ޙައްޤާއި ބާޠިލް - "އިސްލާމީ ޢިލްމުގެ ތަރާދުގައި، މަޝްހޫރު މުރަނގަ ގަސްދޮށު މާލިމީ، ބޭސްފަރުވާގެ ޑޮކްޓަރ، ޑރ. ޒާކިރު ނައިކް"

>> 30.4.10

28އޭޕްރީލް ވީ ބުދަ ދުވަހު މުރާސިލުން އަޅުގަނޑުކީ 'ޢިލްމީ' ލިޔުމެއްގެ މައުޟޫގައި ވަނީ "އިސްލާމީ ޢިލްމުގެ ތަރާދުގައި، މަޝްހޫރު މުރަނގަ ގަސްދޮށު މާލިމީ، ބޭސްފަރުވާގެ ޑޮކްޓަރ، ޑރ ޒާކިރު ނައިކް" މިހެނެވެ.
މި ބަޔާންކުރެވުނު ސުރުހީއަށް ލިޔެފައިވާ ލިޔުމާއިމެދު ކޮންމެވެސް ވަރެއްގެ ވާހަކައެއް ދަންނަވާލުމަށް އަޅުގަނޑުގެ ގަލަން މިއުފުލާލީ ފަހަރެއްގައިވެސް، އެލިޔުމުގެ މުއައްލިފާއި ދެކޮޅުވެރި ކަމެއްފެށުމަކަށް ނޫނެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވެފައި، ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންކަމުން ދުރުހެލި ވުމަށް ވާޤިވެރިވާން ޖެހޭ ބަޔަކަށްވާތީވެ، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލުކަން ހުރި މިންވަރަކުން އެކަން ކުރެވޭތޯއެވެ.

ތެދެކެވެ! ޢިލްމަކީ ނަބީބޭކަލުން ވާރުތަކޮށްފައިވާ އަގުހުރި މުދަލެވެ. ޢިލްމުވެރީންގެ ޒިންމާއަކަށް ވާންޖެހޭނީ އެމުދަލަށް ރައްކާތެރިވެ، އޭގެ އަސްލު ސޫރާގައި އެންމެހާ މީސްތަކުންނަށް އެ ޢިލްމު ވާރުތަކޮށް ދިނުމެވެ. އަދި ހަމަ އެއާއިއެކު، ޢިލްމުވެރިންގެ ހެދުން ތުރުކޮށްގެންތިބެ، ޢިލްމުގެ އަސްލު ސޫރަ ގެއްލުވާލައި، މީސްތަކުންނަށް ޢިލްމު ފޯރުކޮށްދިނުމުގައި ހިޔާނަތްތެރިވާނަމަ، އެފަދަ މީހުންގެ ބިތުފަންގި ފިލާ އުފުލާލައި ހަޤީޤަތް މީސްތަކުންނަށް ހާމަކޮށްދިނުމަކީވެސް ދަންނަމީހުންގެ ވާޖިބެކެވެ.

އެހެން ނަމަވެސް މިދެންނެވި ފަދައިން ބިތުފަންގިފިލާ އުފުލާލައި މީސްތަކުންނަށް ހައްޤާއި ބާތިލް ވަކިކޮށްދިނުމުގައި އުސޫލުތަކަކާއި ހަމަތަކެއް އޮންނަން ވާނެއެވެ. ޚާއްޞަކޮށް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، އަޅުގަނޑުމެން ތަބާވާންޖެހެނީ، ﷲގެ ވަޙީބަސްފުޅުތަކަށާއި މޫރިތި ސުންނަތަކަށް ކަމަށްވާއިރު، އޭގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަޚްލާޤީ މިންގަޑުތަކަށް ތަބާވާންޖެހޭނެއެވެ. އެހެން ނުވާނަމަ ހަޤީޤަތް ހާމަކުރުމަށް ކުރެވުނު ބުރަ މަސައްކަތަކީ، އޭގެ ސަބަބުން މީސްތަކުންނަށް ފައިދާލިބުމުގެ ބަދަލުގައި ގެއްލުން ހުރި ކަމަކަށް ވެދާނެއެވެ. އެއީ މީސްތަކުންގެ މެދުގައި ފިތުނަފަސާދައަށް މަގުފަހިކޮށް ހުޅުވޭ ދޮރެއްކަމުގައި ވެގެން ހިނގައިދާނެއެވެ. ވީމާ ޙައްޤު ބަޔާންކުރުމަށް ފޫގަޅާއިރުގައި އިސްލާމު ދީނުގެ ތަރަހައިގެ ތެރޭގައި ތިބުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

މިގޮތުން ބަލާއިރު އެންމެ ފުރަތަމަ ދެނެގަންނަންވީ ނުކުތާއަކީ، ގިނަމުސްލިމުން ދީނީގޮތުން ޤަބޫލުކުރާ ޝަޙްސިއްޔަތަކާއި ދެކޮޅަށް "މަގުފުރެދިފައިވާ" މީހެއްގެ ލަޤަބުދީ، މީސްތަކުންނަށް 'ޙައްޤު' އޮޅުންފިލުވައި ދެއްވާއިރުގައި، ތިމާއަކީ އެކަމަށް އެކަށޭނަ މީހަކަށް ވާންޖެހޭނެއެވެ. ނުވަތަ ޢިލްމުވެރިޔަކަށް ވާންޖެހޭނެއެވެ. މިސާލަކަށް ޝެއިޚް އަލްބާނީ ރަޙިމަހުﷲގެ ފިކުރަކަށް ނުވަތަ ފަތުވާއަކަށް ރައްދުދީ ލިޔާމީހަކީ، އެބޭފުޅާއަށް ލިބިފައިވާ ޢިލްމާއި އެއްވަރު ނުވަތަ އެޔައްވުރެ ބޮޑު ޢިލްމުވެރިޔަކަށް ވާންޖެހޭނެއެވެ. އެޔާއި ޚިލާފަށް އަޅުގަނޑުމެންފަދަ ތަނެއްދޮރެއް ނުދަންނަމީހުން އެފަދަ ބޭފުޅެއްގެ ފަތުވާއަށް ރައްދުދީ 'ލޭބަލް' ކުރުމަކީ ހެޔޮ ޢަމަލަކަށް ނުވާނެއެވެ. އެއީ އެއްވެސް މީހަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ. އެހެން ނޫންތޯއެވެ؟

މީގެއިތުރުން އަޅުގަނޑު ފާހަނގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ އަޚްލާގީ މިންގަނޑެވެ. ޙައްޤު ބަޔާންކުރައްވާއިރު ބަހުރުވަ ހުންނަންވާނީ، ސުންނަތާއި ސަލަފުއް ސާލިހުން މުއާމަލާތުކުރުމުގައި ދައްކަވާފައިވާ ރިވެތި ނަމޫނާގެ މައްޗަށް ބިނާވެފައެވެ. އެއާއި ޚިލާފަށް "ޑރ ޒާކިރުމެންފަދަ އުޑެއް ބުޑެއް ވަކިނުވާ، ތޯތޯ ޢިލްމުވެރީން، އެމީހުންގެ މުޑުދާރު އޯލަޔޯލަ ވާހަކަތަކުން ކޮޅުފައިންޖަމުންދާ މަންޒަރަކީ.." ނުވަތަ "ޑރ ޒާކިރުގެ ޖާހިލުކަމާއި މަގުފުރެދުން..." މިފަދަ ލަފްޒުތައް ބޭނުންކުރާނަމަ، އޭގެން ދޭހަވަނީ ލިޔުން ތެރިޔާގެ އިމޯޝަނަލް ކަމެވެ. އަޚްލާޤީ މިންގަޑާއި ދުރުވެފައިވާ މިންވަރެވެ. ދީނީވާހަކަތައް ދައްކަވަންޖެހޭނީ އިމޯޝަނަލް ވުމެއްނެތި، މާތްﷲއަށް ޚާލިސްކޮށް، އަޚްލާޤީ މިންގަޑުގެ ތެރޭގައިކަން އެންމެ އާދައިގެ މުސްލިމަކަށްވެސް އެނގޭނެއެވެ.

ތިންވަނައަށް ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، ހައްޤާއި ބާތިލް ބަޔާންކޮށްދިނުމުގައި ހަމައެކަނި ﷲއަށް ޚާލިސްކޮށް އެކަންކުރުމެވެ. އެހެންކަމަށް ވާނަމަ، ތިމާގެ ބަހަކީ ތެދުބަހެއްތޯ ނުވަތަ ނޫންތޯ ޔަޤީންކުރަންޖެހޭނެއެވެ. އަދި ދެއްކިފައިވާ ވާހަކަތަކަކީ ޢަދުލެވެރި އޭގައި އޮޅުމެއްނެއް ވާހަކަތަކަށް ވާންޖެހޭނެއެވެ. އެހެން ނޫންކަމުގައި ވާނަމަ، އެހެދެނީ ދޮގެކެވެ. ވެގެންދާނީ މުސްލިމެއްގެ މައްޗަށް އުފުލޭ ބުހުތާނަކަށެވެ. އެއީ ﷲގެ ހަޟުރަތުގައި ކުޑަކަމެއް ނޫނެވެ. ވަރަށް ބޮޑު ކަމެވެ.

ކޮންމެއަކަސް މިދަންނަވާ ލިޔުމުގައިވާ މައިގަނޑު ވާހަކަތަކަކީ ޑރ ޒާކިރު ނައިކް ވިދާޅުވެފައިވާ "ބާތިލް" ބަސްތަކެއްގެ ވާހަކަ ކަމުގައި ވެއެވެ. އެލިޔުމުގެ ރިފަރެންސްގައި ބަޔާންކޮއްފައިވާ ހުރިހާ ތަޤްރީރެއް ކަހަލަ ގޮތަކަށް އަޅުގަނޑު އަޑުއެހީމެވެ. ކޮންމެ ތަޤްރީރަކީ ސުވާލާއި ޖަވާބު ސެޝަނަކާއި އެކީގައި 2 ގަޑިއިރަށްވުރެ ދިގުކޮށް ދީފައިވާ ތަޤުރީރު ތަކެކެވެ. އޭގައި ޑރ ޒާކިރު ވިދާޅުވެފައިވާ އެންމެ ޖުމްލައެއް ނުވަތަ ދެޖުމްލައެއް ނެގުމަށްފަހު 'ލޭބަލް' ޖެހުމަކީ ވަރަށްވެސް ދެކޮޅުނުޖެހޭ ޢިލްމާއި ދުރު ޢަމަލެކެވެ. މިހެން މިކަން ކޮށްފައި ވުމުން، މިދަންނަވާ ލިޔުމުގައި ކަނޑައެޅިގެން ދޮގުވާހަކަތައްވެސް ލިޔެވިފައިވާކަން ފާހަނގަކުރަންޖެހެނީ ހިތާމައާއި އެކުގައެވެ. އަދި ހަމަ އެއާއިެކު ޑރ ޒާކިރު ވިދާޅުވެފައިވާ ވާހަކައިގެ އަސްލު އޮޅޭގޮތަށް ބަޔާން ކޮށްދެވިފައިވެސް ވެއެވެ. މިގޮތުން އޭގައި ބަޔާން ކޮށްފައިވާ 3 ނުކުތާއެއް ފާހަނގަކޮށްލާނަމެވެ. މިސާލަކަށް އެ ލިޔުމުގައި ބުނެފައި ވެއެވެ.

"-ޒާކިރު ނައިކް(ބާޠިލު): ތުނބުޅި ދިގުކުރުމަކީ ފަރްޟެއް ނޫނެވެ. އެއީ؛ ސުންނަތެކެވެ."
މިއީ ޙަޤީޤަތެއް އޮތް ވާހަކައެއް ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ޑރ ޒާކިރު ވިދާޅުވާ ގޮތުގައި ތުބުޅި ބެހެއްޓުމަކީ އެއީ ފަރްޟެކެވެ. ޔަޤީންކޮށްލެއްވުމަށް ލިންކް ބައްލަވާލައްވާށެވެ.
http://www.youtube.com/watch?v=XYe-CXxgTRk

އަދިވެސް އެލިޔުމުގައި އިތުރަށް ބުނެފައިވެއެވެ.
"ޒާކިރު ނައިކް(ބާޠިލު): ތިބާ ބޭނުން ކޮންމެ ނަމެއް الله تعالىއަށް ކިޔެދާނެއެވެ. އެކަމަކު، އެނަމަކީ ރަނގަޅު، ރީތި ނަމަކަށް ވާންވާނެއެވެ."
މިއީވެސް އޮޅުމެކެވެ. ސަބަބަކީ ﷲ ސުބުޙާނަހު ވަތަޢާލާއަށް އިސްމުފުޅު ނިސްބަތްކުރެވޭނެ ގޮތްތައް މިސާލާއެކު ވަރަށް ތަފްސީލުކޮށް ޑރ ޒާކިރުވަނީ ބަޔާން ކޮއްދެއްވާފައެވެ. ތިރީގައި މިވާ ލިންކު ބައްލަވާލައްވާށެވެ.
http://www.youtube.com/watch?v=4F9MP0c-uMU

އަދިވެސް އެ ލިޔުމުގައި ވެއެވެ.
"-ޒާކިރު ނައިކް(ބާޠިލު): ހިންދޫ ދީނުގައި އަޅުކަންކުރާ ތަކެތީގެ ނަމުން الله تعالىއަށް ނަންދެވިދާނެއެވެ."
ޙަޤީޤަތުގައި ވިދާޅުވެފައިވަނީ ބަހުގެގޮތުން ކަލާނގެއަށް ނިސްބަތްކުރެވޭ ބަސްކިޔިދާނެ ކަމުގައެވެ. (މިސާލަކަށް ދިވެހިން ﷲއަށް ނިސްބަތްކޮށް "މާތްކަލާނގެ" ކިޔުން) ނަމަވެސް ހިންދީން އެމީހުންގެ ކަލާނގެއަށް ނިސްބަތްކޮށް ކިޔޭނަންތައް އެއުސޫލުން ނުކިޔޭނެކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައި ވެއެވެ. ލިންކު ބައްލަވާލައްވާށެވެ.
http://www.youtube.com/watch?v=39VlMFn4DA8

އަދި މީގެއިތުރުންވެސް ޑރ ޒާކިރުގެ ބާތިލް ވާހަކަތައްކަމަށް މިދަންނަވާ ލިޔުމުގައި ގެނެސްފައިވާ ގިނަ ވާހަކަ ތަކަކީ ތެދުވާހަކަތަކެއް ނޫނެވެ. އަދި ގިނަ ވާހަކަތައް ގެނެވިފައި ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވާ މައުޟޫއެއްގެތެރެއިން އެންމެ ޖުމްލައެކެވެ. ތަފްސީލު އަޑުއެހުމުން އޭގައި އެއްވެސް އޮޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ.

މިސާލަކަށް ޤުރުއާނުގައި، (ސޫރަތުލް މާޢުންގެ 4 ވަނަ އާޔަތުގައި) ނަމާދު ކުރާ މީހުނަށް ހަލާކު ހުރިވާހަކަ އޮވެއެވެ. އެހިސާބަށް ކިޔާފައި ހުއްޓާލައިފި ކަމުގައި ވަނީނަމަ، ނުވަތަ ޙުކުމް ނަގަންވެއްޖެ ކަމުގައި ވަނީނަމަ، ނަމާދު ނުކުރަންވީއެވެ. އެހެން ނޫންތޯއެވެ؟ އެހެން ނަމަވެސް ޖެހިގެން އޮތް އާޔަތް ކިޔުމުން އެއީ ކޮންގޮތަކަށް ނަމާދުކުރާ ބަޔެއްކަން ބަޔާންކޮށް ތަފްސީލު ދެއްވާފައި ވެއެވެ. ހަމައެގޮތަށް އެއްގަޑި އިރު ނުވަތަ 2 ގަޑިއިރުގެ ދިގު ތަޤުރީރެއްގެ އެންމެ ޖުމްލައެއް ނަގާފައި ޙުކުމެއް ކަޑައެޅުމަކީ އަދުލުވެރި އުސޫލެއް ނޫނެވެ. ޖެހިގެން ދީފައިވާ ތަފްސީލުތައްވެސް ބެލުމަކީ، ދީނުގެ ނަމުގައި ޙައްޤު ބަޔާން ކުރެއްވުމުގައި ބަލާލާންޖެހޭނެ ކަމެކެވެ. އެހެން ނޫންތޯއެވެ؟

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ޑރ ޒާކިރުގެ ތަޤްރީރެއްގައި ކުށެއް ހުރެދާނެއެވެ. ކުށެއް ނުހުންނަނަމަ އެއީ އިންސާނަކަށް ނުވާނެއެވެ. އަދިހަމަ އެއާއިއެކު، ބައެއް މައްސަލަތަކަކީ ޢިލްމުވެރިންގެ މެދުގައި އެއް ރައުޔައްވުރެ ގިނަ ރައުޔު ހުރި މައްސަލަތައް ކަމަށްވާއިރު، ބަޔެއް ޢިލްމުވެރިންގެ ރައުޔުގައި ހިފައިފިނަމަ، އަނެއްބަޔެއް ޢިލްމުވެރިންގެ ރައުޔާއި އެކަމުގައި ޚިލާފުވެދާނެއެވެ. ނަމަވެސް އިސްލާމީ އުސޫލުތަކަށް ބަލާއިރު އެއީކީ، 'މަގުފުރެދިފައިވާ' މީހުންގެ ލަޤަބުދޭން ޖެހޭ ސަބަބެއްކަމަށް ނުބެލެވޭނެއެވެ. ތަފާތު ފަހަރުތަކުގެ މަތިން މުސްލިމުންގެ ތިން ޙަރަމުގެ ޢިމާމުން ޑރ ޒާކިރުގެ ތަޤްރީރުތަކަށް ހާޒިރުވެ އަޑުއައްސަވާފައި ވާކަމުންވެސް އެނގެނީ، އެފަދަ ދާޢީން މަގުފުރެއްދުމަކީ އަޅުގަނޑުމެންފަދަ މީހުންގެ ވަޒީފައެއް ނޫންކަމެވެ.

ވީމާ، ތެދުވެރި މުސްލިމުންގެ ގޮތަކަށް ވާންޖެހޭނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސަލަފުއް ސާލިހުންގެ އުޅުއްވުން ހުރިގޮތް ދިރާސާކޮށް، އެބޭފުޅުންގެ ސީރަތުން އިބްރަތް ލިބިގަތުމެވެ. ތިމާމެންގެ އުޅުމާއި ގުޅުން އެ ސީރަތާއި އެއްގޮތައް ބައްޓަންކުރުމެވެ.

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP