އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވޭ ސަބަބު" ނުވަތަ ސައުދީ ހާންދާނާމެދު އޮތް ހިންހަމަ ނުޖެހުމެއް ތޯއެވެ؟

>> 1.11.09

"އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވޭ ސަބަބު" މި މައުޟޫއަށް، ދާދިފަހުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް މިނިވަން ނޫސްވެރިޔަކު ލިޔުމެއް ލިޔެ ޝާއިއު ކުރިޔެވެ. ލިޔުމުގެ މޮޅުކަމާއި، މުހިއްމު ކަމުން އެއް ބަހަށްވުރެ ގިނަބަހުން މި ލިޔުން ޝާއިއު ކުރަން ޖެހުނުކަމުގައި ވެއެވެ. އަޅުގަނޑުވެސް އެއްބަހެވެ. ޙަގީގަތުގައި މީހަކަށް އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވިގެން، އެކަމުގެ ސަބަބުތަށްލިޔެ އެހެންމީހުނަށް އެމަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

އެހެންނަމަވެސް، މިދަންނަވާ ލިޔުން ރަނގަޅަށް ވިސްނައިގެން ކިޔައިފި މީހަކަށް ދޭހަވާނީ، ސުރުޚީގައިވާ އެއްޗަކާއި ދައްކަވާފައިވާ ވާހަކައަކާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. އިސްލާމް ދީނަކީ ފުރިހަމަ ދީންކަމަށް ޤަބޫލުކުރެވުނު އެއްވެސް ސަބަބެއް ގެނައުމަކާނުލައި، މައިގަނޑުކޮށް ދައްކާފައިވަނީ ސައުދީ ޚާންދާނުގެ ވާހަކައެވެ. ސައުދީ ޚާންދާނާއިމެދު ލިޔުންތެރިޔާގެ ހިތުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުމެވެ. ހަސަދަވެރި ކަމުގެ އުދާސް ތަކެވެ. މީގެ އިތުރުން، މިއީ ދިރާސާ ކުރުމެއް ނެތި، ވަރަށް އިމޯޝަނަލްވެ ހުންނަވައިގެން ލިޔުއްވާފައިވާ ލިޔުމެއްކަން ދޭހަވާނެއެވެ. އަދި ލިޔުމުގައި ބަހުރުވަ ގެންގުޅުއްވާފައިވާ ގޮތުން ނޫސްވެރިންނަށްވެސް ހުތުރެވެ.
މަޢުލޫމާތެއް ނެތިކަމުގައި މިދަންނަވާ އެއް ސަބަބަކީ، "ތާލިބާން އާއި އެހެނިހެން ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތައް ޕްރޮމޯޓް ކުރަނީ ސައުދު ޚާންދާނުން ކަމީ އެންމެން ދަންނަ ކަމެކެވެ." މިހެން ލިޔުއްވާފައި ވާތީއެވެ. މިކަމުގެ ހެއްކަކީ ކޮބާތޯއެވެ؟ ހެއްކެއް ނެތެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާއަށްވެސް އެ އުޅެނީ އެފަދަ ޖަމާއަތްތަކަށް އެހީވެ، ޕްރޮމޯޓު ކުރާބަޔަކު ނޭނގިގެންނެވެ. ޝައްކެއްވިއަސް އެބަޔަކުގެ ދުވަސް އެބަ ދުއްވާލައެވެ. އެހެންކަމަށް ވާއިރު މިނިވަން ލިޔުންތެރިޔާއަށް މިކަން އެނގިލެއްވީ ކޮން ސޯސްއަކުންކަން އެބަ އެގެން ޖެހެއެވެ. ނޫސްވެރިކަމުގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކާޓެއިން ޔުނިވާސިޓީގެ ޑިގުރީއެއް އޮތުމަކީ ތިބާ ބުނާ ކޮންމެ ވާހަކައަކީ ހައްޤު ތެދުކަމުގައި ވުމެއް ނޫނެވެ. ތިޔަފަދަ ދަރިވަރުންގެ ސަބަބުން އެފަދަ ޔުނިވާސިޓީ ތަކަށްވެސް ހުތުރެވެ. މިނިވަން ނޫސްވެރިކަމުގެ މާނައަކީ ތިމާ ހިތްހަމަ ނުޖެހޭ ކޮންމެ މީހަކާމެދު ހިތަށް އެރި ވާހަކައެއް ދައްކައި، ކަމުގެ ހަޤީގަތް ބެލުމެއްނެތި ދޮގު ތުހުމަތުތައް އެޅުވުމެއް ނޫނެވެ. އަޅުގަނޑަކީ ސައުދީ ހާންދާނަށް ސަޕޯޓުކުރާ މީހެއް ނޫނީމެވެ. އެހެން ނަމަވެސް އެފަދަ ވާހަކައެއް ދައްކާއިރު ހުއްޖަތެއް އޮންނަންވާނެއެވެ. މިއީ އެންމެ އާދައިގެ އިންސާނުންނަށްވެސް ޤަބޫލުކުރާނެ މިންގަޑުތަކެވެ.

އަދިވެސް ލިޔުއްވާފައިވެއެވެ. "ދިވެހިން މިއަދު “ކިޔަމަންތެރިވަމުން” މި ދަނީ، ސައޫދީ އަރަބިއްޔާގެ ތެލުގެ މުއްސަނދިކަމުގެ އަވާގައި ޖެހިފައިވާ މުނާފިގު ސައުދު ހާންދާނުން، ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ ވައްހާބީ އެޖެންޑާގެ އެހީގައި، މުޅި ދުނިޔެ އަޅުވެތިކުރަން ހިންގަމުންދާ ނާމާން ޓެރަރިޒަމް އެޖެންޑާ އެވެ."

މިއީ މިދަންނަވާ މިނިވަން ލިޔުންތެރިޔާއަށް "އިސްލާމް ދީނަކީ ހައްގު ދީންކަން ޤަބޫލުކުރެވުނު ސަބަބު" ބާވައެވެ؟ ދައްކަވާ ވާހަކައާއި ސުރުހީގައިވާ އެއްޗަކާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި މިއީ ވަރަށްވެސް އިމޯޝަނަލް ވާހަކަ ތަކެކެވެ. ހިތުގައި އުފެދިފައިވާ ހަސަދަވެރިކަމުގެ އުދާސްތަކެއް ފިލުވާލުން ނޫން އެހެންކަމެއް ނޫނެވެ. ދިރާސާ ކުރެވިގެން ދައްކަވާފައިވާ ވަހަކަތަކެއް ނޫނެވެ. ސަބަބަކީ ސައުދީ އަރަބިޔާއިން ކިޔަވާ ކޮންމެ މީހަކީ ގޯސްމީހެކޭ ނުބުނެވޭނެއެވެ. އަދި ސައުދީ ހާންދާނުގެ އަވާގައި ޖެހިފައިވާ މީހެކޭވެސް ނުބުނެވޭއެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ކަޅި ހިންގާލިޔަސް ސައުދީ އަރަބިޔާއިން ދީން ކިޔަވަިގެން ތިއްބަވާ ބޭފުޅުންގެ މަސައްކަތްތަށް ފެންނަމުން ދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަކޮށް ޔޫރަޕުގައި އިސްލާމު ދީނުގެ ޞައްޙަ ދައުވަތު ދިނުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރާމީހުންގެ ތެރޭގައި ސައުދީ އަރަބިޔާގެ މަދީނާއިން ކަޔަވައިގެން އަންނަ ދަރިވަރުން އުޅެނީ އެންމެ ކުރީގައެވެ. އެބައިމީހުންގެ އަތްމަށްޗަށް އެތަށް ޣައިރު މުސްލިމުންނެއް އިސްލާމުވަމުން ދާކަމީ ކިރިޔާވެސް ދިރާސާއެއް ކޮއްލައިފި މީހަކަށް ވަންހަނާވާނެ ކަމެއް ނޫނެވެ. އެއީ އެބޭފުޅުން ދީނަށް ގޮވާލުމުގައި ގެންގުޅުއްވާ ޙިކްމަތްތެރި ގޮތްތަކުގެ ސަބަބުންކަން އެންމެންވެސް ދަނެއެވެ.

ދެން ދިވެހި ރާއްޖޭގެ ހާލަތަށް ބަލާލަމާތޯއެވެ. ދިވެހި ރާއްޖޭގައި ހައްދުފަހަނަ އަޅާގޮސްފައިވާ މީހުންގެ ތެރޭގައި އެއްވެސް ޔުނިވާސިޓީއަކުން ދީނީ ތަޢުލީމު ހާސިލް ކޮށް ނިންމަވައިގެން އައިސް ހުންނެވި ބޭފުޅަކު ވޭތޯއެވެ؟ ނުވެއެވެ. މީގެ އިތުރުން މިނިވަން ލިޔުންތެރިޔާގެ ލިޔުމުގައި ފާހަގަކޮށްފައިވާ 2 ޖަމާއަތަކީ، ހައްދުފަހަނައަޅައި ދިޔުމާއި ސީދާ ދެކޮޅަށް ވާހަކަދައްކާ އަދި ދިވެހިންނަށް ނަސޭހަތްތެރި ވެފައިވާ ދެފަރާތެވެ. ތިބާއަށް ފަހަރެއްގައި ނޭނގި އޮތީކަމަށްވެސް ވެދާނެއެވެ. ނުވަތަ ފަސް ވަގުތު ނަމާދު ކުރުމަށް ގޮވާލުމާއި، އަންހެނުން ހިޖާބު އަޅަންޖެހޭނެކަމަށް ގޮވާލުމާއި، އަދިވެސް ދީނުގެ ބައެއް މުހިއްމު ވާޖިބުތަކާއި ސުންނަތްތައް ބަޔާން ކޮށްދިނުމަކީ މިނިވަން ލިޔުންތެރިޔާގެ ގާތުގައި ހައްދުފަހަނައަޅައި ދިޔުންކަމުގައި ވެދާނެއެވެ. އެހެން މިދަންނަވަން ޖެހުނީ އެފަދަ ނޫސްވެރިޔަކަށް 'ވައްހާބީ' މި ލޭބަލް ބޭނުން ކުރެވެން ފެށުނުގޮތާއި، ސަބަބުތަކާއި އަދި އޭގެ އަސްލުވެސް އެގިފައިނެތީމައެވެ. އަދި ޓެރަރިޒަމޭކިޔައި، ވަކިބަޔެއްގެ ބޮލުގައި އެކަން އަޅުއްވާއިރު، ޓެރެރިޒަމް ގެމާނައާއި، ޓެރަރިޒަމް އުފެދެން ދިމާވި ސަބަބުތަކާއި، މި މަޢުޟޫގައި ވަކިކޮޅަކަށް ނުޖެހޭ ޣައިރު މުސްލިމުން ލިޔުއްވާފައިވާ ލިޔުންތަށް ކިޔުއްވާފައިވާ ނަމަވެސް، ތިގޮތަށް ވަކިބަޔެއްގެ ބޮލުގައި އެ ތުހުމަތެއް ނާޅުވާނެއެވެ.

ޚުދު މިނިވަން ލިޔުންތެރިޔާގެ ލިޔުމުގެ ފަހަތުގައި ދީފައިވާ ލިންކު ތަށް ރަނގަޅަށް ކިޔުއްވި ނަމަވެސް، ޓެރަރިޒަމާއި، އިސްލާމުދީނާއި އަދި ސައުދީ އަރަބިޔާއިން ކިޔަވައިގެން އަންނަ މީހުންނާއި ހުރީ ކިހާ ގުޅުމެއްކަން ފަހުމު ވީހެވެ. މިނިވަން ލިޔުންތެރިޔާ ދީފައި އެވާ އެއްވެސް ލިންކެއްގައި، ސައުދީ ހާންދާނަކީ ޓެރަރިޒަމް ޕްރޮމޯޓް ކުރާބަޔެއް ކަމުގައި އައިސްފައެއް ނެތެވެ. އަދި ސައުދީއިން ކިޔަވައިގެން ވަޑައިގަންނަވާ ބޭފުޅުންނަކީ ޓެރެރިޒަމަށް ހިތްވަރުދޭ ބައެއްކަން އެނގޭނެ އެއްވެސް ވާހަކައެއް އައިސްފައެއް ނެތެވެ. އަދި ކިއެއް އެކަމަށް ބާރުލިބޭކަހަލަ ވާހަކައެއްވެސް ސީދާކޮށް އައިސްފައެއް ނެތެވެ. އެ ލިންކު ތަކުގައިވާ ވާހަކަތަކަކީ ޖުމްލަކޮށް އަޅުގަނޑުވެސް އެއަށް ތާއީދު ކުރާ ވާހަކަތަކެވެ. ހިތާމައަކީ، އެލިންކު ތަކުގައި ހުރި ވާހަކަތަކާއި މިނިވަން ލިޔުންތެރިޔާގެ ލިޔުމާއި އެއްގޮތަކަށްވެސް ދިމާނުވާތީއެވެ.

ކޮންމެއަކަސް، ކިޔަވައިގެން ތިއްބަވާ މިނިވަން ލިޔުންތެރިންގެ ލިޔުންތެރިކަން މިފަދަ ދަށު ދަރަޖައަށް ގޮސްފައިވާތީ ހިތާމަކުރަން ޖެހެއެވެ. ޙައްޤު ބަޔާންކޮށްދިނުމުގެ ނަމުގައި، ތިމާގެ ހިތުގައި ބަޔަކާމެދު އުފެދިފައިވާ ހަސަދަވެރިކަން ފިލުވާލުމަކީ ލިޔުންތެރިކަމުގައި މަކަރުވެރިވުމެވެ. ދިރާސާއެއް ނެތި ހިތުހުރި ގޮތަކަށް، އިމޯޝަނަލްވެ ހުންނަވައި، ސާބިތުކުރުމެއް ނެތި މީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަށް އެޅުވުމުމަކީ ތިމާ އުގެނިފައިވާ ޢިލްމުގައިވެސް ކޮޅުފައިން ޖެހުމެވެ. އަދި ސުރުހީގައި ދީނުގެ ނަންޖަހައިގެން ލިޔާ އެފަދަ ލިޔުންތަކުގައި 'ބާޒާރުމަތީގެ' ބަހުރުވަ ހުރުމަކީ، ތިމާގެ އިއްޒަތާއި ގަދަރު މީހުންގެ ކުރިމަތީގައި ކުޑަވެ، މީހުންގެ އިޙްތިރާމު ގެއްލޭނެ ކަމެކެވެ. ސަބަބަކީ މީހުން އިޙްތިރާމު ކުރާނީ ކުޑަވެގެން ދީނަށް އިޙްތިރާމް ކުރަން ދަންނަ މީހުންނަށެވެ. ވީމާ، ލިޔުންތެރިކަމުގެ މަޝްހޫރުކަމާއި ހުނަރު، ޒާތީ ހަސަދަ ފިލުވާލެވޭ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރައްވާށެވެ. އެއީ ދީނާ ޤައުމަށް ފައިދާހުރި ގޮތުގައި ސާބިތު ހުއްޖަތާއެކީގައި ބޭނުންކުރާއެއްޗެއް ކަމުގައި ހަދަމާތޯއެވެ.

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP