މޫނު ބުރުގާ އަކީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ.

>> 6.5.10

3 މެއި 2010 ވީ ހޯމަ ދުވަހު "މުރާސިލުން" އަޅުގަނޑުކީ ލިޔުމެއްގެ މައުޟޫގައި ވަނީ "މޫނު ބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިހެނެވެ.

މި ބަޔާންކުރެވުނު ސުރުޚީއަށް ލިޔެފައިވާ ލިޔުމާއިމެދު ކޮންމެވެސް ވަރެއްގެ ވާހަކައެއް ދަންނަވާލުމަށް އަޅުގަނޑުގެ މިގަސްތުކުރީ ފަހަރެއްގައިވެސް އަޅުގަނޑަކީ ދީނީ ޢިލްމުވެރިއަކަށް ވާތީއެއް ނޫނެވެ. އަދި އެކަމުގެ ޙުކުމް ބަޔާން ކުރުމަކަށްވެސް ނޫނެވެ. އަޅުގަނޑުފަދަ މުސްލިމު އަޚަކަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ދެކޮޅުނު ނުޖެހޭ ވާހަކަތަކެއް ދެއްކިފައި ވާތީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވެފައި، ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންކަމުން ދުރުހެލި ވުމަށް ވާޤިވެރިވާން ޖެހޭ ބަޔަކަށްވާތީވެ، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލުކަން ހުރި މިންވަރަކުން އެކަން ކުރެވޭތޯއެވެ.

އެންމެ ފުރަތަމަ މިދެންނެވި ލިޔުމުގެ ސުރުޅީއަށް ބަލާލަމާ ހިނގާށެވެ. "މޫނު ބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިއެވެ. ފަލްސަފާއަކީ ކޮބައިތޯއެވެ؟ ފަލްސަފާއަކީ މީހުންގެ ނުވަތަ ފަލްސަފާވެރިންގެ ބުއްދިއާއި ވިސްނުމުގެ މައްޗަށް ބިނާކޮށް ކަޑައަޅާ އުސޫލުތަކަކާއި ހަމަތަކަކަށް ކިޔާ ނަމެކެވެ. އިސްލާމު ދީނަކީ ފަލްސަފާއެއް ނޫނެވެ. އިސްލާމު ދީނަކީ މީހެއްގެ ބުއްދިއަށް ވިސްނޭގޮތައް ގެނެވިފައިވާ އުސޫލުތަކެއް ނޫނެވެ. އިސްލާމު ދީނަކީ ޤާނޫނު ހަދާމަޖުލީހަކުން ފާސްކޮށްފައިވާ ޤާނޫނުތަކެއްނޫނެވެ. އެއީ ރައްބުލް ކާއިނާތު ބާވާލައްވާފައިވާ ދިރިއުޅުމުގެ ނިޒާމެކެވެ. ވަޙީއެވެ. ޤުރުއާނާއި ސުންނަތެވެ. ވީމާ ދީނީ ފަލްސަފާއޭ އެގޮތަށް ބޭނުންކުރުމަކީ އެއީ އެދެބަސް ފުށުއަރާ ކަމެކެވެ.

ދެވަނައަށް ފާހަނގަކޮށްލަން ބޭނުންވާ ނުކުތާއަކީ ލިޔުންތެރިޔާ ދެކިލައްވާގޮތުގައި ޢިލްމުވެރިންގެ މެދުގައި ދީނުގެ ބައެއްކަންކަމުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރިވާހަކައެވެ. އާއެކެވެ! އިސްލާމުދީނުގެ ޢިލްމުވެރިންގެ މެދުގައި ބައެއްކަންކަމުގައި ރަޢުޔު ތަފާތުވެފައި ވެއެވެ. ލިޔުންތެރިޔާ ދެކިލައްވާ ގޮތުގައި އެއީ ބޮޑެތި ޚިލާފުވުން ތަކެކެވެ. ނަމަވެސް ޙަޤީޤަތުގައި ވަރަށް ކުދި ކުދި ޚިލާފުވުން ތަކެކެވެ. އެޚިލާފުވުންތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނެވެ. ޢިލްމުވެރިންނެއް ނޫނެވެ.

މިސާލަކަށް ލިޔުއްވާފައިވާ ސުރުހީއަށް ބަލާލަމާ ހިނގާށެވެ. "މޫނުބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިއެވެ. ޚިލާފުތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނޭ މިދަންނަވަނީ މިހެންވީމައެވެ. ސަބަބަކީ މޫނުބުރުގާ އެޅުމަކީ ވާޖިބެއް ނޫނޭ ވިދާޅުވާ އެއްވެސް ޢިލްމުވެރިޔަކު މިފަދަ ލަފްޒެއް ބޭނުން ކުރައްވާފައި ވޭތޯއެވެ؟ ނުވަތަ މި މާނަ ދޭހަވާފަދަ ލަފްޒެއްވެސް ބޭނުން ކުރައްވާފައި ވޭތޯއެވެ؟ ނުވެއެވެ. އަދިކިއެއް އެބޭފުޅުން ވާޖިބެއް ނޫނޭ ވިދާޅުވުމާއި އެކު ދެންވިދާޅުވަނީ އެއީ އިތުރުވެގެންވާ ސުންނަތެއް ކަމުގައެވެ. މުސްތަހައްބު ކަމެއް ކަމުގައެވެ. ކޮށްފި ނަމަ ސަވާބު ލިބޭނެ ވާހަކައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބި އަނބި ކަބަލުންނާއި ޞަޙާބިއްޔާތުން ކުރެއްވި ކަމެއް ކަމުގައެވެ. އިސްލާމީ ތާރީޚްގެ އެންމެ އުޖާލާ ދުވަސްވަރު އަންހެން ކަނބަލުން އެކަން ކުރެއްވި ވާހަކައެވެ. މިއަދާހަމައަށްވެސް އެކަން އޮތީ އެގޮތަށެވެ. އެއީ 'ދީނުގެ ފަލްސަފާއާއި' އޮޅުން އަރާ ކަމެކޭ އެބޭކަލުން ވިދާޅެއް ނުވެއެވެ. ވީމާ އުފެދިފައިވާ ޚިލާފުތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނެވެ. ޢިލްމުވެރިންނެއް ނޫނެވެ.

އަދި ހަމަ މިނޭވާގައި އަޅުގަނޑު ފާހަނގަ ކޮށްލާން ބޭނުންވާ ނުކުތާއަކީ ކުރިންވެސް ދެންނެވި ފަދައިން، ޙަޤީޤަތުގައި ޢިލްމުވެރިންގެ ރަޢުޔު ތަކަށް ބައްލަވައިފިނަމަ ޢިލްމުވެރިންގެ މެދުގައި ޚިލާފުވުންތައް ވަރަށް ކުޑައެވެ. އެގޮތަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި އިސްލާމު ދީނުގެ ޢިލްމުވެރިންގެ ވާހަކަފުޅުތަކަށް ނަޒަރު ހިންގާލާއިރު، އިސްލާމީ ޝަރީޢަތުގައި ދިރިއުޅުމުގެ ކަންތައްތައް ބެހެނީ 5 ބަޔަކަށެވެ. އެއީ 1- ވާޖިބް (ކޮންމެހެން ކުރަންޖެހޭ)، 2- މުސްތަޙައްބު (ކޮއްފިނަމަ ޘަވާބު ލިބޭ ނުކުރިޔަސް ޢަޛާބު ނުލިބޭ) 3- މުބާޙު (ކުރުމާއި ނުކުރުން ހަމަހަމަ)، 4- މަކްރޫހް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކުރިޔަސް ޢަޛާބު ނުލިބޭ ކަންކަމެވެ.)، އަދި 5- ޙަރާމް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކޮއްފިނަމަ ޢަޛާބުލިބޭ ކަންކަމެވެ.)

މީގެތެރެއިން ވާޖިބާއި މުސްތަޙައްބަކީ ކުރުމަށް ބާރުއަޅާ ރަނގަޅު ކަންތަކެވެ. ތަފާތަކީ ވާޖިބުކަމެއް ކޮންމެހެން ކުރަންޖެހޭކަމެވެ. އަނެއްކޮޅުން މަކްރޫހްއާއި ޙަރާމް ކަމަކީ ނުކުރުމަށް ބާރުއެޅޭ ގޯސްކަންތަކެވެ. ތަފާތަކީ ޙަރާމް ކަމެއްނަމަ ކޮންމެހެން ދުރުހެލި ވާންޖެހޭކަމެވެ.

ފާހަނގަކޮށްލާންބޭނުންވާ ނުކުތާއަކީ ބައެއް ޢިލްމުވެރިން ވާޖިބޭ ވިދާޅުވާ ކަމެއްގައި އަނެއް ބައެއް ޢިލްމުވެރިން ޙަރާމެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވިއަސް ވިދާޅުވަނީ އެއީ މުސްތަޙައްބު ކަމެއް ކަމެވެ. މާނައަކީީ ކޮންމެގޮތެއްވިއަސް އެކަން ކުރުން އެއީ މޮޅުއިތުރުގޮތެވެ. މިސާލަކަށް މޫނުބުރުގާ އެޅުމުގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ޤުރުއާނާއި ޙަދީޘްގެ އަލީގައި ބައެއް ޢިލްމުވެރިން ދެކިލައްވާގޮތުގައި އެކަން ވާޖިބެވެ. އަނެއް ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވާޖިބެއް ނޫން، އެކަމަކު މުތަޙައްބުކަން ބޮޑު ސުންނަތެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބި އަނބި ކަބަލުންނާއި، ޞަޙާބިއްޔާތުން ކުރެއްވި މަތިވެރި ކަމެކެވެ. އެއްވެސް ޢިލްމުވެރިޔަކު އެއީ ސާބިތު ނުވާކަމެކޭ ނުވަތަ މަކްރޫހް ކަމެކޭ ނުވަތަ ޙަރާމްކަމެކޭ ވިދާޅުވެފައެއް ނުވެއެވެ. ވީމާ ކޮންމެ ގޮތަކުންވެސް އެކަމަކީ ކުރުން މޮޅުއިތުރު ކަމެއްކަމާއިމެދު ޝައްކެއް ނަތެވެ. އެހެން ނޫންތޯއެވެ؟ ޢީލްމުވެރިންގެ މެދުގައި ބޮޑެތި ޚިލާފުތައް ނެތޭ މިދަންނަވަނީ މިހެންވެއެވެ.

އަނެއްކޮޅުން، އެއް ޢިލްމުވެރިޔަކު ޙަރާމޭ ވިދާޅުވާ ކަމެއްގައި އަނެއް ޢިލްމުވެރިޔަކު ވާޖިބެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ މަކުރޫހަ ކަމެއް ކަމެވެ. މާނައަކީ އެއީ ނުކޮށް ދޫކޮށްލާންވީ ގޯސްކަމެކެވެ. ސުވާލު އުފެދެނީ ޙަރާމް ތޯ ނުވަތަ މަކްރޫހްތޯއެވެ. ބާރުއެޅެނީ އެކަން ދޫކޮށްލުމަށެވެ.

ވީމާ މިކަން މިހާ ސާފުކޮށް މިހެން އޮތްއިރު، ޢިލްމުވެރިންގެ މެދުގައި ބޮޑެތި ޚިލާފުވުންތައް އެބަވެއޭކިޔައި، ކަމުގެ އަޞްލު އޮޅުވާލައި، އަޅުގަނޑުމެން ވިސްނުމާއި ބުއްދިއަށް އަންނަހައި އެއްޗެއް ލިޔުމަކީ މުސްލިމުންގެ ގޮތަކަށް ވެގެން ނުވާނެއެވެ.

ދެންއޮތީ ޝަރީޢަތުގެ މައިދާނުގައި ނުވަތަ އައިޑެންޓީޓީގެ ގޮތުގައި މޫނުދެއްކުމުގެ ވާހަކައެވެ. ލިޔުންތެރިޔާގެ ލިޔުން ކިޔާލުމުން ދޭހަވަނީ ލިޔުންތެރިޔާއަށް އެނގިފައިވާ ގޮތުގައި މޫނުބުރުގާ އެޅުމަކީ ދީނީ ޝިޢާރަކަށް ވާނަމަ އައިޑެންޓިޓީގެ ގޮތުގައިވެސް މޫނެއް ނުދެއްކޭނެއެވެ. އެއީ ލިޔުންތެރިޔާއަށް ލިބިފައިވާ ކުށް މަޢުލޫމާތެއް ކަމުގައި ދެކެމެވެ. މޫނުބުރުގާ އެޅުމަކީ އައިޑެންޓިޓީގެ ގޮތުގައި މޫނު ދެއްކުން މަނާވުމެއް ނޫނެވެ.

ދެންއޮތީ މޫނުބުރުގާ އަޅައިގެން ތިބޭމީހުން އެހެންމީހުންނަށް ގެއްލުންދިނަސް އެއީ ކާކުކަން ނޭނގޭނެ ވާހަކައެވެ. އަދި ލިޔުންތެރިޔާ ދެކިލައްވާ ގޮތުގައި މޫނުބުރުގާ އެޅުމަކީ މުޖުތަމައަށް އެތައްގިނަ ގެއްލުންތަކެއް ކުރިމަތިވެގެން ދާނޭ ނުރައްކާތެރި ކަމެކެވެ. އާއެކެވެ! މޫނުބުރުގާ އަޅަނީ މީހުންނަށް ގެއްލުން ދޭންކަމުގައި ވަނީނަމަ ކަންވާނީ އެގޮތަށެވެ.

ނަމަވެސް ލިޔުންތެރިޔާއަށް އޮޅިފައިވާ ހަޤީގަތަކީ ފާއިތުވި 14 ސަތޭކަ އަރުވު ވީއިރުގައި އެފަދަ މުސްލިމު އުޚްތެއް އެމިސާލުޖައްސަވާފަދަ ގެއްލުމެއް ދީފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ކުރެވިފައި ނުވާކަމެވެ. މުސްލިމު އުޚްތުން މޫނުބުރުގާ އަޅަނީކީ މީހުންނަށް ގެއްލުން ދޭކަށް ނޫނެވެ. މުސްލިމު އުޚްތުން މޫނުބުރުގާ އަޅަނީ މާތްﷲ އަންގަވާފައި ވާފަދައިން "އެކަބަނލުން އެނގިގެން ވުމަށާއި، އެކަބަލުންނަށް އުދަގޫނުލިބުމަށް އެކަން މާތްކަން ބޮޑުވީމައެވެ" (އަލްއަހްޒާބް 59)

އަނެއްކޮޅުން މޫނުބުރުގާ އެޅުން ގިނަވުމަކީ، މުންކަރާތްތައް ގިނަވެ މުޖުތަމައަށް ގެއްލުންހުރި ނުރައްކަލަކަށް ވާނަމަ، މުންކަރާތް އެންމެގިނަ އަދި ނުރައްކާތެރިކަން އެންމެބޮޑު ޤަެއުމަކަށް ވާންޖެހޭނީ ސައުދީ އަރަބިޔާއެވެ. އަދި ޢަރަބި ޤައުމުތަކެވެ. އަދި އެންމެ އަމަން އަމާންކަން އޮންނާންޖެހޭނެ ޤައުމުތަކަކީ އެމެރިކާއާއި ޔޫރަޕުގެ ޤައުމުތަކުގައެވެ. ޚާއްސަކޮށް ފުރާންސެވެ.

ނަމަވެސް ރެކޯޑްތައް ދައްކަނީ ދިމާ އިދިކޮޅަށެވެ. ސައުދީ ޢަރަބިޔާއާއި އަރަބި ޤައުމުތަކަކީ ދުނިޔޭގެ އެންމެ މަދުން މުންކަރާތަށް ހިނގާ ޤައުމުތަކެވެ. އެހެން ޤައުމުތަކާ އަޅާބަލާއިރު އެންމެ އަމާން ޤައުމުތަކެވެ. އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕުގެ ޤައުމުތައް ބެލެވިފައިވަނީ އެންމެ ގިނަ މުންކަރާތްތައް ހިނގާ ޤައުމުތައް ކަމުގައެވެ. އަދި އެއްވެސް އަމަން އަމާންކަމެއް ނެތްޤައުމުތަކެއްގެ ގޮތުގައެވެ.

މިއީ އަޅުގަނޑު ދައްކާ ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ރެކޯޑްތައް ބުނާގޮތެވެ. އެމެރިކާގެ އެފް ބީ އައި އިން 2000 ވަނަ އަހަރު ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން؛ އެމެރިކާގައި ކޮންމެ 100000 މީހުންގެ ނިސްބަތުން 5510 މީހުންނަކީ އަނިޔާވެރި ގޮތުގައި މަރާލެވޭ މީހުނެވެ. ހަމަ އެ ނިސްބަތުން ސައުދީ އަރަބިއްޔާގައި މަރާލެވޭމީހުންގެ އަދަދަކީ 710 އެވެ. އަދިވެސް އެ ރިޕޯޓްގައި ވެއެވެ.. 100000 މީހުންގެ ނިސްބަތުން އެމެރިކާގައި 23050 އަންހެން ކުދިން ރޭޕުކޮށްލެވެއެވެ. ސައުދީ އަރަބިޔާގައި 140 ކުދިންނެވެ. އަދި މީގެއިތުރުން ވައްކަން ކުރުންފަދަ ކަންތައްތަކުގެ ތަފާސްހިސާބު ވެއެވެ. ނަތީޖާ ހަމަ އެއްގޮތެވެ.

ސުވާލަކީ މޫނުބުރުގާ އެޅުމަކީ މުޖުތަމައަށް އެހާ ނުރައްކާހުރި ކަމަކަށް ވާކަމުގައި ވާނަމަ، އެންމެ ގިނައިން މޫނުބުރުގާ އަޅާގައުމުގައި ކުށްކުރުން އެންމެ މަދުވެފައި، މޫނުބުރުގާ އަޅާ އަންހެނުން ނިސްބަތުން 'ނަލިފައި' ގައުމުތަކުގައި އެހާ ކުށްކުރުން ގިނަވަނީ ކީއްވެބާއެވެ؟ ޝައްކެއްވެސް ނެތްގޮތުގައި އެއިން ދޭހަވާކަމަކީ ނުރައްކާތެރިކަން ބޮޑުވުމާއި މޫނުބުރުގާއާއި ގުޅުމެއް ނެތްކަމެވެ. އަދި އަމަން އަމާންކަމާއި މޫނުބުރުގާއާއި ގުޅުން އޮތްކަމެވެ.

މީގެއިތުރުން މޫނުބުރުގާ އެޅުން މަނާކޮށްފައިވާ ފުރާންސްގެ 'އަމަން އަމާންކަން'ހުރި މިންވަރަކީ އަހަރަކު 25000 އަންހެން ކުދިން ރޭޕުކޮށްލެވެއެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 65އަށްވުރެ ގިނަ ކުދިންނެވެ. ވިސްނަވާށެވެ! މިއީ މޫނުބުރުގާ އެޅުން މަނާކޮށްފައިވާ ފުރާންސްގެ ޖަމްއިމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއް ބުނާގޮތެވެ. އެގައުމުތަކުގައި މިފަދަ އަނިޔާވެރި ޢަމަލުތައް ކުރަނީކީ މޫނުބުރުގާއެޅި އަންހެން ކުދީންނެއް ނޫނެވެ. އަދި މިފަދަ އަނިޔާތަކުގެ ޝިކާރައަކަށްވަނީވެސް މޫނުބުރުގާއެޅި އަންހެން ކުދީންނެއް ނޫނެވެ.

އާއެކެވެ! އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މޫނުބުރުގާ އަޅާފައިވާ މީހަކު ކުށެއް ކޮށްފާނެއެވެ. ކުރާނެއެވެ. އޭގެމާނައަކީ ހެދުމުގެ މައްސަލައެކޭ ނޫނެވެ. މިއަދު އެންމެ ގިނައިން މަގުފޭރޭ މީހުންގެ އުޞޫލަކީ، ސައިކަލުގައި ދަމުން އަންހެން ކުދިންގެ ދަބަސް ޖަހައިގަތުމެވެ. ދެން އެއަންހެން ކުއްޖާ ފަހަތުން ދުވިއަސް އެމީހުން އަތުވާގޮތެއް ނޯވެއެވެ. އެހެނޭ ކިޔާފައި ސައިކަލު ދުއްވުން މަނާކުރަންވީތޯއެވެ؟ މިއީ ރެކޯޑް ކުރެވިފައިވާ ދިރިހުރި މިސާލެކެވެ.

ކޮންމެއަކަސް ކުރުކޮށްލަމުން ޚުލާޞާކޮށްލާހިއްވަނީ އިސްލާމުދީނުގެ ޙުކުމްތަކަކީ ފަލްސަފާއެއް ނޫނެވެ. ރައްބުލް ކާއިނާތު އިންސާނުންނަށް ކަނޑައަޅުއްވާފައިވާ ދިރިއުޅުމެގެ ނިޒާމެކެވެ. މޫނުބުރުގާ އެޅުމަކީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ ރަސޫލާ ޞައްލަﷲގެ އަނބި އަނބި ކަބަލުންނާއި ޞަޙާބިއްޔާތުން ކުރައްވާފައިވާ، ޤުރުއާނާއި ސުންނަތުން ޘާބިތު ކަމެކެވެ. އެކަމުގެ ޙުކުމަކީ ވާޖިބެއް ކަމުގައި ވިއަސް އަދި މުސްތަޙައްބު ކަމެއް ކަމުގައި ވިއަސް، އެކަމަކީ ޝަރީއަތުގެ ތެރޭގައި ވާކަމެކެވެ. އިސްލާމީ ޝިޢާރެކެވެ. ފަހުން އުފެދިފައިވާ ކަމެއް ނޫނެވެ.

ވީމާ، ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ކިބައިން އެކަމުގެ ޙުކުމް ބަޔާންވުމަށް ފަހުގައި، އެކަމަކީ ފައިދާ ހުރިކަމެއްތޯ ނުވަތަ ނޫންތޯ ބަހުސްކޮށް ދެކޮޅުވެރި ވުމަކީ، އަޅުގަނޑުމެންނާއި އެކަށީގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ވަޒީފާއެއް ނޫނެވެ. މުސްލިމުންގެ ވަޒީފާ ބަޔާނުގައި ހިމެނޭކަމެއް ނޫނެވެ. ﷲގެ އެންގެވުންތަކުގެ ކުރިމަތީގައި މުސްލިމުންގެ ގޮތަކީ "އަހަރުމެން އަޑުއަހާ ކިޔަމަން ވެއްޖައީމެވެ."

އިތުރަށް ވިދާޅުވުމަށް....

ރިޝްވަތު ހިފުމާއި ޙަރާމްގޮތުގައި މުދާހޯދުން

ލިޔުނީ: އައްޝެއިޚް އަބޫ އަރްބަޢު
އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަމެކެވެ. ރިޝްވަތުދެވެނީ ޙައްގު ގޮތް ބާޠިލްކޮށް، ނުވަތަ ބާޠިލް އެއްޗެއް ޙައްގު އެއްޗެއްކަމުގައި ހެދުމަށް، ނުވަތަ މީހަކަށް އަނިޔާވެރިވުމަށް ކަމަށްވަނީނަމަ ޙަރާމްކަން އިތުރަށް ބޮޑުވެގެންދެއެވެ.

އިބްނުޢާބިދީން-ރަޙިމަހުﷲ- އެކަލޭގެފާނުގެ "ޙާޝިޔާ" އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. "ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށް މައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލަ އަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ". މިތަނުގައި ޙާކިމް އޭ އޮތް ބަހުގެ މުރާދަކީ ގާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެ މަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ. އެއީ ސަރުކާރުގެ މަސްއޫލުފަރާތެއް ނަމަވެސް ނުވަތަ އަމިއްލަ މަސައްކަތުގައި އުޅޭ ވިޔަފާރި އެޖެންޓުން ފަދަ މީހުން ކަމުގައިވީ ނަމަވެސް އެވެ.

ރިޝްވަތަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެއީ ބޮޑެތިފާފަ ތަކުގެ ތެރޭގައި ހިމެނޭވެސް ކަމެކެވެ. އެކަމުގައި އުޅޭ އެންމެންެގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްގުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުންދުރުހެލިވެ، އެހެންމީސްތަކުންވެސް މިކަމުންދުރުހެލިކުރުވުމަށް މަސައްކަތްކޮށް، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ ހެދުމެވެ. އެކަމުގެ ނުބައިކަމުގެ ބޮޑުކަމާއި، އެކުލެވިގެންވާ ފަސާދައިގެ ބޮޑުކަން، އަދި އެކަމުގެ ސަބަބުން ފަހުންދިމާވެދާނެ ހިތިނަތީޖާ ތަކުގެވާހަކައިން މީސްތަކުން ހޭލުންތެރި ކުރުވުމެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ގުރްއާނުގައި ވަނީ އަންގަވާފައެެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان) މާނައަކީ: "ތިޔަބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި ނުބައިކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅޭށެވެ". (ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް).

މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކައި އުޅުން އިސްލާމްދީން ވަނީ ޙަރާމް ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يأيها الذين ءامنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކުން ފިޔަވައި، އެހެން ބާޠިލްގޮތްގޮތަށް ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ". (ސޫރަތުއްނިސާ ގެ 29 ވަނަ އާޔަތް).

އަދިވެސް ވަޙީ ކުރެއްވިއެވެ.(ولا تأكلوا أموالكم بينكم بالباطل وتُدلوا بها إلى الحُكّام لتأكلوا فريقاً من أموال النّاس بالإثْمِ وأنْتُم تعلمون)، މާނައަކީ: "އަދި ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، މީސްތަކުންގެ މުދަލުގެތެރެއިން ބައެއް، ފާފަވެރިގޮތުގައި ކެއުމަށްޓަކައި، ތިޔަބައިމީހުންގެ މުދާތައް ޙުކުމްކުރާމީހުންނަށް ނުދޭށެވެ". (ސޫރަތުލް ބަގަރާ ގެ 188 ވަނަ އާޔަތް).

މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެވޭނެ އެންމެ ބޮޑުގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްގު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުން ފައިސާދެވޭތީއެވެ.

ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދޭމީހާއާއި، ހިފާމީހާއާއި، އެކަމުގައި މެދުވެރިއަކަށްވާ މީހާއެވެ. ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ރިވާވެގެންވެއެވެ. (لعن الله الراشي والمرتشي والرائش) މާނައަކީ: "ރިޝްވަތުދޭމީހާއާއި، ހިފާމީހާ، އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލަޢުނަތް ލައްވައެވެ".

މާތްﷲ ގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު މާތް ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ. މިފަދަ ބޮޑު ޢުގޫބާތެއް މީހަކަށް ލިބުމުގެ މާނައަކީ އޭނާއަށް އަރައިގަނެވުނު ކުށުގެ ބޮޑުކަމެވެ. އެހެންކަމުން މިފަދަ ކަންތަކުން ދުރުހެލިވެތިބުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި އެންމެ އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ.

ރިޝްވަތަކީ "ސުޙްތު" ގެ ބާވަތެކެވެ. ކީރިތި ގުރްއާނުގައި ޔަހޫދީން ސުހްތު ކެއުމުގެ ސަބަބުން އެބައިމީހުންނަށް ވަނީ ބަދު ބަސް ރައްދުކުރައްވާފައެވެ. ވަޙީ ކުރެއްވިއެވެ. (سَمّاعُونَ لِلكَذِبِ أَكّالُونَ للسُّحت) މާނައަކީ: "އެއީ ދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ". (ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް).

އަދިވެސް ވަޙީކުރެއްވިއެވެ. (وَتَرى كثيراً منهم يُسارعُونَ في الإثْمِ والعُدْوانِ وأكلهِمُ السُّحْتَ لبِئْسَ ما كانوا يعْملون ، لولا ينهاهُمُ الربَانيون والأحبارُ عن قولِهِمُ الإثْمَ وأكْلِهِمُ السُّحتَ لبئس ما كانوا يَصْنعون) މާނައަކީ: "އޭގެ ތެރެއިން ގިނަބަޔަކު، ފާފަވެރިވުމަށާއި ދެކޮޅުވެރިވުމަށާއި، ޙަރާމް މުދާ ކެއުމަށް އަވަސްވެގަންނަތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ އެބައިމީހުން ކުރަމުންދިޔަ ޢަމަލުތަކުގެ ނުބައިމާއެވެ!". (ސޫރަތުލް މާއިދާގެ 62-63).

އަދިވެސް ވަޙީކުރެއްވިއެވެ. (فَبِظُلمٍ من الذين هادوا حرّمنا عليهم طيّباتٍ أُحِلّتْ لهم وبِصَدّهم عن سبيلِ الله كثيراً ، وأَخْذِهِمُ الرّبا وقَدْ نُهُوا عَنْهُ وأكلهِم أموالَ النّاسِ بالباطلِ). މާނައީ: "ޔަހޫދީންނަށް ޙަލާލު ކުރެއްވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެބައިމީހުންގެ މައްޗަށް ތިމަންﷲ ޙަރާމްކުރެއްވީ، އެޔަހޫދީންގެ ފަރާތުން އަނިޔާވެރިވެ، ނުބައިކަންތައްކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން މާތް ﷲގެ މަގުގައި ހުރަސްއަޅައި، އެމަގު ފިޔަވައި ގިނަފަހަރަށް މަނާކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނަށް ނަހީވެގެންވުމާއިއެކު އެބައިމީހުން ރިބާ ހިފިކަމުގެ ސަބުންނެއވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލްގޮތުގައި އެބައިމީހުން ކެއުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ތެރެއިން ކާފިރުންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަން ﷲ ތައްޔާރުކުރައްވާހުށީމެވެ". (ސޫރަތުއްނިސާ ގެ 160 ވަނަ އާޔަތް).

މިނުބައި ޢަމަލުން ސަލާމަތްވެތިބުމަށް އަންގަވައި އެެތައް ޙަދީޘް ތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. (كل لحم أنبته السحت فالنار أولى به ، قيل: وما السحت؟ قال: الرشوة في الحكم) މާނައަކީ: "ސުޙްތުކައިގެން ހަށިގަޑުގައި ޖަހާފައިވާމަހަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ". ދެންނެވުނެވެ. "ސުޙްތަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ޙުކުމްގައި ރިޝްވަތު ދިނުމެވެ".
އިބްނުމަސްޢޫދު-ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. "ސުޙްތަކީ ދީނުގެކަންތަކުގައި ރިޝްވަތުދިނުމެވެ".

އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު-ގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. (إن الله تعالى طيب لا يقبل إلا طيباً وإن الله أمر المؤمنين بما أمر به المرسلين » فقال تعالى: { يا أيّها الرُّسُلُ كُلُوا من الطيّباتِ وَاعْمَلُوا صالحاً ) وقال تعالى( يا أيها الذين آمنوا كُلُوا من طيّباتِ ما رزقْناكُم)البقرة: 172] ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب، يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغُذّي بالحرام فأنّى يُستجابُ له؟ މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ އަކީ ހުރިހާ ރަގަޅުކަމެއްގެ ޞިފަލިބިގެންވާ އިލާހެވެ. އެއިލާހު ރަގަޅު ކަންތައް ފިޔަވާ އެހެން ކަމެއް ގަބޫލެއް ނުކުރައްވައެވެ. މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވަނީ ހުރިހާ ރަސޫލު ބޭކަލުންނަށްވެސް އަމުރު ކުރެއްވިފަދައިންނެވެ. ވަޙީކުރެއްވިއެވެ. "އެންމެހައި ރަސޫލު ބޭކަލުންނޭވެ. ޙަލާލު ރަގަޅުތަކެތި ކައިހަދާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ". (ސޫރަތުލް މުއުމިނޫން ގެ 51 ވަނަ އާޔަތް). އަދި މުއިމުނުންނާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ރަގަޅު ތަކެތިން ކައިބޮއި އުޅޭށެވެ. އަދި ހެޔޮ ޢަމަލު ކުރާހުށިކަމެވެ". (ސޫރަތުލް ބަގަރާ ގެ 172 ވަނަ އާޔަތް)، އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މީހަކު ދިގުދަތުރެއްގެ މަތީގައި ހުރެ، ދަތުރުގެ ވަރުބަލިކަންމަތީގައި ހުރެ ހައްދަވާގެންގުޅުއްވާ އިލާހޭ ދަންނަވާ، ދެއަތްމައްޗަށްނަގައި، ގިނަ ގިނައިން ދުޢާ ކުރި ކަމުގައިވީނަމަވެސް އޭނާގެ ކާއެއްޗިއްސާއި، ބޯއެއްޗެތި އަދި އަންނައުނަކީ ޙަރާމްގޮތުގައި ހޯދާފައިވާ ތަކެތި ކަމަށްވަނީ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންގޮތަކުންތޯއެވެ؟!".
މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.

އެއްދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (يا أيّها النّاسُ كُلُوا ممّا في الأرضِ حلالاً طيّباً ) މާނައަކީ: "އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ބިމުގައިވާ ޙަލާލު ރަގަޅުތަކެތިން ކައި އުޅޭށެވެ"، (ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް)، އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށް ތެދުވެވަޑައިގެން ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަކީ ދުޢާ މުސްތަޖާބު ބޭފުޅެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކޮށް ދެއްވާށެވެ" ، ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއވިއެވެ. " އޭ ސަޢުދު އެވެ. ތިބާގެ ކާނާއަކީ ޙަލާލު އެއްޗެއް ކަމުގައި ހަދާހުށިކަމެވެ. އޭރުން ތިބާއަކީ ދުޢާ މުސްތަޖާބު ބޭފުޅަކަށްވާނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެ މިންވަރަށް އަގަޔަށްލީކަމުގައިވީ ނަމަވެސް ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ޢަމަލު ތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެ ހަށިގަޑުގައި ޙަރާމް އެއްޗެއްކައިގެން މަސްޖަހާފައިވާނަމަ، އެމަސްތަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ".

އެހެންކަމުން އަޅުގަޑުމެން ކޮންމެ މީހެއްގެ ޒިންމާ އެއްކަމުގައިވާންވީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެން، އަދި ތިމާގެ ބަސްއަހާ އެންމެންނަށް މިނުބައިވަބާ އިން ރައްކާތެރިވުމަށް ނަޞޭޙަތްތެރި ވުމެވެ. މާތް ﷲ އަޅުގަޑުމެން އެންމެންނަށް ހެޔޮ ތައުފީގް ދެއްވާށިއެވެ. އާމީން.

އިތުރަށް ވިދާޅުވުމަށް....
މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP