ޔަމަނުގެ އަންހެން ކުއްޖަކު ވެހެއުމުގެ ތެރޭގައި މަރުވުން - އިސްލާމީ ޝަރީޢަތުގެ މައްސަލައެއްބާ؟

>> 19.11.09

ޔަމަނުގެ ޅައަންހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވި ވާހަކަ ދުނިޔޭގެ މަޝްހޫރު ނޫހެއްކަމަށްވާ ސީ އެން އެން ގެ 'ފަލަ' ސުރުޚީގައި 14 ސެޕެޓެމްބަރުވީ ދުވަހުގައި ލިޔެފައި ވެއެވެ. މިލިޔުމުގައި ދުނިޔެއަށް ދީފައިވާ މެސެޖަކީ، އެ އަންހެން ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވުމުގެ ސަބަބަކީ ޅައުމުރުގައި އަންހެން ކުދިން ކައިވެނިކުރުން އިސްލާމީ ޝަރީއަތުގައި ހުއްދަކުރާތީ ކަމުގައެވެ. އެހެންކަމުން ދިވެހި މަޝްހޫރު ނޫސްވެރިޔަކަށް ވެސް މިލިޔުން މާމޮޅު ލިޔުމަކަށްވެގެން އެބޭފުޅާގެ ބުލޮގުގައިވެސް ޝާއިއުކުރިއެވެ.

ނަމަވެސް، ހަޤީގަތަކީ ކޮބައިތޯ ބަލާލަމާ ހިގާށެވެ. ޙަޤީޤަތަކީ އެކުއްޖާ މަރުވުމުގެ އަސްލު ސަބަބަކީ އެކަށީގެންވާ ސިއްޙީފަރުވާ ދެވުނުލެއް ލަސްވުމުން ނެވެ. ނުވަތަ ސިއްޙީ ފަރުވާ ނުދެވުމުން ނެވެ. މިދަންނަވާ އާޓިކަލް ވިސްނައިގެން ކިޔާލި މީހަކަށްވެސް އެކަން އެގޭނެއެވެ. ސިއްޙީފަރުވާ ނުލިބިގެން ވިހެއުމުގެ ތެރޭގައި މަރުވަނީ ޔަމަނުގެ މި އަންހެންކުއްޖާ އެކަންޏެއް ނޫނެވެ. އެއީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެކެވެ. އަޅުގަނޑުމެން ނޫނަކަސް 'ދޮންމީހުން' ވެސް އެކަން ޤަބޫލުކުރެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު އެޗް އޯގެ ދިރާސާތަށް ބުނާގޮތުން މާބަޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ދިމާވާ ކަމެއްގެ ސަބަބުން، ކޮންމެ މިނެޓެއްގެ ތެރޭގައި މަދުވެގެން އަންހެނަކު މަރުވެއެވެ. މާނައަކީ ތިބާއަށް މި ލިޔުން ކިޔާ ނިމެނީ 3 މިނެޓްގެ ތެރޭގައި ކަމުގައިވާނަމަ، ލިޔުން ކިޔާ ނިމުމުގެ ކުރިން މަދުވެގެން 3 އަންހެނުން މާބަޑުވުމުގެ ސަބަބުން ނުވަތަ ވިހެއުމުގެ ތެރޭގައި މަރުން އެކަށީގެންވެއެވެ. އެއީ އަހަރަކު މުދުވެގެން 529000 އަންހެނުން ކަމުގައި އެ ޖަމިއްޔާއިން ބުނެއެވެ. މީގެތެރެއިން %70 މީހުން މަރުވާ މައިގަނޑު 5 ސަބަބެއް ވެއެވެ. އެއީ ލޭ ފޭބުން، އިންފެކްޝަންގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އެބޯޝަން ހެއްދުން، ލޭގެ ޕުރެޝަރު މައްޗައްދިޔުމުގެ ސަބަބުން ސިކުޑިއަށް އޭގެ ގެއްލުންވެގެން، އަދި އާދަޔާހިލާފު ވޭނާ އުނދަގުލުގައި ވިހެއުމެވެ. ބާކީ %30 މީހުންނަކީ، އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމާއި، އެކިސަބަބުތަކާހުރެ އެއްގޮތަކަށްވެސް ސިއްޙީ ފަރުވާ ނުލިބުމުން ދުނިޔެއާއި އަލްވަދާއު ކިޔާ އަންހެނުން ކަމުގައި އެޖަމްޢިއްޔާއިން ބުނެފައިވެއެވެ. އަދި މަތީގައި ދެންނެވި މުހިންމު 5 ސަބަބު ދިމާވެގެން މަރުވާ މީހުންވެސް މަރުވާ އެންމެ ބޮޑު އެއްސަބަބަކީ، އެފަދަ ޙާލަތެއް ދިމާވާ ވަގުތުގައި އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމެވެ. މިއީ އަޅުގަނޑުގެ ނުވަތަ މުސްލިމުންގެ ދިރާސާތަށް ބުނާ ގޮތެއް ނޫނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރިޕޯޓުގައި ވާ ނުކުތާތަކެވެ.

ވީމާ ޔަމަނުގެ އަންހެން ކުއްޖާގެ ޙާދިސާއަށް އަދުލުވެރި ނަޒަރަކުން ބަލާލައިފިނަމަ، އެކުއްޖާ ނިޔާވުމުގެ ސަބަބަކީ، ދުނިޔޭގައި އެހެންވެސް ގިނަ މާބަޑު އަންހެނުން މަރުވާ ސަބަބު އެކުއްޖާއާވެސް ކުރިމަތި ވީމައެވެ. އެއީ ސިއްޙީފަރުވާ ލިބެންޖެހުނު ވަގުތު، އެފަރުވާ ލިބުން ލަސްވީމައެވެ. ނުވަތަ ފަރުވާ ނުލިބުނީމައެވެ. މިއީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެކެވެ. އެހެން ނޫންތޯއެވެ؟

މީގެ އިތުރުން މާބަނޑު ދުވަސްވަރުގައާއި ވިހެއުމުގައި މަރުވާ އަންހެނުންގެ ނިސްބަތް މަދުކުރުމަށް އަޅަންޖެހޭނެކަމަށް އެޖަމިއްޔާއަށް ފެންނަ ފިޔަވަޅުތަކުގެ ތެރޭގައި، ޅައުމުރުގައި ކައިވެނި ނުކުރަން ބާރުއަޅާފައެއް ނުވެއެވެ. އެޖަމިއްޔާއިން ހާމަކުރާ ގޮތުގައި، މިގޮތަށް މަރުވުން ކޮންޓްރޯލު ކުރެވޭނެ މައިގަޑު ގޮތްތަކަކީ ދަރިން ހޯދުމުގެ ކުރިން އެކަށީގެންވާ މަޢުލޫމާތު ހޯދުމާއި، ރަގަނޅު ފެމެލީ ޕުލޭނެއް ރޭވިފައި އޮތުމެވެ. އަދި މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައި ލަސްނުކޮށް ސިއްޙީ ފަރުވާ ލިބިގަތުމެވެ. ނުވަތަ ސިއްޙީފަރުވާ ލިބިގަނެވޭނޭ ނިޒާމެއް ޤާއިމް ކޮށްފައި ބެހެއްޓުމެވެ.

ދެން މިފަދަ ގިނަ އަދަދަކަށް އަންހެނުން މި މަރުވަނީ އެއީ ކައިވެނި ކުރާތީ ވާކަމެކޭ ކިޔާފައި ކައިވެނިކުރުން މަނާ ކުރަންވީ ހެއްޔެވެ؟ ނުވަތަ ޖިންސީ ގުޅުން ހިންގުން މަނާ ކުރަންވީ ހެއްޔެވެ؟ ނުވަތަ އެ ދެކަންތަށް ކުރިޔަސް ދަރިން ހޯދުން މަނާކުރަންވީ ހެއްޔެވެ؟ އޭރުން ހަމަ ގައިމުވެސް ދަރިން ހޯދުމުގެ ތެރޭގައި މިހާގިނަ އަންހެނުން މަރެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަން ޖެހެއެވެ. އެކަމެއްގެ ސަބަބުން ނުކުންނަ ގެއްލުމުގެ މިންވަރަކީ ކޮބާތޯ އާއި ފައިދާގެ މިންވަރަކީ ކޮބާތޯ ބަލަން ޖެހެއެވެ. އެގޮތުން ބަލާއިރު ދަރިންވެސް ހޯދަންޖެހެއެވެ. ވީމާ، ވިސްނަންވީ މާބަނޑުވުމުގައްޔާއި ވިހެއުމުގައި އަންހެނުން މަރުވުން ކޮންޓްރޯލު ކުރެވޭނީ ކޮންގޮތަކުންތޯއެވެ.

އާއެކެވެ. ޅައުމުރުގައި މާބަނޑު ވުމަކީ ޒުވާން އުމުރުގައި މާބަޑުވުމަށް ވުރެ އެމީހާއަށް ގެެއްލުން ހުރިކަމެއް ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެކަމުގެ އަނެއް ކޮޅަށްވެސް ބަލަން ޖެހެއެވެ. އިސްލާމީ ޝަރީއަތުގައި މަނާ ކުރާ ކަމެއްގައި، ފައިދާއެއް އެކުލެވިދާނެއެވެ. އަދި ހުއްދަކުރާ ކަމެއްގައި، ގެއްލުންވެސް އެކުލެވިދާނެއެވެ. ސަބަބަކީ، އެކަމެއްގައި ފައިދާ އެކުލެވޭ ކަންތައް މަނާކުރެވުނީ، އެކަމުގައި ހިމެނޭ ފައިދާއަށްވުރެ އެކަމުގެ ގެއްލުން ބޮޑުވީމައެވެ. އަދި އެކަމެއްގައި ގެއްލުން ހިމެނޭކަންތައް ހުއްދަކުރެވެނީ އެކަމުގައިވާ ގެއްލުމަށްވުރެ ފައިދާ ބޮޑުވާތީއެވެ.

މިސާލަކަށް ބަނގުރަލާއި ޖުވާއަށް ބަލާލަމާތޯއެވެ. އެ ދެކަމަކީ ވެސް އިސްލާމް ދީނުގައި ޙަރާމް ދެކަމެވެ. އެކަމަކު އެ ދެކަމުގައިވެސް ފައިދާ އެކުލެވިގެންވާކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އަދި އެ ދެކަންތަށް ޙަރާމް ކުރެވުނު ސަބަބަކީ އެ ދެކަމުގައި ހިމެނޭ ފައިދާއަށް ވުރެ އެކަމުގައިވާ ގެއްލުން ބޮޑުވީމަކަންވެސް ކީރިތި ޤުރުއާނުން ސާބިތުވެއެވެ. ބަގަރާ ސޫރަތުގެ 219 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ. އަދި ހޭދަކުރާންވީ އެއްޗަކާމެދު ވެސް އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހޭދަކުރުންވަނީ ތިމާގެ ބޭނުންތަކަށް ވުރެ އިތުރުވާ އެއްޗަކުންނެވެ. ﷲ އެކަލާނގެ އާޔަތްތައް ތިޔަބައި މީހުންނަށް މިފަދައިން ބަޔާންކޮށް ދެއްވަނީ، ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކާމެދު ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ."

މި އާޔަތް ނިންމަވާ ލައްވަމުން މާތްﷲ އަޅުގަނޑުމެންނަށް ދީފައި އެވަނީ ވަރަށްވެސް މުހިންމު މެސެޖެކެވެ. ކަމުގެ ދެކޮޅު ބެލުމަށާއި، ކަންތައްތަކާއިމެދު ވިސްނާފިކުރު ކުރުމަށް އެގޮވާލައްވަނީއެވެ. މިގޮތުން އަންހެނުން ޅައުމުރުގައި ކައިވެނިކުރުމުން ނުކުންނާނެ ގެއްލުން ތަކެއް ހުރެދާނެއެވެ. އެހެންކިޔާފައި، އަންހެނުން ޅަފަތުގައި ކައިވެނި ކުރުން މަނާކުރުން އެއީ އެންމެ އިންސާފުވެރި ގޮތް ބާވައެވެ؟ ބުއްދީގެ ހަމަތަކުން ބެލިޔަސް ބުނެވޭނީ ނޫނެކެވެ. ސަބަބަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އެގޭފަދައިން އަންހެނާ ބޮޑުވާ އުމުރު ފުރައަކީ 9 އަހަރާ 15 އަހަރާ ދެމެދު ގައެވެ. މީގެތެރެއިން ކޮންމެ އުމުރެއްގައި އަންހެން ކުއްޖާ ބޮޑުވިކަމުގައިވިއަސް، އެކުއްޖާ ބޮޑުވުމަށްފަހު، 20 އަހަރުގެ އަންހެނުންނަށްވެސް އިހްސާސް ކުރެވޭ އެދުންވެރިކަން، މިދަންނަވާ ކުއްޖާއަށްވެސް ކުރެވެއެވެ. ބަޔެއްފަހަރު އެ އިޙްސާސް ބޮޑުވެސް ވެއެވެ. ނުވަތަ ކުޑަވެސް ވެއެވެ. އެފަދަ ކުއްޖަކަށް، ޖިންސީގޮތުން އެކުއްޖާއަށް ހައްގުވާ އަރާމު ލިބިގަނެވޭނޭ ގޮތެއްވެސް އޮންނަށް ޖެހެއެވެ. ޝަރުޢީގޮތުން ޙަލާލު ގޮތެއްގައެވެ. އަޚްލާގީ ގޮތުން ރަގަޅު ގޮތެއްގައެވެ. އެގޮތަށް އިސްލާމު ދީނުގައި ކިޔަނީ ކައިވެންޏެވެ. ވީމާ އެ އަންހެން ކުއްޖާ ބޭނުންވެގެން ހެޔޮގޮތުގައި ކައިވެނި ކުރުމަކީ އެ އަންހެންކުއްޖާއަށް އިސްލާމު ދީނުގައި ދީފައިވާ ޙައްޤެކެވެ.

މިއީ އިސްލާމީ ޝަރީއަތުގައި ނޫނަސް މަޝްހޫރު ޔޫރަޕުގެ ޤައުމުތަކުގެ ޤާނޫނުތަކުގައިވެސް އަދި ޤާނޫނެއްގައި ނެތަސް ދުނިޔޭގެ އެންމެންވެސް އަމަލުކުރާ މިންގަޑެކެވެ. މިސާލަކަށް ހޮލެންޑްގެ ޤާނޫނު ބުނާގޮތުން 12 އަހަރުގައި އަދި އިޓަލީގެ ގާނޫނު ބުނާގޮތުން 14 އަހަރުގައި ޖިންސީގުޅުން ހިންގިދާނެއެވެ. އެއީ އެކުއްޖާރުހޭނަމަ، ފާޅުގައި ކަމުގައިވިއަސް، ސިއްރުގައި ކަމުގައިވިއަސް، ފުރަގަސް ފަރާތައް ކަމުގައި ވިއަސް، ކިތަންމެ ގިނަމީހުންނަކާ އެކީކަމުގައިވިއަސް، ކޮންމެ އުމުރުފުރައެއްގެ މީހަކާއެކީގައި ކަމުގައި ވިއަސް އެންމެ ރަގަނޅެވެ. ސުބުޙާނަﷲއެވެ. ނިކަން ބައްލަވާށެވެ. މިކަމުގައިވެސް ޙަގީގަތުގައި އިސްލާމް ދީން ވަނީ ކުރިހޯދާފައެވެ. ސަބަބަކީ، ބާލިޣުވާ އަންހެން ކުއްޖާކަމުގައި ވިއަސް ފިރިހެން ކުއްޖާ ކަމުގައިވިއަސް، ޖިންސީގުޅުން ހިންގޭނީ ވަކި މިންގަޑެއްގެ ތެރޭގައެވެ. އެއީ ކައިވެނި ކޮށްގެންނެވެ. އެއީ ސިއްޙީގޮތުން އެންމެ މޮޅުގޮތް ދެނެވޮޑިގެންވާ، އިޖުތިމާއި ގޮތުން އެންމެ މޮޅުގޮތް ދެނެވޮޑިގެންވާ، އަދި ނަފްސާނީ ގޮތުން އިންސާނާއަށް އެންމެ މޮޅުވާނެ ގޮތަކީ ކޮބައިކަން ދެނެވޮޑިގެންވާ ކީރިތިވަންތަ ﷲގެ ޤާނޫނުގައި ވާގޮތުގެ މަތިންނެވެ.

އަޖައިބެކެވެ! ޅަފަތުގައި ކައިވެނި ކުރުމަކީ ތިމާއަށް ޤަބޫލުކުރެވޭ ގޮތުގައި ގެއްލުން ހުރިކަމެއް ކަމުގައިވާނަމަ އެކަން ނުކުރައްވާށެވެ. ކޮންމެ އަންހެންކުއްޖަކު ޅަފަތުގައި ކައިވެނި ކުރުން އިސްލާމް ދީން ވާޖިބެއް ނުކުރެއެވެ. އެމީހަކަށް އެކަން ކުރަން ފެނުމުން، އެކަމުގެ ޝަރުތުތަކާއި، ރުކުންތައް ފުރިހަމަކޮށް އެކަން ކުރަންވީއެވެ. ކުރަން ނުފެންނަންޔާ ނުކުރަންވީ އެވެ. އިސްލާމީ ޝަރީއަތުގައި ތިމާ އެކަން ކުރާކަށް ވާޖިބެއް ނުކުރެއެވެ. ދެން މައްސަލައަކީ ކޮބައިތޯއެވެ؟ އިސްލާމުދީނާމެދު އޮންނަ ޙަސަދަވެރި ކަމެވެ.

ސީ އެން އެން ގެ އާޓިކަލްގައި އިތުރަށް ބުނެފައިވާގޮތުން، ޔަމަނުގައި އަންހެން ކުދިން ޅައުމުރުގައި ކައިވެނި ކުރުމަކީ އާންމު ކަމެކެވެ. އަދި ވަރަށް ގިނަކުދިންނަކީ ގަދަކަމުން ޅައުމުރުގައި ކައިވެނި ކުރުވާ ކުދިންނެވެ. މިއަމަލާ އިސްލާމީ ޝަރީއަތާ ގުޅުވައި އިސްލާމް ދީން ހުތުރު ދީނެއްގެ ގޮތުގައި ދައްކުވަން މަސައްކަތް ކުރެއެވެ. ނަމަވެސް ޙަޤީގަތަކީ ހޯދައި ބަލައިފި މީހަކަށް ވަންހަނާވާނެ އެއްޗެއް ނޫނެވެ. ހަޤީގަތަކީ، ޅައުމުރުގައި ވިއަސް، ޒުވާން އުމުރުގައި ވިއަސް، އަދި މުސްކުޅި އުމުރުގައި ވިއަސް ގަދަކަމުން ކައިވެނި ކުރުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމެވެ. (ބޮޑުވެ ފުރާ ފުރިހަމަވުމަށް ފަހު) ކޮންމެ އުމުރެއްގައި ކަމުގައި ވިއަސް، އިސްލާމްދީން ހުއްދަކުރަނީ ދެފަރާތުގެ ފުރިހަމަ ރުހުމާއިއެކު، ކައިވެނީގެ މަޤްސަދާއި، ބޭނުން އެނގިގެންތިބެ ކުރެވޭ ކައިވެންޏެވެ.

ފަހަރެއްގައި މީހެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. އިސްލާމްދީން ހުއްދަ ނުކުރާނަމަ އެފަދަމުސްލިމު ގައުމުތަކުގައި އެފަދަކަންތަށް ކުރަނީ ކީވެ ބާވައެވެ؟ ޖަވާބަކީ، އަދި ދެނެގަންނަންޖެހޭ ހަޤީގަތަކީ، މުސްލިމުންގެ ދިރިއުޅުމަކީ އިސްލާމުދީން ނޫންކަމެވެ. މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނަށް ކަމެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުންނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމްދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާއި، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ ޙަޤީޤަތް ނުބަލާ ﷲގެ ދީނަށް ފުރައްސާރު ކުރާ މީހުންގެ ކިބާގައެވެ.

ވީމާ ޚުލާސާއަކީ، ޔަމަނުގެ އަންހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވުމަކީ އެއީ އިސްލާމީ ޝަރީއަތުގެ މައްސަލައެއް ނޫނެވެ. އެއީ އެކަށީގެންވާ ފަރުވާ ނުލިބުމުގެ މައްސަލައެކެވެ. އަދި އެކުއްޖާގެ ކައިވެންޏާއިމެދު އެ އާޓިކަލްގައި ބުނެފައިވަނީ ތެދެއްކަމުގައިވާނަމަ (އެކުއްޖާގެ ކައިވެންޏަކީ ގަދަކަމުން ކުރެވިފައިވާ ކައިވެންޏެއްނަމަ) އެއީވެސް އިސްލާމު ދީނުގެ މައްސަލައެއް ނޫނެވެ. އެއީ ބެލެނިވެރިންގެ މައްސަލައެކެވެ. ދުނިޔޭގެ ފަނާދަނިވި އެދުމަކަށްޓަކައި މާތްﷲ އެބެލެނިވެރިންނާއި ހަވާލުކުރި އަމާނާތަށް ޚިޔާނަތްތެރި ވުމެވެ. އެއީ ދީން މަނާކުރާ ކަމެކެވެ. މާތްﷲ އެ އަންހެންކުއްޖާއަށް ސުވަރުގެ މިންވަރުކުރައްވާށިއެވެ!

މި ލިޔުން ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލާހިތްވެއެވެ. އެއީ ޣައިރު މުސްލިމުންގެ މިފަދަ ބުހުތާނު ތަކަށް އަހަރުމެން ހޭލުންތެރިވެ ތިބެން ޖެހޭނެ ވާހަކައެވެ. އެބައިމީހުންނަށް އިސްލާމް ދީނުގެ ހަޤީގަތް އެނގުނުކަމުގައި ވިއަސް ދީނާމެދު އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން، ކަންކަމުގެ ޙަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެއެވެ. އެއީ އަބަދުވެސް އެމީހުންގެ ގޮތެވެ. ވީމާ އިސްލާމްދީނޭކިޔާފައި ކޮންމެފަދަ ވާހަކައެއް ދައްކާކަށް ފަހަކަށް ނުޖެހޭނެއެވެ. ހިތާމައަކީ އެމީހުންނާއި އެއްސަފެއްގައި އަޅުގަނޑުމެންގެ މިދީނަށް ނިސްބަތްވާ މީހުންވެސް ހިނގަން މަސައްކަތްކުރާކަމެވެ. ޣައިރު މުސްލިމުންނެކޭ އެއްގޮތަށް ތިމާ ނިސްބަތްވާ ދީނާމެދު، ތިމާގެ ހިތުގައި ޙަސަދަވެރިކަން އިތުރުކުރާތީއެވެ. ދެން އެމީހުންގެ މިސާލަކީ، ހަނި ވަޅަކަށް އުފަންވާ ބޮކެއް، ތިމާއަށް ހުރިހާތަނެއް ފެންނަކަމަށް ހީކޮށް އަޑުގަދަކޮށް ހަޅޭލަވާހެން، މިމީހުންވެސް ހުރިހާކަމެއް އެނގޭކަމަށް ހެދިގެން ހަޅޭލަވަން ފަށައެވެ. އަދި ތިމާ ހެއްދެވި ﷲއަށް ވެސް ގޮންޖަހާލަން މަސައްކަތް ކުރެއެވެ.

މިގޮތަށް އުޅޭއިރު، ކަމުގެ ދެކޮޅުބެލުމެއް ނޯވެއެވެ. ހަޤީގަތަކީ ކޮބައިތޯ ވިސްނަން މިމީހުންގެ ހިއްވަނީ ގާވެފައި ކަހަލައެވެ. އަމިއްލަ ބުލޮގުގައި ދީން ފަޟީހަތްކުރަން ހުއްޖަތެއްނެތި ވާހަކަތަށް ޝާއިއު ކުރާއިރު، ޔޫރަޕުގެ ޤައުމުތަކުގައި އެތައްހާސް ޅަކުދިންނެއް ރޭޕުކޮށް މަރާލެވޭއިރު، އެވާހަކަތަށް ނުޖައްސަވަނީ ކީވެބާއޭ ހިތަށް އަރައެވެ؟ ޔޫރަޕުގެ ބައެއް ޤައުމުތަކުގައި، ޤާނޫނުތަކުން ހުއްދަލިބިގެން، ޅަ އަންހެން ކުދިން މާބަނޑު ވުމަށްފަހު އެބޯޝަން ހައްދައިގެން، އެތަށް ހާސް ތުއްތު ކުއްޖަކު މަރާލާ ވާހަކަ ނުޖަހަނީ ކީވެގެން ބާވައެވެ؟ ޤާނޫނުން ހުއްދަވީމައި އެއީ މަރަކަށް ނުވަނީ ބާވައެވެ؟
އެކަނލާންގެ ބާލެއްވި ޝަރީއަތަށް ނަފްރަތުކުރާ މީހުންގެ ދެކޮޅުނުޖެހޭކަމާއެވެ. ޙިކްމަތްތެރި ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! އެކަލާނގެ ވަޙީބަސްފުޅުގައި ވާފަދައިން ހޯދައި ބަލައިފި މީހަކަށް ޙައްޤަކީ ކޮބައިކަން އެގޭނެވެ.

މިލިޔުން ކިޔުއްވި ބޭފުޅެއްނަމަ، މި ލިންކު ބައްލަވާލެއްވުމަށްވެސް އެދެމެވެ.
http://www.youtube.com/watch?v=lwessrsEqfA

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP