ޢީސާގެފާނުގެ އަސްލު ދަޢުވަތަކީ ކޮބާ؟ (ފުރަތަމަ ބައި)

>> 28.11.09

އަދިވެސް ލެކްޗަރަރ ނާދެއެވެ. އެހެންކަމުން އަޅުގަނޑުހުރީ ކޮލެޖުގެ ގޯތިތެރޭގައިވާ އަނބުގަހެއްގެ ދަށުގައިހުރި ގޮޑިޔެއްގައި އިށީންދެލައިގެނެވެ. އެކަނި މައިއެކަންޔެވެ. ކުއްލިއަކަށް އަޅުގަނޑުގެ ކައިރިޔަށް އައިސް ހުއްޓުނީ، އެއްކަލަ ނަސާރާދީނުގެ ކުއްޖާއެވެ. ދެފަރާތުންމެ 'ހައެ' ޖަހާލުމަށްފަހު އިތުރު މާގިނަ ވާހަކަތައް ނުދައްކާ ފެށީ ޢިސާގެފާނުގެ ވާހަކައެވެ. އޭނާގެ ޢަމަލުތައް ހުންނަގޮތުން، މިފަދަ ފުރުސަތެއް ލިބިއްޖެނަމަ ނަސާރާ ދީނުގެ ވާހަކަ ދައްކާނޭކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން އަޅުގަނޑު ހުރީ ކޮންމެވެސް ވަރަކަށް ތައްޔާރުވެގެންނެވެ. އެގޮތުން އޭނާއަށް ވާހަކަ ދައްކާނޭ ފުރުޞަތުނުދީ ސުވާލެއް އެތްކަމުގައި ބުނީމެވެ. އެ ސުވާލުތަކާއި، ސުވާލުތަކުގެ 'ރެސްޕޮންޑް' މިލިޔުމުގެ 2ވަނަ ބައިގައި ހިމަނާފައިވާނެ ވާހަކަ ދަންނަވަމުން މައުޟޫއާއިގެން ކުރިޔަށް ދާނަމެވެ.
މަސީހު ޢީސާގެފާނަކީ ކޮންބޭކަލެއް ތޯއެވެ؟ އެކަލޭގެފާނުގެ ދަޢުވަތަކީ ކޮބައިތޯއެވެ؟ މިއީ މިއަދު ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފްސާ ކުރަންޖެހިފައިވާ ސުވާލުތަކެއްކަމުގައި އަޅުގަނޑު ދެކެވެ. ސަބަބަކީ އެކަލޭނގެފާނާމެދު މައިގަނޑު ދެގޮތަކަށް ނުވަތަ ތިންގޮތަކަށް އިންސާނުން ޤަބޫލުކުރަމުން ދާތީއެވެ. ބަޔެއްމީހުން ޤަބޫލުކުރާ ގޮތުގައި އެކަލޭގެފާނަކީ މާތްކަލާނގެއެވެ. ނުވަތަ މާތްކަލާނގެ ދަރިކަލެކެވެ. އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އެކަލާގެފާނަކީ މާތްކަލާނގެ ފޮނުއްވި ރަސޫލެކެވެ. ވީމާ، އެކަލޭގެފާނުގެ ދަޢުވަތުގެ އަސްލަކީ ކޮބައިތޯބަލަން ބޭނުންނަމަ މިސުވާލުގެ ޖަވާބު ހޯދަން އެބަޖެހެއެވެ. އެއީ އެކަލޭގެފާނަކީ މާތްކަލާނގެ ބާވައެވެ؟ ނުވަތަ މާތްކަލާނގެ ދަރިކަލެއްބާވައެވެ؟ ނުވަތަ މާތްކަލާނގެ ރަސޫލެއްބާވައެވެ؟
ސުވާލުތަކުގެ ޖަވާބަށް ޢިލްމީ ނަޒަރަކުން އަދި ބުއްދީގެ ހަމަތަކުން ބަލާލުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމުގައި ދެކެމެވެ. ވަކިބަޔަކާ ދެކޮޅުހެދުމަކަށް ނޫނެވެ. އަދި ވަކިބަޔަކާ އެއްކޮޅުވުމަކަށްވެސް ނޫނެވެ. ކަމުގެ ޙަޤީގަތަކީ ކޮބައިތޯ ބަލާލުމަށެވެ. ސަބަބަކީ، ކަމުގެ ޙަޤީގަތް ނޭނގިތިބެ، ޢީސާގެފާނުންގެ އަސްލު ދައުވަތާ ދުރަށް ބަޔަކު މިސްރާބު ޖަހަމުންދާތީއެވެ. ޢީސާގެފާނުގެ ނަމުގައި އިންސާނުން ހަދާފައިވާ 'ކޮންސެޕްޓް' ތަކަކަށް މީސްތަކުން ނޭނގިތިބެ ތަބާވަމުން ދާތީއެވެ. އެހެންކަމުން، ޢިލްމީ ނަޒަރަކުންނާއި ބުއްދީގެ ހަމަތަކުން މި ސުވާލުތަކަށް ޖަވާބެއް ހޯދޭތޯ ބަލަމާހިނގާށެވެ.
ބައިބުލިކަލް ދަލީލުތަކުގެ އަލީގައި:
1- ޢީސާގެފާނަކީ މާތްކަލާނގެބާ؟
ނަސާރާއިން އިލާހީ ކަލާމްފުޅުކަމުގައި ޤަބޫލުކުރާ ބައިބުލް އިން މިސުވާލަށް ޖަވާބެއް ލިބޭތޯ ބަލަމާ ހިގާށެވެ. އެގޮތުންބަލާއިރު އޮޅުމެއްނެތް ސާފު ސަރީހަ ޢިބާރާތުން، ޢިސާގެފާނަކީ ކަލަކުކަމުގައި ޤަބޫލުކުރުމަށް ގޮވާލާފައިވާ އެއްވެސް އާޔަތެއް ބައިބުލްގައި ނުވެއެވެ. ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް، ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ކަލާނގެ ކަމަށް ޤަބޫލުކުރާށޭ މިހެންވެސް އަންގަވާފައެއް ނުވެއެވެ. އަދި އެކަލޭގެފާނުގެ ސަރީހަ ޢިބާރާތަކުން، އެކަލޭގެފާނަށް އަޅުކަންކުރުމަށް ގޮވާލާފައިވާ އެއްވެސް އާޔަތެއް ބައިބުލްގައި ފެންނާކަށް ނެތެވެ. އަޅުގަނޑު މިދެންނެވި ފަދައިން އޮޅުމެއްނެތް ސާފު ޢިބާރާތުން އެފަދައިން ބައިބަލްގައި ބަޔާންވެފައެއް ނުވެއެވެ. އެކަމަށް ނަސާރާދީނުގެ ބަޔެއް ޢިލްމުވެރިންވެސް އެއްބަސްވެއެވެ.
އަނެއްކޮޅުން، އެއްވެސް އޮޅުމެއްނެތި ސާބިތުވާކަމެއް އެބައޮތެވެ. އެއީ ޢީސާގެފާނު ދުނިޔޭގައި އުޅުއްވިއިރު ކީރިތި ވަންތަ އިލާހަށް އަޅުކަންކުރެއްވި ކަމެވެ. އެއީ ނަސާރާއިންވެސް އަދި މުސްލިމުންވެސް ޤަބޫލުކުރާ ކަމެކެވެ. ނަސާރާއިންނަށް އެގޮތަށްޤަބޫލުކުރަން މަޖުބޫރުވާ ސަބަބަކީ ބައިބުލްގެ އެތަށް އާޔަތްތަކެއްގައި ވަރަށް ސާފު ސަރީހަ އިބާރާތުން އެކަންސާބިވުވާން އޮތީމައެވެ. މިސާލަކަށް އޭގެތެރެއިން 3 އާޔަތެއް ގެންނާނަމެވެ. އެއީ މެތިއުގެ 26ވަނަ ބައިގެ 36ވަނަ އާޔަތާއި، 39ވަނަ އާޔަތާއި، އަދި މެތިއުގެ 2ވަނަބައިގެ 2ވަނައާޔަތެވެ.
Matthew 26:36 "Then Jesus went with his disciples to a place called Gethsemane, and he said to them, "Sit here while I go over there and pray.""
"އެއަށްފަހު ޢީސާގެފާނު އެކަލޭނގެފާނުންގެ ސަހާބީންނާއި އެކުގައި ގެތުސިމެން (ޖެރުސަލަމްގެ ރަށަކަށް) ދިޔައެވެ. އަދި އެކަލޭނގެފާނު އެމީހުނަށް ބުންޏެވެ. 'ތިމަންކަނލޭގެފާނުން އެދިމާލަށްގޮސް ނަމާދު (ދުޢާ) ކުރައްވައިގެން ވަޑައިގަންނަވަންދެން ތިޔަބައިމީހުން މިތާނގައި އިށީދެގެން (ނުވަތަ އިށީނދެލައިގެން) ތިބޭށެވެ.'" އަދިވެސް ބައިބުލްގައި އައިސްފައިވާކަމުގައި ވެއެވެ.
Matthew 26:39 "Going a little farther, he fell with his face to the ground and prayed"
"ތަންކޮޅެއް ދުރަށް ދިއުމަށްފަހު، އެކަލޭނގެފާނުންގެ މޫނުފުޅު ބިންމައްޗައް ތިރިކޮށް (ސަޖިދަކޮށް) ނަމާދު ކުރިއެވެ." އަދި ވެސް އައިސްފައި ވާކަމުގައި ވެއެވެ.
Matthew 2:2 "After fasting forty days and forty nights, he was hungry."
"ސާޅީސް ދުވަހާއި ސާޅީސް ރޭ ރޯދަ ހިއްޕެވުމަށްފަހު އެކަލޭގެފާނަށް (ޢީސާގެފާނަށް) ވަނީ ހައިހޫނުކަން އިޙުޞާސް ކުރެވިފައެވެ."
ކުރިންވެސް ދެންނެވި ފަދައިން މިނޫނަސް އެތަށް އާޔަތްތަކެއްގައި އެކަނލޭގެފާނު އަޅުކަން ކުރެއްވި ކަމަށް އައިސްފައި ވެއެވެ. ވީމާ، ސުވާލަކީ އެކަނލޭގެފާނަކީ ކަލަކު ކަމުގައި ވާނަމަ، އެކަނލޭގެފާނު އަޅުކަންކުރެއްވީ ކޮންފަރާތަކަށް ބާވައެވެ؟ ނުވަތަ އެކަލޭގެފާނު ދުޢާކޮށް އާދޭސް ދެންނެވީ ކޮންފަރާތަކަށް ބާވައެވެ؟ ޝައްކެއް ނެތް ގޮތުގައި އެއީ އެކަނލޭގެފާނު ރަސޫލެއްގެ ގޮތުގައި ފޮނުއްވި މާތްﷲ އަށެވެ.
ބަޔެއް ނަސާރާއިން ބުނެއެވެ. އެކަނލޭގެފާނުގެ އަޅުކަން ކުރެއްވުމަކީ އެއީ ހަމައެކަނި އެހެން މީސްތަކުންނަށް ދަސްކޮށްދެއްވުމަށް ކުރައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް އެއީ އޮޅުވާލުމެކެވެ. ސަބަބަކީ އެކަނލޭގެފާނު އަޅުކަންކުރައްވާފައިވަނީ ހަމައެކަނި މީސްތަކުންގެ ތެރޭގައެއް ނުވަތަ މީސްތަކުންގެ ޙާޒިރުގައެއް ނޫނެވެ. އެކަހެރިވެ ވަޑައިގެންވެސް އަޅުކަން ކުރައްވާފައިވެއެވެ. މިސާލަކަށް އަޅުގަނޑު އެންމެ ފަހުން ގެނެސްފައި އެވާ އާޔަތުގެ ކުރީ އާޔަތް ކިޔައިފިނަމަ އެކަލޭގެފާނު ރޯދަ ހިއްޕެވީ ސަހަރާއެއްގައި (ޑެޒާޓެއްގައި) އެކަނި ހުންނަވައިގެންކަން އެގިލައްވާނެއެވެ. މީގެއިތުރުން، މީސްތަކުން ނުވަތަ ޢާންމު މީހުން ނިދާފައި ވަނިކޮށް އެކަނލޭގެފާނުން ނަމާދު (ދުޢާ) ކުރެއްވިކަމަށް މެތިއުގެ 26ވަނަ ބައިގެ 43 އާއި 44 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.
އާއެކެވެ! އެކަނލޭގެފާނަކީ ރަސޫލުބޭކަލަކަށްވާއިރު ރަސޫލުބޭކަލުންގެ ވަޒީފާއަކީ މީސްތަކުންނަށް އަޅުކަން ކުރަންވީ ގޮތާ ދިރިއުޅެންވީގޮތް ދަސްކޮށްދެއްވުމެވެ. ވީމާ އެކަނލޭގެފާނުންގެ އަޅުކަން ކުރެއްވުމަކީ މީސްތަކުންނަށް ދަސްކޮށްދެއްވުން ކަމުގައިވިއަސް، އެއީ އިލާހެއްކަމަކަށް ސާބިތުކޮށްދެވޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެކަމުންވެސް ސާބިތުކޮށްދެނީ އެއީ ރަސޫލެއްކަމެވެ. ވީމާ ޢީސާގެފާނަކީ ކަލަކު ކަމަށް ކުރެވޭ ދަޢުވާއަކީ ބާތިލް ދަޢުވާއެއްކަން ބައިބުލްއިންވެސް ސާބިތުވެއެވެ.
2- ޢީސާގެފާނަކީ މާތްކަލާނގެ ދަރިކަލެއްބާ؟
ނަސާރާދީނުގެ ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި، ޢީސާގެފާނަކީ މާތްރަސްކަލާނގެއެއް ނޫނެވެ. އެހެން ނަމަވެސް އެކަނލޭގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އިލާހަކީ 3 ފަރާތެއް އެކުލެވުނީމައި ކިޔޭ 1 ފަރާތެކެވެ. އިގެރޭސި ބަހުންކިޔަނީ ޓްރިނިޓީ (1=3) އެވެ. އެތިންފަރާތަކީ، ބައްޕަ (މާތްރަސްކަލާނގެ)، ދަރިކަލުން(ޢީސާގެފާނު)، އަދި ހޯލީ ސްޕިރިޓް (ޖިބުރީލުގެ ފާނުކަމުގައި ނުވަތަ 3 ވަނަފަރާތަކީ މަރިޔަމްގެފާނު ކަމުގައިވެސް ނަސާރާދީނުގެ ބަޔެއް ފާދިރީން ޤަބޫލުކުރެއެވެ.)
މިކަމަކީވެސް ސީދާ ސަރީހަ އިބާރާތުން ބައިބުލްއިން ސާބިތުކުރެވެން އޮތްކަމެއް ނޫނެވެ. ސަބަބަކީ:
ހ- ބައިބުލްގައި ބައްޕަ “father” ބޭނުންކޮށްފައިވަނީ މާތްރަސްކަލާނގެއަށް ނިސްބަތް ކޮށެވެ. އަދި ދަރިފުޅު ނުވަތަ ދަރިން ނުވަތަ ދަރިކަލުން “son(s)” ބޭނުންކޮށްފައިވަނީ އެކިމާނަ ތަކުގައެވެ. ހުލާސާކޮށް ބުނާނަމަ “father” ބޭނުން ކުރެވިފައިވަނީ 'މާތްރަސްކަލާނގެ' އަދި “son(s)” ބޭނުން ކުރެވިފައިވަނީ އެކަލާނގެ 'އަޅުން' ގެ މާނާގައެވެ. އެއީ އެކަލާނގެއާއި އެކަލާނގެ އަޅުތަކުންނާއި ދެމެދުގައިވާ ގާތްކަން ހާމަކުރުމުގެ ގޮތުންނެވެ. މިއީވެސް ނަސާރާއިދީނުގެ ޢިލްމުވެރިން އެއްބަސްވާ ކަމެކެވެ. ސަބަބަކީ ޚާއްސަކޮށް އެކިއެކި ރަސޫލުބޭކަލުންނަށާ ޞާލިހު ޢަމަލުކުރާ މީހުންނާއި މުޚާތަބު ކުރާއިރު އެދެބަސް ބޭނުންކޮށްފައި ވާތީއެވެ. މިގޮތުން މިސާލަކަށް ބައިބުލްގެ އެގްސްއޮޑަސް 4 ވަނަބައިގެ 22ވަނަ އާޔަތުގައި ޔާޤުބުގެފާނަކީ މާތްކަލާނގެ ދަރިކަލެއް ކަމުގައި އައިސްފައި ވެއެވެ. އަދި ބައިބުލްގެ ސާމްސް 2ބައިގެ 7ވަނަ އާޔަތުގައި ދާއޫދުގެފާނަކީ މާތްކަލާނގެ ދަރިކަލެއްކަމުގައި އައިސްފައި ވެއެވެ. އަދި މީގެއިތުރުން މެތިއުގެ 5 ވަނަބައިގެ 9ވަނަ އާޔަތާއި 45ވަނަ އާޔަތަށް ބަލާލަމާހިގާށެވެ.
Matthew 5:9 "Blessed are the peacemakers, for they will be called sons of God."
"އަދުލު އިންސާފު ޤާއިމްކުރާ މީހުނަށް ބަރަކާތް ލެއްވިގެން ވެއެވެ! އެބައިމީހުންވާހުށީ މާތްރަސްކަލާނގެ 'ދަރިން' (ރުހިވޮޑިގެންވާ އަޅުން) ކަމުގައެވެ." މީގެއިތުރުން، މީސްތަކުންނަށް ހެޔޮނަސޭހަތްތައް ދެއްވުމަށްފަހު އެނަސޭހަތް ޤަބޫލުކުރުމުން ލިބޭނެ ދަރަޖަ ބަޔާންކުރެއްވަމުން އެކަލޭގެފާނު ވިދާޅުވިކަމުގައި ބައިބުލްގައި އައިސްފައި ވެއެވެ.
Matthew 5:45 “that you may be sons of your Father in heaven”
"އެއީ ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ 'ބައްޕަގެ' (މާތްރަސްކަލާނގެ)، 'ދަރިން' (ރުހިވޮޑިގެންވާ އަޅުން) ކަމުގައި ވުމަށްޓަކައެވެ." މާނައަކީ، އެފަދަ މީހުން ޤިޔާމަތްދުވަހުގައި ވާހުށީ މާތްރަސްކަލާނގެ ރުހިވޮޑުގެންވާ އަޅުންކަމުގައެވެ.
ވީމާ، ކުރިންވެސް ދެންނެވި ފަދައިން، އާންމުކޮށް، “Son(s)” މި ލަފްޒު ބޭނުންކުރެވިފައިވަނީ މާތްރަސްކަލާނގެ ރުހިވޮޑިގެންވާ އަޅުން ނުވަތަ އަޅުތަކުންނާއި މުޚާތަބުކުރެވޭ ޙާލަތްތަކުގައެވެ. އެހެންކަމަށްވާނަމަ، އޭރު އެޒަމާނުގައި، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ އަލަހިސަލާމަށްވުރެ ބޮޑަށް އެ ލަފްޒު މުޚާތަބުކުރުން ޙައްޤުވާނެ އެހެން އިންސާނަކު ނުވާނެކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ހަމައެކަނި މާތް ޞާލިހު އަޅެއްނޫނެވެ. ހަމައެކަނި ނަބިއްޔެއް ނޫނެވެ. އެކަލޭގެފާނަކީ ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިންވެސް އެންމެ މާތް 5 ބޭކަލުންގެ ތެރެއިން އެއްބޭކަލެވެ. އެހެންކަމުން އެމާނައިގައި މުޚާތަބުކުރެވޭ ލަފުޒެއް އެޒަމާނުގައި އެންމެ ޙައްޤީ އެކަލޭގެފާނަށެވެ. އެއީކީ ދަރިކަލަކަށްވާތީއެއް ނޫނެވެ. މަތިވެރިވެގެންވާ އިލާހު ރުހިވޮޑިގެންވާ ރަސޫލަކަށް ވާތީއެވެ.
އެހެންނަމަވެސް އަދިވެސް ނަސާރާއިން ބުނެއެވެ. ޢީސާގެފާނާއިމެދު މާތްކަލާނގެ ވަޙީކުރައްވާފައިވަނީ މުޅިންތަފާތު ގޮތަކަށެވެ. އެއީ މާތްކަލާނގެއަށް އުފަން ނުވަތަ 'ބިގޮޓަން' ދަރިކަލެއް ކަމުގައެވެ. އެއީ ޖޯން 3ވަނަބައިގެ 16ވަނަ އާޔަތުގައި ވާގޮތުގެމަތިންނެވެ. އެހެންނަމަވެސް، 20ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި، އެންމެ ޞައްޙަކަމަށް ބުނާ ބައިބުލްގެ ވާޝަން، 'ނިއު އިންޓަނޭޝަނަލް ވާޝަން'ގައި މިބަސް 'ބިގޮޓަން' ވަނީ ފުހެލެވިފައެވެ. މިދަންނަވާ ބައިބުލްގެ ވާޝަންގައި ކުރީގެ ބައިބުލްގެ ވާޝަންތަކުގައިވާ އެތަކެއް އާޔަތްތަކެއް ފުހެލެވިފައި ވެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑު ލިޔެފައިވާ "ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!" މި ލިޔުމުގެ 1ވަނަ ބަޔާއި 2ވަނަ ބައި ކިޔުއްވާށެވެ.
ށ- މިހެންމިކަން އޮތްއިރުވެސް ވަރަށްގިނަ ނަސާރާއިން ހަޤީޤަތް ޤަބޫލުކުރަން ބޭނުންނުވެއެވެ. އެހެންކަމުން އަދިވެސް އެމީހުން ބުނެއެވެ. ޢީސާގެފާނަކީ މާތްރަސްކަލާނގެ 'ބަސްފުޅެވެ'. އަދި އެބަސްފުޅު ވީ މާތްރަސްކަލާނގެ ޙަޟުރަތުގައެވެ. ނުވަތަ އެބަސްފުޅަކީ މާތްރަސްކަލާނގެ (ހަށިކޮޅަށް) ނިސްބަތްވާ ބަޔެކެވެ. އަދި އެބަސްފުޅަށް (ފުރާނަ)އެޅުވި މަސްލެވުނެވެ. އެއީ ޢީސާގެފާނެވެ. ވީމާ އެއީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލުންނެވެ.
ނަސާރާއިންނަށް މިކަންވެސްވަނީ އޮޅިފައެވެ. ނުވަތަ ޙަޤީޤަތް ބަލަން ބޭނުން ނުވަނީ އެވެ. އާއެކެވެ! ޢީސާގެފާނަކީ މާތްﷲގެ ބަސްފުޅުގެ ބާރުން އުފަންވެޑައިގެތް ބޭކަލެކެވެ. ޠާހިރު، ބިކުރުވެރި މަރިޔަމްގެފާނުންގެ ބަޑުފުޅުންނެވެ. ބަފާކަލަކާ ނުލައެވެ. އެބަސްފުޅަކީ އާދަމް އަލައިހިއްސަލާމް، މަޔަކާއި އަދި ކިއެއް ބަފަޔަކާވެސް ނުލައި އުފެއްދެވުމަށްވެސް މާތްﷲ ވަހީކުރެއްވި ބަސްފުޅެވެ. އަދި އެބަސްފުޅަކީ އިބްރާހީމްގެފާނަށް އަލިފާނަކީ ފިނިއެއްޗެއް ކަމުގައި ހަދައިދިނުމަށްވެސް މާތްﷲ ވަޙީކުރެއްވި ބަސްފުޅެވެ. އެބަސްފުޅަކީ ދިވެހި ބަހުން ބުނާނަމަ 'ވާށޭ' މިއެވެ. ޢިސާގެފާނުގެ ޚަބަރު މަރިޔަމްގެފާނަށް ދެއްވިވަގުތު އެކަމަނާ އެކަމާ ހައިރާންވެފައިވާ ހާލު އެއީ ކިހިނަކުން ވާނޭކަމެއްތޯ ސުވާލުކުރެއްވިއެވެ. އެވަގުތު އެ ޚަބަރު ގެނެސްދެއްވި މަލާއިކަތާ އެކަންވީގޮތް ބަޔާންކޮށްދެއްވިއެވެ. ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ.
" އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިއިލާހެވެ! އެއްވެސް އާދަމުގެ ދަރިޔަކު މިއަޅާގެ ގައިގާ ބީހިފައި ނުވަނީސް އަޅަށް ދަރިޔަކު ލިބޭހުށީ ކޮންފަދައަކުން ތޯއެވެ؟ އެހިނދު މަލާއިކަތާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. ﷲ އެ އިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެހެނީ އެއްވެސް ކަމެއް ވުމަށް އެ އިލާހު އިރާދަކުރައްވައިފި ހިނދެއްގައި އެކަމަކަށް "ވާށޭ" ވަޙީކުރެއްވުމުން، އެކަން އެގޮތަކަށް ވެގެންދެއެވެ." (އާލްއިމްރާނު، 47 ވަނަ އާޔަތް)
މާތްﷲގެ މިބަސްފުޅު 'ވާށޭ' އެއީ ޢީސާގެފާނަށް ޚާއްޞަ ބަސްފުޅެއް ނޫންކަން ނުވަތަ އެފަދަ ގޮތަކަށް އިންސާނަކު އުފެއްދުމަކީ މާތްﷲ އަށް ބޮޑުކަމެއް ނޫންކަން ބަޔާންކޮށްދެއްވުމުގެ ގޮތުން އިތުރަށް ވަޙީކުރައްވާފައި ވެއެވެ.
"ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި، ޢީސާގެފާނު އުފެއްދެވުމަކީ ހަމަ އާދަމްގެފާނު އުފެއްދެވުމާ އެއްފަދަ ކަމެކެވެ. އެކަލާނގެ އާދަމުގެފާނު ހެއްދެވީ (ބައްޕައަކާއި މަންމައަކާއި ނުލައި) މަށިންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) "ވާށޭ" ވަޙީކުރެއްވިއެވެ. ދެން، (ﷲ ވަޙީކުރެއްވި ފަދައިން) ވެއްޖެއެވެ." (އާލްއިމްރާން 59 ވަނަ އާޔަތް)
ވީމާ، އެއްވެސް އެއްޗެއް އުފެއްދެވުމަކީ، މާތްﷲއަށް ބޮޑުކަމެއް ނޫނެވެ. އެއީ އާދަމް އަލައިހިއްސަލާމް ބަފަޔަކާއި އަދި މަޔަކާއި ނުލައި އުފަންކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ހައްވާގެފާނު މަޔަކާނުލާ އުފަންކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ނޫހުގެފާނާއި އެކަލޭގެފާނުގެ ނައުކޮޅު ސަލާމަތްކުރެއްވި އިލާހެވެ. އެއީ އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ އަބިކަމަނާ މުސްކުޅިވެ، ދަރިން ނުލިބޭ އުމުރަށް ގޮސްފައިވަނިކޮށް ދަރިން ދެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ މޫސާގެފާނަށްޓަކައި ކަނޑުން މަގުތަކެއް ހައްދަވައި، ފިރުއައުނުގެ ލަޝްކަރުގެ ކިބައިން އެކަލޭގެފާނު ސަލާމަތް ކުރެއްވި ކުޅަދުންވަންތަ އިލާހެވެ. އެއީ ޢީސާގެފާނު އަވަހާރަކޮށްލުމަށް ޔަހޫދީން ރޭވިހިދު، ޢީސާގެފާނު އުނޑަށް އުފުއްލެވި ކުޅަދުންވަންތަ އިލާހެވެ. އެއީ މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)، މައްކާގެ ހަރަމްފުޅުން މަސްޖިދުލް އަޤްސާއަށް، އަދި އެއަށްފަހު މަސްޖިދުލް އަޤްސާއިން އުޑަށް އުފުއްލަވާ މަތިވެރި އިސްރާއާއި މިއުރާޖުގެ ޝަރަފު އެކަލޭގެފާނަށް ދެއްވި ކުޅަދުންވަންތަ އިލާހެވެ. މިފަދަ ކުޅަދުންވަންތަ އިލާހަކަށް ބަފަޔަކާނުލާ ދަރިޔަކު އުފަންކުރުން އެއީ ބޮޑުކަމެއް ކަމުގައި ދެކުމަކީ އިލާހުގެ އިލާހުވަންތަކަމާމެދު ޝައްކު ކުރުމެވެ. އެހެންނޫންތޯއެވެ؟
ނ. ޢީސާގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ މާތްރަސްކަލާނގެ ދަރިކަލެއް ނޫންކަމަށްވާ ތިންވަނަ ދަލީލަކީ، އެކަލޭގެފާނަށް އިލާހުވަންތަކަން ލިބިގެންވާކަމަށް ބައިބުލްގައިވެސް އެއްވެސް އާޔަތެއްގައި އޮޅުމެއްނެތް ސަރީހަ ޢިބާރާތުން ފެންނަންނެތިފައި، އަދި ހުދު އެކަލޭގެފާނުގެ ސަރީހަ ބަސްފުޅުން އެކަލޭނގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ ބޭފުޅެއްނޫންކަމާއި، އެކަލޭގެފާނުގެވެސް އިލާހަކުވާކަން، އެތައް އާޔަތެއްގައި ސަރީހަ ޢިބާރާތުން ބައިބުލްގައި ފެންނަން ހުރުމެވެ. މިގޮތުން މާރކްގެ 12ވަނަ ބައިގެ އަންނަނިވި އާޔަތްތަކުން އެކަން ސާބިތުވާނެއެވެ.
Mark 12:28 “he asked him, 'Of all the commandments, which is the most important?'"
"އޭނާ ޢީސާގެފާނާއި ސުވާލުކުރިއެވެ. '(މާތްރަސްކަނލާނގެ) އެންގެވުންތަކުގެ ތެރެއިން އެންމެ މުހިންމު އެންގެވުމަކީ ކޮބާތޯއެވެ؟'"
މި ސުވާލަށް ޖަވާބު ދެއްވަމުން، އެންމެ މުހިންމު އެންގެވުމެއް ކަމަށް ޢީސާގެފާނު ވިދާޅުވިކަމުގައި ބައިބުލްގައި އައިސްފައިވަނީ ތިޔަބައިމީހުން ތިމަން ކަނލޭގެފާނަކީ އިލާހުކަމަށް ޤަބޫލު ކުރުމެކޭ ނޫނެވެ. ނުވަތަ ތިމަން ކަނލޭގެފާނަކީ އިލާހުގެ ދަރިކަލުން ކަމުގައި ޤަބޫލުކުރާށޭވެސް ނޫނެވެ. ނުވަތަ ތިމަންކަލޭގެ ފާނަކީ އިލާހުގެ 3 ފަރާތުންކުރެ 1 ފަރާތް ކަމުގައި ޤަބޫލުކުރާށޭވެސް ނުމެ ނޫންމެއެވެ. އެކަމަކު އެކަނލޭގެފާނު ވިދާޅުވީ، ތިމަންކަނލޭގެފާނާއި ތިޔަބައި މީހުންގެ އިލާހަކީ 1 އިލާހެއް ކަމަށް ޤަބޫލުކޮށް، އެހެން ހުރިހާފަރާތަކާއި އެއްޗަކަށްވުރެ އެފަރާތްދެކެ ލޯބިކުރުން ކަމުގައެވެ. ބައްލަވާށެވެ.
Mark 12:29-30 "The most important one," answered Jesus, "is this: 'Hear, O Israel, the Lord our God, the Lord is one.' Love the Lord your God with all your heart and with all your soul and with all your mind and with all your strength."
"'އެންމެ މުހިންމު އެންގެވުމަކީ' ޢީސާގެފާނުން ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. 'މިއީއެވެ. އޭ އިޒުރޭލުގެ މީހުންނޭވެ! ރައްބަކީ (އަހަރުމެން ނެތުމުގެ ތެރެއިން އުފައްދަވާ، ބަލަހައްޓަވާ، ރިޒްގުތަނަވަސްކޮށްދެއްވާ ފަރާތަކީ އެއީ) އަހަރުމެން (އަޅުކަންކުރަންޖެހޭ) އިލާހެވެ. އެ ރައްބަކީ 1 ފަރާތެކެވެ. ތިޔަބައިމީހުންގެ ހިތާއި ފުރާނައާއި ސިކުޑިން (އެންމެހާ ހިއްސުތަކުން) ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް އެ ރައްބަށް، ތިޔަބައިމީހުން އަޅުކަންކުރަންޖެހޭ އިލާހުއަށް ލޯބިކުރާށެވެ.'"
އެއަށްފަހު މާރކްގެ 12ވަނަ ބައިގެ 32ވަނަ އާޔަތުގައި އެ ސުވާލުކުރިމީހާ އެކަލޭގެފާނުގެ ޖަވާބު ތަކުރާރު ކުރައްވާފައި ވެއެވެ.
Mark 12:32 " ...the man replied. "You are right in saying that God is one and there is no other but Him."
"...އެނާ ޖަވާބުގައި ބުންޏެވެ. 'މާތްކަލާނގެ އަކީ އެއްކައުވަންތަ ފަރާތްކަމާއި، އެކަލާނގެ ފިޔަވާ އެހެން ފަރާތެއް ނުވާކަމަށް ބުނުމުން، ކަލޭގެފާނުގެ ފަސްފުޅު ދެތެދެވެ.'"
[ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މި ބަސްފުޅަކީ، ކީރިތި ޤުރުއާނުގެ އިޙްލާސް ސޫރަތުގެ ފުރަތަމަ އާޔަތާއި، ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަނޫން ދެން އެހެން ކޮށް އެއްޗެއްބާވައެވެ؟]
މިހިރީ މިއަދުގެ ބައިބުލްގައިވެސް ޢީސާގެފާނުގެ ގޮވާލެއްވުންތައް ކަމުގައިބުނެ ގެނެސްފައިވާގޮތެވެ. އިނގިރޭސިބަސް ކިރިޔާވެސް އެނގޭ ބޭފުޅަކަށް ނަމަ ‘our’ ނުވަތަ 'އަހަރަމެން' މިލަފުޒުގެ މާނަ އެނގިލައްވާނެއެވެ. ޢީސާގެ ފާނު އެވިދާޅުވަނީ ތިމަންކަނލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަކީ އެއްފަރާތެއްކަމެވެ. 3 ފަރާތެއް ނޫންކަމެވެ. އަދި ޚުދު އެކަލޭނގެފާނު 'ތިމަންމެންގެ ނުވަތަ އަހަރުމެންގެ ވެރިއިލާހު' މި ލަފުޒު ބޭނުން ކޮށްފައިވުމުން އެކަލޭގެފާނުގެ ވެރިއިލާހެއް ވާކަމާއި، އެކަލޭގެފާނަކީ އިލާހުވަންތަކަން ލިބިގެންވާ ބޭކަލެއް ނޫންކަން ވަރަށް ސާފުކޮށް ސަރީހަކޮށް ސާބިތުކުރެވެއެވެ.
މިތާނގައި ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން ޢީސާގެފާނަކީ އިލާހުކަން ނުވަތަ އިލާހުވަންތަކަމުގެ ބަޔެއް ލިބިފައިވާ ބޭކަލެއްކަން ސާބިތުކުރެވޭނެ ސަރީހަ އިބާރާތެއް ބައިބުލްގެ އެއްވެސް އާޔަތެއްގައި އައިސްފައެއް ނުވެއެވެ. އެންމެ ކައިރިކުރާ އިބާރާތެއް އައިސްފައިވާ އާޔަތަކީ 1ޖޯންގެ 5ވަނަބައިގެ 7ވަނަ (1John 5:7) އާޔަތެވެ. އެހެންނަމަވެސް، 20ވަނަ ގަރުނުގެ ފަހުކޮޅުގައި ޝާއިއުކުރި، އެންމެ ޞައްޙަކަމަށް ބުނާ ބައިބުލްގެ ވާޝަން، 'ނިއު އިންޓަނޭޝަނަލް ވާޝަން'ގައި ވަނީ މިއާޔަތްވެސް ފުހެލެވިފައެވެ. ފުހެލެވުނު ސަބަބެއްކަމަށް ބައިބުލްގެ ޢިލްމުވެރިން ވިދާޅުވަނީ، ގުރީކުބަހުން ހުރި ބައިބުލްގެ އަސްލު ފަތްފޮތްތަކުން އެ އާޔަތް ސާބިތުވާން ނެތުމެވެ. އޭގެ މާނައަކީ އެއާޔަތަކީ ހަދައި އިތުރުކޮށްފައިވާ އާޔަތެކެވެ. މިއާޔަތުގެ އިތުރުން، ކުރީގެ (ކިންގް ޖޭމްސް ވާޝަން)ފަދަ ބައިބުލްގެ ވާޝަންތަކުގައިވާ 17 އާޔަތްވަނީ އެއްކޮށްފުހެލެވިފައެވެ. މިކަމުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑު ލިޔެފައިވާ "ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!" މި ލިޔުމުގެ 1ވަނަ ބަޔާއި 2ވަނަބައި ބައްލަވާށެވެ.
-ނުނިމޭ-
(މިލިޔުމުގެ ދެވަނަބައިގައި، 3 ވަނަ ސުވާލުކަމުގައިވާ 'ޢީސާގެފާނަކީ ރަސޫލެއްބާ؟' މިސުވާލުގެޖަވާބު ބައިބުލިކަލް ދަލީލުތަކުގެ އަލީގައި ދެވިފައިވާނެއެވެ. އަދި ކުރެވިފައިވާ 3 ސުވާލުގެ ޖަވާބަށް ބުއްދީގެ ހަމަތަކުން ބަލާލެވިފައިވާނެއެވެ.)

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP