ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް 2

>> 28.11.09

މި މައުޟޫއަށް ދެވަނަ ލިޔުމެއް ލިޔަން އަޅުގަނޑު މި ގަސްތުކުރީ މި މައުޟޫއަށް އަޅުގަނޑު ލިޔުނު ފުރަތަމަ ލިޔުމުގައި ވާ ވާހަކަތައް ދިވެހި ބަޔެއް ދަރިންނަށް ހަޖަމުނުކުރެވުނީތީއެވެ. އެ ލިޔުމުގައި 20 ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި ބައިބުލް އެއްގެ ވާހަކަ ދަންނަވާފައި ވާނެއެވެ. އެ ބައިބުލް އެކުލަވާލާފައިވަނީ ދުނިޔޭގެ އެކިޤައުމުތަކުން ނަސާރާއިންގެ ޢިލްމުވެރިން ގެނެސްގެން ކަމުގައި ދެންނެވިފައި ވާނެއެވެ. އަދި ކުރީގެ ބައިބުލްތަކުގައިވާ 17 ވާސް ފަހުން މި ޝާއިއުކުރި ބައިބުލްގައި ފުހެލެވިފައިވާ ވާހަކަވެސް ދެންނެވިފައި ވާނެއެވެ. އަދި އެ ވާސްތައް ފުހެލެވުނު ސަބަބެއްކަމަށް އެބައިބުލް އެކުލާވާލި ޢިލްމުވެރިން ވިދާޅުވެފައިވާ ސަބަބުވެސް ބަޔާންކޮއްދެވިފައި ވާނެއެވެ. އަދި ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ބައިބުލްގެ ބައެއްކަމުގައިވާ ލޫކަސްއިންވެސް އެ ބަދަލުތައް ފެނަން ހުންނާނެ ވާހަކަ ދެންނެވިފައިވާނެއެވެ. (އެލިޔުން ބައްލަވާލެއްވުމަށް މި ލިންކަށް ވަޑައިގަންނަވާށެވެ: http://www.muraasil.com/details/view/3/4115)

ނަމަވެސް ހިތާމައަކީ ބައިބުލްގެ ޢިލްމުވެރިން އެކަމަށް އެއްބަސްވާއިރު ދިވެހި ބައެއް ދަރިންނަށް އެކަން ހަޖަމުކުރަން އުދަގޫވާތީއެވެ. އަދި ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ނުވަތަ ނޭނގިތިބެ ނަމަވެސް ބައިބުލްއިން ފުހެލެވިފައިވަނީ ހަމައެކަނި ނަންބަރު ކަމުގަޔާއި ކޮންޓެންޓް ނޫންކަމުގައި ބަޔެއް ކުދިން ދައުވާ ކުރަމުން އެބަ ގެންދެއެވެ. ނަމަވެސް ޙަޤީގަތަކީ ފުހެލެވިފައިވަނީ ނުވަތަ އުނިކޮށްލެވިފައިވަނީ ކޮންޓެންޓް ކަމެވެ. ހަމައެކަނި ވާސް ނަންބަރެއް ނޫނެވެ. ބައިބުލްގެ ކިންގްޖޭމްސް ވާޝަންއާއި ނިއު އިންޓަނޭޝަނަލް ވާޝަންއާއި ނުވަތަ ދިވެހި ތަރުޖަމާއާއި އަޅާކިޔުއްވާށެވެ. މިގޮތުން ދިވެހިބަހަށް ތަރުޖަމާކުރެވިފައިވާ ލޫކަސްގެ 17ވަނަ ބައިގެ 36ވަނަ އާޔަތް ވަނީ އެއްކޮށް ފުހެލެވިފައެވެ. 35ވަނަ އާޔަތާ ޖެހިގެން އިންނާނީ 37ވަނަ އާޔަތެވެ. ނިއު އިންޓަނޭޝަނަލް ވާޝަންގައި ވާގޮތަށެވެ. އެހެންނަމަވެސް ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައިވާ ލޫކަސް 23ވަނަ ބައިގެ 17 ވަނަ އާޔަތް ދިވެހިތަރުޖަމާގައި ހިމަނާފައި ވެއެވެ. މިއީ މާތްކަލާނގެ ބަސްފުޅުތަކާމެދު އަމަލުކުރަން އަންގަވާފައިވާ ގޮތްބާވައެވެ؟
ކޮންމެއަކަސް ބައިބުލްގެ ދިވެހި ތަރުޖަމާއިން ލޫކަސްގެ 17ވަނަ ބައިގެ 36ވަނަ ވާސްގެ ކޮންޓެންޓްގެ ވާހަކަ ދައްކަމާ ހިނގާށެވެ. އެގޮތުން 35 ވަނަ ވާސްގައި ވަނީ "ގޮވާން މުގުރަން ދެއަންހެނުން ތިބިކަމުގައިވާނަމަ އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެއެވެ." 36ވަނަ ވާސްގައި ފުހެލެވިފައިވާ ކޮންޓެންޓަކީ "ދަނޑުގައި ދެފިރިހެނުން ވާނެއެވެ. އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެވެ" މިބައި ދިވެހި ތަރުޖަމާގައިވަނީ ފުހެލެވިފައެވެ. (ދިވެހި ތަރުޖަމާގެ 95 ވަނަ ޞަފުޙާ)

ދެން ދިވެހި ތަރުޖަމާގެ 23ވަނަ ބައިގެ 17ވަނަ އާޔަތްވެސް ބައްލަވާށެވެ. އޭގަައި ވެއެވެ. "ޢީދުލް ޕަސްކާގެ މުނާސުބަތުގައި ރޫމުގެ ސަރުކާރުން ބަނީ އިސްރާއީލުގެ މީހުން ހިތްހަމަޖެއްސުމުގެ ގޮތުން ކުށްވެރިންގެ ތެރެއިން މީހަކު ދޫކޮށްލައެވެ." (ދިވެހި ތަރުޖަމާގެ 124ވަނަ ޞަފުޙާ) މި ވާސް ނިއު އިންޓަނޭޝަނަލް ވާޝަންގައިވަނީ ފުހެލެވިފައެވެ. (އަދި ނިއު އެމެރިކަން ސްޓޭންޑަޑް ބައިބުލްގައި މި ވާސް ފުހެލުމަށްފަހު ފުޓްނޯޓްގައި ލިޔެފައި ވެއެވެ. "ކުރީގެ ފަތްފޮތްތަކުގައި މި ވާސް ނެތެވެ") ނަމަވެސް ދިވެހި ތަރުޖަމާގައިވަނީ ހިމަނާފައެވެ. ސުވާލަކީ މިހުރިހާ ވާޝަންތަކާއި ފޮތްތަކަކީވެސް މާތްރަސްކަލާނގެ ބަސްފުޅު ހެއްޔެވެ؟ އިސްސާނުންނަށް ތެދުމަގު ދެއްކެވުމަށް އިލާހީ ހަޟުރަތުން ބާވައިލެއްވި ވަޙީ ބަސްފުޅު ހެއްޔެވެ؟

އަދި އެހިސާބުން ނިމުނީކީ ނޫނެވެ. މިގޮތަށް މިބަދަލުތައް ގެނެވިފައިވާކަން ބަޔާން ކޮށްދިނުމުން ދެން އެވިދާޅުވަނީ ފުހެލެވުނު ވާސްގައި އެއްވެސް ޙުކުމެއް ނެތްކަމުގައެވެ. ވީމާ އެ ވާސް ފުހެލެވުމުން މައްސަލައެއް ނެތްކަމުގައިގައެވެ. އަދި އެއީ ބަދަލަކަށްވެސް ނުވާނެކަމުގައެވެ. ސުބްޙާނަﷲ އެވެ. މާތްކަލާނގެ ވަޙީބަސްފުޅުތަކުގައިވާ މުހިންމު ނޫންތަކެއްޗާއި މުހިންމު ތަކެތި ވަކިކޮށް ފުހެ އިތުރުކުރަން އަޅުގަނޑުމެންމިއީ ކޮންބަޔެއްތޯއެވެ؟ މާތްކަލާނގެ ވަޙީގެ އެންމެ އަކުރަކީވެސް އެންމެ ފިއްޔަކީވެސް އޭގައި ބޭނުމަކާއި ހިކުމަތެއް އޮވެގެން ބާވާލައްވާފައި ވާ ތަކެތިކަން ކަށަވަރެވެ. އިންސާނީ ބުއްދިއަށް ކުރެވޭ ފާޅުވެގެންވާ ބޮޑު މަލާމާތަކަށް ނުވާނެތޯއެވެ؟

ކުރިއަށް ދަމާ ހިނގާށެވެ! ނަސާރާއިންނާއި ގުޅުންހުރި ޙުކުމްތަކެއް ނުފުހެވެއޭ ބުނުމަކީވެސް ތެދުވާހަކައެއް ނޫނެވެ. ސަބަބަކީ ނަސާރާއިން، އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ އަޤީދާތަކާއި ގުޅުންހުރި ބަޔެއް ވާސްތައް ނުވަތަ ބަސްތައްވެސް ފުހެލެވިފައި ވެއެވެ. މިސާލަކަށް ޓްރިނިޓީގެ ވާހަކަ ނަގަމާހިނގާށެވެ. ޓްރިނިޓީ ނުވަތަ 'ޓްރައިން ގޯޑް' މި ބަހަކީ ބައިބުލްގެ އެއްވެސް ވާޝަންއެއްގައި ވާބަހެއް ނޫނެވެ. ނަމަވެސް މިއީ ނަޞާރާއިންގެ އަޤީދާގެ އަސްލެވެ. މި އަސްލު ނުވަތަ އެވެރިންގެ އީމާންކަމުގެ ބިންގާ އެވެރިން ގަބޫލުކުރާ އިލާހީ ފޮތުން ފެންނާކަށް ނެތެވެ. އެކަމާމެދު އައިސްފައިވާ އިލާހީ ވަޙީ ބަސްފުޅެއް ނެތެވެ. މިދަންނަވާ އަޤީދާއާ އެންމެ ކައިރިކުރާ ވާސްއަކަށް ބައިބުލްގައި ވަނީ 1ޖޯން 5ވަނަ ބައިގެ 7 ވަނަ ވާސް އެވެ. ނަމަވެސް، މި ވާސްވެސް ވަނީ ފަހުން ނެރުނު ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލާފައެވެ. މި ވާސް ފުހެލުމަށްފަހު ބައިބުލްގެ ފުޓްނޯޓްގައި ލިޔެފައި ވެއެވެ. "16ވަނަ ގަރުނުގެ ކުރީން އެއްވެސް ފަތްފޮތަކުން ފެންނާކަށް ނެތެވެ" މާނައަކީ މިވާސްއަކީ އެއީ ޢިސާގެފާނު އުޑަށް އުފުއްލެވިތާ ފަނަރަ ސަތޭކަ އަހަރުފަހުން ހަދާފައިވާ ވާސް އެއްކަމެވެ. އެ ވާސްގައިވާކަމުގައިވަނީ މިފަދައިންނެވެ.

“For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one” (1john 8:7)
"އުޑުގައިވާ ރެކޯޑުތައް އެނގިގެންވާ ތިން ފަރާތެއްވެއެވެ. އެއީ ދަ ފާދަރ، ބަސްފުޅު އަދި މާތްވެގެންވާ ރޫޙެވެ؛ މި ތިންފަރާތަކީ އެއްފަރާތެވެ."
Footnote: (not found in any Greek manuscript before the sixteenth century)
ފުޓްނޯޓުގެ ތަރުޖަމާ: "16ވަނަ ގަރުނުގެ ކުރީން ގުރީކުގެ އެއްވެސް ފަތްފޮތަކުން ފެންނާކަށް ނެތެވެ."

މުޅި ބައިބަލްގައިވާ ހުރިހާ ވާހަކަތަކެއްގެ ތެރެއިން (އޯލްޑް ޓެސްޓްމަންޓާއި ނިއު ޓެސްޓްމަންޓް ހިމެނޭގޮތަށް) ޓްރިނިޓީ އޭ މިކިޔާ ކޮންސެޕްޓާ އެންމެ ގާތްކުރާ މާނަދޭހަވާ ވާސްއަކީ މިއީއެވެ. ނަމަވެސް މި ވާސްއަކީވެސް ހަދައި އިތުރުކޮށްފައިވާ ވާސްއެއްކަމަށް ބައިބުލްގެ ޢިލްމުވެރިން އެވިދާޅުވަނީއެވެ. ނިއު އިންޓަނޭޝަނަލް ވާޝަން ބައްލަވާށެވެ. މީގެ އިތުރުން ފުހެލެވިފައިވާ ވާސްތަކުގެ ތެރޭގައި ތިރީގައި މިބަޔާންކުރާ ވާސްތައް ހިމެނެއެވެ.

- މެތިއުއިން ފުހެލެވިފައިވަނީ: 17 ވަނަ ބައިގެ 21 ވަނަ ވާސް، 18 ވަނަ ބައިގެ 11 ވަނަ ވާސް، 23 ވަނަ ބައިގެ 14 ވަނަ ވާސް މިއެވެ.

- މާރކްއިން ފުހެލެވިފައިވަނީ: 7 ވަނަ ބައިގެ 16 ވަނަ ވާސް، 9 ވަނަ ބައިގެ 44 ވަނަ ވާސް، އަދި 46 ވާސް، 11 ވަނަ ބައިގެ 26ވަނަ ވާސް، 15 ވަނަ ބައިގެ 28 ވަނަ ވާސް މިއެވެ.

- ލޫކްއިން ފުހެލެވިފައިވަނީ: 17 ވަނަ ބައިގެ 36 ވަނަ ވާސް، 23 ވަނަ ބައިގެ 17 ވަނަ ވާސް މިއެވެ.

- ޖޯންއިން ފުހެލެވިފައިވަނީ: 5 ވަނަ ބައިގެ 4 ވަނަ ވާސް މިއެވެ.

- އެކްޓްސްއިން ފުހެލެވިފައިވަނީ: 8 ވަނަ ބައިގެ 37 ވަނަ ވާސް، 15 ވަނަ ބައިގެ 34 ވަނަ ވާސް، 24 ވަނަ ބައިގެ 7 ވަނަ ވާސް، 28 ވަނަ ބައިގެ 29 ވަނަ ވާސް މިއެވެ.

- ރޯމަންސްއިން ފުހެލެވިފައިވަނީ: 16ވަނަ ބައިގެ 24ވަނަ ވާސް މިއެވެ.

އަދި މިނޫނަސް ނަސާރާއިންގެ އަޤީދާއާއި ގުޅުންހުރި ބައެއް ބަސްތައްވެސް ފުހެލެވިފައި ވެއެވެ. މިސާލަކަށް 'ބިގޮޓަން ސަން' މިބަސްވެސް ވަނީ ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައެވެ. ލިޔުން ކުރުކޮއްލުމުގެގޮތުން ތަފްސީލަކަށް ނުގޮސް ކުރިއަށްދާނަމެވެ. ކޮންމެއަކަސް އަޅުގަނޑު މި ބަޔާންކުރީކީ އަޅުގަނޑު އަމިއްލައަށް ހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ނުވަތަ މުސްލިމުން ދައްކާފައިވާ ވާހަކަތަކެއްވެސް ނޫނެވެ. ނުވަތަ މުސްލިމުންގެ ވެބްސައިޓެއްގައި ޝާއިއުކޮއްފައިވާ ވާހަކަތަކެއްވެސް ނޫނެވެ. މިއީ ނަސާރާއިންގެ މުގައްދަސް ފޮތްކަމުގައިބުނާ ބައިބުލް (ނިއު އިންޓަނޭޝަނަލް ވާޝަން) އެކުލަވާލި ޢިލްމުވެރިންގެ ބަހެވެ. އެ ފޮތުގެ ފުޓް ނޯޓްގައިވާ ވާހަކައެވެ. އެވެރިންގެ ރަސްމީ ވެބްސައިޓްތަކުގައިވާ ވާހަކަތަކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢީސާ އަލައިހި ސަލާމްގެ މައްޗަށް މާތްކަލާނގެ ބާވާލެއްވި ފޮތަކީ މީހަކު ލިޔުނު ތޯތޯ ވާހަކައެއް ނޫނެވެ. ނަސާރާއިން ބޭނުންވީމާ އުނިކޮށް ބޭނުންވީމަ އިތުރުކުރާއިރު މާތްކަލާނގެ ކިބައަށް ބިރުވެތިކަމެއް ހަމަ ނެތީތޯއެވެ؟ އެވެރިން އިލާހީ ޙަޟުރަތަށް ކިޔަމަންތެރިކަން އަދާކުރަނީ މިދަފައިން ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުތަކަކީ އެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން އޮވެފައި، އަނެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން ނެތުން ނޫންކަން، ކިރިޔާވެސް ބުއްދިއެއްހުރި (ކަމުގެ ދެކޮޅުބަލާ) އިންސާނަކަށްވިއްޔާ އެގޭނެއެވެ. އެގޮތަށް އެއްދުވަހު އިތުރުކޮށްފައި އަނެއްދުވަހު އުނިކުރުމުން ސާބިތުކޮށްދެނީ އެއީ މާތްކަލާނގެ ފުރިހަމަ ކަލާމްފުޅެއް ނޫންކަމެވެ. މިއީ މާތްކަލާނގެ ކަލާމްފުޅުގެ ތެރެއަށް އެބައި މީހުން ބޭނުންވާ ތަކެތި އުނިކޮށް އިތުރުކުރާ މީހުނެވެ. އެމީހުންގެ އަމިއްލަ އެދުމާ ފައިދާއަކަށްޓަކައެވެ.

ޢިސާ އަލައިހިސަލާމް އެފަރާތަކަށް އަޅުކަންކޮށް ދުޢާދެންނެވި ފަރާތް ވަޙީކުރައްވާފައި ވެއެވެ.
"ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ މާތްކަލާނގެ ޙަޟުރަތުން ބާވާލެއްވި ފޮތެކޭ ބުނާމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެބައި މީހުން އެކަންކުރަނީ) ދުނިޔޭގެ ފަނާދަނިވި އެދުމަކަށް ޓަކައެވެ. އެމީހުންގެ އަމިއްލައަތުން އެލިޔުނު ބާތިލު ތަކެތީގެ ސަބަބުން އެމީހުނަށް ގެއްލުމާ ހަލާކު ހުއްޓެވެ. އަދި އޭގެބަދަލުގައި އެމީހުން ހޯދައިގަންނަ ތަކެތީގެ ސަބަބުންވެސް އެމީހުނަށް ހަލާކު ހުއްޓެވެ." (ސޫރަތުލް ބަގަރާ، 79ވަނަ އާޔަތް)

އިތުރަށް ވިދާޅުވުމަށް....

ޢީސާގެފާނުގެ އަސްލު ދަޢުވަތަކީ ކޮބާ؟ (ފުރަތަމަ ބައި)

އަދިވެސް ލެކްޗަރަރ ނާދެއެވެ. އެހެންކަމުން އަޅުގަނޑުހުރީ ކޮލެޖުގެ ގޯތިތެރޭގައިވާ އަނބުގަހެއްގެ ދަށުގައިހުރި ގޮޑިޔެއްގައި އިށީންދެލައިގެނެވެ. އެކަނި މައިއެކަންޔެވެ. ކުއްލިއަކަށް އަޅުގަނޑުގެ ކައިރިޔަށް އައިސް ހުއްޓުނީ، އެއްކަލަ ނަސާރާދީނުގެ ކުއްޖާއެވެ. ދެފަރާތުންމެ 'ހައެ' ޖަހާލުމަށްފަހު އިތުރު މާގިނަ ވާހަކަތައް ނުދައްކާ ފެށީ ޢިސާގެފާނުގެ ވާހަކައެވެ. އޭނާގެ ޢަމަލުތައް ހުންނަގޮތުން، މިފަދަ ފުރުސަތެއް ލިބިއްޖެނަމަ ނަސާރާ ދީނުގެ ވާހަކަ ދައްކާނޭކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން އަޅުގަނޑު ހުރީ ކޮންމެވެސް ވަރަކަށް ތައްޔާރުވެގެންނެވެ. އެގޮތުން އޭނާއަށް ވާހަކަ ދައްކާނޭ ފުރުޞަތުނުދީ ސުވާލެއް އެތްކަމުގައި ބުނީމެވެ. އެ ސުވާލުތަކާއި، ސުވާލުތަކުގެ 'ރެސްޕޮންޑް' މިލިޔުމުގެ 2ވަނަ ބައިގައި ހިމަނާފައިވާނެ ވާހަކަ ދަންނަވަމުން މައުޟޫއާއިގެން ކުރިޔަށް ދާނަމެވެ.
މަސީހު ޢީސާގެފާނަކީ ކޮންބޭކަލެއް ތޯއެވެ؟ އެކަލޭގެފާނުގެ ދަޢުވަތަކީ ކޮބައިތޯއެވެ؟ މިއީ މިއަދު ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފްސާ ކުރަންޖެހިފައިވާ ސުވާލުތަކެއްކަމުގައި އަޅުގަނޑު ދެކެވެ. ސަބަބަކީ އެކަލޭނގެފާނާމެދު މައިގަނޑު ދެގޮތަކަށް ނުވަތަ ތިންގޮތަކަށް އިންސާނުން ޤަބޫލުކުރަމުން ދާތީއެވެ. ބަޔެއްމީހުން ޤަބޫލުކުރާ ގޮތުގައި އެކަލޭގެފާނަކީ މާތްކަލާނގެއެވެ. ނުވަތަ މާތްކަލާނގެ ދަރިކަލެކެވެ. އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އެކަލާގެފާނަކީ މާތްކަލާނގެ ފޮނުއްވި ރަސޫލެކެވެ. ވީމާ، އެކަލޭގެފާނުގެ ދަޢުވަތުގެ އަސްލަކީ ކޮބައިތޯބަލަން ބޭނުންނަމަ މިސުވާލުގެ ޖަވާބު ހޯދަން އެބަޖެހެއެވެ. އެއީ އެކަލޭގެފާނަކީ މާތްކަލާނގެ ބާވައެވެ؟ ނުވަތަ މާތްކަލާނގެ ދަރިކަލެއްބާވައެވެ؟ ނުވަތަ މާތްކަލާނގެ ރަސޫލެއްބާވައެވެ؟
ސުވާލުތަކުގެ ޖަވާބަށް ޢިލްމީ ނަޒަރަކުން އަދި ބުއްދީގެ ހަމަތަކުން ބަލާލުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމުގައި ދެކެމެވެ. ވަކިބަޔަކާ ދެކޮޅުހެދުމަކަށް ނޫނެވެ. އަދި ވަކިބަޔަކާ އެއްކޮޅުވުމަކަށްވެސް ނޫނެވެ. ކަމުގެ ޙަޤީގަތަކީ ކޮބައިތޯ ބަލާލުމަށެވެ. ސަބަބަކީ، ކަމުގެ ޙަޤީގަތް ނޭނގިތިބެ، ޢީސާގެފާނުންގެ އަސްލު ދައުވަތާ ދުރަށް ބަޔަކު މިސްރާބު ޖަހަމުންދާތީއެވެ. ޢީސާގެފާނުގެ ނަމުގައި އިންސާނުން ހަދާފައިވާ 'ކޮންސެޕްޓް' ތަކަކަށް މީސްތަކުން ނޭނގިތިބެ ތަބާވަމުން ދާތީއެވެ. އެހެންކަމުން، ޢިލްމީ ނަޒަރަކުންނާއި ބުއްދީގެ ހަމަތަކުން މި ސުވާލުތަކަށް ޖަވާބެއް ހޯދޭތޯ ބަލަމާހިނގާށެވެ.
ބައިބުލިކަލް ދަލީލުތަކުގެ އަލީގައި:
1- ޢީސާގެފާނަކީ މާތްކަލާނގެބާ؟
ނަސާރާއިން އިލާހީ ކަލާމްފުޅުކަމުގައި ޤަބޫލުކުރާ ބައިބުލް އިން މިސުވާލަށް ޖަވާބެއް ލިބޭތޯ ބަލަމާ ހިގާށެވެ. އެގޮތުންބަލާއިރު އޮޅުމެއްނެތް ސާފު ސަރީހަ ޢިބާރާތުން، ޢިސާގެފާނަކީ ކަލަކުކަމުގައި ޤަބޫލުކުރުމަށް ގޮވާލާފައިވާ އެއްވެސް އާޔަތެއް ބައިބުލްގައި ނުވެއެވެ. ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް، ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ކަލާނގެ ކަމަށް ޤަބޫލުކުރާށޭ މިހެންވެސް އަންގަވާފައެއް ނުވެއެވެ. އަދި އެކަލޭގެފާނުގެ ސަރީހަ ޢިބާރާތަކުން، އެކަލޭގެފާނަށް އަޅުކަންކުރުމަށް ގޮވާލާފައިވާ އެއްވެސް އާޔަތެއް ބައިބުލްގައި ފެންނާކަށް ނެތެވެ. އަޅުގަނޑު މިދެންނެވި ފަދައިން އޮޅުމެއްނެތް ސާފު ޢިބާރާތުން އެފަދައިން ބައިބަލްގައި ބަޔާންވެފައެއް ނުވެއެވެ. އެކަމަށް ނަސާރާދީނުގެ ބަޔެއް ޢިލްމުވެރިންވެސް އެއްބަސްވެއެވެ.
އަނެއްކޮޅުން، އެއްވެސް އޮޅުމެއްނެތި ސާބިތުވާކަމެއް އެބައޮތެވެ. އެއީ ޢީސާގެފާނު ދުނިޔޭގައި އުޅުއްވިއިރު ކީރިތި ވަންތަ އިލާހަށް އަޅުކަންކުރެއްވި ކަމެވެ. އެއީ ނަސާރާއިންވެސް އަދި މުސްލިމުންވެސް ޤަބޫލުކުރާ ކަމެކެވެ. ނަސާރާއިންނަށް އެގޮތަށްޤަބޫލުކުރަން މަޖުބޫރުވާ ސަބަބަކީ ބައިބުލްގެ އެތަށް އާޔަތްތަކެއްގައި ވަރަށް ސާފު ސަރީހަ އިބާރާތުން އެކަންސާބިވުވާން އޮތީމައެވެ. މިސާލަކަށް އޭގެތެރެއިން 3 އާޔަތެއް ގެންނާނަމެވެ. އެއީ މެތިއުގެ 26ވަނަ ބައިގެ 36ވަނަ އާޔަތާއި، 39ވަނަ އާޔަތާއި، އަދި މެތިއުގެ 2ވަނަބައިގެ 2ވަނައާޔަތެވެ.
Matthew 26:36 "Then Jesus went with his disciples to a place called Gethsemane, and he said to them, "Sit here while I go over there and pray.""
"އެއަށްފަހު ޢީސާގެފާނު އެކަލޭނގެފާނުންގެ ސަހާބީންނާއި އެކުގައި ގެތުސިމެން (ޖެރުސަލަމްގެ ރަށަކަށް) ދިޔައެވެ. އަދި އެކަލޭނގެފާނު އެމީހުނަށް ބުންޏެވެ. 'ތިމަންކަނލޭގެފާނުން އެދިމާލަށްގޮސް ނަމާދު (ދުޢާ) ކުރައްވައިގެން ވަޑައިގަންނަވަންދެން ތިޔަބައިމީހުން މިތާނގައި އިށީދެގެން (ނުވަތަ އިށީނދެލައިގެން) ތިބޭށެވެ.'" އަދިވެސް ބައިބުލްގައި އައިސްފައިވާކަމުގައި ވެއެވެ.
Matthew 26:39 "Going a little farther, he fell with his face to the ground and prayed"
"ތަންކޮޅެއް ދުރަށް ދިއުމަށްފަހު، އެކަލޭނގެފާނުންގެ މޫނުފުޅު ބިންމައްޗައް ތިރިކޮށް (ސަޖިދަކޮށް) ނަމާދު ކުރިއެވެ." އަދި ވެސް އައިސްފައި ވާކަމުގައި ވެއެވެ.
Matthew 2:2 "After fasting forty days and forty nights, he was hungry."
"ސާޅީސް ދުވަހާއި ސާޅީސް ރޭ ރޯދަ ހިއްޕެވުމަށްފަހު އެކަލޭގެފާނަށް (ޢީސާގެފާނަށް) ވަނީ ހައިހޫނުކަން އިޙުޞާސް ކުރެވިފައެވެ."
ކުރިންވެސް ދެންނެވި ފަދައިން މިނޫނަސް އެތަށް އާޔަތްތަކެއްގައި އެކަނލޭގެފާނު އަޅުކަން ކުރެއްވި ކަމަށް އައިސްފައި ވެއެވެ. ވީމާ، ސުވާލަކީ އެކަނލޭގެފާނަކީ ކަލަކު ކަމުގައި ވާނަމަ، އެކަނލޭގެފާނު އަޅުކަންކުރެއްވީ ކޮންފަރާތަކަށް ބާވައެވެ؟ ނުވަތަ އެކަލޭގެފާނު ދުޢާކޮށް އާދޭސް ދެންނެވީ ކޮންފަރާތަކަށް ބާވައެވެ؟ ޝައްކެއް ނެތް ގޮތުގައި އެއީ އެކަނލޭގެފާނު ރަސޫލެއްގެ ގޮތުގައި ފޮނުއްވި މާތްﷲ އަށެވެ.
ބަޔެއް ނަސާރާއިން ބުނެއެވެ. އެކަނލޭގެފާނުގެ އަޅުކަން ކުރެއްވުމަކީ އެއީ ހަމައެކަނި އެހެން މީސްތަކުންނަށް ދަސްކޮށްދެއްވުމަށް ކުރައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް އެއީ އޮޅުވާލުމެކެވެ. ސަބަބަކީ އެކަނލޭގެފާނު އަޅުކަންކުރައްވާފައިވަނީ ހަމައެކަނި މީސްތަކުންގެ ތެރޭގައެއް ނުވަތަ މީސްތަކުންގެ ޙާޒިރުގައެއް ނޫނެވެ. އެކަހެރިވެ ވަޑައިގެންވެސް އަޅުކަން ކުރައްވާފައިވެއެވެ. މިސާލަކަށް އަޅުގަނޑު އެންމެ ފަހުން ގެނެސްފައި އެވާ އާޔަތުގެ ކުރީ އާޔަތް ކިޔައިފިނަމަ އެކަލޭގެފާނު ރޯދަ ހިއްޕެވީ ސަހަރާއެއްގައި (ޑެޒާޓެއްގައި) އެކަނި ހުންނަވައިގެންކަން އެގިލައްވާނެއެވެ. މީގެއިތުރުން، މީސްތަކުން ނުވަތަ ޢާންމު މީހުން ނިދާފައި ވަނިކޮށް އެކަނލޭގެފާނުން ނަމާދު (ދުޢާ) ކުރެއްވިކަމަށް މެތިއުގެ 26ވަނަ ބައިގެ 43 އާއި 44 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.
އާއެކެވެ! އެކަނލޭގެފާނަކީ ރަސޫލުބޭކަލަކަށްވާއިރު ރަސޫލުބޭކަލުންގެ ވަޒީފާއަކީ މީސްތަކުންނަށް އަޅުކަން ކުރަންވީ ގޮތާ ދިރިއުޅެންވީގޮތް ދަސްކޮށްދެއްވުމެވެ. ވީމާ އެކަނލޭގެފާނުންގެ އަޅުކަން ކުރެއްވުމަކީ މީސްތަކުންނަށް ދަސްކޮށްދެއްވުން ކަމުގައިވިއަސް، އެއީ އިލާހެއްކަމަކަށް ސާބިތުކޮށްދެވޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެކަމުންވެސް ސާބިތުކޮށްދެނީ އެއީ ރަސޫލެއްކަމެވެ. ވީމާ ޢީސާގެފާނަކީ ކަލަކު ކަމަށް ކުރެވޭ ދަޢުވާއަކީ ބާތިލް ދަޢުވާއެއްކަން ބައިބުލްއިންވެސް ސާބިތުވެއެވެ.
2- ޢީސާގެފާނަކީ މާތްކަލާނގެ ދަރިކަލެއްބާ؟
ނަސާރާދީނުގެ ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި، ޢީސާގެފާނަކީ މާތްރަސްކަލާނގެއެއް ނޫނެވެ. އެހެން ނަމަވެސް އެކަނލޭގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އިލާހަކީ 3 ފަރާތެއް އެކުލެވުނީމައި ކިޔޭ 1 ފަރާތެކެވެ. އިގެރޭސި ބަހުންކިޔަނީ ޓްރިނިޓީ (1=3) އެވެ. އެތިންފަރާތަކީ، ބައްޕަ (މާތްރަސްކަލާނގެ)، ދަރިކަލުން(ޢީސާގެފާނު)، އަދި ހޯލީ ސްޕިރިޓް (ޖިބުރީލުގެ ފާނުކަމުގައި ނުވަތަ 3 ވަނަފަރާތަކީ މަރިޔަމްގެފާނު ކަމުގައިވެސް ނަސާރާދީނުގެ ބަޔެއް ފާދިރީން ޤަބޫލުކުރެއެވެ.)
މިކަމަކީވެސް ސީދާ ސަރީހަ އިބާރާތުން ބައިބުލްއިން ސާބިތުކުރެވެން އޮތްކަމެއް ނޫނެވެ. ސަބަބަކީ:
ހ- ބައިބުލްގައި ބައްޕަ “father” ބޭނުންކޮށްފައިވަނީ މާތްރަސްކަލާނގެއަށް ނިސްބަތް ކޮށެވެ. އަދި ދަރިފުޅު ނުވަތަ ދަރިން ނުވަތަ ދަރިކަލުން “son(s)” ބޭނުންކޮށްފައިވަނީ އެކިމާނަ ތަކުގައެވެ. ހުލާސާކޮށް ބުނާނަމަ “father” ބޭނުން ކުރެވިފައިވަނީ 'މާތްރަސްކަލާނގެ' އަދި “son(s)” ބޭނުން ކުރެވިފައިވަނީ އެކަލާނގެ 'އަޅުން' ގެ މާނާގައެވެ. އެއީ އެކަލާނގެއާއި އެކަލާނގެ އަޅުތަކުންނާއި ދެމެދުގައިވާ ގާތްކަން ހާމަކުރުމުގެ ގޮތުންނެވެ. މިއީވެސް ނަސާރާއިދީނުގެ ޢިލްމުވެރިން އެއްބަސްވާ ކަމެކެވެ. ސަބަބަކީ ޚާއްސަކޮށް އެކިއެކި ރަސޫލުބޭކަލުންނަށާ ޞާލިހު ޢަމަލުކުރާ މީހުންނާއި މުޚާތަބު ކުރާއިރު އެދެބަސް ބޭނުންކޮށްފައި ވާތީއެވެ. މިގޮތުން މިސާލަކަށް ބައިބުލްގެ އެގްސްއޮޑަސް 4 ވަނަބައިގެ 22ވަނަ އާޔަތުގައި ޔާޤުބުގެފާނަކީ މާތްކަލާނގެ ދަރިކަލެއް ކަމުގައި އައިސްފައި ވެއެވެ. އަދި ބައިބުލްގެ ސާމްސް 2ބައިގެ 7ވަނަ އާޔަތުގައި ދާއޫދުގެފާނަކީ މާތްކަލާނގެ ދަރިކަލެއްކަމުގައި އައިސްފައި ވެއެވެ. އަދި މީގެއިތުރުން މެތިއުގެ 5 ވަނަބައިގެ 9ވަނަ އާޔަތާއި 45ވަނަ އާޔަތަށް ބަލާލަމާހިގާށެވެ.
Matthew 5:9 "Blessed are the peacemakers, for they will be called sons of God."
"އަދުލު އިންސާފު ޤާއިމްކުރާ މީހުނަށް ބަރަކާތް ލެއްވިގެން ވެއެވެ! އެބައިމީހުންވާހުށީ މާތްރަސްކަލާނގެ 'ދަރިން' (ރުހިވޮޑިގެންވާ އަޅުން) ކަމުގައެވެ." މީގެއިތުރުން، މީސްތަކުންނަށް ހެޔޮނަސޭހަތްތައް ދެއްވުމަށްފަހު އެނަސޭހަތް ޤަބޫލުކުރުމުން ލިބޭނެ ދަރަޖަ ބަޔާންކުރެއްވަމުން އެކަލޭގެފާނު ވިދާޅުވިކަމުގައި ބައިބުލްގައި އައިސްފައި ވެއެވެ.
Matthew 5:45 “that you may be sons of your Father in heaven”
"އެއީ ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ 'ބައްޕަގެ' (މާތްރަސްކަލާނގެ)، 'ދަރިން' (ރުހިވޮޑިގެންވާ އަޅުން) ކަމުގައި ވުމަށްޓަކައެވެ." މާނައަކީ، އެފަދަ މީހުން ޤިޔާމަތްދުވަހުގައި ވާހުށީ މާތްރަސްކަލާނގެ ރުހިވޮޑުގެންވާ އަޅުންކަމުގައެވެ.
ވީމާ، ކުރިންވެސް ދެންނެވި ފަދައިން، އާންމުކޮށް، “Son(s)” މި ލަފްޒު ބޭނުންކުރެވިފައިވަނީ މާތްރަސްކަލާނގެ ރުހިވޮޑިގެންވާ އަޅުން ނުވަތަ އަޅުތަކުންނާއި މުޚާތަބުކުރެވޭ ޙާލަތްތަކުގައެވެ. އެހެންކަމަށްވާނަމަ، އޭރު އެޒަމާނުގައި، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ އަލަހިސަލާމަށްވުރެ ބޮޑަށް އެ ލަފްޒު މުޚާތަބުކުރުން ޙައްޤުވާނެ އެހެން އިންސާނަކު ނުވާނެކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ހަމައެކަނި މާތް ޞާލިހު އަޅެއްނޫނެވެ. ހަމައެކަނި ނަބިއްޔެއް ނޫނެވެ. އެކަލޭގެފާނަކީ ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިންވެސް އެންމެ މާތް 5 ބޭކަލުންގެ ތެރެއިން އެއްބޭކަލެވެ. އެހެންކަމުން އެމާނައިގައި މުޚާތަބުކުރެވޭ ލަފުޒެއް އެޒަމާނުގައި އެންމެ ޙައްޤީ އެކަލޭގެފާނަށެވެ. އެއީކީ ދަރިކަލަކަށްވާތީއެއް ނޫނެވެ. މަތިވެރިވެގެންވާ އިލާހު ރުހިވޮޑިގެންވާ ރަސޫލަކަށް ވާތީއެވެ.
އެހެންނަމަވެސް އަދިވެސް ނަސާރާއިން ބުނެއެވެ. ޢީސާގެފާނާއިމެދު މާތްކަލާނގެ ވަޙީކުރައްވާފައިވަނީ މުޅިންތަފާތު ގޮތަކަށެވެ. އެއީ މާތްކަލާނގެއަށް އުފަން ނުވަތަ 'ބިގޮޓަން' ދަރިކަލެއް ކަމުގައެވެ. އެއީ ޖޯން 3ވަނަބައިގެ 16ވަނަ އާޔަތުގައި ވާގޮތުގެމަތިންނެވެ. އެހެންނަމަވެސް، 20ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި، އެންމެ ޞައްޙަކަމަށް ބުނާ ބައިބުލްގެ ވާޝަން، 'ނިއު އިންޓަނޭޝަނަލް ވާޝަން'ގައި މިބަސް 'ބިގޮޓަން' ވަނީ ފުހެލެވިފައެވެ. މިދަންނަވާ ބައިބުލްގެ ވާޝަންގައި ކުރީގެ ބައިބުލްގެ ވާޝަންތަކުގައިވާ އެތަކެއް އާޔަތްތަކެއް ފުހެލެވިފައި ވެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑު ލިޔެފައިވާ "ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!" މި ލިޔުމުގެ 1ވަނަ ބަޔާއި 2ވަނަ ބައި ކިޔުއްވާށެވެ.
ށ- މިހެންމިކަން އޮތްއިރުވެސް ވަރަށްގިނަ ނަސާރާއިން ހަޤީޤަތް ޤަބޫލުކުރަން ބޭނުންނުވެއެވެ. އެހެންކަމުން އަދިވެސް އެމީހުން ބުނެއެވެ. ޢީސާގެފާނަކީ މާތްރަސްކަލާނގެ 'ބަސްފުޅެވެ'. އަދި އެބަސްފުޅު ވީ މާތްރަސްކަލާނގެ ޙަޟުރަތުގައެވެ. ނުވަތަ އެބަސްފުޅަކީ މާތްރަސްކަލާނގެ (ހަށިކޮޅަށް) ނިސްބަތްވާ ބަޔެކެވެ. އަދި އެބަސްފުޅަށް (ފުރާނަ)އެޅުވި މަސްލެވުނެވެ. އެއީ ޢީސާގެފާނެވެ. ވީމާ އެއީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލުންނެވެ.
ނަސާރާއިންނަށް މިކަންވެސްވަނީ އޮޅިފައެވެ. ނުވަތަ ޙަޤީޤަތް ބަލަން ބޭނުން ނުވަނީ އެވެ. އާއެކެވެ! ޢީސާގެފާނަކީ މާތްﷲގެ ބަސްފުޅުގެ ބާރުން އުފަންވެޑައިގެތް ބޭކަލެކެވެ. ޠާހިރު، ބިކުރުވެރި މަރިޔަމްގެފާނުންގެ ބަޑުފުޅުންނެވެ. ބަފާކަލަކާ ނުލައެވެ. އެބަސްފުޅަކީ އާދަމް އަލައިހިއްސަލާމް، މަޔަކާއި އަދި ކިއެއް ބަފަޔަކާވެސް ނުލައި އުފެއްދެވުމަށްވެސް މާތްﷲ ވަހީކުރެއްވި ބަސްފުޅެވެ. އަދި އެބަސްފުޅަކީ އިބްރާހީމްގެފާނަށް އަލިފާނަކީ ފިނިއެއްޗެއް ކަމުގައި ހަދައިދިނުމަށްވެސް މާތްﷲ ވަޙީކުރެއްވި ބަސްފުޅެވެ. އެބަސްފުޅަކީ ދިވެހި ބަހުން ބުނާނަމަ 'ވާށޭ' މިއެވެ. ޢިސާގެފާނުގެ ޚަބަރު މަރިޔަމްގެފާނަށް ދެއްވިވަގުތު އެކަމަނާ އެކަމާ ހައިރާންވެފައިވާ ހާލު އެއީ ކިހިނަކުން ވާނޭކަމެއްތޯ ސުވާލުކުރެއްވިއެވެ. އެވަގުތު އެ ޚަބަރު ގެނެސްދެއްވި މަލާއިކަތާ އެކަންވީގޮތް ބަޔާންކޮށްދެއްވިއެވެ. ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ.
" އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިއިލާހެވެ! އެއްވެސް އާދަމުގެ ދަރިޔަކު މިއަޅާގެ ގައިގާ ބީހިފައި ނުވަނީސް އަޅަށް ދަރިޔަކު ލިބޭހުށީ ކޮންފަދައަކުން ތޯއެވެ؟ އެހިނދު މަލާއިކަތާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. ﷲ އެ އިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެހެނީ އެއްވެސް ކަމެއް ވުމަށް އެ އިލާހު އިރާދަކުރައްވައިފި ހިނދެއްގައި އެކަމަކަށް "ވާށޭ" ވަޙީކުރެއްވުމުން، އެކަން އެގޮތަކަށް ވެގެންދެއެވެ." (އާލްއިމްރާނު، 47 ވަނަ އާޔަތް)
މާތްﷲގެ މިބަސްފުޅު 'ވާށޭ' އެއީ ޢީސާގެފާނަށް ޚާއްޞަ ބަސްފުޅެއް ނޫންކަން ނުވަތަ އެފަދަ ގޮތަކަށް އިންސާނަކު އުފެއްދުމަކީ މާތްﷲ އަށް ބޮޑުކަމެއް ނޫންކަން ބަޔާންކޮށްދެއްވުމުގެ ގޮތުން އިތުރަށް ވަޙީކުރައްވާފައި ވެއެވެ.
"ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި، ޢީސާގެފާނު އުފެއްދެވުމަކީ ހަމަ އާދަމްގެފާނު އުފެއްދެވުމާ އެއްފަދަ ކަމެކެވެ. އެކަލާނގެ އާދަމުގެފާނު ހެއްދެވީ (ބައްޕައަކާއި މަންމައަކާއި ނުލައި) މަށިންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) "ވާށޭ" ވަޙީކުރެއްވިއެވެ. ދެން، (ﷲ ވަޙީކުރެއްވި ފަދައިން) ވެއްޖެއެވެ." (އާލްއިމްރާން 59 ވަނަ އާޔަތް)
ވީމާ، އެއްވެސް އެއްޗެއް އުފެއްދެވުމަކީ، މާތްﷲއަށް ބޮޑުކަމެއް ނޫނެވެ. އެއީ އާދަމް އަލައިހިއްސަލާމް ބަފަޔަކާއި އަދި މަޔަކާއި ނުލައި އުފަންކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ހައްވާގެފާނު މަޔަކާނުލާ އުފަންކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ނޫހުގެފާނާއި އެކަލޭގެފާނުގެ ނައުކޮޅު ސަލާމަތްކުރެއްވި އިލާހެވެ. އެއީ އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ އަބިކަމަނާ މުސްކުޅިވެ، ދަރިން ނުލިބޭ އުމުރަށް ގޮސްފައިވަނިކޮށް ދަރިން ދެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ މޫސާގެފާނަށްޓަކައި ކަނޑުން މަގުތަކެއް ހައްދަވައި، ފިރުއައުނުގެ ލަޝްކަރުގެ ކިބައިން އެކަލޭގެފާނު ސަލާމަތް ކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ޢީސާގެފާނު އަވަހާރަކޮށްލުމަށް ޔަހޫދީން ރޭވިހިދު، ޢީސާގެފާނު އުނޑަށް އުފުއްލެވި ކުޅަދުންވަންތަ އިލާހެވެ. އެއީ މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)، މައްކާގެ ހަރަމްފުޅުން މަސްޖިދުލް އަޤްސާއަށް، އަދި އެއަށްފަހު މަސްޖިދުލް އަޤްސާއިން އުޑަށް އުފުއްލަވާ މަތިވެރި އިސްރާއާއި މިއުރާޖުގެ ޝަރަފު އެކަލޭގެފާނަށް ދެއްވި ކުޅަދުންވަންތަ އިލާހެވެ. މިފަދަ ކުޅަދުންވަންތަ އިލާހަކަށް ބަފަޔަކާނުލާ ދަރިޔަކު އުފަންކުރުން އެއީ ބޮޑުކަމެއް ކަމުގައި ދެކުމަކީ އިލާހުގެ އިލާހުވަންތަކަމާމެދު ޝައްކު ކުރުމެވެ. އެހެންނޫންތޯއެވެ؟
ނ. ޢީސާގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލެއް ނޫންކަމަށްވާ ތިންވަނަ ދަލީލަކީ، އެކަލޭގެފާނަށް އިލާހުވަންތަކަން ލިބިގެންވާކަމަށް ބައިބުލްގައިވެސް އެއްވެސް އާޔަތެއްގައި އޮޅުމެއްނެތް ސަރީހަ ޢިބާރާތުން ފެންނަންނެތިފައި، އަދި ހުދު އެކަލޭގެފާނުގެ ސަރީހަ ބަސްފުޅުން އެކަލޭނގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ ބޭފުޅެއްނޫންކަމާއި، އެކަލޭގެފާނުގެވެސް އިލާހަކުވާކަން، އެތައް އާޔަތެއްގައި ސަރީހަ ޢިބާރާތުން ބައިބުލްގައި ފެންނަން ހުރުމެވެ. މިގޮތުން މާރކްގެ 12ވަނަ ބައިގެ އަންނަނިވި އާޔަތްތަކުން އެކަން ސާބިތުވާނެއެވެ.
Mark 12:28 “he asked him, 'Of all the commandments, which is the most important?'"
"އޭނާ ޢީސާގެފާނާއި ސުވާލުކުރިއެވެ. '(މާތްރަސްކަނލާނގެ) އެންގެވުންތަކުގެ ތެރެއިން އެންމެ މުހިންމު އެންގެވުމަކީ ކޮބާތޯއެވެ؟'"
މި ސުވާލަށް ޖަވާބު ދެއްވަމުން، އެންމެ މުހިންމު އެންގެވުމެއް ކަމަށް ޢީސާގެފާނު ވިދާޅުވިކަމުގައި ބައިބުލްގައި އައިސްފައިވަނީ ތިޔަބައިމީހުން ތިމަން ކަނލޭގެފާނަކީ އިލާހުކަމަށް ޤަބޫލު ކުރުމެކޭ ނޫނެވެ. ނުވަތަ ތިމަން ކަނލޭގެފާނަކީ އިލާހުގެ ދަރިކަލުން ކަމުގައި ޤަބޫލުކުރާށޭވެސް ނޫނެވެ. ނުވަތަ ތިމަންކަލޭގެ ފާނަކީ އިލާހުގެ 3 ފަރާތުންކުރެ 1 ފަރާތް ކަމުގައި ޤަބޫލުކުރާށޭވެސް ނުމެ ނޫންމެއެވެ. އެކަމަކު އެކަނލޭގެފާނު ވިދާޅުވީ، ތިމަންކަނލޭގެފާނާއި ތިޔަބައި މީހުންގެ އިލާހަކީ 1 އިލާހެއް ކަމަށް ޤަބޫލުކޮށް، އެހެން ހުރިހާފަރާތަކާއި އެއްޗަކަށްވުރެ އެފަރާތްދެކެ ލޯބިކުރުން ކަމުގައެވެ. ބައްލަވާށެވެ.
Mark 12:29-30 "The most important one," answered Jesus, "is this: 'Hear, O Israel, the Lord our God, the Lord is one.' Love the Lord your God with all your heart and with all your soul and with all your mind and with all your strength."
"'އެންމެ މުހިންމު އެންގެވުމަކީ' ޢީސާގެފާނުން ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. 'މިއީއެވެ. އޭ އިޒުރޭލުގެ މީހުންނޭވެ! ރައްބަކީ (އަހަރުމެން ނެތުމުގެ ތެރެއިން އުފައްދަވާ، ބަލަހައްޓަވާ، ރިޒްގުތަނަވަސްކޮށްދެއްވާ ފަރާތަކީ އެއީ) އަހަރުމެން (އަޅުކަންކުރަންޖެހޭ) އިލާހެވެ. އެ ރައްބަކީ 1 ފަރާތެކެވެ. ތިޔަބައިމީހުންގެ ހިތާއި ފުރާނައާއި ސިކުޑިން (އެންމެހާ ހިއްސުތަކުން) ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް އެ ރައްބަށް، ތިޔަބައިމީހުން އަޅުކަންކުރަންޖެހޭ އިލާހުއަށް ލޯބިކުރާށެވެ.'"
އެއަށްފަހު މާރކްގެ 12ވަނަ ބައިގެ 32ވަނަ އާޔަތުގައި އެ ސުވާލުކުރިމީހާ އެކަލޭގެފާނުގެ ޖަވާބު ތަކުރާރު ކުރައްވާފައި ވެއެވެ.
Mark 12:32 " ...the man replied. "You are right in saying that God is one and there is no other but Him."
"...އެނާ ޖަވާބުގައި ބުންޏެވެ. 'މާތްކަލާނގެ އަކީ އެއްކައުވަންތަ ފަރާތްކަމާއި، އެކަލާނގެ ފިޔަވާ އެހެން ފަރާތެއް ނުވާކަމަށް ބުނުމުން، ކަލޭގެފާނުގެ ފަސްފުޅު ދެތެދެވެ.'"
[ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މި ބަސްފުޅަކީ، ކީރިތި ޤުރުއާނުގެ އިޙްލާސް ސޫރަތުގެ ފުރަތަމަ އާޔަތާއި، ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަނޫން ދެން އެހެން ކޮށް އެއްޗެއްބާވައެވެ؟]
މިހިރީ މިއަދުގެ ބައިބުލްގައިވެސް ޢީސާގެފާނުގެ ގޮވާލެއްވުންތައް ކަމުގައިބުނެ ގެނެސްފައިވާގޮތެވެ. އިނގިރޭސިބަސް ކިރިޔާވެސް އެނގޭ ބޭފުޅަކަށް ނަމަ ‘our’ ނުވަތަ 'އަހަރަމެން' މިލަފުޒުގެ މާނަ އެނގިލައްވާނެއެވެ. ޢީސާގެ ފާނު އެވިދާޅުވަނީ ތިމަންކަނލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަކީ އެއްފަރާތެއްކަމެވެ. 3 ފަރާތެއް ނޫންކަމެވެ. އަދި ޚުދު އެކަލޭނގެފާނު 'ތިމަންމެންގެ ނުވަތަ އަހަރުމެންގެ ވެރިއިލާހު' މި ލަފުޒު ބޭނުން ކޮށްފައިވުމުން އެކަލޭގެފާނުގެ ވެރިއިލާހެއް ވާކަމާއި، އެކަލޭގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ ބޭކަލެއް ނޫންކަން ވަރަށް ސާފުކޮށް ސަރީހަކޮށް ސާބިތުކުރެވެއެވެ.
މިތާނގައި ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން ޢީސާގެފާނަކީ އިލާހުކަން ނުވަތަ އިލާހުވަންތަކަމުގެ ބަޔެއް ލިބިފައިވާ ބޭކަލެއްކަން ސާބިތުކުރެވޭނެ ސަރީހަ އިބާރާތެއް ބައިބުލްގެ އެއްވެސް އާޔަތެއްގައި އައިސްފައެއް ނުވެއެވެ. އެންމެ ކައިރިކުރާ އިބާރާތެއް އައިސްފައިވާ އާޔަތަކީ 1ޖޯންގެ 5ވަނަބައިގެ 7ވަނަ (1John 5:7) އާޔަތެވެ. އެހެންނަމަވެސް، 20ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި، އެންމެ ޞައްޙަކަމަށް ބުނާ ބައިބުލްގެ ވާޝަން، 'ނިއު އިންޓަނޭޝަނަލް ވާޝަން'ގައި ވަނީ މިއާޔަތްވެސް ފުހެލެވިފައެވެ. ފުހެލެވުނު ސަބަބެއްކަމަށް ބައިބުލްގެ ޢިލްމުވެރިން ވިދާޅުވަނީ، ގުރީކުބަހުން ހުރި ބައިބުލްގެ އަސްލު ފަތްފޮތްތަކުން އެ އާޔަތް ސާބިތުވާން ނެތުމެވެ. އޭގެ މާނައަކީ އެއާޔަތަކީ ހަދައި އިތުރުކޮށްފައިވާ އާޔަތެކެވެ. މިއާޔަތުގެ އިތުރުން، ކުރީގެ (ކިންގް ޖޭމްސް ވާޝަން)ފަދަ ބައިބުލްގެ ވާޝަންތަކުގައިވާ 17 އާޔަތްވަނީ އެއްކޮށްފުހެލެވިފައެވެ. މިކަމުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑު ލިޔެފައިވާ "ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!" މި ލިޔުމުގެ 1ވަނަ ބަޔާއި 2ވަނަބައި ބައްލަވާށެވެ.
-ނުނިމޭ-
(މިލިޔުމުގެ ދެވަނަބައިގައި، 3 ވަނަ ސުވާލުކަމުގައިވާ 'ޢީސާގެފާނަކީ ރަސޫލެއްބާ؟' މިސުވާލުގެޖަވާބު ބައިބުލިކަލް ދަލީލުތަކުގެ އަލީގައި ދެވިފައިވާނެއެވެ. އަދި ކުރެވިފައިވާ 3 ސުވާލުގެ ޖަވާބަށް ބުއްދީގެ ހަމަތަކުން ބަލާލެވިފައިވާނެއެވެ.)

އިތުރަށް ވިދާޅުވުމަށް....

ޖާރިޔާގެ ވާހަކަ – ފަހަތުގައި ސިއްރެއް ފޮރުވިފައިވާ ބޮޑު ޖަރީމާއެއް!

>> 25.11.09

މިއަދާހަމަޔަށްވެސް ޖާރިޔާގެ ވާހަކައަކީ ވަރަށްގިނަ ނޫސްތަކުން 'ފޫގަޅާފައި' ދައްކަމުންއައި ވާހަކައެކެވެ. މިކަމަކީމިއީ އަލަށް ދިވެހި އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަނެފައިވާތީވެ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން 'މަޖުނޫނު ކުރިވި' ކަމެކެވެ. ރައްޔިތުންނަށް ކަމުގެ ހަޤީޤަތް ފޯރުކޮއްދިނުމަށް ނޫސްކޮންފަރެންސްތައް ބާއްވަންޖެހޭވަރުން އޮފީހުގައި 'ފޫހަރުލައިގެން' ނުތިބެވުނު ކަމެކެވެ. ދީނާމެދު ނަފުރަތުކުރާ 'ހީލަތްތެރިންގެ' ބުލޮގުތައް މަޝްހޫރުކުރުވި ކަމެކެވެ. ދީނާއިމެދު ތަނެއްދޮރު ނުދަންނަ ނޫސްވެރިންތަށް، އެމީހުންގެ ގަލަމުގެ ދެލި މައިތިރި ނުކުރެވިގެން އުޅުނުކަމެކެވެ.

ސުވާލަކީ މިއީ ދީނާއި ޤައުމަށް ލޯބިކުރާ އަދުލުވެރި ބަޔެއް ތޯއެވެ؟ ނުވަތަ ތިމާމެންގެ ނޫސް މަޝްހޫރުކުރުމާއި ދެއްކުންތެރިކަމަށް މަސައްކަތްކުރާ ލާދީނީ ބަޔެއް ތޯއެވެ؟ ނުވަތަ ސިޔާސީ ކޮންމެވެސް މަޤްސަދެއް ހާސިލުކުރުމަށް މަސައްކަތްކުރާ ބަޔެއްތޯއެވެ؟ ނުވަތަ އިސްލާމުދީނުގެ އަދުއްވުންގެ ދަލުގައި ޖެހި ސަލާމަތް ނުވެވިގެންއުޅޭ ބަޔެއްތޯއެވެ؟ މިބައިމީހުން 'މިޖާރިޔާގ'ެ މައްސަލާގައި އަމަލުކުރަމުން އައިގޮތަށް ބަލައި ދިރާސާކޮއްލުމުން މި ސުވާލުތަކުގެ ޖަވާބު ލިބިދާނެއެވެ.
ރަތްކުލައިން ހައިލައިޓްކޮށް ޖާރިޔާގެ ވާހަކަ ސުރުހީގައި ޖެހުމަށްފަހު، ދެން ޖަހަނީ މޫނުބުރުގާއެޅި ކޮންމެވެސް މީހެއްގެ ފޮޓޯއެކެވެ. ނުވަތަ ތުބުޅިލީ މީހެއްގެ ފޮޓޯއެކެވެ. ނުވަތަ އެހެން ކޮންމެވެސް ދީނީ ޝިއާރެކެވެ. ލިޔެވިފައި ހުންނަނީ ތިމާގެ ހިތުގައި ދީނަށްކުރާ ނަފުރަތުގެ ވާހަކައެވެ. އަރަބިން އަންޑަވެޔަރ ނުލާވާހަކައާއި، ޖަމަލުގައި ދަތުރުކުރި ވާހަކައެވެ. މިކަމާގުޅިގެން ނޫސްކޮންފަރެންސެއް ބާވައިފިނަމަ އުޅެނީ ދީނަށްޓަކައި މަސައްކަތްކުރާ ކޮންމެވެސް ޝޭޚަކަށް ހަޖޫޖެހުމަށެވެ. ނުވަތަ ދީނީ ވުޒާރާއެއް ބަދުނާމު ކުރާށެވެ. އަދި އެންމެ ހިތާމަކުރަންޖެހޭ ކަމަކީ ދައްކަންޖެހޭ އަސްލުވާހަކަ ދައްކަން ހަނދާންނެތިފައިވާތީއެވެ. ޖާރިޔާއަކީ ކޮބާކަން ބުނެއެއް ނުދެއެވެ. އެފަދަ ނުބައި އަމަލެއް ހިންގާފައިވާނަމަ އެކަމެއްކުރީ ކާކުކަމެއް އަންގައެއް ނުދެއެވެ. އެއީ ކިހިނެއް ކޮންގޮތަކުން ހިނގާފައިވާ ކަމެއްކަން ހާމަކޮށެއް ނުދެއެވެ. އެންމެ ގާތަކަށްވެސް ލިޔެވިފައި ހުންނަނީ "މީހަކު ބުންޔޭ...13 އަހަރުގެ ކުއްޖެކޭ...އަޅެކޭ...ޖާރިޔާއެކޭ...ކަށަވަރޭ...ކަށަވަރޭ.." މިފަދަ ވާހަކަތަކެކެވެ. ހެއްކެއް ގަރީނާއެއް ނުދައްކައެވެ.

އާއެކެވެ. ކަމެއް ނުހިގާނަމަ ދައްކާނެ ހެއްކެއް ގަރީނާއެއް ނުވެސް އޮންނާނެއެވެ. ކަމުގެ ޙަޤީޤަތް ހާމަވިއިރު އެއީ ކައިވެނިކޮށްގެން އުޅުނު ދެމަފިރިންގެ ވާހަކައެކެވެ. 12 ނުވަތަ 13 އަހަރުކަމަށް ބުނި 'ޖާރިޔާއަކީ' މިހާރު 18އަހަރު ވެފައިވާ ކުއްޖެކެވެ. މީހެއްޤެ އަތްބެކެވެ. ހިތާމައަކީ ކަމުގެ ހަޤީޤަތް ސާބިތުވެ، އެއީ ކިހިނެއް ހިނގިކަމެއްކަން އެނގުމުން، 'ފޯރިނަގާފައި' އުޅުނު ނޫސްވެރިންތަކާއި އިންސާނީ ޙައްޤަށް މަސައްކަތްކުރާ ޖަމާއަތްތައް 'ފިލާފައި' ވާތީއެވެ. އެހިސާބުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުގެ ލޯތައް ކަނުވިފަދައެވެ. ދޫތަށް ބުރިވިފަދައެވެ. ނޫސްވެރިންގެ ޤަލަމުގެ ދެލިތަށް ހިކުނުފަދައެވެ. ކުޑަމިނުން ތިމަންނަމެންނަށް ދެއްކުނީ ޙަޤީޤަތެއް ނެތް ވާހަކައެކޭ ބުނާކަށްވެސް އެބޭފުޅުންގެ 'ތެދުވެރިކަން' ތަނެއް ނުދިނެވެ. ކުރެވުނު ތުހުމަތުތަކަށް އިތުބާރުހުރި ހެއްކެއް ދައްކައި ސާބިތު ނުކުރެވިގެން އުޅުނުއިރަކު މިބޭފުޅުން ހީވަނީ އެހެން ކަމެއްވެގެން އުޅޭބަޔެއް ހެނެވެ. "ޖާރިޔާ ކަށަވަރު ވެއްޖެ....ޖާރިޔާ ކަށަވަރުވެއްޖެ..." މިހެން ގޮވާއިރަކު ހީވަނީ ދުނިޔޭގައި އަލަށް ކަމެއްހިނގައިގެން އުޅޭހެނެވެ. ޙަޤީޤަތް ހާމަވެ ސާބިތުވުމުން، ތެދުހަދަން ލަދުގަތެވެ. ރައްތިޔުންނަށް ކަމުގެ އަސްލު އޮޅުންފިލުވައި ދިނުމަށް ފަސްޖެހުނެވެ. މިއީ އިންސާނީ ޙައްޤު ދިފާއުކުރަން އުޅޭ ބަޔެއްބާވައެވެ؟ މިއީ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދޭން އުޅޭބަޔެއްބާވައެވެ؟ އަބުރާ ބެހުމުގެ ކުށަކީ މަދަނީ ކުށަކަށް ހަދަން އެބޭފުޅުން އެ ގޮވަނީ މަފަދަކަންތައްތައް ނުކުރޭވޭތީ ކަމައް ވެދާނެއެވެ.

އެހިސާބުން އެ ނިސްބަތްކުރި އަންހެން ކުއްޖާގެ ޙައްޤަކީ ކޮބައިތޯއެވެ؟ އެކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުންތައް ކޮބައިތޯއެވެ؟ އެކުއްޖާގެ މައްޗަށް ކުރި ޒިނޭގެ ތުހުމަތުތައް ކޮބައިތޯއެވެ؟ މިއީ ދިވެހި ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ބަޔަކު ކައިވެނި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ވީމާ، ޒިނޭނުކުރާ އަންހެން ކުއްޖެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ކުޑަ ޖަރީމާއެއް ނޫނެވެ.

އާއެކެވެ. މިއީކީ އަޅުގަނޑަކާ ބެހޭކަމެއް ނޫނެވެ. ނަމަވެސް، އެވިދާޅުވާ އިންސާނީ ޙައްޤަކީ މިއީތޯއެވެ؟ އެވިދާޅުވާ މިނިވަން ނޫސްވެރިކަމަކީ މިއީތޯއެވެ؟ ކަންކަމުގެ ޙަޤީޤަތް އޮޅުވާލުންތޯއެވެ؟ ވަރުވަރުން ޒިނޭކުރާ ކުދިން އެތިބީ ތިބިތާނގައެވެ. ވަރުވަރުން ޅަ އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަ މީހުނާ ފިރިހެން ކުދިންނާއެކު ޖިންސީގުޅުން ހިންގާމީހުން އެތިބީ ތިބިތާނގައެވެ. އައި ޖީ އެމް އެޗްގެ ރިޕޯޓްތަށް ދައްކާގޮތުން މިއަހަރުގެ މިހާހިސާބައް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައިވެއެވެ. އެކަންތަށް ތަހުގީގު ނުކުރެވެންވީ ކީއްވެތޯއެވެ؟ އިންޑިޔާގައާއި ލަންކާގެ ހޮސްޕިޓަލް ތަކުގައި 18 އަހަރު ނުފުރޭ ނުވަތަ ކައިވެނި ނުކޮށް ނަހަލާލަށް ބަލިވެއިދެފައިވާ ދިވެހި އެތަށް އަންހެން ކުދިންނެއް އެބޯޝަން ހެއްދުމަށް ގޮސްތިބިކަން އެފަދަ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެއިޑްސްގެ ވަބާގައި ޖެހިފައިވާ ފިރިހެނަކު އެތަކެއް އަންހެން ކުދިންނަކާއިއެކު ޖިންސީގުޅުން ހިންގަމުން ގޮސްފައިވާކަން ހަމަ މިބޭފުޅުންނަށް އެނގިނުލައްވަނީ ތޯއެވެ؟ ނަމަވެސް އެހުރިހާކަމެއް އެހެން އޮއްވައި ބޮޑުވެގެން މި އުޅުނީ ކައިވެނި ކޮއްގެން އުޅުނު ބަޔަކާ ހެދިއެވެ. ހީވާގޮތުން މައްސަލައަކަށްވަނީ ކައިވެނި ކުރީމައެވެ. ކައިވެނި ނުކޮށް ކޮންމެކަމެއް ކުރިއަސް އެންމެ ރަނގަޅެވެ.

އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑު މިދަންނަވަން އުޅޭވާހަކަ އޮޅުވައި ނުލާށެވެ. ކައިވެނި ކުރުމަކާނުލައި ޖާރިޔާއިންގެ ނަމުގައި ކުދިން ގެންގުޅޭނަމަ އެކަން ކުށްވެރި ކުރެވެންޖެހޭނެއެވެ. އަޅުގަނޑުވެސް އެކަމާ އެއްބަހެވެ. ނަމަވެސް އެހިސާބުން ނިންމައި ނުލާށެވެ. ޖާރިޔާއިންގެ ނަމުގައި ނޫނަސް ކައިވެނިން ބޭރުގައި ހިންގޭ ޖިންސީގުޅުންތަށް ކުއްވެރި ކުރެވެން ޖެހޭނެއެވެ. އަނބިމީހާގެ އިތުރުން ސައިޑް ބިޓުންތައް ގެންގުޅޭމީހުން ކޮބާތޯއެވެ؟ އެ އަނބިމީހާގެ ޙައްޤެއް ނެތީތޯއެވެ؟ ނަހަލާލަށް ބަލިވެއިންނަ ދިވެހި އަންހެން ކުދިންތައް ކޮބާތޯއެވެ؟ ކަށަވަރުންވެސް 85 ކުދިން އައިޖީއެމް އެޗުން ހާމަކޮއްފައިވާއިރު، ފޯރިނަގާފައި އުޅެންވާނީ އެންމެ ކުއްޖެއްގެ ކަމަކާ އެކަންޏެއް ނޫނެވެ. އެހެން ނޫންތޯއެވެ؟ ހުރިހާ ކުދިންގެ މައްސަލަވެސް ބެލެންޖެހޭނެއެވެ. ޒިންމާވާ ފަރާތްތަކަށް އަދަބުވެސް ދެވެންޖެހޭނެއެވެ.

ނަމަވެސް މިފަހަރު މިބޭފުޅުން މިއުޅެގަތީކީ ރަނގަޅު ވިސްނުމެއްގައެއް ނޫނެވެ. މިކަމުގައިވަނީ މުޅިން އެހެން މަޤްސަދެއްކަން މިބޭފުޅުންގެ އަމަލުތައް ހުރިގޮތުން އެނގެއެވެ. ހިއްތަކަށް 'ރަހުމު' ވަދެގެން އެއުޅެނީ އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނާތީކީ ނޫނެވެ. ނުވަތަ އެހާ ކޮންބޮޑުކަމެއް އެފާޅުކުރަނީ ޤައުމުގައި ބޮޑެތި ޖަރީމާތަކާއި ބަދުއަޚްލާޤީ އަމަލުތަށް ކުރާމީހުން ގިނަވާތީއަކީ ނޫނެވެ. ވީމާ މިފަހަރު މިމައްސަލާގައި ޖަރީމާ ހިންގީ 'ޖާރިޔާ ގެންގުޅުނު މީހާ'އެއް ނޫނެވެ. ޖަރީމާ ހިންގި ބަޔަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ 'މަޖުނޫނުންނެވެ'. ބުލޮގުތައް ހިންގާ 'ހީލަތްތެރިންނެވެ'. ނޫސްވެރިކަމުގައި އުޅޭ ދީނުގެ އަގީދާ ބަލިކަށިވެފައިވާ 'ޅޮހުންނެވެ'.

އިތުރަށް ވިދާޅުވުމަށް....

ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!

>> 24.11.09

މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރިން ކުޑަ ވާހަކައެއް ދަންނަވާލާނަމެވެ. މާތްކަލާނގެ ކަލާމްފުޅު ކަމުގައި ޔަހޫދީންނާއި ނަސާރާއިން ދައުވާކުރަމުންދާ 'ބައިބުލް' އަކީ އެބައިމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ބަދަލުކުރެވިފައިވާ ފޮތެއްކަމުގައި އަޅުގަނޑުވެސް ކުޑައިރުއްސުރެ އަހަމުއެވެ. ނަމަވެސް އެއީކީ އަޅުގަނޑަކާ ބެހޭކަމެއް ކަމަކަށް ނުހަދަމެވެ. އަދި އެކަމަކަށް ސަމާލުކަމެއް ވެސް ނުދެމެވެ. ދުވަސްތަށް ފާއިތުވަމުންގޮސް، ކުރިސްޓިއަންދީނަކީ ޙައްޤު ދީނެއްތޯ ނުވަތަ ނޫންތޯ ބަލަން އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް މަޖުބޫރު ކުރުވާފިއެވެ. އެއީ އަވައްޓެރި ލަންކާގައި އަޅުގަނޑު ކިޔަވަން އުޅެނިކޮށެވެ. ކޮލެޖުގައި އުޅުނު ނަސާރާދީނުގެ ކުއްޖަކު އެދީނުގެ ދައުވަތު އަޅުގަނޑަށް ދިނުމާހަމައިންނެވެ.

އޭނާގެ ބޮޑުދައްތައަކީ ރާއްޖޭގައި 20 އަހަރަށްވުރެ ގިނަދުވަހު ކުރިސްޓިއަން ދީނުގެ ދައުވަތު ދިނުމަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއްކަމުގައި އޭނާ ބުންޔެވެ. ކޮންމެއަކަސް މީނާގެ ދައުވަތުގެ ސަބަބުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ އުދަގުލެއް ކުރިމަތި ވިއެވެ. ސަބަބަކީ އަޅުގަނޑަށް އޮތީ 2 ގޮތުންކުރެ 1 ގޮތެވެ. އެއީ އޭނާގެ ކިބައިން 'ރެކި'ގަތުމެވެ. ނުވަތަ އޭނާގެބަސް ޤަބޫލުކުރުމެވެ. އޭނާއަކީ 'ކުލާސްމޭޓް'އަކަށްވުމުން ރެކިގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އޭނާ ބުނާބަހުގެ ޙަޤީޤަތް ނުބަލާ އެބަސް ޤަބޫލުކުރާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ކުރިސްޓިއަންދީނަކީ ކޮބައިތޯ ބަލަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އޭގެފަހުން އަހަރެންގެ ކިބައިން ރެކެން މަސަތްކަތްކުރީ އޭނާއެވެ. އެވާހަކައިގެ ތަފްސީލު އެހެން ލިޔުމެއްގައި ﷲ އިރާދަކުރެއްވިއްޔާ ގެންނާނެމެވެ. ކޮންމެއަކަސް މައުޟޫއާއިގެން ކުރިޔަށްދާނަމެވެ.

ނަސާރާއިން މާތްކަލާނގެ ކަލާމްފުޅުކަމުގައި ދައުވާކުރާ ބައިބުލްއާއިމެދު އަޅުގަނޑު ކުރި ދިރާސާތަކުން އެންމެ ފުރަތަމަ ސާބިތުވީ ކަމަކީ، ބައިބުލްއަކީ ޙަޤީޤަތުވެސް ބަދަލުކުރެވިފައިވާ ފޮތެއްކަމެވެ. އެއީކީ ހަމައެކަނި މުސްލިމުން ޤަބޫލުކުރާ ގޮތެއް ނޫންކަންވެސް ސާބިތުވިއެވެ. އަދި ކިއެއް އެއީ ކުރިސްޓިއަންދީނުގެ ޢިލްމުވެރިންވެސް ޤަބޫލުކުރާ ކަމެކެވެ. ޢީސާއަލަހި ސަލާމް ވާހަކަފުޅު ދެއްކެވި އަސްލު ބަހަކީ ހިބުރޫ ބަސް ކަމުގައި ވާއިރު، ހިބުރޫ ބަހުން ނިއު ޓެސްޓްމެންޓްގެ އަސްލު ފަތްފޮތްތަށް ފެންނާކަށް ނެތެވެ. މިއަދު ނިއުޓެސްޓްމެންޓްގެ އަސްލުފަތްފޮތްތަށް ކަމުގައިބުނާ ފޮަތްތަށް ފެންނަންހުރީ ގުރީކް ބަހުންނެވެ. އަދި އެފޮތްތަށް ލިޔެވިފައިވަނީ އެކަނލޭގެފާނު އުޑަށް އުފުއްލެވިތާ އެތަށް އަހަރެއްވީފަހުންނެވެ. އެޔައްފަހު އެފޮތްތަކަށް ނަންދެވިފައިވަނީ އެހެން ބަޔަކަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައެވެ. މިސާލަކަށް 'ގޮސްޕެލް އޮފް ލޫކް' ނުވަތަ ލޫކްގެ ގޮސްޕެލް އަދި 'ގޮސްޕެލް އޮފް ޖޯން' ޖޯންގެ ގޮސްޕެލް މިފަދަ ގޮތަކަށެވެ. 'ގޮސްޕެލް އޮފް ޖީސަސް' ނުވަތަ އީސާގެފާނުގެ އިންޖީލު މިހެންނެއް ނޫނެވެ. މިއީވެސް އަޖައިބެކެވެ. އެއީ ޢީސާ އަލަހި ސަލާމްގެ މައްޗަށް ބާވާލެއްވުނު ފޮތެކެވެ. އެހެންނަމަވެސް، އެކަލޭގެފާނު ވާހަކަފުޅު ދެއްކެވި ބަހުން އެފޮތުގެ އަސްލު ފެންނާކަށް ނެތެވެ. އަދި އަދި އެފޮތުގެ ނަންވެސް ދެވިފައިވަނީ އެހެން މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ގޮތަށެވެ.
ބައިބުލްގެ 'އޯލްޑް ޓެސްޓެމެންޓް' އަކާ 'ނިއު ޓެސްޓްމެންޓް' އެއް ވެއެވެ. އޯލްޑް ޓެސްޓްމެންޓްގައި ވަނީ ޢީސާ އަލައިހިސަލާމްގެ ކުރިން ޔަހޫދީންގެ ގާތަށް ވަޑައިގެންނެވި ރަސޫލުންގެ ވާހަކަފުޅުތަކެވެ. ނިއުޓެސްޓްމެންޓްއަކީ ޢީސާ އަލަހިސަލާމްގެ ވާހަކަފުޅުތަށް ބަޔާންކުރެވިފައިވާ ފޮތްތަކެވެ. މި ދެ ޓެސްޓްމެންޓްއާމެދުވެސް ނަސާރާ ދީނުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައި ވެއެވެ. ބައިބުލްގެ ބަޔެއް ފޮތްތަކަކީ މާތްކަލާނގެ ކަލާމްފުޅުކަމުގައި ނަސާރާ ދީނުގެ ބަޔެއް ޢިލްމުވެރިން ޤަބޫލުކުރާއިރު، އަނެއްބައި ޢިލްމުވެރިން އެފޮތްތަކަކީ ސާބިތު ނުވާ ފޮތްތަކެއް ކަމުގައި ބުނަމުން ދެއެވެ.

މިސާލަކަށް، ކެތޮލިކު ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާ ގޮތުގައި، މުޅި ބައިބުލްގައި 73 ފޮތް ވެއެވެ. އެއީ އޯލްޑް ޓެސްޓްމެންޓްގެ 43 ފޮތާ ނިއުޓެސްޓްމެންޓްގެ 27 ފޮތެވެ. އެހެންނަމަވެސް ޕްރޮޓެސްޓެންޓް ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާގޮތުގައި މުޅި ޖުމްލަ ބައިބުލްގައިވަނީ 66 ފޮތެވެ. އެއީ އޯލްޑް ޓެސްޓެމެންޓްގެ 39 ފޮތާ، ނިއު ޓެސްޓެމެންޓްގެ 27 ފޮތެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ކެތޮލިކު ނަސާރާއިން ޤަބޫލުކުރާ އިތުރު 7 ފޮތަކީ އެއީ އެ ފޮތްތަކާމެދު ޝައްކުހުރި ފޮތްތަކެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، އެއީ އިލާހީ ވަހީބަސްފުޅުކަން ސާބިތުކުރެވެން ނެތް ފޮތްތަކެވެ. އެޔަށްވުރެވެސް ސާފު އިބާރާތުން ދަންނަވާނަމަ އެއީ ހަދާފައިވާ ފޮތްތަކެވެ.

އަދި މީގެއިތުރުން މި ދެޓެސްޓްމެންޓްގައިވެސް އެކިކަހަލަ ކުށާއި، އެއް އާޔަތާއި އަނެއް އާޔަތް ފުށޫ އަރާ އެތަށް ތަނެއް ވެއެވެ. ލިޔުން ކުރުކޮށްލުމުގެ ގޮތުން އެހުރިހާ ތަފްސީލަކަށް ނުގޮސް މައުޟޫއާއިގެން ކުރިޔަށް ދާނަމެވެ.
މި ފަހުގެ ތާރީޚެއްގައި ބައިބުލްއަށް އެންމެ ބޮޑު ބަދަލެއްގެނެސްފައިވަނީ 1973 ގައި ޝާއިއުކުރި 'ނިއު އިންޓަނޭޝަނަލް ވާޝަން' ގައެވެ. މިބައިބުލްގެ އިމްލާ ކުށްތަށް ރަގަނޅުކުރުމަށްފަހު ރަސްމީކޮށް ޝާއިއުކޮށްފައިވަނީ 1978 ގައެވެ. އަދި އޭގެފަހުން 1983ގައިވެސް ރިވައިޒްޑް ކުރެވިފައި ވެއެވެ. އަދި މިއަހަރު، 2009 ވަރަ އަރުގެ ސެޕްޓެންބަރ މަހުގައިވެސް މި ބައިބުލް ރިވައިޒްޑް ކުރެވިފައި ވެއެވެ. މި ބައިބުލް ވުޖޫދަށް ގެނައުމަށްޓަކައި، ނަސާރާއިންގެ ތަފާތު 20 ޑިނޯމިނޭޝަނަކުން (އަޤީދާގައި ކުދި ނުވަތަ ބޮޑެތި ތަފާތުތަށް ހުރި ނަސާރާއިންގެ 20 ޤުރޫޕަކުން) ބައިވެރިވެފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެގިން ނަސާރާއިންގެ ޢިލްމުވެރިން ބައިވެރިވެފައި ވެއެވެ. މުރާޖައާކުރުމަށް މައިގަޑު 15 ޢިލްމުވެރިންގެ ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ.

ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ މި ނިޔު އިންޓަނޭޝަނަލް ވާޝަން ވުޖޫދަށްއައި އިރު، ކުރީގެ މަޝްހޫރު ބައިބުލްގެ ވާޝަންތަކުގައިވާ 17 އާތަށް ވަނީ އެއްކޮށް ފުހެލެވިފައެވެ. ފުހެލެވުނު ސަބަބެއްކަމަށް ބައިބުލްގެ ޢިލްމުވެރިން ވިދާޅުވަނީ، ގުރީކުބަހުން ހުރި ބައިބުލްގެ އަސްލު ފަތްފޮތްތަކުން، އެ އާޔަތްތައް ސާބިތުވާން ނެތުމެވެ. (އޭގެ މާނައަކީ އެއާޔަތަކީ ހަދައި އިތުރުކޮށްފައިވާ އާޔަތެކެވެ.) މި ފުހެލެވުނު 17 އާޔަތުގެ ތެރޭގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ބައިބުލްގެ ބަޔެއް ކަމުގައިވާ ގޮސްޕެލް އޮފް ލޫކްގެ 2 އާޔަތް ވެއެވެ. އެއީ ލޫކާސް 17ވަނ ބައިގެ 36ވަނަ އާޔަތާ، ލޫކާސް 23ވަނަ ބައިގެ 17ވަނަ އާޔަތެވެ. މިސާލަކަށް (އެތަރުޖަމާ ކިޔުމުގެ ފުރުސަތު ލިބިއްޖެނަމަ) ލޫކާސްގެ ދިވެހި ތަރުޖަމާގެ، 17ވަނަ ބައިގެ 36ވަނަ އާޔަތް ފެނިލައްވާތޯ ބައްލަވާށެވެ. ނުފެންނާނެއެވެ. 35ވަނަ އާޔަތާ ޖެހިގެން އިންނާނީ 37ވަނަ އާޔަތެވެ. އެއީ ނިއުއިންޓަނޭޝަނަލް ވާޝަންގައިވެސް ވާގޮތަށެވެ. އެހެން ނަމަވެސް އެއީ އޭގެއަސްލު ފެންނަންނެތް ހަދާފައިވާ އާޔަތްތަކެއް ކަމުގައި ބުނެ ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައިވާ ލޫކަސް 23ވަނަ ބައިގެ 17 ވަނަ އާޔަތް ދިވެހިތަރުޖަމާގައި ހިމަނާފައި ވެއެވެ. ނިއު އިންޓަނޭޝަނަލް ވާޝަން ނެރުއްވި ބައިބުލްގެ ޢިލްމުވެރިން އެއާޔަށް ފުހެލާފައިވާއިރު ދިވެހިބަހަށް ކުރެވުނު ތަރުޖަމާގައި އެފަދަ ސާބިތު ނުވާ އާޔަތެއް ހިމެނީ ކީވެގެންބާއޭ ހިތަށް އަރާފާނެއެވެ؟ ޖަވާބު އިގިލައްވާނީ ހަމަ އެތަރުޖަމާ އެކުލަވާލެއްވި ބަޔަކަށެވެ.

މިތާނގައި ލޫކަސްގެ ދިވެހި ތަރުޖަމާގެ ވާހަކަ މިގެނައީ ވަކިބަޔަކާ ޖައްސާލުމުގެ ނިޔަތަކު ނޫނެވެ. މަޤްޞަދަކީ ނަސާރާއިންނާއި މުސްލިމުންނަށްވެސް، މި ބަދަލުތަކުގެ މަޢުލޫމާތު ދިނުމެވެ. ސަބަބަކީ ނަސާރާދީން ފަތުރާ ގިނަމީހުންނަށްވެސް މި ބަދަލުތަކުގެ ޙަޤީޤަތް ނޭންގެއެވެ. އަދި އެގުނުކަމުގައިވިއަސް އެހެންމީހުނަށް އޮޅުވާލައެވެ. އެހެންކަމުން ނޭންގިތިބެ ނަސާރާދީން ފަތުރާ މީހުންގެ މަޅީގައި ވަރަށްގިނަ ދިވެހިން ޖެހެމުންދެއެވެ. ޙަޤީޤަތަކީ، މާތްރަސްކަލާނގެ ބަސްފުޅުތަކަކީ އެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން އޮވެފައި، އަނެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން ނެތުން ނޫންކަން، ކިރިޔާވެސް ބުއްދިއެއްހުރި (ކަމުގެ ދެކޮޅުބަލާ) އިންސާނަކަށް އެގެންވާނެއެވެ. އެގޮތަށް އެއްދުވަހު އިތުރުކޮށްފައި އަނެއްދުވަހު ފުހެލުމުން ދޭހަވަނީ އެއީ މާތްރަސްކަލާނގެ ފުރިހަމަ ކަލާމްފުޅެއް ނޫންކަމެވެ. މީހުން ހަދާފައިވާ އެއްޗެހިކަމެވެ.

އިތުރަށް ވިދާޅުވުމަށް....

ތާރީޚީގޮތުން ޤައުމުތަކުގައި ރާވިއްކުން ހުއްދަކުރެވިފައިވާ ގޮތް

>> 23.11.09

ރަލަކީ އިންސާނާއަށް ގެއްލުން ދޭއެއްޗެއްކަމީ އެއްވެސް އިންސާނަކު ދެބަސްވާކަމެއް ނޫނެވެ. އެއީ އެއްއިރެއްގައިވެސް އަބުރުވެރިން ކޮއްއުޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުންލިބޭ ވަގުތީ ފައިދާއަށްވުރެ އެކަމުންލިބޭ ދާއިމީ ގެއްކުން ބޮޑުކަމެވެ. އަދި ފަރުދީ ގެއްލުން ތަކުގެ އިތުރުން އެކަމަކީ މުޖުތަމައުގައި ފާހިޝްއަމަލުތަކަށް މަގުފައި ކޮއްދޭ ވަސީލަތެކެވެ. ތަޅާފޮޅުމަށް މަގުފައިކޮއްފޭ ނުބައި ހަތިޔާރެކެވެ. އަމަން އަމާންކަން ގެއްލުވާލާ ވަބާއެކެވެ. އެހެންކަމުން އެކަމުން ލިބޭ ފަރުދީ ގެއްލުމުގެ އިތުރުން އެކަމަކީ މުޅިޤައުމަށްވެސް ހުރި ބޮޑު ވަބާއެކެވެ.

އެމެރިކާގައި ކޮއްފައިވާ ބަޔެއް ސަރވޭތައް ދައްކާގޮތުން އެޤައުމުގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 25000 މީހުން ރާބުއިމާއި ގުޅިގެން ދިމާވާ އެކި ހާދިސާތަކުގައި މަރުވެފައި ވެއެވެ. އެއީ އެވަރެޖުކޮށް ދުވާލަކު 6 މީހުން ނުވަތަ 7 މީހުނެވެ. އަދި މީގެއިތުރުން އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕުކުރެވޭއިރު، އެމެރިކާގެ އެފް ބީ އައި އިން ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން ރޭޕްކޮއްލެވިގެން ރިޕޯޓްކުރެވޭ 60-85% ހާދިސާތަކާއި ގުޅިފައިވަނީ ރާބުއިމެވެ. އެއީ އަންހެން ކުއްޖާ ރާބޮއިގެން ހުރުން ނުވަތަ ރޭޕުކުރާމީހާ ރާބޮއިގެން ހުރުމެވެ. ދެންވެސް ދުނިޔޭގައި ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކުރިމިނަލް ރިޕޯޓްތަކަށް ބަލާލާއިރު، ދައްކުވައި ދެނީ މިފަދަ ނަތީޖާތަކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިން ރާބުއިމާ ޖިންސީހާނިއްކަ މި މައުޟޫގެ މައްޗަށް ދުނިޔޭގެ ތަފާތު 8 ގައުމެއްގައި ހަދާފައިވާ ރިސާޗެއްގެ ރިޕޯޓް 2005ވަނަ އަހަރު ޖެނީވާގައި ނެރިފައި ވެއެވެ. މި ރިޕޯޓްގެ 7 ސަފްހާގައި ބުނެފައިވާގޮތުން 'ގްރޫޕް ސެކްސް' އާއި އެދުން ފުއްދުމުގައި ފުރަގަސްފަރާތް ބޭނުންކުރުމާއި، އެއްޖިއްސުން ގުޅުންހިންގުންފަދަ ނޭދެވޭ ޖިންސީ ގުޅުންތަށް އެޤައުމުތަކުގައި ހިންގާފައިވަނީ ރޯބޮއިގެން ތިބެ ކަމުގައެވެ. ނުވަތަ ކުދިންނަށް ރާދީ މުސްތު ކުރުވައިގެން ކަމުގައެވެ. އަދިވެސް އެ ރިޕޯޓްގެ 8ވަނަ ސަފުހާގައި ބުނެފައިވާ ގޮތުން ރޭޕުކުރުމާއި، އެހެންވެސް ޖިންސީ ގޯނާކުރުންތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން މިފަދަ ކަންކަމާއި އެ ޖަމިއްޔާއިން ކަންބޮޑުވާކަމުގައި އެރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެކި ޖަމިއްޔާތަކުގެ ރިޕޯޓުތަކާއި ސާވޭތައް ރާބުއިމުގެ ނުރައްކާތެރިކަމުގެ ސިގުނަލްތައް މިއަދު ދެމުންދާއިރު، އޭގެމާކުރިން ދުނެޔޭގައިވާ އެންމެހާ ދީންތަކުގައިވެސް އެކަން ވަނީ ގޯސްކަމެއްގެ ގޮތުގައި ބަލާފައެވެ. ދުނިޔޭގެ ވަރަށްގިނަ ދީންތަކުގައި ރަލަކީ އެދީންތަކުގެ އެންމެ ބޮޑު 5 ފާފައިގެ ތެރެއިން 1 ފާފައެވެ. ރާބުއިމާއި އެވިއްކުމަކީވެސް އެ ދީންތަކުގައި މަނާކަމެކެވެ. މިއަދު ރާ އެންމެގިނައިން ބޭނުންކުރަމުންދާ ޔޫރަޕުގެ މައިގަނޑު ދީންކަމުގައިވާ ނަސާރާ ދީނުގައިވެސް އެކަން ކުރުމާއި އެކަން ފެތުރުން ވަނީ މަނާކޮށްފައެވެ. އެމީހުންގެ މުގައްދަސް ފޮތްކަމުގައިވާ ބައިބުލްގައި އައިސްފައި ވެއެވެ. "(ތިޔަބައި މީހުން) ވައިން (ރާ) ބޮއިގެން މަސްތުނުވާށެވެ. (އެހެނީ) އެކަމުގެ ސަބަބުން އެންމެހާ ފާފަތަކަށް (ނުބައިކަންތަކާ ފަސާދައަށް) މަގުފަހި ކޮއްދެއެވެ." (އެފެސިއަންސް 5ވަނަބައި 18ވަނަ ވާސް)
އަދިވެސް އައިސްފައި ވެއެވެ. "ވައިންއަކީ (ރަލަކީ) މަލާމާތްތެރިއެކެވެ. އަދި ބިޔަރަކީ (ރަލަކީ) ތަޅާފޮޅުންތެރިއެކެވެ. (އެބަހީ ރަލަކީ އެފަދަ ކަންކަމަށް މަގުފަހިކުރާ އެއްޗެކެވެ.) ފަހެ އެތަކެތީގެ ސަބަބުން މަގުފުރެދިގެންދާ މީހުންނަކީ ބުއްދިވެރިންނެއްނޫނެވެ." (ޕްރޮވާބްސް 20ވަނަބައި 1ވަނަ ވާސް)

ރާބުއިމަކީ މިފަދަ ގޯސްކަމަކަށްވާއިރު، މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުކަމުގައިވާ އެމެރިކާގައި، 1920– 1933 އަށް ރާ އުފެއްދުމާއި، ރާވިއްކުމާއި ރާބުއިންވެސް މަނާކޮއްފައި ވެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމެއް ކަމުގައިވާ ކެނެޑާގައި 1917 – 1919 އަށް ރާ އުފެއްދުމާއި، ރާބުއިމާ، ރާވިއްކުންވަނީ މަނާކޮއްފައެވެ. އަދިވެސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެކިދުވަސްވަރުމަތިން ރާބުއިމާއި ވިއްކުން މަނާކޮށް އަދި ހުއްދަކުރަމުންވެސް ދެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ދުނިޔޭގެ އެންމެހާ ބޮޑެތި ދީންތަކެއްގައި ހަރާމް ކުރެވިފައިވާ މިފަދަކަމެއް، އަދި ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާ ގޮތުގައި އެބޯ މީހާއަށާއި، އެއާންމުވެފައިވާ މުޖުތަމައަށްވެސް ނުރައްކަލާއި ގެއްލުންދޭ މިފަދަވަބާއެއް، ގިނަ ޤައުމުތަކުގައި މިއަދު ހުއްދަކުރެވި އާންމުވެފައިވަނީ ކޮންސަބަބަކާ ބާވައެވެ؟ ތާރީޚަށްޖެހިލާއިރު، ޤާނޫނީގޮތުން އެކަން ހުއްދަ ކުރެވި، އާންމުންގެ ތެރޭގައި އެކަން އާންމުކުރެވޭ މައިގަޑު 3 ސަބަބެއް ވެއެވެ. އެއީ:

1- އިންސާނުން މާއްދިއްޔަތަށް ބޯލަބާފައިވާލެއް ބޮޑުކަމުން، އެކަމަކީ ގޯސްކަމެއްކަން އެގިތިބެވެސް، އެކަމުން ލިބޭ ވަގުތީ އަރާމަކަށްޓަކައި ނުވަތަ ދުނިޔެވީ ވިޔަފާރީގެ ފައިދާއަކަށްޓަކައި އެކަން ކުރަނީއެވެ. ރާބުއިމަކީ ފާފައެއްކަން އަންގަވާ ކީރިތި ޤުރުއާނުގެ ބަގަރާސޫރަތުގެ 219 މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "... އެދެކަމުގައިމެ (ޖުވާކުޅުމާއި ރަލުގައި) ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." އިންސާނުން މާއްދިއްޔަތަށް ގޮސްފައި ތިބޭވަރުން، އޭގައިވާ ގެއްލުމުގެމަތިން ހަދާން ނައްތާލަނީއެވެ. ވިސްނެނީ ހަމައެކަނި އޭގައި އެކުލެވޭ ދުނިޔެވީ ފައިދާގެ މަތިންނެވެ.

2- ދީނާއި ސިޔާސަތާ ވަކިކޮއްލުން ނުވަތަ ދީނާއި ދިރިއުޅުމާ ވަކިކޮށްލުން. އޭގެސަބަބުން އިންސާނުން ރޫހާނިއްޔަތުގެ މަތިން ހަދާންނެތި، ހަމައެކަނި މާއްދިއްޔަތަށް ބޯލަބަންފެށިއެވެ. އެހިސާބުން އިންސާނާ މަރުމަތިން ހަދާން ނެތެއެވެ. ކުރިން މިދެންނެވި ދުނިޔެވީ ފައިދާ ހާޞިލްކުރުމައްޓަކައި ވަގުތީ އަރާމަކަށްޓަކައި އެކަން ކުރަނީއެވެ.

3- އޭގެއިތުރުން ތާރީޚު ހެކިދޭ އެންމެބޮޑު އެއްސަބަބަކީ ވެރިންގެތެރޭގައި އެކަން ކުރަންބޭނުންވާ ބޭފުޅުން އުޅުއްވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވެރިންގެ ތެރޭގައި އަބަދު ހަމާގައި ތިބެން ބޭނުންނުވާ ބޭފުޅުން އުޅުމެވެ. އެހެންކަމުން އެކި ދީންތަކަށް ނިސްބަތްވާ އެކި ޤައުމުތަކުގެވެރިން، އެބޭފުޅުން ނުވަތަ އެބޭފުޅުންގެ އަރިހުގައި އުޅުއްވާ ބޭފުޅުން އެކަންކުރަން ބޭނުންވާތީވެ، ކޮންމެވެސް ނަމެއްގައި ޤާނޫނީގޮތުން އެކަން ހުއްދަކުރަނީއެވެ. މިއީ ރަލުގެ އިތުރުން އެއްޖިއްސުން ގުޅުން ހިންގުންވެސް ޤައުމުތަކުގައި ހުއްދަވީ ގޮތެވެ. އެއްޖިންސުން ގުޅުން ހިންގުމަކިވެސް ދީނީގޮތުން މަނާ އަދި ސިއްޙީގޮތުން އެތަށް ގެއްކުމެއްހުރި ކަމެއްކަން އެނގޭއިރުގައިވެސް އެކަން ހުއްދަކުރެވިފައިވަނީ އެޤައުމުތަކުގެ ޕާލަމެންޓްގައި އެކަން ކުރައްވަން ބޭނުންފުލުވާ ބޭފުޅުން އުޅުއްވުމެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ރިސޯޓް ތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަ ކުރެވުނު ގޮތަށް ބެލިޔަސް، ތާރީޚުން ސާބިތުވާ މިހިރަ ސަބަބުތަށް އެ ހުއްދަކުރެވުނު ސަބަބު ތަކުގެތެރޭގައި ވެއެވެ. އަޅުގަނޑު ހިތުން މިއަދުވެސް ކަންވަމުން މިދަނީ އެފަދަ ގޮތަކަށެވެ. މިއީ އަޅުގަނޑުމެން އެކަމާއި ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ކަންބޮޑުވާންޖެހޭ ކަމެކެވެ.

އިތުރަށް ވިދާޅުވުމަށް....

ރާއްޖޭގައި ރާވިއްކުން އާންމުކުރަން މަސަތްކަތް ކުރާމީހުނަށް -ޑރ. ޒާކިރު ނައިކްގެ ފަރާތުން ނަސޭހަތްކޮޅެއް!

>> 19.11.09


ހުރިހާ ނުބައި ކަމެއްގެ މަންމަ – ރާބުއިން
ވޯޑް ހެލްތު އޮގަނައިޒޭޝަންގެ (ރިޕޯޓްތަށް) ބުނާގޮތުން ކޮންމެ އަހަރަކު އެތައް މިލިޔަން މީހުނެއް ރާބުއިމުގެ ސަބަބުމްމަރުވެއެވެ. މަސައްކަތުގެ ދާއިރާގައި އަޅުގަނޑުގެ އެކުވެރި ޞިއްޙީ ޑޮކްޓަރުން ބުނުއްވަނީ ރާބުއިމަކީ (ނުވަތަ އެކަމަށް ދެވިހިފުމަކީ) މިއަދު އެއީ ބައްޔެއް ކަމުގައެވެ. އެހެންކަމުން ވަކި މިންގަޑެއްގެ ތެރޭގައި ރާބޯ ބަލިމީހުނަށް ބަލިމީހުނަށް އަޅާލާފަދައިން އަޅާލަންޖެހޭނެކަމުގައި އެމީހުންބުނެއެވެ.
ތަރުޖަމާ:ރާބުއިމަކީ އަސްލު ހަޤީޤަތުގައި ބައްޔެއްކަމަށް ވާނަމަ:
ފުޅިއަށް އަޅައިގެން ވިއްކޭ (ވިޔަފާރިކުރެވޭ) ހަމައެކަނި ބައްޔަކީ ރާބުއިމެވެ.
ނޫސްތަކުގަޔާއި، މެގަޒިންތަކުގަޔާއި، ރޭޑިއޯއާއި ޓީވީގެ ޒަރީޔާއިން (ބަލިވުމަށް ގޮވާލައި) އިޝްތިހާރުކުރެވޭ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި (ސަރުކާރުތަކުގެ) ހުއްދަ ލައިސަންސް ލިބިގެން ފަތުރައި އާންމުކުރާ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި އެބައްޔެއް ފަތުރައިގެން ސަރުކާރުގެ ބައިތުލްމާލަށް ފައިދާ އިތުރުކުރާ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި ބޮޑެތި މަގުތަކުގައި އަނިޔާވެރި އެކްސިޑެންޓްތަށް ހިގުމަށް މެދުވެރިވާ ބައްޔަކީވެސް އެއީއެވެ.
އެއީ އާއިލާތަކުގެ ދިރިއުޅުން ހަލާކުކޮށް ބަރުބާދުކޮއްލާ ބައްޔެކެވެ.
އަދި އެއީ އިންސާނުންގެ ތެރޭގައި ޤަތުލުއާމު އާންމުވުމަށް މަގުފަހިކުރާ ބައްޔެކެވެ.
އެއީ ގުޅަބޭހަކުން ފަރުވާނުކުރެވޭ ހަމައެކަނި ބައްޔެވެ.
ނަމަވެސް،
އަހަރުމެންގެ ނެތުމުގެ ތެރެއިން އުފެއްދެވި ކަލާނގެ، އެކަނލާގެ އެންމެ ފަހުން ބާވާލެއްވި ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 90 އާޔަތުގައި އަންގަވަނީ:
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."
އެހެންކަމުން ރާބުއިމަކީ ބައްޔެއް ނޫނެވެ.
އެއީ ޝައިތާނާ ފަހިކޮއްދޭ ޝައިތާނާގެ ޢަމަލެކެވެ. އެހެންކަމުން ރާބުއިމާ ދުރުހެލިވެގަނަންނާށެވެ. އޭރުން ދިންނަވާ ނަސީބުލިބޭ ބަޔަކަށްވާނެއެވެ.

އިތުރަށް ވިދާޅުވުމަށް....

ޔަމަނުގެ އަންހެން ކުއްޖަކު ވެހެއުމުގެ ތެރޭގައި މަރުވުން - އިސްލާމީ ޝަރީޢަތުގެ މައްސަލައެއްބާ؟

ޔަމަނުގެ ޅައަންހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވި ވާހަކަ ދުނިޔޭގެ މަޝްހޫރު ނޫހެއްކަމަށްވާ ސީ އެން އެން ގެ 'ފަލަ' ސުރުޚީގައި 14 ސެޕެޓެމްބަރުވީ ދުވަހުގައި ލިޔެފައި ވެއެވެ. މިލިޔުމުގައި ދުނިޔެއަށް ދީފައިވާ މެސެޖަކީ، އެ އަންހެން ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވުމުގެ ސަބަބަކީ ޅައުމުރުގައި އަންހެން ކުދިން ކައިވެނިކުރުން އިސްލާމީ ޝަރީއަތުގައި ހުއްދަކުރާތީ ކަމުގައެވެ. އެހެންކަމުން ދިވެހި މަޝްހޫރު ނޫސްވެރިޔަކަށް ވެސް މިލިޔުން މާމޮޅު ލިޔުމަކަށްވެގެން އެބޭފުޅާގެ ބުލޮގުގައިވެސް ޝާއިއުކުރިއެވެ.

ނަމަވެސް، ހަޤީގަތަކީ ކޮބައިތޯ ބަލާލަމާ ހިގާށެވެ. ޙަޤީޤަތަކީ އެކުއްޖާ މަރުވުމުގެ އަސްލު ސަބަބަކީ އެކަށީގެންވާ ސިއްޙީފަރުވާ ދެވުނުލެއް ލަސްވުމުން ނެވެ. ނުވަތަ ސިއްޙީ ފަރުވާ ނުދެވުމުން ނެވެ. މިދަންނަވާ އާޓިކަލް ވިސްނައިގެން ކިޔާލި މީހަކަށްވެސް އެކަން އެގޭނެއެވެ. ސިއްޙީފަރުވާ ނުލިބިގެން ވިހެއުމުގެ ތެރޭގައި މަރުވަނީ ޔަމަނުގެ މި އަންހެންކުއްޖާ އެކަންޏެއް ނޫނެވެ. އެއީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެކެވެ. އަޅުގަނޑުމެން ނޫނަކަސް 'ދޮންމީހުން' ވެސް އެކަން ޤަބޫލުކުރެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު އެޗް އޯގެ ދިރާސާތަށް ބުނާގޮތުން މާބަޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ދިމާވާ ކަމެއްގެ ސަބަބުން، ކޮންމެ މިނެޓެއްގެ ތެރޭގައި މަދުވެގެން އަންހެނަކު މަރުވެއެވެ. މާނައަކީ ތިބާއަށް މި ލިޔުން ކިޔާ ނިމެނީ 3 މިނެޓްގެ ތެރޭގައި ކަމުގައިވާނަމަ، ލިޔުން ކިޔާ ނިމުމުގެ ކުރިން މަދުވެގެން 3 އަންހެނުން މާބަޑުވުމުގެ ސަބަބުން ނުވަތަ ވިހެއުމުގެ ތެރޭގައި މަރުން އެކަށީގެންވެއެވެ. އެއީ އަހަރަކު މުދުވެގެން 529000 އަންހެނުން ކަމުގައި އެ ޖަމިއްޔާއިން ބުނެއެވެ. މީގެތެރެއިން %70 މީހުން މަރުވާ މައިގަނޑު 5 ސަބަބެއް ވެއެވެ. އެއީ ލޭ ފޭބުން، އިންފެކްޝަންގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އެބޯޝަން ހެއްދުން، ލޭގެ ޕުރެޝަރު މައްޗައްދިޔުމުގެ ސަބަބުން ސިކުޑިއަށް އޭގެ ގެއްލުންވެގެން، އަދި އާދަޔާހިލާފު ވޭނާ އުނދަގުލުގައި ވިހެއުމެވެ. ބާކީ %30 މީހުންނަކީ، އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމާއި، އެކިސަބަބުތަކާހުރެ އެއްގޮތަކަށްވެސް ސިއްޙީ ފަރުވާ ނުލިބުމުން ދުނިޔެއާއި އަލްވަދާއު ކިޔާ އަންހެނުން ކަމުގައި އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. އަދި މަތީގައި ދެންނެވި މުހިންމު 5 ސަބަބު ދިމާވެގެން މަރުވާ މީހުންވެސް މަރުވާ އެންމެ ބޮޑު އެއްސަބަބަކީ، އެފަދަ ޙާލަތެއް ދިމާވާ ވަގުތުގައި އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމެވެ. މިއީ އަޅުގަނޑުގެ ނުވަތަ މުސްލިމުންގެ ދިރާސާތަށް ބުނާ ގޮތެއް ނޫނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރިޕޯޓުގައި ވާ ނުކުތާތަކެވެ.

ވީމާ ޔަމަނުގެ އަންހެން ކުއްޖާގެ ޙާދިސާއަށް އަދުލުވެރި ނަޒަރަކުން ބަލާލައިފިނަމަ، އެކުއްޖާ ނިޔާވުމުގެ ސަބަބަކީ، ދުނިޔޭގައި އެހެންވެސް ގިނަ މާބަޑު އަންހެނުން މަރުވާ ސަބަބު އެކުއްޖާއާވެސް ކުރިމަތި ވީމައެވެ. އެއީ ސިއްޙީފަރުވާ ލިބެންޖެހުނު ވަގުތު، އެފަރުވާ ލިބުން ލަސްވީމައެވެ. ނުވަތަ ފަރުވާ ނުލިބުނީމައެވެ. މިއީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެކެވެ. އެހެން ނޫންތޯއެވެ؟

މީގެ އިތުރުން މާބަނޑު ދުވަސްވަރުގައާއި ވިހެއުމުގައި މަރުވާ އަންހެނުންގެ ނިސްބަތް މަދުކުރުމަށް އަޅަންޖެހޭނެކަމަށް އެޖަމިއްޔާއަށް ފެންނަ ފިޔަވަޅުތަކުގެ ތެރޭގައި، ޅައުމުރުގައި ކައިވެނި ނުކުރަން ބާރުއަޅާފައެއް ނުވެއެވެ. އެޖަމިއްޔާއިން ހާމަކުރާ ގޮތުގައި، މިގޮތަށް މަރުވުން ކޮންޓްރޯލު ކުރެވޭނެ މައިގަޑު ގޮތްތަކަކީ ދަރިން ހޯދުމުގެ ކުރިން އެކަށީގެންވާ މަޢުލޫމާތު ހޯދުމާއި، ރަގަނޅު ފެމެލީ ޕުލޭނެއް ރޭވިފައި އޮތުމެވެ. އަދި މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައި ލަސްނުކޮށް ސިއްޙީ ފަރުވާ ލިބިގަތުމެވެ. ނުވަތަ ސިއްޙީފަރުވާ ލިބިގަނެވޭނޭ ނިޒާމެއް ޤާއިމް ކޮށްފައި ބެހެއްޓުމެވެ.

ދެން މިފަދަ ގިނަ އަދަދަކަށް އަންހެނުން މި މަރުވަނީ އެއީ ކައިވެނި ކުރާތީ ވާކަމެކޭ ކިޔާފައި ކައިވެނިކުރުން މަނާ ކުރަންވީ ހެއްޔެވެ؟ ނުވަތަ ޖިންސީ ގުޅުން ހިންގުން މަނާ ކުރަންވީ ހެއްޔެވެ؟ ނުވަތަ އެ ދެކަންތަށް ކުރިޔަސް ދަރިން ހޯދުން މަނާކުރަންވީ ހެއްޔެވެ؟ އޭރުން ހަމަ ގައިމުވެސް ދަރިން ހޯދުމުގެ ތެރޭގައި މިހާގިނަ އަންހެނުން މަރެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަން ޖެހެއެވެ. އެކަމެއްގެ ސަބަބުން ނުކުންނަ ގެއްލުމުގެ މިންވަރަކީ ކޮބާތޯ އާއި ފައިދާގެ މިންވަރަކީ ކޮބާތޯ ބަލަން ޖެހެއެވެ. އެގޮތުން ބަލާއިރު ދަރިންވެސް ހޯދަންޖެހެއެވެ. ވީމާ، ވިސްނަންވީ މާބަނޑުވުމުގައްޔާއި ވިހެއުމުގައި އަންހެނުން މަރުވުން ކޮންޓްރޯލު ކުރެވޭނީ ކޮންގޮތަކުންތޯއެވެ.

އާއެކެވެ. ޅައުމުރުގައި މާބަނޑު ވުމަކީ ޒުވާން އުމުރުގައި މާބަޑުވުމަށް ވުރެ އެމީހާއަށް ގެެއްލުން ހުރިކަމެއް ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެކަމުގެ އަނެއް ކޮޅަށްވެސް ބަލަން ޖެހެއެވެ. އިސްލާމީ ޝަރީއަތުގައި މަނާ ކުރާ ކަމެއްގައި، ފައިދާއެއް އެކުލެވިދާނެއެވެ. އަދި ހުއްދަކުރާ ކަމެއްގައި، ގެއްލުންވެސް އެކުލެވިދާނެއެވެ. ސަބަބަކީ، އެކަމެއްގައި ފައިދާ އެކުލެވޭ ކަންތައް މަނާކުރެވުނީ، އެކަމުގައި ހިމެނޭ ފައިދާއަށްވުރެ އެކަމުގެ ގެއްލުން ބޮޑުވީމައެވެ. އަދި އެކަމެއްގައި ގެއްލުން ހިމެނޭކަންތައް ހުއްދަކުރެވެނީ އެކަމުގައިވާ ގެއްލުމަށްވުރެ ފައިދާ ބޮޑުވާތީއެވެ.

މިސާލަކަށް ބަނގުރަލާއި ޖުވާއަށް ބަލާލަމާތޯއެވެ. އެ ދެކަމަކީ ވެސް އިސްލާމް ދީނުގައި ޙަރާމް ދެކަމެވެ. އެކަމަކު އެ ދެކަމުގައިވެސް ފައިދާ އެކުލެވިގެންވާކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އަދި އެ ދެކަންތަށް ޙަރާމް ކުރެވުނު ސަބަބަކީ އެ ދެކަމުގައި ހިމެނޭ ފައިދާއަށް ވުރެ އެކަމުގައިވާ ގެއްލުން ބޮޑުވީމަކަންވެސް ކީރިތި ޤުރުއާނުން ސާބިތުވެއެވެ. ބަގަރާ ސޫރަތުގެ 219 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ. އަދި ހޭދަކުރާންވީ އެއްޗަކާމެދު ވެސް އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހޭދަކުރުންވަނީ ތިމާގެ ބޭނުންތަކަށް ވުރެ އިތުރުވާ އެއްޗަކުންނެވެ. ﷲ އެކަލާނގެ އާޔަތްތައް ތިޔަބައި މީހުންނަށް މިފަދައިން ބަޔާންކޮށް ދެއްވަނީ، ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ."

މި އާޔަތް ނިންމަވާ ލައްވަމުން މާތްﷲ އަޅުގަނޑުމެންނަށް ދީފައި އެވަނީ ވަރަށްވެސް މުހިންމު މެސެޖެކެވެ. ކަމުގެ ދެކޮޅު ބެލުމަށާއި، ކަންތައްތަކާއިމެދު ވިސްނާފިކުރު ކުރުމަށް އެގޮވާލައްވަނީއެވެ. މިގޮތުން އަންހެނުން ޅައުމުރުގައި ކައިވެނިކުރުމުން ނުކުންނާނެ ގެއްލުން ތަކެއް ހުރެދާނެއެވެ. އެހެންކިޔާފައި، އަންހެނުން ޅަފަތުގައި ކައިވެނި ކުރުން މަނާކުރުން އެއީ އެންމެ އިންސާފުވެރި ގޮތް ބާވައެވެ؟ ބުއްދީގެ ހަމަތަކުން ބެލިޔަސް ބުނެވޭނީ ނޫނެކެވެ. ސަބަބަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އެގޭފަދައިން އަންހެނާ ބޮޑުވާ އުމުރު ފުރައަކީ 9 އަހަރާ 15 އަހަރާ ދެމެދު ގައެވެ. މީގެތެރެއިން ކޮންމެ އުމުރެއްގައި އަންހެން ކުއްޖާ ބޮޑުވިކަމުގައިވިއަސް، އެކުއްޖާ ބޮޑުވުމަށްފަހު، 20 އަހަރުގެ އަންހެނުންނަށްވެސް އިހްސާސް ކުރެވޭ އެދުންވެރިކަން، މިދަންނަވާ ކުއްޖާއަށްވެސް ކުރެވެއެވެ. ބަޔެއްފަހަރު އެ އިޙްސާސް ބޮޑުވެސް ވެއެވެ. ނުވަތަ ކުޑަވެސް ވެއެވެ. އެފަދަ ކުއްޖަކަށް، ޖިންސީގޮތުން އެކުއްޖާއަށް ހައްގުވާ އަރާމު ލިބިގަނެވޭނޭ ގޮތެއްވެސް އޮންނަށް ޖެހެއެވެ. ޝަރުޢީގޮތުން ޙަލާލު ގޮތެއްގައެވެ. އަޚްލާގީ ގޮތުން ރަގަޅު ގޮތެއްގައެވެ. އެގޮތަށް އިސްލާމު ދީނުގައި ކިޔަނީ ކައިވެންޏެވެ. ވީމާ އެ އަންހެން ކުއްޖާ ބޭނުންވެގެން ހެޔޮގޮތުގައި ކައިވެނި ކުރުމަކީ އެ އަންހެންކުއްޖާއަށް އިސްލާމު ދީނުގައި ދީފައިވާ ޙައްޤެކެވެ.

މިއީ އިސްލާމީ ޝަރީއަތުގައި ނޫނަސް މަޝްހޫރު ޔޫރަޕުގެ ޤައުމުތަކުގެ ޤާނޫނުތަކުގައިވެސް އަދި ޤާނޫނެއްގައި ނެތަސް ދުނިޔޭގެ އެންމެންވެސް އަމަލުކުރާ މިންގަޑެކެވެ. މިސާލަކަށް ހޮލެންޑްގެ ޤާނޫނު ބުނާގޮތުން 12 އަހަރުގައި އަދި އިޓަލީގެ ގާނޫނު ބުނާގޮތުން 14 އަހަރުގައި ޖިންސީގުޅުން ހިންގިދާނެއެވެ. އެއީ އެކުއްޖާރުހޭނަމަ، ފާޅުގައި ކަމުގައިވިއަސް، ސިއްރުގައި ކަމުގައިވިއަސް، ފުރަގަސް ފަރާތައް ކަމުގައި ވިއަސް، ކިތަންމެ ގިނަމީހުންނަކާ އެކީކަމުގައިވިއަސް، ކޮންމެ އުމުރުފުރައެއްގެ މީހަކާއެކީގައި ކަމުގައި ވިއަސް އެންމެ ރަގަނޅެވެ. ސުބުޙާނަﷲއެވެ. ނިކަން ބައްލަވާށެވެ. މިކަމުގައިވެސް ޙަގީގަތުގައި އިސްލާމް ދީން ވަނީ ކުރިހޯދާފައެވެ. ސަބަބަކީ، ބާލިޣުވާ އަންހެން ކުއްޖާކަމުގައި ވިއަސް ފިރިހެން ކުއްޖާ ކަމުގައިވިއަސް، ޖިންސީގުޅުން ހިންގޭނީ ވަކި މިންގަޑެއްގެ ތެރޭގައެވެ. އެއީ ކައިވެނި ކޮށްގެންނެވެ. އެއީ ސިއްޙީގޮތުން އެންމެ މޮޅުގޮތް ދެނެވޮޑިގެންވާ، އިޖުތިމާއި ގޮތުން އެންމެ މޮޅުގޮތް ދެނެވޮޑިގެންވާ، އަދި ނަފްސާނީ ގޮތުން އިންސާނާއަށް އެންމެ މޮޅުވާނެ ގޮތަކީ ކޮބައިކަން ދެނެވޮޑިގެންވާ ކީރިތިވަންތަ ﷲގެ ޤާނޫނުގައި ވާގޮތުގެ މަތިންނެވެ.

އަޖައިބެކެވެ! ޅަފަތުގައި ކައިވެނި ކުރުމަކީ ތިމާއަށް ޤަބޫލުކުރެވޭ ގޮތުގައި ގެއްލުން ހުރިކަމެއް ކަމުގައިވާނަމަ އެކަން ނުކުރައްވާށެވެ. ކޮންމެ އަންހެންކުއްޖަކު ޅަފަތުގައި ކައިވެނި ކުރުން އިސްލާމް ދީން ވާޖިބެއް ނުކުރެއެވެ. އެމީހަކަށް އެކަން ކުރަން ފެނުމުން، އެކަމުގެ ޝަރުތުތަކާއި، ރުކުންތައް ފުރިހަމަކޮށް އެކަން ކުރަންވީއެވެ. ކުރަން ނުފެންނަންޔާ ނުކުރަންވީ އެވެ. އިސްލާމީ ޝަރީއަތުގައި ތިމާ އެކަން ކުރާކަށް ވާޖިބެއް ނުކުރެއެވެ. ދެން މައްސަލައަކީ ކޮބައިތޯއެވެ؟ އިސްލާމުދީނާމެދު އޮންނަ ޙަސަދަވެރި ކަމެވެ.

ސީ އެން އެން ގެ އާޓިކަލްގައި އިތުރަށް ބުނެފައިވާގޮތުން، ޔަމަނުގައި އަންހެން ކުދިން ޅައުމުރުގައި ކައިވެނި ކުރުމަކީ އާންމު ކަމެކެވެ. އަދި ވަރަށް ގިނަކުދިންނަކީ ގަދަކަމުން ޅައުމުރުގައި ކައިވެނި ކުރުވާ ކުދިންނެވެ. މިއަމަލާ އިސްލާމީ ޝަރީއަތާ ގުޅުވައި އިސްލާމް ދީން ހުތުރު ދީނެއްގެ ގޮތުގައި ދައްކުވަން މަސައްކަތް ކުރެއެވެ. ނަމަވެސް ޙަޤީގަތަކީ ހޯދައި ބަލައިފި މީހަކަށް ވަންހަނާވާނެ އެއްޗެއް ނޫނެވެ. ހަޤީގަތަކީ، ޅައުމުރުގައި ވިއަސް، ޒުވާން އުމުރުގައި ވިއަސް، އަދި މުސްކުޅި އުމުރުގައި ވިއަސް ގަދަކަމުން ކައިވެނި ކުރުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމެވެ. (ބޮޑުވެ ފުރާ ފުރިހަމަވުމަށް ފަހު) ކޮންމެ އުމުރެއްގައި ކަމުގައި ވިއަސް، އިސްލާމްދީން ހުއްދަކުރަނީ ދެފަރާތުގެ ފުރިހަމަ ރުހުމާއިއެކު، ކައިވެނީގެ މަޤްސަދާއި، ބޭނުން އެނގިގެންތިބެ ކުރެވޭ ކައިވެންޏެވެ.

ފަހަރެއްގައި މީހެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. އިސްލާމްދީން ހުއްދަ ނުކުރާނަމަ އެފަދަމުސްލިމު ގައުމުތަކުގައި އެފަދަކަންތަށް ކުރަނީ ކީވެ ބާވައެވެ؟ ޖަވާބަކީ، އަދި ދެނެގަންނަންޖެހޭ ހަޤީގަތަކީ، މުސްލިމުންގެ ދިރިއުޅުމަކީ އިސްލާމުދީން ނޫންކަމެވެ. މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނަށް ކަމެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުންނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމްދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާއި، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ ޙަޤީޤަތް ނުބަލާ ﷲގެ ދީނަށް ފުރައްސާރު ކުރާ މީހުންގެ ކިބާގައެވެ.

ވީމާ ޚުލާސާއަކީ، ޔަމަނުގެ އަންހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވުމަކީ އެއީ އިސްލާމީ ޝަރީއަތުގެ މައްސަލައެއް ނޫނެވެ. އެއީ އެކަށީގެންވާ ފަރުވާ ނުލިބުމުގެ މައްސަލައެކެވެ. އަދި އެކުއްޖާގެ ކައިވެންޏާއިމެދު އެ އާޓިކަލްގައި ބުނެފައިވަނީ ތެދެއްކަމުގައިވާނަމަ (އެކުއްޖާގެ ކައިވެންޏަކީ ގަދަކަމުން ކުރެވިފައިވާ ކައިވެންޏެއްނަމަ) އެއީވެސް އިސްލާމު ދީނުގެ މައްސަލައެއް ނޫނެވެ. އެއީ ބެލެނިވެރިންގެ މައްސަލައެކެވެ. ދުނިޔޭގެ ފަނާދަނިވި އެދުމަކަށްޓަކައި މާތްﷲ އެބެލެނިވެރިންނާއި ހަވާލުކުރި އަމާނާތަށް ޚިޔާނަތްތެރި ވުމެވެ. އެއީ ދީން މަނާކުރާ ކަމެކެވެ. މާތްﷲ އެ އަންހެންކުއްޖާއަށް ސުވަރުގެ މިންވަރުކުރައްވާށިއެވެ!

މި ލިޔުން ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލާހިތްވެއެވެ. އެއީ ޣައިރު މުސްލިމުންގެ މިފަދަ ބުހުތާނު ތަކަށް އަހަރުމެން ހޭލުންތެރިވެ ތިބެން ޖެހޭނެ ވާހަކައެވެ. އެބައިމީހުންނަށް އިސްލާމް ދީނުގެ ހަޤީގަތް އެނގުނުކަމުގައި ވިއަސް ދީނާމެދު އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން، ކަންކަމުގެ ޙަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެއެވެ. އެއީ އަބަދުވެސް އެމީހުންގެ ގޮތެވެ. ވީމާ އިސްލާމްދީނޭކިޔާފައި ކޮންމެފަދަ ވާހަކައެއް ދައްކާކަށް ފަހަކަށް ނުޖެހޭނެއެވެ. ހިތާމައަކީ އެމީހުންނާއި އެއްސަފެއްގައި އަޅުގަނޑުމެންގެ މިދީނަށް ނިސްބަތްވާ މީހުންވެސް ހިނގަން މަސައްކަތްކުރާކަމެވެ. ޣައިރު މުސްލިމުންނެކޭ އެއްގޮތަށް ތިމާ ނިސްބަތްވާ ދީނާމެދު، ތިމާގެ ހިތުގައި ޙަސަދަވެރިކަން އިތުރުކުރާތީއެވެ. ދެން އެމީހުންގެ މިސާލަކީ، ހަނި ވަޅަކަށް އުފަންވާ ބޮކެއް، ތިމާއަށް ހުރިހާތަނެއް ފެންނަކަމަށް ހީކޮށް އަޑުގަދަކޮށް ހަޅޭލަވާހެން، މިމީހުންވެސް ހުރިހާކަމެއް އެނގޭކަމަށް ހެދިގެން ހަޅޭލަވަން ފަށައެވެ. އަދި ތިމާ ހެއްދެވި ﷲއަށް ވެސް ގޮންޖަހާލަން މަސައްކަތް ކުރެއެވެ.

މިގޮތަށް އުޅޭއިރު، ކަމުގެ ދެކޮޅުބެލުމެއް ނޯވެއެވެ. ހަޤީގަތަކީ ކޮބައިތޯ ވިސްނަން މިމީހުންގެ ހިއްވަނީ ގާވެފައި ކަހަލައެވެ. އަމިއްލަ ބުލޮގުގައި ދީން ފަޟީހަތްކުރަން ހުއްޖަތެއްނެތި ވާހަކަތަށް ޝާއިއު ކުރާއިރު، ޔޫރަޕުގެ ޤައުމުތަކުގައި އެތައްހާސް ޅަކުދިންނެއް ރޭޕުކޮށް މަރާލެވޭއިރު، އެވާހަކަތަށް ނުޖައްސަވަނީ ކީވެބާއޭ ހިތަށް އަރައެވެ؟ ޔޫރަޕުގެ ބައެއް ޤައުމުތަކުގައި، ޤާނޫނުތަކުން ހުއްދަލިބިގެން، ޅަ އަންހެން ކުދިން މާބަނޑު ވުމަށްފަހު އެބޯޝަން ހައްދައިގެން، އެތަށް ހާސް ތުއްތު ކުއްޖަކު މަރާލާ ވާހަކަ ނުޖަހަނީ ކީވެގެން ބާވައެވެ؟ ޤާނޫނުން ހުއްދަވީމައި އެއީ މަރަކަށް ނުވަނީ ބާވައެވެ؟
އެކަނލާންގެ ބާލެއްވި ޝަރީއަތަށް ނަފްރަތުކުރާ މީހުންގެ ދެކޮޅުނުޖެހޭކަމާއެވެ. ޙިކްމަތްތެރި ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! އެކަލާނގެ ވަޙީބަސްފުޅުގައި ވާފަދައިން ހޯދައި ބަލައިފި މީހަކަށް ޙައްޤަކީ ކޮބައިކަން އެގޭނެވެ.

މިލިޔުން ކިޔުއްވި ބޭފުޅެއްނަމަ، މި ލިންކު ބައްލަވާލެއްވުމަށްވެސް އެދެމެވެ.
http://www.youtube.com/watch?v=lwessrsEqfA

އިތުރަށް ވިދާޅުވުމަށް....

"ވަޙިގެ މަލާއިކަތާ ޖިބްރީލުގެފާނު އަވަހާރަ ވެއްޖެއެވެ"

>> 18.11.09

އެދުވަސްވަރަކީ އިންޑިއާގައި ނަސާރާދީން ފެތުރުމަށް ވަރަށް ގަދައަޅާ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެކެވެ. މިގޮތުން، ނަސާރާދީން ފަތުރަން މަސައްކަތްކުރާ (މިޝަނަރީ) ގުރޫޕުތަކުން، މުސްލިމުންނަށް އަމާޒުކޮށްވެސް އެތަކެއް ޖަލްސާތަކަކާއި ބައްދަލުވުން ތަކެއް ބޭއްވިއެވެ. މީގެ މިޝަނަރީ ގުރޫޕެއް، މައުލާނާ ސާހިބު (އިންޑިޔާގައި އުޅުއްވި ޢިލްމުވެރިއެއް)ގެ އަރިހަށްވެސް އައެވެ. އަދި އެބޭފުޅާ އާއިއެކު ބައްދަލުވުންތަކެއް ބާއްވައި އެމީހުންގެ ދައުވަތަކީ ކޮބައިކަން ވަރަށް ސާފުކޮށް މައުލާނާ ސާހިބަށް ކިޔާދެއްވިއެވެ.

އެމީހުންގެ ދައުވަތުގެ ޚުލާސާއަކީ، ކަލާނގެ (ނުވަތަ ކަލާނގެ ދަރިކަލުން)، އިންސާނެއްގެ ސޫރައިގައި ދުނިޔެއަށް ވަޑައިގަތެވެ. އެއަށްފަހު އިންސާނެއްގެ ސޫރާގައި ހުރި ކަލާނގެއަށް (ނުވަތަ ކަލާނގެ ދަރިކަލުންނަށް) ކިޔުނީ މަސީހު ޢީސާއެވެ. ކަލާނގެ (ނުވަތަ ކަލާނގެ ދަރިކަލުން) އިންސާނެއްގެ ސޫރާގައި ދުނިޔެއަށް އައުމުގެ މަޤްސަދަކީ ޤުރުބާންވެ މަރުވުމެވެ. ޤުރުބާންވުމުގެ މަޤްސަދަކީ، އެންމެ ފުރަތަމަ އުފަންވެވަޑައިގެންނެވި 2 އިންސާނުންކަމުގައިވާ އާދަމްގެފާނާއި ހައްވާގެފާނަށް ކުރެއްވުނު ފާފައިގެ ސަބަބުން، ދެން ދުނިޔެއަށް އުފަންވި އަދި އުފަންވާނެ އެންމެހާ އިންސާނުންނަށްވެސް އެފާފަ ވާރުތަވެ، އެންމެހައި އިންސާނުން ފާފަވެރިވެފައި ވާތީވެ، އެފާފައިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ކުޅަދުންވަންތަ ކަލާނގެ ދުނިޔެއަށް އިންސާނެއްގެ ސޫރާގައި އައިސް ގުރުބާން ވުމެވެ. މިއީ އެމީހުންގެ ދެމުން އައި ދަޢުވަތުގެ އަސްލެވެ.މައުލާނާ ސާހިބަކީ ބޮޑު ޢިލްމުވެރިއަކަށް ވެފައި ޤުރުއާނާއި ބައިބުލް (ބަދަލު ގެނެސްފައިވާ އިންޖީލު) ވެސް ދެނެލައްވާ ބޭފުޅަކަށް ވުމުން، މިވާހަކަތަށްވީ އެމަނިކުފާނަށް ވަރަށް ޖޯކު، ހެއްވާ އަދި ތާކުންތާކު ނުޖެހޭ ވާހަކަ ތަކަކަށެވެ. އެހެންކަމުން، ރިވެތި ގޮތުގައި، އެބައި މީހުނަށް ރަގަނޅުގޮތަކީ ކޮބައިކަމާ، ޙައްޤު އިލާހަކީ ކޮބާކަމާ، އަދި ޢީސާގެފާނަކީ ޙައްޤު އިލާހު ފޮނުއްވި މަތިވެރި ރުސޫލެއްކަން ބުނެދީ މިބައި މީހުންނަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެބައި މީހުނަށް ވިސްނޭގޮތެއް ނުވިއެވެ. ނުވަތަ ވިސްނާކަށް ބޭނުމެއް ނުވިއެވެ. އަދި އެބައިމީހުންގެ ދެކޮޅުނުޖެހޭ ދަޢުވަތު މައުލާނާ ސާހިބު ޤަބޫލުކުރައްވައިތޯ އެކިކަހަލަ ވާހަކަތަށް ދެއްކުން ގިނަކުރިއެވެ.
ިގޮތަށް ކުރިޔަށް ދިޔަ ބައްދަލުވުމުއްގެ ތެރޭގައި މައުލާނާ ސާހިބުގެ އަރިހުގައި އުޅުއްވާ ނޯކަރު ކުއްޖަކު އައިސް، މައުލާނާސާހިބުގެ ކަންފަތްތޮށުގައި ސިއްރުން އެއްޗެއް ބުނުއްވިއެވެ. އެވަގުތު މައުލާނާ ސާހިބުގެ މޫނުމައްޗަށް ހިތާމަވެރިކަމުގެ ކުލަވަރު އައެވެ. އަދި އެންމެގެ ތެރޭގައި މައުލާނާ ސާހިބު ބާރަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ.
އެވަގުތު އެތާގައި ތިބި ކުރިސްޓިއަން މިޝަނަރީ ގުރޫޕުގެ ބޮޑުމީހާ، ވަރަށް ކަންބޮޑުވެ، ދެރަވެފައިވާހާލު މައުލާނާސާހިބާއި ސުވާލުކުރިއެވެ.

"މައުލާނާ ސާހިބު! އަނެއްކާ ކަމެއް ގޯސްވީތޯ؟ ކޮންފަދަ ހަބަރެއްތޯ އެކުއްޖާ އެގެނައީ؟"

މައުލާނާ ސާހިބު ކީރިތި ކުރައްވަމުން ޖަވާބު ދެއްވިއެވެ. "ދިމާވި ކަންތަށް ވަރަށް ދެރައެވެ... ވަރަށް ހިތާމަވެރިއެވެ... އެކުއްޖާ ގެނައި ޚަބަރަކީ.... ވަޙީގެ މަލާއިކަތާ، ޖިބްރީލުގެ ފާނު އަވަހާރަވެގެން އުޅޭ ޚަބަރެވެ."

އެހެން ބުނުމާއެކު ކުރިސްޓިއަން މިޝަނަރީގެ މީހުންތަށް ހޭންފެށިއެވެ. މަލާމާތުގެ ހުނުމަކުން ނެވެ. އަދި އެމީހުންގެ ބޮޑުމީހާ ހެމުން ހެމުން ސުވާލުކުރިއެވެ. "މައުލާނާ ސާހިބެވެ! އަޅުގަނޑު ހައިރާންވެއްޖެ! މަނިކުފާނުފަދަ ވިސްނޭ، އަދި ކިޔަވައިގެން ހުންނެވި ބޭފުޅަކު ތިޔަފަދަ ތާކުންތާކު ނުޖެހޭ ވާހަކަވެސް ގަބޫލު ކުރައްވަންތޯ؟... އެޅެ ފަހެ މަލާއިކަތުންނަކީ އެއީ ހަވަހާރަވާ ބަޔެއްހެއްޔެވެ؟"

ކީރިތި ކުރައްވަމުން ދިޔަ މައުލާނާ ސާހިބު ޖަވާބު ދިނެވެ. "އަހަރުމެން ނެތުމުގެ ތެރެއިން އުފެއްދެވި ކަލާނގެ އަވަރަވާއިރު، މަލާއިކަތުން އަވަހާރަ ނުވާންވީ ކީވެތޯއެވެ؟"

މައުލާނާ ސާހިބު އެހެން ވިދާޅުވުމުން، ކުއްލިޔަކަށް މިޝަނަރީ ގުރޫޕުގެ އެންމެން ހުނުން ހުއްޓާ ހަމަހިމޭން ވެއްޖެއެވެ. ބަސްހުއްޓި ޗުއްޕުވެސް ނުބުނެ ތިބެއްޖެއެވެ. އަދި ލަދުގެންފައިވާ ހާލުގައި، އެތަނުން ނުކުމެގެން ގޮއްސިއެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމުކެވެ. މައުލާނާ ރަޙިމަތުﷲ ކައިރަނާވީއަކީ (މައުލާނާ ސާހިބަކީ) އިންޑިޔާއަށް އުފަން މަޝްހޫރު ޢިލްމުވެރިއެކެވެ. އެމަނިކުފާނު އުފަންވެ ވަޑައިގަތީ މީލާދީން 1818 ގައެވެ. އަދި އަވަހާރަވީ 1891 ގައެވެ.

އިތުރަށް ވިދާޅުވުމަށް....

ރާ ވިއްކުން ޙަރާމް ކަމަށް ބުނުމަކީ ޠާލިބާނުންގެ ސިފައެއްބާ؟ ނުވަތަ މުސްލިމުންގެ ސިފައެއްބާ؟

އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދައް ގެންނެވި، ކާއިނާތުގެ ވެރިއިލާހުގެ ޙަޟުރަތުގައި ރަލަކީ ނުވަތަ މަސްތުވާ ތަކެއްޗަކީ އިންސާނުން ބޭނުން ކުރުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ ފެށުމެވެ. އެއީ އަލިފާން ދަރު އަންދާފަދައިން މީހުންގެ ދިރިއުޅުން އަންދާލާ އެއްޗެކެވެ. މި އަލިފާނުގެ ހުޅުކޮޅު 'ބިސްމީގެ ބަރަކާތުން' ރޯކޮއްފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ބޭނުންވާވަރަށް އެ އަލީފަންގަޑު ނުފެތުރޭތީވެ، މިއަދު ބަޔެއް ލާދީނީ ބޭފުޅުން އެ އަލިފާންގަޑަށް ތެލާއި ދަރު އަޅަން މަސައްކަތް ކުރަމުން އެބަދެއެވެ. އެ އަލިފާންގަނޑު ފުޅާކޮށް ބޮޑުކޮށް ފެތުރުމަށެވެ. މުސްލިމުން ދިރިއުޅެމުންދާ އިސްލާމީ މި މުޖުތަމައުގައި، އެތަކެތި ފަތުރާށެވެ.

އަދި އެހިސާބަކުން ހުއްޓާލަނީކީ ނޫނެވެ. ތިމާމެންގެ ފިކުރު ދިފާއު ކުރުމައްޓަކައި އިސްލާމު ދީނުގެ އަސްލުވެސް އޮޅުވާލަން މަސައްކަތް ކުރަނީއެވެ. މިގޮތުން މިމީހުން މިފަތުރަން އުޅޭ ނުބައިވެގެންވާ ކަންތަކާ ދެކޮޅަށް އެއްޗެއްބުނާ މީހުންނަކީ އަފްގާނިސްތާނުގެ މީހުންކަމުގައި ހަދައެވެ. ނުވަތަ ތޯލިބާނުންގެ މީހެކެވެ. ނުވަތަ އަލްޣައިދާގެ މީހެކެވެ. އެކަން މަނާކުރާ ދިވެހި ޢިލްމުވެރިންނަކީ ތާލިބާނުންގެ މުއްލާއިންނޯލަޔޯއެވެ. އަދި މީގެއިތުރުން މިސަރުކާރު އައުމުގެ ކުރިންވެސް އެކަން ރިސޯޓުތަކުގަޔާއި ޔޮޓްތަކުގައި ހުއްދަވެފައިވާ ވާހަކަ ބުނެ ކަމުގެ ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރެއެވެ.
އާއެކެވެ. މިސަރުކާރު އައުމުގެ ކުރިންވެސް ރިސޯޓްތަކުގަޔާއި ޔޮޓްތަކުގައި ޣައިރު މުސްލިމުންނަށް އެވިއްކުން ހުއްދަ ކޮއްފައިވެއެވެ. އެކަމަކު އޮބޮނީ ހަމައެކަނި ޣައިރު މުސްލިމުން ތޯއެވެ؟ އެގޮތަށް ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިންނަށް ރާބުއިމަށް ހުޅުވުނު ދޮރެއް ކަމުގައެވެ. އަދި ދިވެހިންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރުމަށް ކޮށުނު މަގެއް ކަމުގައެވެ. މިއީ ދިވެހި ޤައުމަށް ލޯބިވާ ކޮންމެ ދަރިޔަކަށްވެސް އެނގޭކަމެކެވެ. އެހެން އެކަންއޮއްވައި މި ސަރުކާރު ވުޖޫދައްއައީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވަމަށްފަހުގައެވެ. އޭގެތެރެއިން އެއްވައުދަކީ 'މަސްތުވާތަކެތީގެ ވަބާއިން' ދިވެހިން މިންޖުކޮއްދިނުމެވެ. ސުވާލަކީ ރަލަކީ މަސްތުވާ އެއްޗެއް ނޫންތޯއެވެ؟ ނުވަތަ އިންސާނާގެ ހަށިގަނޑައް ގެއްލުންދޭ އެއްޗެއް ނޫންތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އެހެންކަމަށް ވާނަމަ، ކުރީގެ ސަރުކާރުން އެކަން ކުރުން އެއީ މިސަރުކާރުން އެކަން ކުރުމަށްއޮތް ހުއްޖަތެއް ނޫނެވެ. ސަބަބަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ކޮއްދޭނެކަމަށް މިސަރުކާރުންވަނީ ވައުދު ވެފައެވެ. އެހެން ނޫންތޯއެވެ؟

ދެންބުނެފާނެއެވެ. ރާލާއި އަދިވެސް ވިއްކުން ޙަރާމްވެގެންވާ އެހެނިހެންތަކެތި ވިއްކުމަށް ހުއްދަކުރަނީ ހަމައެކަނި ޣައިރު މުސްލިމުންނަށެވެ. މުސްލިމުންނަކަށް ނޫނެވެ. ސުވާލަކީ ވިއްކުމަކީ ހުއްދަކަމެއް ތޯއެވެ؟ ޖަވާބު އެންމެނަށްވެސް އެގެނއެވެ.
ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ބަގުރާ ބުއިން ޙަރާމް ކުރެއްވި އިލާހުގެފަރާތުން، އެ ވިއްކުންވެސް ވަނީ ޙަރާމްކުރައްވާފައެވެ" (މުސްލިމް 1579)

އިއްތިފާގުން ސާބިތުވާ (މުއްތަފަގުން އަލައިހި) ޙަދީޘެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީންޘްކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމަ އެވެ...." މާނައަކީ ރާވިއްކުން ތަނެއްގައި ހުއްދަކުރެވިއްޖެނަމަ ހުރި ނުބައިކަންތަށް އެތަނެއްގައި އާންމު ނުވެއެއް ނުހުންނާނެއެވެ. ދިވެހި ރާއްޖެއަކީ އެކަމުގެ ރިވެތި މިސާލެކެވެ. ކުރިންވެސް ދެންނެވި ފަދައިން ރިސޯޓްތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިން އެކަން ކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމުގައެވެ. އަދި މަސްތުވާތަކެއްތީގެ ވަބާ ފެތުރިގެން ދިޔުމަށް ކޮށުނު މަގެއް ކަމުގައެވެ. އެހެން އެކަން އޮތްއިރު، ކޮއްފައިވާ ވައުދު އޮތްތާނގައި ބާވާފައި، އެފަދަ ނުބައިކަމެއް މަނާކުރުމަކާނުލާ އެކަން ކުރުމަށް އިތުރަށް މަގުފަހިވާގޮތަށް މީހުން ދިރިއުޅޭ ރައްރަށުގައިވެސް ރާވިއްކުން ހުއްދަކުރުމުން ދެން ނުކުންނާނެ ނަތީޖާ ވަރަށް ހިތިވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މިއީ މިއަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކުރި ވައުދާ ކަޑައެޅިގެން ހިލާފުވުމެވެ.

މިފަދަގޮތަކަށް މީހަކު ބުނެފިނަމަ، އެއީ ތޯލިބާނުން އަފްގާނިސްތާނަށް ގެނައި ވެރިކަން ގެންނަންއުޅޭ ބަޔެކޭ، ނުވަތަ އަލްޣައިދާގެ މީހުނޭ ނުވަތަ މުއްލާއިންނޭ ކިޔާ ކަމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި މަސައްކަތް ކުރެއެވެ. ނަމަވެސް ރަލުގެ ޙަޤީގަތަކީ މީހުންނަށް އެޅުވާލެވޭނެ އެއްޗެއް ނޫނެވެ. އެއީކީ ތޯލިބާނުން އެކަނި މާނާކުރި ކަމެއް ނޫނެވެ. އެކަން ޙަރާމް ކުރެވުނީ އަފްގާނިސްތާނުގައި އެކަންޔެއް ނޫނެވެ. އެއީ ދުނިޔޭގެ ހުރިހާ ދީންތަކުގައިވެސް މަނާކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުންވެސް އެކަން ނުކުރުމަށް ގޮވާލާކަމެކެވެ. އެއީ، ތިމާ ހެއްދެވިފަރާތާ ބައްދަލުވާންޖެހޭ ދުވަހެއް އޮތްކަން ދަންނަ އެއްވެސް މީހަކު، ކުރަން ނުވަތަ ފަތުރަން ބޭނުންވާނެ އެއްޗެއް ނޫނެވެ.

މިއަދު ޔޫރަޕުގެ މައިގަނޑު ދީންކަމުގައިވާ ނަސާރާ ދީނުގައިވެސް އެކަން ކުރުމާއި އެކަން ފެތުރުން ވަނީ މަނާކޮށްފައެވެ. ބައިބުލްގައި އައިސްފައި ވެއެވެ. "(ތިޔަބައި މީހުން) ވައިން (ރާ) ބޮއިގެން މަސްތުނުވާށެވެ. (އެހެނީ) އެކަމުގެ ސަބަބުން އެންމެހާ ފާފަތަކަށް (ނުބައިކަންތަކާ ފަސާދައަށް) މަގުފަހި ކޮއްދެއެވެ." (އެފެސިއަންސް 5ވަނަބައި 18ވަނަ ވާސް)
އަދިވެސް އައިސްފައި ވެއެވެ. "ވައިންއަކީ (ރަލަކީ) މަލާމާތްތެރިއެކެވެ. އަދި ބިޔަރަކީ (ރަލަކީ) ތަޅާފޮޅުންތެރިއެކެވެ. (އެބަހީ ރަލަކީ އެފަދަ ކަންކަމަށް މަގުފަހިކުރާ އެއްޗެކެވެ.) ފަހެ އެތަކެތީގެ ސަބަބުން މަގުފުރެދިގެންދާ މީހުންނަކީ ބުއްދިވެރިންނެއްނޫނެވެ." (ޕްރޮވާބްސް 20ވަނަބައި 1ވަނަ ވާސް)

މިއީ ނަސާރާއިންގެ މުގައްދަސް ފޮތުގައިވެސް ބަޔާންކޮށްފައިވާ ގޮތެވެ. އެއީވެސް ތާލިބާނުންގެ ނުވަތަ އަލްޣައިދާ މީހުންގެ ފެތެއްތޯއެވެ؟ ނުވަތަ އަފްގާނިސްތާނުގައި އޮތްގޮތްތައް ޤަބޫލުކުރާ މީހުންގެ ފޮތެއްތޯއެވެ؟ މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ވަރަށްގިނަ ދީންތަކުގައި، އެންމެ ބޮޑު 5 ފާފައިގެ ތެރޭގައި ރާބުއިން ހިމެނެއެވެ. އަދި އެ ބުއިމާ އެ ފެތުރުމަކީ އެ ދީންތަކުގައިވެސް މަނާކަމެކެވެ. އެ ދީންތަކަށް ތަބާވާ މީހުންނަކީވެސް ތޯލިބާނުންތޯއެވެ؟ ނުވަތަ އެދީންތަށް ފަތުރާ ފާދިރީންނަކީ އިސްލާމުދީނުގެ 'މުއްލާއިން' ތޯއެވެ؟

އިސްލާމު ދީނުގައި ރަލާބެހޭގޮތުން މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅާއި ހަމަޔަށް ދިޔުމުގެކުރިން، ތިބޭފުޅުންގެ ހިތުގައި އުފެދިދާނެ ސުވާލަކަށް އިންސާފު ކޮެއްލެވޭތޯ ބަލާނަމެވެ. ސުވާލު އުފެދިދާނެއެވެ. އެހުރިހާ ދީނެއްގައި ރާ ޙަރާމް ކުރެވިފައިވާއިރު ރާ އެހާ އާންމު އެއްޗަކަށްވީ ކީވެބާވައެވެ؟ ޙަޤީޤަތުގައި ރަލަކީ ހުރިހާ ދީނެއްގަވެސް މަނާކަމެކެވެ. ތާރީޚަށްޖެހިލާއިރު، ދީނުގައި އެކަން އޮންނަގޮތް އޮޅި އާންމުންގެ ތެރޭގައި އެކަން އާންމުވެފައިވާނީ ކީއްވެތޯ ބަލާލާއިރު، މައިގަޑު 3 ސަބަބެއް ވެއެވެ. އެއީ:

1- ދީނާއި ސިޔާސަތާ ވަކިކޮއްލުން ނުވަތަ ދީނާއި ދިރިއުޅުމާ ވަކިކޮށްލުން. އޭގެސަބަބުން އިންސާނުން ރޫހާނިއްޔަތުގެ މަތިން ހަދާންނެތި، ހަމައެކަނި މާއްދިއްޔަތަށް ބޯލަބަންފެށިއެވެ.

2- އިންސާނުން މާއްދިއްޔަތަށް ބޯލަބާފައިވާލެއް ބޮޑުކަމުން، އެކަމަކީ ގޯސްކަމެއްކަން އެގިތިބެވެސް، އެކަމުން ލިބޭ ވަގުތީ އަރާމަކަށްޓަކައި ނުވަތަ ދުނިޔެވީ ފައިދާއަށްޓަކައި އެކަން ކުރަނީއެވެ. ރާބުއިމަކީ ފާފައެއްކަން އަންގަވާ ކީރިތި ޤުރުއާނުގެ ބަގަރާސޫރަތުގެ 219 މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "... އެދެކަމުގައިމެ (ޖުވާކުޅުމާއި ރަލުގައި) ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." އިންސާނުން މާއްދިއްޔަތަށް ގޮސްފައި ތިބޭވަރުން، އޭގައިވާ ގެއްލުމުގެމަތިން ހަދާން ނައްތާލަނީއެވެ. ވިސްނެނީ ހަމައެކަނި އޭގައި އެކުލެވޭ ދުނިޔެވީ ފައިދާގެ މަތިންނެވެ.

3- އޭގެއިތުރުން ތާރީޚު ހެކިދޭ އެންމެބޮޑު އެއްސަބަބަކީ ވެރިންގެތެރޭގައި އެކަން ކުރަންބޭނުންވާ ބޭފުޅުން އުޅުއްވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވެރިންގެ ތެރޭގައި އަބަދު ހަމާގައި ތިބެން ބޭނުންނުވާ ބޭފުޅުން އުޅުމެވެ. އެހެންކަމުން އެކި ދީންތަކަށް ނިސްބަތްވާ އެކި ޤައުމުތަކުގެވެރިން، އެބޭފުޅުން ނުވަތަ އެބޭފުޅުންގެ އަރިހުގައި އުޅުއްވާ ބޭފުޅުން އެކަންކުރަން ބޭނުންވާތީވެ، ކޮންމެވެސް ނަމެއްގައި ޤާނޫނީގޮތުން އެކަން ހުއްދަކުރަނީއެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ރިސޯޓް ތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަ ކުރެވުނު ގޮތަށް ބެލިޔަސް، ތާރީޚުން ސާބިތުވާ މިހިރަ ސަބަބުތަށް އެ ހުއްދަކުރެވުނު ސަބަބު ތަކުގެތެރޭގައި ވެއެވެ. އަޅުގަނޑު ހިތުން މިއަދުވެސް ކަންވަމުން މިދަނީ އެފަދަ ގޮތަކަށެވެ. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ހިތާމަކުރާ ކަމެކެވެ.

ސަބަބަކީ ރަލާ ބެހޭގޮތުން މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ. އަދި ހޭދަކުރާންވީ އެއްޗަކާމެދު ވެސް އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހޭދަކުރުންވަނީ ތިމާގެ ބޭނުންތަކަށް ވުރެ އިތުރުވާ އެއްޗަކުންނެވެ. ﷲ އެކަލާނގެ އާޔަތްތައް ތިޔަބައި މީހުންނަށް މިފަދައިން ބަޔާންކޮށް ދެއްވަނީ، ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ." (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)

ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނާށެވެ. ދުނިޔެވީ ވަގުތީ ފައިދާއަކަށްޓަކައި އާޚިރަތް ވިއްކާލުމަކީ ހާދަހާވާ ހިތާމަކުރަންޖެހޭނެ ކަމެކެވެ. އަދިވެސް މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."
"ޝައިތާނާ އެދޭކަން ކަށަވަރީ ރާއާއި ޖުވާގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާ ރުޅިވެރިކަން އިތުރުމަށެވެ. އަދި (އެކަމުގެ ސަބަބުން) ﷲގެމަތިން ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތަށް ހުއްޓާލަން ހެއްޔެވެ؟ (ސޫރަތުލް މާއިދާ 90-91ވަނަ އާޔަތް)

ހުއްޓާލަން ތައްޔާރު ތޯއެވެ؟ ނުވަތަ ﷲގެ އެންގެވުން ތަކަށް ގޮންޖަހާލުމަށްފަހު އެކަމަށް ފަށައިގަންނަން ތައްޔާރުވަނީ ތޯއެވެ؟ ކޮންމެއަކަސް މިފަދަ ކަންކަން ކުރުމަށާ ދެކޮޅުހަދާ މީހުނާއި، އެފަދަކަންކަން ކުރުމަށް ވާގިވެރިވާ މީހުނާއި ދެމެދުގައި ހުރި ތަފާތަކީ ޙައްޤާއި ބާތިލާއި ދެމެދުގައިވާ ތަފާތެވެ. މާތްﷲގެ އަމުރުފުޅުތަކަށް ތަބާވާމީހުނާ، އެ އަމުރުފުޅުތަކަށް ގޮންޖަހަން މަސައްކަތްކުރާ މީހުނާ ދެމެދުގައި ހުރި ތަފާތެވެ. ދީނަށްލޯބިކުރާ މީހުނާ، ލާދީނީ މީހުނާ ދެމެދުގައި ހުރި ތަފާތެކެވެ.

އިސްލާމު ދީނަކީ ﷲގެ ދީނެވެ. އެދީނުގައިވާ ޙުކުމްފުޅުތަކަކީ ﷲގެ ޙުކުމްފުޅުތަކެވެ. ކޮންމެ މީހަކު ކޮންމެއެއްޗެއް ކީކަމުގައި ވިއަސް، ޙަރާމް ކަމެއް ހުއްދަކަމަކަށް ނުވާނެއެވެ. ރައީސަކަސް، މުއްސަންޖަކަސް، ފަޤީރަކަސް އެކަލާނގެ ޙުކުމްފުޅުތަކާ ދެކޮޅުހަދާނަ އެކަމުގެ ރަހަ ދެކޭނެއެވެ. މިއަދު ނޫނީ މަދަމާއެވެ. މިއަދު އެކަން ކުރެވިދާނެއެވެ. ސަބަބަކީ މިއަދުވަނީ ބާރު ދެއްވާފައެވެ. 'ޗޮއިސް' ދެއްވާފައެވެ. ޤާނޫނަކުން ހުއްދަވެސް ކުރެވިދާނެއެވެ. ޤާނޫނަކޫން މަނާވެސް ކުރެވިދާނެއެވެ. މިއީ އިމްތިހާނުގެ ގޯޗެވެ. "އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮއަމަލު ކުރަނީ ކާކުތޯ އިމްތިހާނު ކުރެއްވުމަށްޓަކައި ދިރުމާއި މަރުވުން ލެއްވި އިލާހެވެ..." (ސޫރަތުލް މުލްކު 2ވަނަ އާޔަތް)

މަރުވުމަށްފަހުގައި ދާންޖެހޭފަރާތަކީ އެއީއެވެ. އެއީ ކުރެވުނު ކަންތަކާމެދު ސުވާލު ކުރެވޭނޭ ދުވަހެވެ. އެދުވަހުން 'ޗޮއިސް' އެއް ނޯނާނެއެވެ. އެކަލާނގެ ހަޟުރަތަށް ބިރުވެތިވެ އެކަލާނގެ އެންގެވުންތަކަށް ތަބާވުމަށްވުރެ މޮޅުއިތުރު ގޮތެއް އޮންނާނެ ތޯއެވެ؟

އިތުރަށް ވިދާޅުވުމަށް....

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމްސޫފިޔަކަށް ސަވާރުވުން

>> 15.11.09

ގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި މުނާފިގުންގެ ޢަމަލުތަށް ހުރިގޮތަށް މިއަދު މިރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބިމީހުންގެ ޢަމަލުތަށް ބަދަލުވަމުން އެބަދެއެވެ. ނުވަތަ ބަދަލުވެފައި ވެއެވެ. މިބުނާ 'ޖާރިޔާއިންގެ' މައްސަލައަކީ މިފަދަމީހުން އިސްލާމު ދީނަށް 'ލޯބިކުރާ' މިންވަރު ފާޅުކޮށްދިން އަލާމާތެކެވެ. އިސްލާމު ދީނާއިމެދުގައި މިބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ޝުޢޫެރުތަށް ފާޅުވެގެން އަލިގަދަ ހެއްކެކެވެ. އަދި އިސްލާމުދީނުގެ ޢިލްމުން، މިމީހުނަށް އުގެނިފައިވާ މިންވަރުވެސް މިފަދަކަންކަމުން ހާމަކޮށްދެއެވެ.

އަޅުގަނޑު މިދަންނަވަންއުޅެނީ ޖާރިޔާއިންގެ ވާހަކަ ނުލިޔާށެކޭ ނޫނެވެ. އެކަމުގެ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށް ނުދޭށެކޭނޫނެވެ. އަޅުގަނޑު މިދަންނަވަން އުޅޭވާކަހައަކީ 'ޖާރިޔާއޭ' ބުނުމަށްފަހު ވަރަށްގިނަ ލިޔުންތެރިންނަށް ދެން ފެށެނީ ދީނަށް ފުރައްސާރަކުރާށެވެ. ކަމާނުބެހޭ މީހުންގެ ސިފަތަކާ، ލާހެދުމުގެކުލަޔާ، ތުބުޅިއާ ބުރުގާގެ ވާހަކަތަކެވެ. އެފަދަ އަމަލުތަށް ކުރާ މީހުންނަކާ ބެހޭކަމެއްވެސް ނޫނެވެ. މިއީ މިއަދުގެ ބަޔެއް ލިޔުންތެރިން އެމީހުންގެ ފަންނަށް ތަސައްރަފު ނުފުދޭ ކަމުންވާގޮތެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.
ދިވެހި ރާއްޖޭގައި ކައިވެނި ކުރުމަކާނުލާ، 'ޖާރިޔާއިންގެ' ނަމުގައި އަންހެން ކުދިންނާއި ނުވަތަ އަންހެނުންނާއި ޖިންސީގުޅުން ހިންގުމަކީ، އެކަމަށް އަޅުގަނޑުވެސް ދެކޮޅުހަދާކަމެކެވެ. އަދި އެފަދަ ކަންތަށް ހުއްޓުވުމަށް ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުވެސް ގޮވާލަމެވެ. އެހެން ނަމަވެސް، އެހިސާބަކުން ނިމުނީކީ ނޫނެވެ. ކައިވެނި ކުރުމަކާނުލާ ކޮންމެ ނަމެއްފައިވިއަސް ޖިންސީ ގުޅުން ހިންގުމާއި އަޅުގަނޑު ދެކޮޅުހަދަމެވެ. އެޅުގަނޑުމެން މޭކަރައިގަންނަނީ ޖަރިޔާއިން ކީމައެވެ. 'ގާލްފުރެންޑް ކިޔަސް' އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ 'ބޯއި ފުރެންޑް' ކިޔަސް އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ ހަލާލު އަނބިމީހާގެ އިތުރުން 'ސައިޑް ބިޓެއް' ނުވަތަ 'ސައިޑް ބިޓުންތަކެއް' ގެންގުޅުނަސް އެންމެ ރަގަނޅެވެ. ނުވަތަ އެހެންވެސް ނަމެއްގައި އަނބިމީހާފިޔަވައި އެހެން މީހުނާއި ޒިނޭކުރުމަކީ މިއަދު މައްސަލައަކަށް ނުވެއެވެ. ހިތާމައަކީ އެފަދަ ވާހަކަތަށް ލިޔަން މިދަންނަވާ ލިޔުންތެރިންގެ ގަލަމުގެ ދެއްޔެއްވެސް ނުހިނގައެވެ. މިއީ ޙަޤީޤަތުގައިވެސް ދިވެހިންނަށް ހެޔޮއެދިގެން ލިޔާލިޔުންތެރިންބާވައެވެ؟ދާދިފަހުން އައި ޖީ އެމް އެޗުން ހާމުކުރި ގޮތުގައި، މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވެއެވެ. 85 އެއީ އައި ޖީ އެމް އެޗަށް ދެއްކު ކުދިންގެ އަދަދެވެ. އެ ހޮސްޕިޓަލުގެ ރެކޯޑްތަކަށްނާރާ މާބަނޑުވެފައިވާ ކިތަށް ކުދިންވާނެ ބާވައެވެ؟ އަދި މިފަދަ ކުރިއަރާފައިވާ ޒަމާނުގައި އެކިކަހަލަ 'ހުރަސް' ބޭނުންކޮށްގެން އެ ފާޙިޝް އަމަލު ހިންގާފައިވާ ކިތަށް މީހުންވާނެ ބާވައެވެ؟ ނަމަވެސް، މިފަދަ ކަންތައްތަތް ބޮޑުކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. އަދި ނިމުނީކީ ނޫނެވެ. މިފަދަ ފާހިޝް އަމަލު ތަކުގެ ނަތީޖާ ކުރިމަގުގައި ވަރަށް ހިތިވާނެ ކަމުގެ ސިގުނަލްތަށްވެސް ވަރައް ސާފުކޮށް އެއަންނަނީ ލިބެމުންނެވެ.

ރާއްޖެތެރޭ ރަށެއްގައި އެއިޑްސް ޖެހިފައިވާ 26 އަހަރުގެ ފިރިހެނަކު ވަނީ ތަފާތު 4 އަންހެން ކުއްޖަކާއެކީގައި ބަދުއަޚްލާޤީ އަމަލު ކޮށްފައެވެ. މީނާ ލޯބީގެގޮތުން ރައްޓެހިވެގެން އުޅުނީ، ގްރޭޑް 9 ގައި އުޅޭ ކުއްޖަކާއެވެ. އެއަންހެން ކުއްޖާއާއިއެކުގައި ޖިންސީގުޅުން ހިންގާކަމުގައި އަންހެން ކުއްޖާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މިދިޔަ އޮގަސްޓް މަހުގައި ފުލުހުން އޭނާ އަތުލައިގަތީ، ފަޅުގެއެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކާ އެކީގައި ޖިންސީގުޅުން ހިންގަން އޮއްވައި ކަމުގައި ވެއެވެ. ނަމަވެސް މިފަދަ ވާހަކަތަށް ލިޔެ، މީހުންގެ ސަމާލުކަމަށް މިކަން ގެނައުމަށް، ދީނާއި ޤައުމަށް 'ލޯބިކުރާ' ލިޔުންތެރިންގެ ގަލަމަކުން ދެއްޔެއް ނުހިގައެވެ.

ލިޔުން ތެރިޔާއެވެ! އަޅުގަނޑުވެސް އެއްބަހެވެ.
"މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި ކަންތައް ހުރިގޮތަށް، މިހާރު މިރާއްޖެ މިހިރަދަނީ ބަދަލުވަމުންނެވެ."

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިކަރާގައި އެމީހުނަށް ލިބޭދަރިން، ޚަރަދު ބޮޑުވާތީވެ، އެމީހުން ދިޔައީ މަރަމުންނެވެ. ނުވަތަ ދިރިތިއްބާ ވަޅުލަމުންނެވެ. އިސްލާމްދީން އައުމަށްފަހު އެކަން ޙަރާމްކުރެވުނެވެ. އެހެންނަމަވެސް އެޒަމާނުގެ އަރަބިންނެކޭ އެއްފަދައިން ދިވެހި ރާއްޖޭގައި މިގޮތަށް ޅަކުދިން މަރާލުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ބޯނުކޮށާ، ތުބުޅި ނުބާލާ އަދި ޖަގިޔާ ނުލާވާހަކަ ދެއްކެވި އިރު މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބި ކަރާގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އާންމުވެފައިވާ ކަމެކެވެ. އެމީހުނަށް ރަލަކީ ހިތިއެއްޗެކެވެ. އެކަން ޚަރާމް ކުރެވުނީ އިސްލާމުދީން އައުމަށް ފަހުގައެވެ. އެހެން ނަމަވެސް އަރަބިންގެ އެނާތަހުޒީބީ ޢަމަލު މިއަދު ދިވެހިން މިވަނީ ތަހުޒީބީ އަމަލަކަށް ހަދައި ކުރަންފަށާފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބި އެންހެނުން ކަޅުހެދުންލާވާހަކައާއި މަސައްކަތްނުކޮށް ގޭގައިތިބޭވާހަކަ ލިޔުއްވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ޒިނޭކުރުމަކީ އާންމު ކަމެކެވެ. އިސްލާމްދީން އައުމަށްފަހު އެކަން މަނާކުރެވުނެވެ. ނަމަވެސް ދިވެހިން މިއަދު މިވަނީ އެކަންވެސް ރީތިކަމަކަށް ހަދާފައެވެ. އެކި ނަންނަމުގައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. 'ޖާރިޔާއިންގެ' ވާހަކަ ލިޔުއްވިއިރު މީހުނާ އިދެގެން އުޅޭ ފިރިހެނުންގެ ނުވަތަ އަންހެނުންގެ 'ސައިޑް ބިޓުންގެ' ވާހަކަ ނުދެއްކެވީ ހަމަ ހަދުމަފުޅު ނެތުނީ ތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރަށްވުރެވެސް މާކުރިން (ލޫތު އަލައިހި ސަލާމްގެ ޒަމާނުގައި)، ފިރިހެނުންނާއި އަންހެނުން އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް 'ފޯރިނަގާފައި' ކުރަމުން އާކަމެކެވެ. ލޫތު އަލަހިސަލާމް އެކަން މަނާކުރެއްވުމުން، އެކަލޭގެފާނަކީ 'ހިއުމަން ރައިޓްސް'އާއި ދެކޮޅަށް މަސައްކަތް ކުރަށްވާ ބޭފުޅެއްކަމުގައިބުނެ އެކަލޭގެފާނުގެ އަމުރާއި އެބައިމީހުން ދެކޮޅުހެދިއެވެ. އިސްލާމުދީނުގައި މާތްﷲގެ ވަނީ އެފަދަ ފާހިޝް، ދަށުފަންތީގެ އަމަލުތަށް ޙަރާމް ކުރައްވާފައެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހިންގެ ދައުވާއަކީވެސް އެތައް ހާސް އަހަރެއްކުރިން ލޫތުގެފާނުގެ ޤައުމުގެ މީހުންވެސް ކުރި ދައުވާއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޖަމަލާއި ގާޑިޔާގެންގުޅުނުވާހަކަ ލިޔުއްވިއިރު، މިދަންނަވާލިވާހަކަ އިތުރުކޮށްލަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އޮންނަ އުސޫލަކީ ކޮންމެ ގޮތަކުންނަމަވެސް މުދާ އެއްކުރުމެވެ. އެއީ ރިބާ ކައިގެން ކަމުގައިވިއަސް، ވިޔަފާރީގައި މަކަރުހަދާ އޮޅުވާލައިގެން ކަމުގައިވިއަސް، އަދި ނާސިގެތަށް ހުޅުވައިގެން ކަމުގައިވިއަސް ވަރިހަމައެވެ. އިސްލާމުދީން އައުމަށްފަހު އެފަދަ ހުރިހާކަމެއް މަނާކުރެވުނެވެ. އަދި ޒަކާތްނެރުމަށާ ފަޤީރުންނަށް އެހީވުމަށް އެންގުނެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި މުދަލާއި ފައިސާ އިތުރުކުރުމަށްޓަކައި، އެހުރިހާ ނުބައިކަމެއްވެސް ކުރަމުންދެއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އެވާހަކަ ލިޔުއްވަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އެއްވެސް ޙައްޤަކާނުލާ މީހުންގެ ފުރާނަހިފުމާ، ކިޑްނޭޕުކުރުމާ، އެއްބަނޑު އެއްބަފާ ދެބެންގެތެރެއިން އެކަކު އަނެކަކު ކަތިލުންފަދަ ކަންކަމަކީ އާންމު ކަންތަކެވެ. އިސްލާމުދީން އައުމަށްފަހު ޙައްޤަކާނުލާ މީހުންގަތުލުކުރުމާ، އެހެންވެސް އެފަދަކަންތައްތައް މަނާކުރެވުނެވެ. ނަމަވެސް މިއަދު ރާއްޖޭގައި އެކަން އެވަނީ އާންމުވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ނައަމުސޫފި ހުއިހެއްޕިވާހަކައާއި ކަދުރުހެއްދިވާހަކަ ލިޔުއްވިއިރު، މިވާހަކަތަށް ލިޔަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ވައްކަންކުރުމާ، މީހުންގެ މުދާ ނުހައްޤުން ފޭރުން އަރަބި ކަރާގައި ވަނީ އާންމުވެފައެވެ. އިސްލާމުދީން އައުމަށްފަހު އެކަންތަށް މަނާކުރެވުނެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހި ޒުވާނުންގެ ވަޒީފާއަކީ (ނުވަތަ އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ) ވައްކަންކުރުމާ، މަގުފޭރުމެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޝާމުކަރަޔަށް ވިޔަފާރި ދާވާހަކަ ދެއްކެވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

އާއެކެވެ! ތިބާއަކީ ނޫސްވެރިޔެކެވެ. އަދުލުވެރި 'ތަސައްރަފު ފުދިފައިވާ' ނޫސްވެރިންގެ ގޮތަކީ ކަމެއްހިނގާއިރަށް ތިމާގެ ހަވާނަފްސާއެއްގޮތަށް، ދިރާސާކުރުމެއްނެތި ލިޔުންތަށް ލިޔެނެގުމެއްނޫނެވެ. އެ މައުޟޫއަކާ ގުޅޭގޮތުން އެކަމުގެ ޞައްހަ މައުލޫމާތު މީހުނަށް ފޯރުކޮށް ދިނުމެވެ. ތިމާއަށް ކިޔޭނުކިޔޭއެއްޗެހި ނޭންގޭވަރަށް ތިމާގެ ދަރަޖަ ދިއުމެއް ނޫނެވެ. އާއެކެވެ. ކުރިންވެސް ބުނިހެން، ކައިވެނިން ބޭރުގައި ޖާރިޔާއިންގެ ނަމުގައި އަންހެންކުދިންނާއި ޖިންސީގުޅުން ހިންގުމަކީ ކުއްވެރިކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުއްވެރިކުރައްވާއިރު އެކަމުގެ ވާހަކަ ދައްކަވާށެވެ. އެކަމުގެ ޞައްޙަމައުލޫމާތު އާމުންނަށް ފޯރުކޮށްދޭށޭވެ.

އޭގެބަދަލުގައި ތި ދައްކަވަނީ، ސާދަސަތޭކަ އަހަރު ކުރިން ޢަރަބިން ޖަގިޔާ ނުލާ އުޅުނުވާހަކައެވެ. އެއީ މިކަމަކާ ގުޅުން ހުރިކަމެއް ނޫނެވެ. އަދި ތި މައުލޫމާތަކީވެސް ޞައްޚަ މައުލޫމާތެއް ނޫނެވެ. އެމީހުންވެސް ޖަގިޔާ ނުވަތަ 'އަންޑަވެޔަރ' ލައިއުޅުނެވެ. އަޅުގަނޑު މިތާނގައި މިފާހަގަކޮއްލި ކުށުގެ އިތުރުން މުޅި ލިޔުމުގައިވެސް ޖުމްލަކޮށް ވަނީ މަޢުލޫމާތުގެކުށެވެ. އަދި ގިނައިން ހަދާފައިވަނީ ބުހުތާނު ދޮގުތަކެވެ.

ލިޔުންތެރިޔާއެވެ! މުސްލިމުންނަކީ އިސްލާމު ދީނެއް ނޫނެވެ. އަދި މުސްލިމުންގެ ދިރިއުޅުމަކީވެސް އިސްލާމުދީނެއް ނޫނެވެ. އެކަމަކު މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނުގައިވާ ގޮތަށެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުން ނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމު ދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާ، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ އަހަރުމެންގެ ކިބާގައެވެ. ޙަޤީގަތަކީ ކޮބައިތޯ ނުބަލަނީ އަހަރުމެންނެވެ.

ވީމާ، މީހަކު ކުށެއްކުރާއިރަށް، އެމީހާ ހުންނަ ސިފައަށް ނުވަތަ އެމީހާނިސްބަތްވާ ދީނަށް އެއްޗެހިގޮވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި އެކަމުން ދޭހަވާކަމަކީ، އެފަދަ ލިޔުންތެރިންނަކީ، ކަންކަމުގެ މަޢުލޫމާތު އޮޅުންނުފިލާ މީހުންކަމެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ތަންދޮރު އޮޅުންނުފިލާ ތަސައްވަރު ނުފުދޭމީހުންކަމެވެ. އަޅުގަނޑު މަތީގައި ދަންނަވާފައިވާ، ވައްކަން ކުރުމާ، ޒިނޭކުރުމާ، މަސްތުވާތަކެތި ބޭނުންކުރުމާ، މާރާމާރީ ހިންގުމާ އަދިވެސް މިފަދަ ގިނަކަންތައްތައް ކުރާމީހުންގެ 'ބެކްގްރައުންޑް' ދިރާށް ކުރައްވާށެވެ. އޭގައި ގިނައިންވަނީ ތުބުޅިލީ މީހުންތޯއެވެ؟ ނުވަތަ ކަޅުހެދުންލާ އަންހެނުންތޯއެވެ؟ ނޫނެކެވެ. މިއީ ކޮންމެ މީހަކަށްވެސް އެނގޭކަމެކެވެ. ވީމާ ތުބުޅިލީ މީހަކު ގޯސްކަމެއްކުރާއިރަށް، ތުބުޅިލީ ހުރިހާމީހުނަށް އޭގެ އެތިވަރުގޮވާ، ދީނަށާ ސުންނަތަށް ފުރައްސާރުކުރުމުން ލިބޭފައިދާއެއް އޮވޭތޯއެވެ؟

އިތުރަށް ވިދާޅުވުމަށް....

އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވޭ ސަބަބު" ނުވަތަ ސައުދީ ހާންދާނާމެދު އޮތް ހިންހަމަ ނުޖެހުމެއް ތޯއެވެ؟

>> 1.11.09

"އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވޭ ސަބަބު" މި މައުޟޫއަށް، ދާދިފަހުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް މިނިވަން ނޫސްވެރިޔަކު ލިޔުމެއް ލިޔެ ޝާއިއު ކުރިޔެވެ. ލިޔުމުގެ މޮޅުކަމާއި، މުހިއްމު ކަމުން އެއް ބަހަށްވުރެ ގިނަބަހުން މި ލިޔުން ޝާއިއު ކުރަން ޖެހުނުކަމުގައި ވެއެވެ. އަޅުގަނޑުވެސް އެއްބަހެވެ. ޙަގީގަތުގައި މީހަކަށް އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވިގެން، އެކަމުގެ ސަބަބުތަށްލިޔެ އެހެންމީހުނަށް އެމަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

އެހެންނަމަވެސް، މިދަންނަވާ ލިޔުން ރަނގަޅަށް ވިސްނައިގެން ކިޔައިފި މީހަކަށް ދޭހަވާނީ، ސުރުޚީގައިވާ އެއްޗަކާއި ދައްކަވާފައިވާ ވާހަކައަކާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. އިސްލާމް ދީނަކީ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވުނު އެއްވެސް ސަބަބެއް ގެނައުމަކާނުލައި، މައިގަނޑުކޮށް ދައްކާފައިވަނީ ސައުދީ ޚާންދާނުގެ ވާހަކައެވެ. ސައުދީ ޚާންދާނާއިމެދު ލިޔުންތެރިޔާގެ ހިތުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުމެވެ. ހަސަދަވެރި ކަމުގެ އުދާސް ތަކެވެ. މީގެ އިތުރުން، މިއީ ދިރާސާ ކުރުމެއް ނެތި، ވަރަށް އިމޯޝަނަލްވެ ހުންނަވައިގެން ލިޔުއްވާފައިވާ ލިޔުމެއްކަން ދޭހަވާނެއެވެ. އަދި ލިޔުމުގައި ބަހުރުވަ ގެންގުޅުއްވާފައިވާ ގޮތުން ނޫސްވެރިންނަށްވެސް ހުތުރެވެ.
މަޢުލޫމާތެއް ނެތިކަމުގައި މިދަންނަވާ އެއް ސަބަބަކީ، "ތާލިބާން އާއި އެހެނިހެން ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތައް ޕްރޮމޯޓް ކުރަނީ ސައުދު ޚާންދާނުން ކަމީ އެންމެން ދަންނަ ކަމެކެވެ." މިހެން ލިޔުއްވާފައި ވާތީއެވެ. މިކަމުގެ ހެއްކަކީ ކޮބާތޯއެވެ؟ ހެއްކެއް ނެތެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާއަށްވެސް އެ އުޅެނީ އެފަދަ ޖަމާއަތްތަކަށް އެހީވެ، ޕްރޮމޯޓު ކުރާބަޔަކު ނޭނގިގެންނެވެ. ޝައްކެއްވިއަސް އެބަޔަކުގެ ދުވަސް އެބަ ދުއްވާލައެވެ. އެހެންކަމަށް ވާއިރު މިނިވަން ލިޔުންތެރިޔާއަށް މިކަން އެނގިލެއްވީ ކޮން ސޯސްއަކުންކަން އެބަ އެގެން ޖެހެއެވެ. ނޫސްވެރިކަމުގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކާޓެއިން ޔުނިވާސިޓީގެ ޑިގުރީއެއް އޮތުމަކީ ތިބާ ބުނާ ކޮންމެ ވާހަކައަކީ ހައްޤު ތެދުކަމުގައި ވުމެއް ނޫނެވެ. ތިޔަފަދަ ދަރިވަރުންގެ ސަބަބުން އެފަދަ ޔުނިވާސިޓީ ތަކަށްވެސް ހުތުރެވެ. މިނިވަން ނޫސްވެރިކަމުގެ މާނައަކީ ތިމާ ހިތްހަމަ ނުޖެހޭ ކޮންމެ މީހަކާމެދު ހިތަށް އެރި ވާހަކައެއް ދައްކައި، ކަމުގެ ހަޤީގަތް ބެލުމެއްނެތި ދޮގު ތުހުމަތުތައް އެޅުވުމެއް ނޫނެވެ. އަޅުގަނޑަކީ ސައުދީ ހާންދާނަށް ސަޕޯޓުކުރާ މީހެއް ނޫނީމެވެ. އެހެން ނަމަވެސް އެފަދަ ވާހަކައެއް ދައްކާއިރު ހުއްޖަތެއް އޮންނަންވާނެއެވެ. މިއީ އެންމެ އާދައިގެ އިންސާނުންނަށްވެސް ޤަބޫލުކުރާނެ މިންގަޑުތަކެވެ.

އަދިވެސް ލިޔުއްވާފައިވެއެވެ. "ދިވެހިން މިއަދު “ކިޔަމަންތެރިވަމުން” މި ދަނީ، ސައޫދީ އަރަބިއްޔާގެ ތެލުގެ މުއްސަނދިކަމުގެ އަވާގައި ޖެހިފައިވާ މުނާފިގު ސައުދު ހާންދާނުން، ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ ވައްހާބީ އެޖެންޑާގެ އެހީގައި، މުޅި ދުނިޔެ އަޅުވެތިކުރަން ހިންގަމުންދާ ނާމާން ޓެރަރިޒަމް އެޖެންޑާ އެވެ."

މިއީ މިދަންނަވާ މިނިވަން ލިޔުންތެރިޔާއަށް "އިސްލާމް ދީނަކީ ހައްގު ދީންކަން ޤަބޫލުކުރެވުނު ސަބަބު" ބާވައެވެ؟ ދައްކަވާ ވާހަކައާއި ސުރުހީގައިވާ އެއްޗަކާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި މިއީ ވަރަށްވެސް އިމޯޝަނަލް ވާހަކަ ތަކެކެވެ. ހިތުގައި އުފެދިފައިވާ ހަސަދަވެރިކަމުގެ އުދާސްތަކެއް ފިލުވާލުން ނޫން އެހެންކަމެއް ނޫނެވެ. ދިރާސާ ކުރެވިގެން ދައްކަވާފައިވާ ވަހަކަތަކެއް ނޫނެވެ. ސަބަބަކީ ސައުދީ އަރަބިޔާއިން ކިޔަވާ ކޮންމެ މީހަކީ ގޯސްމީހެކޭ ނުބުނެވޭނެއެވެ. އަދި ސައުދީ ހާންދާނުގެ އަވާގައި ޖެހިފައިވާ މީހެކޭވެސް ނުބުނެވޭއެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ކަޅި ހިންގާލިޔަސް ސައުދީ އަރަބިޔާއިން ދީން ކިޔަވަިގެން ތިއްބަވާ ބޭފުޅުންގެ މަސައްކަތްތަށް ފެންނަމުން ދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަކޮށް ޔޫރަޕުގައި އިސްލާމު ދީނުގެ ޞައްޙަ ދައުވަތު ދިނުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރާމީހުންގެ ތެރޭގައި ސައުދީ އަރަބިޔާގެ މަދީނާއިން ކަޔަވައިގެން އަންނަ ދަރިވަރުން އުޅެނީ އެންމެ ކުރީގައެވެ. އެބައިމީހުންގެ އަތްމަށްޗަށް އެތަށް ޣައިރު މުސްލިމުންނެއް އިސްލާމުވަމުން ދާކަމީ ކިރިޔާވެސް ދިރާސާއެއް ކޮއްލައިފި މީހަކަށް ވަންހަނާވާނެ ކަމެއް ނޫނެވެ. އެއީ އެބޭފުޅުން ދީނަށް ގޮވާލުމުގައި ގެންގުޅުއްވާ ޙިކްމަތްތެރި ގޮތްތަކުގެ ސަބަބުންކަން އެންމެންވެސް ދަނެއެވެ.

ދެން ދިވެހި ރާއްޖޭގެ ހާލަތަށް ބަލާލަމާތޯއެވެ. ދިވެހި ރާއްޖޭގައި ހައްދުފަހަނަ އަޅާގޮސްފައިވާ މީހުންގެ ތެރޭގައި އެއްވެސް ޔުނިވާސިޓީއަކުން ދީނީ ތަޢުލީމު ހާސިލް ކޮށް ނިންމަވައިގެން އައިސް ހުންނެވި ބޭފުޅަކު ވޭތޯއެވެ؟ ނުވެއެވެ. މީގެ އިތުރުން މިނިވަން ލިޔުންތެރިޔާގެ ލިޔުމުގައި ފާހަގަކޮށްފައިވާ 2 ޖަމާއަތަކީ، ހައްދުފަހަނައަޅައި ދިޔުމާއި ސީދާ ދެކޮޅަށް ވާހަކަދައްކާ އަދި ދިވެހިންނަށް ނަސޭހަތްތެރި ވެފައިވާ ދެފަރާތެވެ. ތިބާއަށް ފަހަރެއްގައި ނޭނގި އޮތީކަމަށްވެސް ވެދާނެއެވެ. ނުވަތަ ފަސް ވަގުތު ނަމާދު ކުރުމަށް ގޮވާލުމާއި، އަންހެނުން ހިޖާބު އަޅަންޖެހޭނެކަމަށް ގޮވާލުމާއި، އަދިވެސް ދީނުގެ ބައެއް މުހިއްމު ވާޖިބުތަކާއި ސުންނަތްތައް ބަޔާން ކޮށްދިނުމަކީ މިނިވަން ލިޔުންތެރިޔާގެ ގާތުގައި ހައްދުފަހަނައަޅައި ދިޔުންކަމުގައި ވެދާނެއެވެ. އެހެން މިދަންނަވަން ޖެހުނީ އެފަދަ ނޫސްވެރިޔަކަށް 'ވައްހާބީ' މި ލޭބަލް ބޭނުން ކުރެވެން ފެށުނުގޮތާއި، ސަބަބުތަކާއި އަދި އޭގެ އަސްލުވެސް އެގިފައިނެތީމައެވެ. އަދި ޓެރަރިޒަމޭކިޔައި، ވަކިބަޔެއްގެ ބޮލުގައި އެކަން އަޅުއްވާއިރު، ޓެރެރިޒަމް ގެމާނައާއި، ޓެރަރިޒަމް އުފެދެން ދިމާވި ސަބަބުތަކާއި، މި މަޢުޟޫގައި ވަކިކޮޅަކަށް ނުޖެހޭ ޣައިރު މުސްލިމުން ލިޔުއްވާފައިވާ ލިޔުންތަށް ކިޔުއްވާފައިވާ ނަމަވެސް، ތިގޮތަށް ވަކިބަޔެއްގެ ބޮލުގައި އެ ތުހުމަތެއް ނާޅުވާނެއެވެ.

ޚުދު މިނިވަން ލިޔުންތެރިޔާގެ ލިޔުމުގެ ފަހަތުގައި ދީފައިވާ ލިންކު ތަށް ރަނގަޅަށް ކިޔުއްވި ނަމަވެސް، ޓެރަރިޒަމާއި، އިސްލާމުދީނާއި އަދި ސައުދީ އަރަބިޔާއިން ކިޔަވައިގެން އަންނަ މީހުންނާއި ހުރީ ކިހާ ގުޅުމެއްކަން ފަހުމު ވީހެވެ. މިނިވަން ލިޔުންތެރިޔާ ދީފައި އެވާ އެއްވެސް ލިންކެއްގައި، ސައުދީ ހާންދާނަކީ ޓެރަރިޒަމް ޕްރޮމޯޓް ކުރާބަޔެއް ކަމުގައި އައިސްފައެއް ނެތެވެ. އަދި ސައުދީއިން ކިޔަވައިގެން ވަޑައިގަންނަވާ ބޭފުޅުންނަކީ ޓެރެރިޒަމަށް ހިތްވަރުދޭ ބައެއްކަން އެނގޭނެ އެއްވެސް ވާހަކައެއް އައިސްފައެއް ނެތެވެ. އަދި ކިއެއް އެކަމަށް ބާރުލިބޭކަހަލަ ވާހަކައެއްވެސް ސީދާކޮށް އައިސްފައެއް ނެތެވެ. އެ ލިންކު ތަކުގައިވާ ވާހަކަތަކަކީ ޖުމްލަކޮށް އަޅުގަނޑުވެސް އެއަށް ތާއީދު ކުރާ ވާހަކަތަކެވެ. ހިތާމައަކީ، އެލިންކު ތަކުގައި ހުރި ވާހަކަތަކާއި މިނިވަން ލިޔުންތެރިޔާގެ ލިޔުމާއި އެއްގޮތަކަށްވެސް ދިމާނުވާތީއެވެ.

ކޮންމެއަކަސް، ކިޔަވައިގެން ތިއްބަވާ މިނިވަން ލިޔުންތެރިންގެ ލިޔުންތެރިކަން މިފަދަ ދަށު ދަރަޖައަށް ގޮސްފައިވާތީ ހިތާމަކުރަން ޖެހެއެވެ. ޙައްޤު ބަޔާންކޮށްދިނުމުގެ ނަމުގައި، ތިމާގެ ހިތުގައި ބަޔަކާމެދު އުފެދިފައިވާ ހަސަދަވެރިކަން ފިލުވާލުމަކީ ލިޔުންތެރިކަމުގައި މަކަރުވެރިވުމެވެ. ދިރާސާއެއް ނެތި ހިތުހުރި ގޮތަކަށް، އިމޯޝަނަލްވެ ހުންނަވައި، ސާބިތުކުރުމެއް ނެތި މީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަށް އެޅުވުމުމަކީ ތިމާ އުގެނިފައިވާ ޢިލްމުގައިވެސް ކޮޅުފައިން ޖެހުމެވެ. އަދި ސުރުހީގައި ދީނުގެ ނަންޖަހައިގެން ލިޔާ އެފަދަ ލިޔުންތަކުގައި 'ބާޒާރުމަތީގެ' ބަހުރުވަ ހުރުމަކީ، ތިމާގެ އިއްޒަތާއި ގަދަރު މީހުންގެ ކުރިމަތީގައި ކުޑަވެ، މީހުންގެ އިޙްތިރާމު ގެއްލޭނެ ކަމެކެވެ. ސަބަބަކީ މީހުން އިޙްތިރާމު ކުރާނީ ކުޑަވެގެން ދީނަށް އިޙްތިރާމް ކުރަން ދަންނަ މީހުންނަށެވެ. ވީމާ، ލިޔުންތެރިކަމުގެ މަޝްހޫރުކަމާއި ހުނަރު، ޒާތީ ހަސަދަ ފިލުވާލެވޭ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރައްވާށެވެ. އެއީ ދީނާ ޤައުމަށް ފައިދާހުރި ގޮތުގައި ސާބިތު ހުއްޖަތާއެކީގައި ބޭނުންކުރާއެއްޗެއް ކަމުގައި ހަދަމާތޯއެވެ.

އިތުރަށް ވިދާޅުވުމަށް....
މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP