ތާރީޚީގޮތުން ޤައުމުތަކުގައި ރާވިއްކުން ހުއްދަކުރެވިފައިވާ ގޮތް

>> 23.11.09

ރަލަކީ އިންސާނާއަށް ގެއްލުން ދޭއެއްޗެއްކަމީ އެއްވެސް އިންސާނަކު ދެބަސްވާކަމެއް ނޫނެވެ. އެއީ އެއްއިރެއްގައިވެސް އަބުރުވެރިން ކޮއްއުޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުންލިބޭ ވަގުތީ ފައިދާއަށްވުރެ އެކަމުންލިބޭ ދާއިމީ ގެއްކުން ބޮޑުކަމެވެ. އަދި ފަރުދީ ގެއްލުން ތަކުގެ އިތުރުން އެކަމަކީ މުޖުތަމައުގައި ފާހިޝްއަމަލުތަކަށް މަގުފައި ކޮއްދޭ ވަސީލަތެކެވެ. ތަޅާފޮޅުމަށް މަގުފައިކޮއްފޭ ނުބައި ހަތިޔާރެކެވެ. އަމަން އަމާންކަން ގެއްލުވާލާ ވަބާއެކެވެ. އެހެންކަމުން އެކަމުން ލިބޭ ފަރުދީ ގެއްލުމުގެ އިތުރުން އެކަމަކީ މުޅިޤައުމަށްވެސް ހުރި ބޮޑު ވަބާއެކެވެ.

އެމެރިކާގައި ކޮއްފައިވާ ބަޔެއް ސަރވޭތައް ދައްކާގޮތުން އެޤައުމުގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 25000 މީހުން ރާބުއިމާއި ގުޅިގެން ދިމާވާ އެކި ހާދިސާތަކުގައި މަރުވެފައި ވެއެވެ. އެއީ އެވަރެޖުކޮށް ދުވާލަކު 6 މީހުން ނުވަތަ 7 މީހުނެވެ. އަދި މީގެއިތުރުން އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕުކުރެވޭއިރު، އެމެރިކާގެ އެފް ބީ އައި އިން ނެރިފައިވާ ރިޕޯޓެއް ބުނާގޮތުން ރޭޕްކޮއްލެވިގެން ރިޕޯޓްކުރެވޭ 60-85% ހާދިސާތަކާއި ގުޅިފައިވަނީ ރާބުއިމެވެ. އެއީ އަންހެން ކުއްޖާ ރާބޮއިގެން ހުރުން ނުވަތަ ރޭޕުކުރާމީހާ ރާބޮއިގެން ހުރުމެވެ. ދެންވެސް ދުނިޔޭގައި ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކުރިމިނަލް ރިޕޯޓްތަކަށް ބަލާލާއިރު، ދައްކުވައި ދެނީ މިފަދަ ނަތީޖާތަކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިން ރާބުއިމާ ޖިންސީހާނިއްކަ މި މައުޟޫގެ މައްޗަށް ދުނިޔޭގެ ތަފާތު 8 ގައުމެއްގައި ހަދާފައިވާ ރިސާޗެއްގެ ރިޕޯޓް 2005ވަނަ އަހަރު ޖެނީވާގައި ނެރިފައި ވެއެވެ. މި ރިޕޯޓްގެ 7 ސަފްހާގައި ބުނެފައިވާގޮތުން 'ގްރޫޕް ސެކްސް' އާއި އެދުން ފުއްދުމުގައި ފުރަގަސްފަރާތް ބޭނުންކުރުމާއި، އެއްޖިއްސުން ގުޅުންހިންގުންފަދަ ނޭދެވޭ ޖިންސީ ގުޅުންތަށް އެޤައުމުތަކުގައި ހިންގާފައިވަނީ ރޯބޮއިގެން ތިބެ ކަމުގައެވެ. ނުވަތަ ކުދިންނަށް ރާދީ މުސްތު ކުރުވައިގެން ކަމުގައެވެ. އަދިވެސް އެ ރިޕޯޓްގެ 8ވަނަ ސަފުހާގައި ބުނެފައިވާ ގޮތުން ރޭޕުކުރުމާއި، އެހެންވެސް ޖިންސީ ގޯނާކުރުންތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން މިފަދަ ކަންކަމާއި އެ ޖަމިއްޔާއިން ކަންބޮޑުވާކަމުގައި އެރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެކި ޖަމިއްޔާތަކުގެ ރިޕޯޓުތަކާއި ސާވޭތައް ރާބުއިމުގެ ނުރައްކާތެރިކަމުގެ ސިގުނަލްތައް މިއަދު ދެމުންދާއިރު، އޭގެމާކުރިން ދުނެޔޭގައިވާ އެންމެހާ ދީންތަކުގައިވެސް އެކަން ވަނީ ގޯސްކަމެއްގެ ގޮތުގައި ބަލާފައެވެ. ދުނިޔޭގެ ވަރަށްގިނަ ދީންތަކުގައި ރަލަކީ އެދީންތަކުގެ އެންމެ ބޮޑު 5 ފާފައިގެ ތެރެއިން 1 ފާފައެވެ. ރާބުއިމާއި އެވިއްކުމަކީވެސް އެ ދީންތަކުގައި މަނާކަމެކެވެ. މިއަދު ރާ އެންމެގިނައިން ބޭނުންކުރަމުންދާ ޔޫރަޕުގެ މައިގަނޑު ދީންކަމުގައިވާ ނަސާރާ ދީނުގައިވެސް އެކަން ކުރުމާއި އެކަން ފެތުރުން ވަނީ މަނާކޮށްފައެވެ. އެމީހުންގެ މުގައްދަސް ފޮތްކަމުގައިވާ ބައިބުލްގައި އައިސްފައި ވެއެވެ. "(ތިޔަބައި މީހުން) ވައިން (ރާ) ބޮއިގެން މަސްތުނުވާށެވެ. (އެހެނީ) އެކަމުގެ ސަބަބުން އެންމެހާ ފާފަތަކަށް (ނުބައިކަންތަކާ ފަސާދައަށް) މަގުފަހި ކޮއްދެއެވެ." (އެފެސިއަންސް 5ވަނަބައި 18ވަނަ ވާސް)
އަދިވެސް އައިސްފައި ވެއެވެ. "ވައިންއަކީ (ރަލަކީ) މަލާމާތްތެރިއެކެވެ. އަދި ބިޔަރަކީ (ރަލަކީ) ތަޅާފޮޅުންތެރިއެކެވެ. (އެބަހީ ރަލަކީ އެފަދަ ކަންކަމަށް މަގުފަހިކުރާ އެއްޗެކެވެ.) ފަހެ އެތަކެތީގެ ސަބަބުން މަގުފުރެދިގެންދާ މީހުންނަކީ ބުއްދިވެރިންނެއްނޫނެވެ." (ޕްރޮވާބްސް 20ވަނަބައި 1ވަނަ ވާސް)

ރާބުއިމަކީ މިފަދަ ގޯސްކަމަކަށްވާއިރު، މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުކަމުގައިވާ އެމެރިކާގައި، 1920– 1933 އަށް ރާ އުފެއްދުމާއި، ރާވިއްކުމާއި ރާބުއިންވެސް މަނާކޮއްފައި ވެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމެއް ކަމުގައިވާ ކެނެޑާގައި 1917 – 1919 އަށް ރާ އުފެއްދުމާއި، ރާބުއިމާ، ރާވިއްކުންވަނީ މަނާކޮއްފައެވެ. އަދިވެސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެކިދުވަސްވަރުމަތިން ރާބުއިމާއި ވިއްކުން މަނާކޮށް އަދި ހުއްދަކުރަމުންވެސް ދެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ދުނިޔޭގެ އެންމެހާ ބޮޑެތި ދީންތަކެއްގައި ހަރާމް ކުރެވިފައިވާ މިފަދަކަމެއް، އަދި ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާ ގޮތުގައި އެބޯ މީހާއަށާއި، އެއާންމުވެފައިވާ މުޖުތަމައަށްވެސް ނުރައްކަލާއި ގެއްލުންދޭ މިފަދަވަބާއެއް، ގިނަ ޤައުމުތަކުގައި މިއަދު ހުއްދަކުރެވި އާންމުވެފައިވަނީ ކޮންސަބަބަކާ ބާވައެވެ؟ ތާރީޚަށްޖެހިލާއިރު، ޤާނޫނީގޮތުން އެކަން ހުއްދަ ކުރެވި، އާންމުންގެ ތެރޭގައި އެކަން އާންމުކުރެވޭ މައިގަޑު 3 ސަބަބެއް ވެއެވެ. އެއީ:

1- އިންސާނުން މާއްދިއްޔަތަށް ބޯލަބާފައިވާލެއް ބޮޑުކަމުން، އެކަމަކީ ގޯސްކަމެއްކަން އެގިތިބެވެސް، އެކަމުން ލިބޭ ވަގުތީ އަރާމަކަށްޓަކައި ނުވަތަ ދުނިޔެވީ ވިޔަފާރީގެ ފައިދާއަކަށްޓަކައި އެކަން ކުރަނީއެވެ. ރާބުއިމަކީ ފާފައެއްކަން އަންގަވާ ކީރިތި ޤުރުއާނުގެ ބަގަރާސޫރަތުގެ 219 މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. "... އެދެކަމުގައިމެ (ޖުވާކުޅުމާއި ރަލުގައި) ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..." އިންސާނުން މާއްދިއްޔަތަށް ގޮސްފައި ތިބޭވަރުން، އޭގައިވާ ގެއްލުމުގެމަތިން ހަދާން ނައްތާލަނީއެވެ. ވިސްނެނީ ހަމައެކަނި އޭގައި އެކުލެވޭ ދުނިޔެވީ ފައިދާގެ މަތިންނެވެ.

2- ދީނާއި ސިޔާސަތާ ވަކިކޮއްލުން ނުވަތަ ދީނާއި ދިރިއުޅުމާ ވަކިކޮށްލުން. އޭގެސަބަބުން އިންސާނުން ރޫހާނިއްޔަތުގެ މަތިން ހަދާންނެތި، ހަމައެކަނި މާއްދިއްޔަތަށް ބޯލަބަންފެށިއެވެ. އެހިސާބުން އިންސާނާ މަރުމަތިން ހަދާން ނެތެއެވެ. ކުރިން މިދެންނެވި ދުނިޔެވީ ފައިދާ ހާޞިލްކުރުމައްޓަކައި ވަގުތީ އަރާމަކަށްޓަކައި އެކަން ކުރަނީއެވެ.

3- އޭގެއިތުރުން ތާރީޚު ހެކިދޭ އެންމެބޮޑު އެއްސަބަބަކީ ވެރިންގެތެރޭގައި އެކަން ކުރަންބޭނުންވާ ބޭފުޅުން އުޅުއްވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވެރިންގެ ތެރޭގައި އަބަދު ހަމާގައި ތިބެން ބޭނުންނުވާ ބޭފުޅުން އުޅުމެވެ. އެހެންކަމުން އެކި ދީންތަކަށް ނިސްބަތްވާ އެކި ޤައުމުތަކުގެވެރިން، އެބޭފުޅުން ނުވަތަ އެބޭފުޅުންގެ އަރިހުގައި އުޅުއްވާ ބޭފުޅުން އެކަންކުރަން ބޭނުންވާތީވެ، ކޮންމެވެސް ނަމެއްގައި ޤާނޫނީގޮތުން އެކަން ހުއްދަކުރަނީއެވެ. މިއީ ރަލުގެ އިތުރުން އެއްޖިއްސުން ގުޅުން ހިންގުންވެސް ޤައުމުތަކުގައި ހުއްދަވީ ގޮތެވެ. އެއްޖިންސުން ގުޅުން ހިންގުމަކިވެސް ދީނީގޮތުން މަނާ އަދި ސިއްޙީގޮތުން އެތަށް ގެއްކުމެއްހުރި ކަމެއްކަން އެނގޭއިރުގައިވެސް އެކަން ހުއްދަކުރެވިފައިވަނީ އެޤައުމުތަކުގެ ޕާލަމެންޓްގައި އެކަން ކުރައްވަން ބޭނުންފުލުވާ ބޭފުޅުން އުޅުއްވުމެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ރިސޯޓް ތަކުގަޔާއި ޔޮޓްތަކުގައި ރާވިއްކުން ހުއްދަ ކުރެވުނު ގޮތަށް ބެލިޔަސް، ތާރީޚުން ސާބިތުވާ މިހިރަ ސަބަބުތަށް އެ ހުއްދަކުރެވުނު ސަބަބު ތަކުގެތެރޭގައި ވެއެވެ. އަޅުގަނޑު ހިތުން މިއަދުވެސް ކަންވަމުން މިދަނީ އެފަދަ ގޮތަކަށެވެ. މިއީ އަޅުގަނޑުމެން އެކަމާއި ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ކަންބޮޑުވާންޖެހޭ ކަމެކެވެ.

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP