެ

ދެންހިނގާ ދައްކަމާ ވާހަކަ އޮޅުވުމާއެކު
.......ބަދަލުކުރުމަށް ވިސްނުމާ ފިކުރު ދިވެހިންގެ

އިސްކުރޭ ދުނިޔެއާ އިޤްތިސާދުގެ ވާހަކަ
.......ފުހެލުމަށް ދިވެހިންގެ ސިކުނޑިން އާޚިރަތް

ގުޅުވަމާ ޠާލިބާނާއި ހަނގުރާމައިގެ ވާހަކަ
.......ބަދަލު ކުރުމަށް ވިސްނުމާއި ފިކުރު މިކަމުގައި

އިތުރުވާނޭ ކަމުގާ ބުނޭ މިބިމަށް 'ދޮންކުދިން'
.......އިތުރު ކުރުމުން ބިޔަރާއި ރާ ކޭސް ކޭހުގައި

ގޮއްސިއޭ ކެނޑިގެން މިޤައުމުގެ ލޭނާރުވެސް
.......ދެންއޮތީ ހަމަ އެންމެ ގޮތެކޭ، އެއީ ފަތުރުވެރިކަން

އޮތްގޮތީ މިގޮތޭ މިދީބުގެ އިޤްތިސާދަށް
......ވިއްކުމޭ ރަލާއި ބިޔަރު ފަތުރުވެރި ކަމަށްޓަކާ

ދީނަކަސް މިޤައުމުގެ، ދެކޮޅުވެއްޖެނަމަ މިޚިޔާލާ
......ދެކޮޅުވެއްޖެ މިޤައުމުގެ ހަމައެކަނި އޮތް އިޤްދިސާދާ
---------------------------------------------------------------------------------

އޭ އަޚާ ހާދަހާވަރެކޭ ތިޔަވަނީ ރާނުވިއްކިގެން؟
.......އޮތްކަމެއް ނެތްހޭ ހަނދާނަކު އެހެން 'ދުވަހެއް'؟

ހާދަހާ ޙަސަދައޭ ތިޔައޮތީ ތަ ހިތުގާ؟
.......މުސްލިމުން ނުކުތީތީވެ މަގުމައްޗަށް ޙައްޤުޤާ؟

ރާ ނުވިއްކިޔަކަސް މި މުސްލިމް ދީބުގާ
.......'ދޮންކުދިން' އަންނާނެ އަންނަން ބޭނުމިއްޔާ

އިޤްތިސާދަށް ނުވާނެ ވިކޭކަށް ތިޔަވަރަށް
.......ގެއްލިދާނެ ދުނިޔެއާއި އާޚިރަތް ނޭނގިހުއްޓާ

ކާން ހިނގާ ހަލާލުތަކެތި ދަތިވިއަސް 'މިއަދު'
.......ނުތިބެވޭނެ މިތާކު އަބުދު އިގްތިސާދުކުރަން

ދެއްވުމަށް ކުޅަދުންވަންތަ އެކަލާނގެ އަބަދުވެސް
.......ގެންދަވަން ކުޅަދުންވަންތަ ކަންވެސް ހަނދާން ކުރޭ

ގެންދެވިގޮތަށް ދިވެހިންގެ ލޭނާރު މިއަދު
.......ގެންދަވަން ކުޅަދުންވަންތަ 'ރަންބިސް އަޅާކުކުޅު' މާދަން

ހީކުރާ ގޮތަކަށް ނުވާނެ ޤަދަރުފުޅާ ނުލާ
.......ނުލިބޭނެކަން ހަނދާން ކުރޭ އެކަލާނގެއާ ނުލާ

ހައްލަކީ ވިއްކުން، ރަލާއި އޫރުމަހެއް ނޫން
.......ހައްލަކީ އެންގެވިގޮތަށް އިޤްތިސާދު ބައްޓަންކުރުން

ހާދަހާ ދެރަވާންޖެހޭނޭ ނުވިސްނައިފިނަމަ މިއަދު
.......މާދަމާ ނުލިބޭނެ ދެވަނަ ފުރުސަތެއް ވިސްނުމަށް

ހެޔޮހިތުން މިގޮވާލަނީ ރުޖޫއަވުމަށް ދީނަށް
.......ބަންދު ވުމުގެކުރިން ތައުބާގެ ދޮރު ލަސްނުކޮށް

އިތުރަށް ވިދާޅުވުމަށް....
މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP