މޫނު ބުރުގާ އަކީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ.
>> 6.5.10
3 މެއި 2010 ވީ ހޯމަ ދުވަހު "މުރާސިލުން" އަޅުގަނޑުކީ ލިޔުމެއްގެ މައުޟޫގައި ވަނީ "މޫނު ބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިހެނެވެ.
މި ބަޔާންކުރެވުނު ސުރުޚީއަށް ލިޔެފައިވާ ލިޔުމާއިމެދު ކޮންމެވެސް ވަރެއްގެ ވާހަކައެއް ދަންނަވާލުމަށް އަޅުގަނޑުގެ މިގަސްތުކުރީ ފަހަރެއްގައިވެސް އަޅުގަނޑަކީ ދީނީ ޢިލްމުވެރިއަކަށް ވާތީއެއް ނޫނެވެ. އަދި އެކަމުގެ ޙުކުމް ބަޔާން ކުރުމަކަށްވެސް ނޫނެވެ. އަޅުގަނޑުފަދަ މުސްލިމު އަޚަކަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ދެކޮޅުނު ނުޖެހޭ ވާހަކަތަކެއް ދެއްކިފައި ވާތީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވެފައި، ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންކަމުން ދުރުހެލި ވުމަށް ވާޤިވެރިވާން ޖެހޭ ބަޔަކަށްވާތީވެ، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލުކަން ހުރި މިންވަރަކުން އެކަން ކުރެވޭތޯއެވެ.
އެންމެ ފުރަތަމަ މިދެންނެވި ލިޔުމުގެ ސުރުޅީއަށް ބަލާލަމާ ހިނގާށެވެ. "މޫނު ބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިއެވެ. ފަލްސަފާއަކީ ކޮބައިތޯއެވެ؟ ފަލްސަފާއަކީ މީހުންގެ ނުވަތަ ފަލްސަފާވެރިންގެ ބުއްދިއާއި ވިސްނުމުގެ މައްޗަށް ބިނާކޮށް ކަޑައަޅާ އުސޫލުތަކަކާއި ހަމަތަކަކަށް ކިޔާ ނަމެކެވެ. އިސްލާމު ދީނަކީ ފަލްސަފާއެއް ނޫނެވެ. އިސްލާމު ދީނަކީ މީހެއްގެ ބުއްދިއަށް ވިސްނޭގޮތައް ގެނެވިފައިވާ އުސޫލުތަކެއް ނޫނެވެ. އިސްލާމު ދީނަކީ ޤާނޫނު ހަދާމަޖުލީހަކުން ފާސްކޮށްފައިވާ ޤާނޫނުތަކެއްނޫނެވެ. އެއީ ރައްބުލް ކާއިނާތު ބާވާލައްވާފައިވާ ދިރިއުޅުމުގެ ނިޒާމެކެވެ. ވަޙީއެވެ. ޤުރުއާނާއި ސުންނަތެވެ. ވީމާ ދީނީ ފަލްސަފާއޭ އެގޮތަށް ބޭނުންކުރުމަކީ އެއީ އެދެބަސް ފުށުއަރާ ކަމެކެވެ.
ދެވަނައަށް ފާހަނގަކޮށްލަން ބޭނުންވާ ނުކުތާއަކީ ލިޔުންތެރިޔާ ދެކިލައްވާގޮތުގައި ޢިލްމުވެރިންގެ މެދުގައި ދީނުގެ ބައެއްކަންކަމުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރިވާހަކައެވެ. އާއެކެވެ! އިސްލާމުދީނުގެ ޢިލްމުވެރިންގެ މެދުގައި ބައެއްކަންކަމުގައި ރަޢުޔު ތަފާތުވެފައި ވެއެވެ. ލިޔުންތެރިޔާ ދެކިލައްވާ ގޮތުގައި އެއީ ބޮޑެތި ޚިލާފުވުން ތަކެކެވެ. ނަމަވެސް ޙަޤީޤަތުގައި ވަރަށް ކުދި ކުދި ޚިލާފުވުން ތަކެކެވެ. އެޚިލާފުވުންތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނެވެ. ޢިލްމުވެރިންނެއް ނޫނެވެ.
މިސާލަކަށް ލިޔުއްވާފައިވާ ސުރުހީއަށް ބަލާލަމާ ހިނގާށެވެ. "މޫނުބުރުގާ ދީނުގެ ފަލްސަފާއާއި އޮޅުންއަރާ" މިއެވެ. ޚިލާފުތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނޭ މިދަންނަވަނީ މިހެންވީމައެވެ. ސަބަބަކީ މޫނުބުރުގާ އެޅުމަކީ ވާޖިބެއް ނޫނޭ ވިދާޅުވާ އެއްވެސް ޢިލްމުވެރިޔަކު މިފަދަ ލަފްޒެއް ބޭނުން ކުރައްވާފައި ވޭތޯއެވެ؟ ނުވަތަ މި މާނަ ދޭހަވާފަދަ ލަފްޒެއްވެސް ބޭނުން ކުރައްވާފައި ވޭތޯއެވެ؟ ނުވެއެވެ. އަދިކިއެއް އެބޭފުޅުން ވާޖިބެއް ނޫނޭ ވިދާޅުވުމާއި އެކު ދެންވިދާޅުވަނީ އެއީ އިތުރުވެގެންވާ ސުންނަތެއް ކަމުގައެވެ. މުސްތަހައްބު ކަމެއް ކަމުގައެވެ. ކޮށްފި ނަމަ ސަވާބު ލިބޭނެ ވާހަކައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބި އަނބި ކަބަލުންނާއި ޞަޙާބިއްޔާތުން ކުރެއްވި ކަމެއް ކަމުގައެވެ. އިސްލާމީ ތާރީޚްގެ އެންމެ އުޖާލާ ދުވަސްވަރު އަންހެން ކަނބަލުން އެކަން ކުރެއްވި ވާހަކައެވެ. މިއަދާހަމައަށްވެސް އެކަން އޮތީ އެގޮތަށެވެ. އެއީ 'ދީނުގެ ފަލްސަފާއާއި' އޮޅުން އަރާ ކަމެކޭ އެބޭކަލުން ވިދާޅެއް ނުވެއެވެ. ވީމާ އުފެދިފައިވާ ޚިލާފުތައް ބޮޑުކުރާ ބަޔަކީ އަޅުގަނޑުމެންނެވެ. ޢިލްމުވެރިންނެއް ނޫނެވެ.
އަދި ހަމަ މިނޭވާގައި އަޅުގަނޑު ފާހަނގަ ކޮށްލާން ބޭނުންވާ ނުކުތާއަކީ ކުރިންވެސް ދެންނެވި ފަދައިން، ޙަޤީޤަތުގައި ޢިލްމުވެރިންގެ ރަޢުޔު ތަކަށް ބައްލަވައިފިނަމަ ޢިލްމުވެރިންގެ މެދުގައި ޚިލާފުވުންތައް ވަރަށް ކުޑައެވެ. އެގޮތަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި އިސްލާމު ދީނުގެ ޢިލްމުވެރިންގެ ވާހަކަފުޅުތަކަށް ނަޒަރު ހިންގާލާއިރު، އިސްލާމީ ޝަރީޢަތުގައި ދިރިއުޅުމުގެ ކަންތައްތައް ބެހެނީ 5 ބަޔަކަށެވެ. އެއީ 1- ވާޖިބް (ކޮންމެހެން ކުރަންޖެހޭ)، 2- މުސްތަޙައްބު (ކޮއްފިނަމަ ޘަވާބު ލިބޭ ނުކުރިޔަސް ޢަޛާބު ނުލިބޭ) 3- މުބާޙު (ކުރުމާއި ނުކުރުން ހަމަހަމަ)، 4- މަކްރޫހް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކުރިޔަސް ޢަޛާބު ނުލިބޭ ކަންކަމެވެ.)، އަދި 5- ޙަރާމް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކޮއްފިނަމަ ޢަޛާބުލިބޭ ކަންކަމެވެ.)
މީގެތެރެއިން ވާޖިބާއި މުސްތަޙައްބަކީ ކުރުމަށް ބާރުއަޅާ ރަނގަޅު ކަންތަކެވެ. ތަފާތަކީ ވާޖިބުކަމެއް ކޮންމެހެން ކުރަންޖެހޭކަމެވެ. އަނެއްކޮޅުން މަކްރޫހްއާއި ޙަރާމް ކަމަކީ ނުކުރުމަށް ބާރުއެޅޭ ގޯސްކަންތަކެވެ. ތަފާތަކީ ޙަރާމް ކަމެއްނަމަ ކޮންމެހެން ދުރުހެލި ވާންޖެހޭކަމެވެ.
ފާހަނގަކޮށްލާންބޭނުންވާ ނުކުތާއަކީ ބައެއް ޢިލްމުވެރިން ވާޖިބޭ ވިދާޅުވާ ކަމެއްގައި އަނެއް ބައެއް ޢިލްމުވެރިން ޙަރާމެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވިއަސް ވިދާޅުވަނީ އެއީ މުސްތަޙައްބު ކަމެއް ކަމެވެ. މާނައަކީީ ކޮންމެގޮތެއްވިއަސް އެކަން ކުރުން އެއީ މޮޅުއިތުރުގޮތެވެ. މިސާލަކަށް މޫނުބުރުގާ އެޅުމުގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ޤުރުއާނާއި ޙަދީޘްގެ އަލީގައި ބައެއް ޢިލްމުވެރިން ދެކިލައްވާގޮތުގައި އެކަން ވާޖިބެވެ. އަނެއް ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވާޖިބެއް ނޫން، އެކަމަކު މުތަޙައްބުކަން ބޮޑު ސުންނަތެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބި އަނބި ކަބަލުންނާއި، ޞަޙާބިއްޔާތުން ކުރެއްވި މަތިވެރި ކަމެކެވެ. އެއްވެސް ޢިލްމުވެރިޔަކު އެއީ ސާބިތު ނުވާކަމެކޭ ނުވަތަ މަކްރޫހް ކަމެކޭ ނުވަތަ ޙަރާމްކަމެކޭ ވިދާޅުވެފައެއް ނުވެއެވެ. ވީމާ ކޮންމެ ގޮތަކުންވެސް އެކަމަކީ ކުރުން މޮޅުއިތުރު ކަމެއްކަމާއިމެދު ޝައްކެއް ނަތެވެ. އެހެން ނޫންތޯއެވެ؟ ޢީލްމުވެރިންގެ މެދުގައި ބޮޑެތި ޚިލާފުތައް ނެތޭ މިދަންނަވަނީ މިހެންވެއެވެ.
އަނެއްކޮޅުން، އެއް ޢިލްމުވެރިޔަކު ޙަރާމޭ ވިދާޅުވާ ކަމެއްގައި އަނެއް ޢިލްމުވެރިޔަކު ވާޖިބެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ މަކުރޫހަ ކަމެއް ކަމެވެ. މާނައަކީ އެއީ ނުކޮށް ދޫކޮށްލާންވީ ގޯސްކަމެކެވެ. ސުވާލު އުފެދެނީ ޙަރާމް ތޯ ނުވަތަ މަކްރޫހްތޯއެވެ. ބާރުއެޅެނީ އެކަން ދޫކޮށްލުމަށެވެ.
ވީމާ މިކަން މިހާ ސާފުކޮށް މިހެން އޮތްއިރު، ޢިލްމުވެރިންގެ މެދުގައި ބޮޑެތި ޚިލާފުވުންތައް އެބަވެއޭކިޔައި، ކަމުގެ އަޞްލު އޮޅުވާލައި، އަޅުގަނޑުމެން ވިސްނުމާއި ބުއްދިއަށް އަންނަހައި އެއްޗެއް ލިޔުމަކީ މުސްލިމުންގެ ގޮތަކަށް ވެގެން ނުވާނެއެވެ.
ދެންއޮތީ ޝަރީޢަތުގެ މައިދާނުގައި ނުވަތަ އައިޑެންޓީޓީގެ ގޮތުގައި މޫނުދެއްކުމުގެ ވާހަކައެވެ. ލިޔުންތެރިޔާގެ ލިޔުން ކިޔާލުމުން ދޭހަވަނީ ލިޔުންތެރިޔާއަށް އެނގިފައިވާ ގޮތުގައި މޫނުބުރުގާ އެޅުމަކީ ދީނީ ޝިޢާރަކަށް ވާނަމަ އައިޑެންޓިޓީގެ ގޮތުގައިވެސް މޫނެއް ނުދެއްކޭނެއެވެ. އެއީ ލިޔުންތެރިޔާއަށް ލިބިފައިވާ ކުށް މަޢުލޫމާތެއް ކަމުގައި ދެކެމެވެ. މޫނުބުރުގާ އެޅުމަކީ އައިޑެންޓިޓީގެ ގޮތުގައި މޫނު ދެއްކުން މަނާވުމެއް ނޫނެވެ.
ދެންއޮތީ މޫނުބުރުގާ އަޅައިގެން ތިބޭމީހުން އެހެންމީހުންނަށް ގެއްލުންދިނަސް އެއީ ކާކުކަން ނޭނގޭނެ ވާހަކައެވެ. އަދި ލިޔުންތެރިޔާ ދެކިލައްވާ ގޮތުގައި މޫނުބުރުގާ އެޅުމަކީ މުޖުތަމައަށް އެތައްގިނަ ގެއްލުންތަކެއް ކުރިމަތިވެގެން ދާނޭ ނުރައްކާތެރި ކަމެކެވެ. އާއެކެވެ! މޫނުބުރުގާ އަޅަނީ މީހުންނަށް ގެއްލުން ދޭންކަމުގައި ވަނީނަމަ ކަންވާނީ އެގޮތަށެވެ.
ނަމަވެސް ލިޔުންތެރިޔާއަށް އޮޅިފައިވާ ހަޤީގަތަކީ ފާއިތުވި 14 ސަތޭކަ އަރުވު ވީއިރުގައި އެފަދަ މުސްލިމު އުޚްތެއް އެމިސާލުޖައްސަވާފަދަ ގެއްލުމެއް ދީފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ކުރެވިފައި ނުވާކަމެވެ. މުސްލިމު އުޚްތުން މޫނުބުރުގާ އަޅަނީކީ މީހުންނަށް ގެއްލުން ދޭކަށް ނޫނެވެ. މުސްލިމު އުޚްތުން މޫނުބުރުގާ އަޅަނީ މާތްﷲ އަންގަވާފައި ވާފަދައިން "އެކަބަނލުން އެނގިގެން ވުމަށާއި، އެކަބަލުންނަށް އުދަގޫނުލިބުމަށް އެކަން މާތްކަން ބޮޑުވީމައެވެ" (އަލްއަހްޒާބް 59)
އަނެއްކޮޅުން މޫނުބުރުގާ އެޅުން ގިނަވުމަކީ، މުންކަރާތްތައް ގިނަވެ މުޖުތަމައަށް ގެއްލުންހުރި ނުރައްކަލަކަށް ވާނަމަ، މުންކަރާތް އެންމެގިނަ އަދި ނުރައްކާތެރިކަން އެންމެބޮޑު ޤަެއުމަކަށް ވާންޖެހޭނީ ސައުދީ އަރަބިޔާއެވެ. އަދި ޢަރަބި ޤައުމުތަކެވެ. އަދި އެންމެ އަމަން އަމާންކަން އޮންނާންޖެހޭނެ ޤައުމުތަކަކީ އެމެރިކާއާއި ޔޫރަޕުގެ ޤައުމުތަކުގައެވެ. ޚާއްސަކޮށް ފުރާންސެވެ.
ނަމަވެސް ރެކޯޑްތައް ދައްކަނީ ދިމާ އިދިކޮޅަށެވެ. ސައުދީ ޢަރަބިޔާއާއި އަރަބި ޤައުމުތަކަކީ ދުނިޔޭގެ އެންމެ މަދުން މުންކަރާތަށް ހިނގާ ޤައުމުތަކެވެ. އެހެން ޤައުމުތަކާ އަޅާބަލާއިރު އެންމެ އަމާން ޤައުމުތަކެވެ. އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕުގެ ޤައުމުތައް ބެލެވިފައިވަނީ އެންމެ ގިނަ މުންކަރާތްތައް ހިނގާ ޤައުމުތައް ކަމުގައެވެ. އަދި އެއްވެސް އަމަން އަމާންކަމެއް ނެތްޤައުމުތަކެއްގެ ގޮތުގައެވެ.
މިއީ އަޅުގަނޑު ދައްކާ ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ރެކޯޑްތައް ބުނާގޮތެވެ. އެމެރިކާގެ އެފް ބީ އައި އިން 2000 ވަނަ އަހަރު ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން؛ އެމެރިކާގައި ކޮންމެ 100000 މީހުންގެ ނިސްބަތުން 5510 މީހުންނަކީ އަނިޔާވެރި ގޮތުގައި މަރާލެވޭ މީހުނެވެ. ހަމަ އެ ނިސްބަތުން ސައުދީ އަރަބިއްޔާގައި މަރާލެވޭމީހުންގެ އަދަދަކީ 710 އެވެ. އަދިވެސް އެ ރިޕޯޓްގައި ވެއެވެ.. 100000 މީހުންގެ ނިސްބަތުން އެމެރިކާގައި 23050 އަންހެން ކުދިން ރޭޕުކޮށްލެވެއެވެ. ސައުދީ އަރަބިޔާގައި 140 ކުދިންނެވެ. އަދި މީގެއިތުރުން ވައްކަން ކުރުންފަދަ ކަންތައްތަކުގެ ތަފާސްހިސާބު ވެއެވެ. ނަތީޖާ ހަމަ އެއްގޮތެވެ.
ސުވާލަކީ މޫނުބުރުގާ އެޅުމަކީ މުޖުތަމައަށް އެހާ ނުރައްކާހުރި ކަމަކަށް ވާކަމުގައި ވާނަމަ، އެންމެ ގިނައިން މޫނުބުރުގާ އަޅާގައުމުގައި ކުށްކުރުން އެންމެ މަދުވެފައި، މޫނުބުރުގާ އަޅާ އަންހެނުން ނިސްބަތުން 'ނަލިފައި' ގައުމުތަކުގައި އެހާ ކުށްކުރުން ގިނަވަނީ ކީއްވެބާއެވެ؟ ޝައްކެއްވެސް ނެތްގޮތުގައި އެއިން ދޭހަވާކަމަކީ ނުރައްކާތެރިކަން ބޮޑުވުމާއި މޫނުބުރުގާއާއި ގުޅުމެއް ނެތްކަމެވެ. އަދި އަމަން އަމާންކަމާއި މޫނުބުރުގާއާއި ގުޅުން އޮތްކަމެވެ.
މީގެއިތުރުން މޫނުބުރުގާ އެޅުން މަނާކޮށްފައިވާ ފުރާންސްގެ 'އަމަން އަމާންކަން'ހުރި މިންވަރަކީ އަހަރަކު 25000 އަންހެން ކުދިން ރޭޕުކޮށްލެވެއެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 65އަށްވުރެ ގިނަ ކުދިންނެވެ. ވިސްނަވާށެވެ! މިއީ މޫނުބުރުގާ އެޅުން މަނާކޮށްފައިވާ ފުރާންސްގެ ޖަމްއިމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއް ބުނާގޮތެވެ. އެގައުމުތަކުގައި މިފަދަ އަނިޔާވެރި ޢަމަލުތައް ކުރަނީކީ މޫނުބުރުގާއެޅި އަންހެން ކުދީންނެއް ނޫނެވެ. އަދި މިފަދަ އަނިޔާތަކުގެ ޝިކާރައަކަށްވަނީވެސް މޫނުބުރުގާއެޅި އަންހެން ކުދީންނެއް ނޫނެވެ.
އާއެކެވެ! އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މޫނުބުރުގާ އަޅާފައިވާ މީހަކު ކުށެއް ކޮށްފާނެއެވެ. ކުރާނެއެވެ. އޭގެމާނައަކީ ހެދުމުގެ މައްސަލައެކޭ ނޫނެވެ. މިއަދު އެންމެ ގިނައިން މަގުފޭރޭ މީހުންގެ އުޞޫލަކީ، ސައިކަލުގައި ދަމުން އަންހެން ކުދިންގެ ދަބަސް ޖަހައިގަތުމެވެ. ދެން އެއަންހެން ކުއްޖާ ފަހަތުން ދުވިއަސް އެމީހުން އަތުވާގޮތެއް ނޯވެއެވެ. އެހެނޭ ކިޔާފައި ސައިކަލު ދުއްވުން މަނާކުރަންވީތޯއެވެ؟ މިއީ ރެކޯޑް ކުރެވިފައިވާ ދިރިހުރި މިސާލެކެވެ.
ކޮންމެއަކަސް ކުރުކޮށްލަމުން ޚުލާޞާކޮށްލާހިއްވަނީ އިސްލާމުދީނުގެ ޙުކުމްތަކަކީ ފަލްސަފާއެއް ނޫނެވެ. ރައްބުލް ކާއިނާތު އިންސާނުންނަށް ކަނޑައަޅުއްވާފައިވާ ދިރިއުޅުމެގެ ނިޒާމެކެވެ. މޫނުބުރުގާ އެޅުމަކީ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ ރަސޫލާ ޞައްލަﷲގެ އަނބި އަނބި ކަބަލުންނާއި ޞަޙާބިއްޔާތުން ކުރައްވާފައިވާ، ޤުރުއާނާއި ސުންނަތުން ޘާބިތު ކަމެކެވެ. އެކަމުގެ ޙުކުމަކީ ވާޖިބެއް ކަމުގައި ވިއަސް އަދި މުސްތަޙައްބު ކަމެއް ކަމުގައި ވިއަސް، އެކަމަކީ ޝަރީއަތުގެ ތެރޭގައި ވާކަމެކެވެ. އިސްލާމީ ޝިޢާރެކެވެ. ފަހުން އުފެދިފައިވާ ކަމެއް ނޫނެވެ.
ވީމާ، ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ކިބައިން އެކަމުގެ ޙުކުމް ބަޔާންވުމަށް ފަހުގައި، އެކަމަކީ ފައިދާ ހުރިކަމެއްތޯ ނުވަތަ ނޫންތޯ ބަހުސްކޮށް ދެކޮޅުވެރި ވުމަކީ، އަޅުގަނޑުމެންނާއި އެކަށީގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ވަޒީފާއެއް ނޫނެވެ. މުސްލިމުންގެ ވަޒީފާ ބަޔާނުގައި ހިމެނޭކަމެއް ނޫނެވެ. ﷲގެ އެންގެވުންތަކުގެ ކުރިމަތީގައި މުސްލިމުންގެ ގޮތަކީ "އަހަރުމެން އަޑުއަހާ ކިޔަމަން ވެއްޖައީމެވެ."

0 comments:
Post a Comment