އުވާލަން ޖެހެނީ އިސްލާމިކު މިނިސްޓްރީބާ؟ އެހެނެއް ނޫނެވެ!

>> 8.4.10

ވަތަން އެދޭ ގުޅުމުގެ އިއްތިހާދު ވެރިކަމަށް އައުމަށްފަހު އުފެއްދި 14 މިނިސްޓްރީގެ ތެރެއިން، ދިވެހިން އެންމެ ބަލައިގަތް އެއް މިނިސްޓްރީއަކީ އިސްލާމިކް މިނިސްޓްރީއެވެ. އެމިނިސްޓްރީ އުފެދުނީންސުރެ މިއަދާޖެހެންދެން، ދިވެހިންގެ މެދުގައިވާ އިސްލާމީ އަޤީދާ ހަރުދަނާ ކުރުމަށްޓަކައި އެމިނިސްޓްރީއިން ދަނީ ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދީނީ ނަސޭހަތްދިނުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ހުޅުވާލެވިފައި ވެއެވެ. ކުރީގެ 'ބޯދާ' ޚުތުބާތައް ބަދަލުކުރެވިއްޖެއެވެ. އިތުރު މިސްކިތްތައް އެޅުމާއި މަރާމާތު ކުރުމަށް ބޭނުންވާ ފަންޑު ހޯދުމާއި ، އަމަލީގޮތުން އެކަންކަން ކުރެވެމުން އެބަދެއެވެ. ސްކޫލު ތަކުގައި ނަމާދުކުރުމުގެ ފުރުސަތު ދަނީ ތަނަވަސް ކުރެވެމުންނެވެ. ސްކޫލްތަކުގެ ދަރިވަރުންނާ ޢާންމުންނަށް ދީން އުނގަންނައި ދިނުމަށް ވޯކްޝޮޕްތަކާއި ސެމިނާތައްދަނީ ބޭއްވެމުންނެވެ. އަތޮޅުތަކުގައި ނަޞޭޙަތްދީ ވައުޒު ވިދާޅުވުމަށް ސިލްސިލާ ޕްރޮގްރާމްތައް ހިންގެމުން އެބަދެއެވެ. އިސްލާމިކް މިނިސްޓްރީއިން އިސްނަންގަވައިގެން ޤައުމީ ޓީވީ އާއި ރޭޑިއޯގެ ޒަރީޢާއިން މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށް އެބަދެއްވައެވެ. ދިވެހި ރާއްޖޭގެ 800 އަހަރުވީ ދިގު އިސްލާމީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދީނީ ފެއަރ އެއް ވަނީ ބައްވާފައެވެ....މިހެންގޮސް އެތައްކަމެކެވެ.
އެމިނިސްޓްރީއިން ކުރަމުންދާ މަސައްކަތް ތަކުގެ ފޮނި ނަތީޖާ، މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައިވެސް ވަނީ ފެނިފައެވެ. ފާއިތުވި އަހަރު ރަމަޟާން މަހުގެ ދަމުނަމާދުގައި ބައިވެރި މީހުންގެ އަދަދުން މިކަން ސާބިތު ވެއެވެ. އަދި އެންމެ ފަހުން އިރުކޭތަ ހިފިދުވަހު އިރުކޭތަނަމާދުގައި ބައިވެރިވި މީހުންގެ އަދަދުން މިކަން ހާމަވެއެވެ. އެއީ ދިވެހި ރާއްޖޭގެ އިސްލާމީ ތާރީޚްގައި މީގެކުރިން ފެނިފައިވާ ކަންތައްތަކެއް ނޫނެވެ. ހަމައެއާއެކު އިސްލާމިކު މިނިސްޓްރީއަށް ދިވެހިން އިތުބާރު ކުރާ މިންވަރު، ފާއިތުވި އަހަރުގެ މުދަލު ޒަކާތް އަދާކުރި މީހުންގެ އަދަދުންވެސް އެނގެއެވެ. ކުރީ އަހަރުތަކާ އަޅާބަލާއިރު މުދަލު ޒަކާތް އަދާކުރި މީހުންގެ އަދަދު 152 އިންސައްތަ އިތުރުވެފައިވެއެވެ. މިކަންކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ 800 އަހަރުވީ އިސްލާމީ ތާރީޚުގައި ސަރުކާރުގެ އިދާރާއަކުން އިސްލާމު ދީނަށްޓަކައި ދުވަހަކު ހަތަކާތްތެރި ނުވާމިންރަށް އިސްލާމިކް މިނިސްޓްރީން ދީނައްޓަކައި ހަރަކާތްތެރި ވެފައިވާކަމެވެ.

އެހެން ނަމަވެސް، މިކަންކަން ބަޔެއް ބޭފުޅުންނަށް ހަޖަމު ނުކުރެވޭކަން ފާހަގަ ކުރަންޖެހެނީ ހިތާމަޔާ އެކުއެވެ. އެއީ ވަކިފަރާތަކަށް 'ވިކިފައި' ތިބޭވަރުން ވާގޮތެއް ކަމުގައި ވެދާނެއެވެ. ނުވަތަ ގަސްތުގައި ހަޖަމު ކުރަން ބޭނުން ނުވަނީކަމަށްވެސް ވެދާނެއެވެ. އެފަދަ ބޭފުޅުންނަށް ކުރީގެ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރަގަނޅުކަމެކެވެ. އަދި މިސަރުކާރުން ކުރާ ކޮންމެ ކަމަކީ ކަމުނުދާ ކަމެކެވެ. އެހެންކަމުން ކަމުގެ އަސްލު އޮޅުވާލައި އިސްލާމިކު މިނިސްޓްރީ ބަދުނާމުކުރުމަށާއި، އެމިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުން ބަދުނާމުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

މިގޮތުން "އިސްލާމިކް މިނިސްޓްރީ އުވާލަން ޖެހިފައި" އަދި "މިނިސްޓްރީގެ ސިޔާސީ ބޭފުޅުންގެ މުސާރައިގެ ހައްޤުކަމާމެދު ސުވާލު އުފެދޭ" މި ސުރުހީގެ ދަށުން މުރާސިލްގައި ބޭފުޅަކު ލިޔުއްވާފައިވާ 'ދެކޮޅުނުޖެހޭ' ލިޔުމަކަށް ކޮންމެވެސް އެއްޗެކޭ ދަންނަވާލާ ހިތް ވެއެވެ. ދެކޮޅުނުޖެހޭ ލިޔުމެކޭ ދަންނަވަން މިޖެހުނީ އެލިޔުމުގައި ލިޔުންތެރިޔާ ދެކިލައްވާގޮތް ބަޔާންކުރެވިފައިވާ ގޮތުން ދޭހަވަނީ، ޒިންމާ އަދާ ކުރާ މިނިސްޓްރީތައް އުވާލުމެވެ. އަދި މަސްއޫލިއްޔަތު އަދާ ނުކުރާ ބޭފުޅުންގެ މުސާރައާއިމެދު ޝައްކު ނުކުރެވޭއިރު މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ މުސާރައާއިމެދު ޝައްކު ކުރެވޭ ވާހަކައެވެ.

އިސްލާމިކު މިނިސްޓްރީ އުވާލަން ޖެހޭނެކަމަށް ބަޔާންކޮށް މިދަންނަވާ ލިޔުމުގައި ފާހަގަކޮށްފައިވާ މައިގަނޑު 3 ކަމަކަށް ބަލާލަމާ ހިނގާށެވެ. އެ ލިޔުމުގައި ބުނެފައި ވެއެވެ. "ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިސްލާމީ ސިޔާސަތެއް އޮތްކަމަކަށް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ދެވަނައަށް އިއްވި ބަޔާނުގައިވެސް ފާއިތުވި އަހަރު އިސްލާމީ ސިޔާސަތުން ހާސިލު ކުރެވުނު މިންވަރަކާއި، ކުރިއަށް އޮތް އަހަރުގެ ސިޔާސަތެއް ހާމަ ކުރައްވާފައެއްވެސް ނުވެއެވެ."

ފުންކޮށް ވިސްނާލަމާ ތޯއެވެ! ކޮންމެ މިނިސްޓްރީ އަކީވެސް ވަކި ދާއިރާއަކުން ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތު ތަކެއް ޙަވާލުކުރެވޭ އިދާރާއެކެވެ. އެ އިދާރާއިން ކުރަންޖެހޭނެ ކަމަކީ ކަޑައެޅިފައިވާ މެންޑޭޓާއި އެއްގޮތަށް މަސަކަތްތައް ކުރުމެވެ. މެންޑޭޓް ކަނޑައަޅަނީ ދިވެހި ދައުލަތުގެ ވެރިޔާ، ރައީސުލް ޖުމްހޫރިއްޔާއެވެ. މެންޑޭޓް ފާސްކުރަނީ ދިވެހި ދައުލަތުގެ ދުސްތޫރީ ބާރު، ރައްޔިތުންތެ މަޖިލީހުންނެވެ. އަދި މިނިސްޓްރީތަކުން އެ އިދާރާތަކުގެ މެންޑޭޓާ އެއްގޮތަށް ކުރާމަސައްކަތްތައް އަންގަންޖެހެނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. މިގޮތުން އިސްލާމިކު މިނިސްޓްރީގެ މަސްއޫލިއްޔަތަކަށް ވާނީ އެވުޒާރާއަށް ކަޑައެޅިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްފަހު އެކަމުގެ މަޢުލޫމާތު ރައީސް އޮފީހަށް ފޮނުވުމެވެ.

ރިޔާސީ ބަޔާން އެކުލަވާލުމާއި، ރިޔާސީ ބަޔާން ލިޔުމާއި، ރިޔާސީބަޔާން އިއްވުމަކީ އިސްލާމިކު މިނިސްޓްރީގެ މަސްއޫލިއްޔަތެއް ނޫނެވެ. އެހެން ނޫންތޯއެވެ؟ އެހެންކަމަށް ވާނަމަ އުވާލަން ޖެހެނީ ކޮންއޮފީހެއް ތޯއެވެ؟ މަސްއޫލިއްޔަތު އަދާ ކުރާ އޮފީސް ތޯއެވެ؟ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ އޮފީސް ތޯއެވެ؟ ތިބާގެ ވިސްނުމަށް ފެންނަނީ މަސްއޫލިއްޔަތު އަދާކުރި ވުޒާރާ އުވާލަންޖެހޭ ކަމުގައި ވާނަމަ، އަޅުގަނޑު ހިތުން ތިބާގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދެއެވެ. އަދި މިކަމުގައި މަސްއޫލިއްޔަތު އަދާކުރި ފަރާތުގެ މުސާރަ ސައްހަ ނުވާނެކަމަށް ޝައްކު ކުރުމުން ދޭހަވަނީ މީހާ ވަކިކޮޅަކަށް 'ވިކިފައިވާލެއް' ބޮޑުކަމުން ޙައްޤު ނުހައްޤުވެސް އޮޅިފައިވާކަމެވެ.

އަދިވެސް މިދަންނަވާ ލިޔުމުގައި ބުނެފައި ވެއެވެ. "އިސްލާމިކް މިނިސްޓްރީއަކީ އިސްލާމީ ސިޔާސަތުތައް ބަލަހައްޓާ މިނިސްޓްރީކަމުގައި ވަނަމަ، އިސްލާމިކް މިނިސްޓްރީން ދީނީ އެއްވެސް ކަމެއްގައި ލިޔާ ސިޓީއަކަށް ރައީސު އޮފީހުން ޖަވާބެއް ނުދެނީ ކީއްވެ ހެއްޔެވެ. އިޒްރޭލު މައްސަލައިގައިވެސް އިސްލާމިކް މިނިސްޓްރީން ވަރަށް ސިޓީ ފޮނުވިކަމަށް ވެއެވެ. އިހަކަށް ދުވަހު މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން ސަރުކާރުން އުޅުމުންވެސް އިސްލާމިކް މިނިސްޓްރީން ސީޓީ ލިޔުނުކަމަށް ވެއެވެ. ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާކަމަށް..."

އާއެކެވެ! ރައީސް އޮފީހުން ޖަވާބެއް ފޮނުވާފައި ނުވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އަނެއްކޮޅުން އެފަދަ މައްސަލަތަކުގައި އިސްލާމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކަށް ދީނުގައި އެކަން އޮންނަގޮތް ބަޔާންކޮށް، ރަގަނޅުގޮތަށް ރުޖޫއަވުމަށް ގޮވާލުމަކީ، އެ މިނިސްޓްރީން ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރާކަމުގެ އަލިގަދަ ހެއްކެކެވެ. އެހެންކަމުން ރައީސް އޮފީހުން އެ އޮފީހުގެ ޒިންމާއަކަށް އިހުމާލުވުމުން އިސްލާމިކް މިނިސްޓްރީ އުވާލަންޖެހޭ ކަމަށް ބުނުމަކީ ވަރަށް ދެކޮޅު ނުޖެހޭ ވާހަކައަކަށް ނޫނީ ނުވާނެއެވެ. ހަމަ އެއާއިއެކު ކުރިންވެސް ބުނިހެން ޒިންމާ އަދާ ނުކުރާ ފަރާތްތަކުގެ މުސާރައިގެ ޙައްޤު ކަމާމެދު ސުވާލު ނުއުފެދުނުއިރު، ކަނޑައެޅިފައިވާ ޒިންމާތައް އަދާކުރާ ފަރާތްތަކުގެ މުސާރައިގެ ޙައްޤުކަމާމެދު ސުވާލު އުފެއްދުމަކީ ކޮންފަދަ އަދުލު އިންސާފެއް ބާއޭ ހިތަށް އަރައެވެ؟

އަދިވެސް އެލިޔުމުގައި ބުނެފައި ވެއެވެ. "ޚުތުބާ ކިޔުއްވުމަކީވެސް އެ މިނިސްޓްރީގެ މަސްއޫލިއްޔަތެވެ.... ޚުތުބާއަކީ އެއިރެއްގައި ހިނގާ މުހިންމު ކަންތަކަކަށް ހޭލުންތެރިކޮށް ވާހަކަދެއްކުމަށް އޮންނަ ފުރުސަތެއްކަމަށް ބުނަމުން ގޮސްފައި، ބަނގުރާ ހުއްދަކުރަން އުޅުމުން އެ ދުވަހު ހުކުރު ޚުތުބާގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚުތުބާ ވިދާޅުވަމުން އެންމެ ކުޑަމިނުން ބަނގުރަލުގެ ހުކުމްވެސް ވިދާޅުވެއެއް ނުލެއްވުނެވެ.....އެހެންކަމުން، ކުރިން ލިޔެގެން ކިޔުނު ބޯދާ ޚުތުބާވެސް މިހެން ނުބަލައި ކިޔުމަށްވުރެ މާ ރަނގަޅެއް ނޫންތޯއެވެ."

އާއެކެވެ! ވަކިކޮޅަކަށް މީހާ ގޮސް ހުސްވެއްޖެ ކަމުގައިވާނަމަ ވާނީ މިކަހަލަ ގޮތެކެވެ. ނިމިދިޔަ ވެރިކަމުގައި ކުރެވުނު ކޮންމެ ކަމަކީވެސް ތިމާއަށް ރަނގަޅުކަމެކެވެ. ވީމާ 'ބޯދާ' ޚުތުބާތައް ކޮންމެހެންވެސް ރަނގަޅުވާން އެބަޖެހެއެވެ. އަނެއްކޮޅުން ޚުތުބާތައް ބަރާބަރަށް އަޑުއައްސަވާނަމަ މިފަދަ ސުވާލުތަކެއް ނުކުރީހެވެ. އިޝާރާތް ކުރައްވާފައިވާ ހުކުރުގެ ކުރީ ހުކުރުގައިވެސް ރަލުގެ ޙުކުމް ވަރަށް ސާފުކޮށް ބަޔާންކޮށް އެކަން ނުކުރުމަށް ވެރިންނަށާއި އާންމުންނަށް ވަނީ ގޮވާލެވިފައެވެ. (ހުތުބާގެ ލިންކު މި ލިޔުމުގެ ތިރީގައި ދެވިފައި ވާނެއެވެ.)

ވީމާ ހަޤީޤަތުގައި މިދަންނަވާ ލިޔުމުގައި ބަޔާން ކުރެވިފައިވަނީ އިސްލާމިކު މިނިސްޓްރީއިން އިހުމާލުވެފައިވާ ޒިންމާ ތަކެއްގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމިކު މިނިސްޓްރީން ކަމުނުދާ ކަންތައްތަކެއް ކޮށްފައި ހުރެދާނެއެވެ. އަދި ޒިންމާއަކަށް އިހުމާލުވެފައި އޮތުންވެސް އެކަށީގެން ވެއެވެ. އެހެން ނަމަވެސް ރިޔާސީ ބަޔާނުގައި މިނިސްޓްރީން ކޮއްފައިވާ ކަންތައްތައް ނުވަތަ ކުރާނެ ކަންތައްތައް ހާމަ ނުކުރުމަކީ އިސްލާމިކު މިނިސްޓްރީގެ އިހުމާލެއް ނޫނެވެ. އަދި ސަރުކާރުގެ އޮފީސްތަކަށް އިސްލާމިކް މިނިސްޓްރީއިން ފޮނުވާ ސިޓީތަކުގެ ޖަވާބު އެ އޮފީސްތަކުން ނުފޮނުވުމަކީ އިސްލާމިކު މިނިސްޓްރީގެ އިހުމާލެއް ނޫނެވެ. ވީމާ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ މުސާރައިގެ ޞައްހަކަމާމެދު ޝައްކުކުރުމާ، މަސްއޫލިއްޔަތު އަދާކޮށް ދިވެހި ޤައުމަށް ފައިދާކުރަނިވި މިނިސްޓްރީތައް އުވާލަން ޖެހޭކަމަށް ގޮވާލުމުން ދޭހަވަނީ ޤައުމުގެ ކުރިމަގާމެދު ނުވިސްނާކަމާއި ޤައުމުދެކެ ލޯބި ނުވާކަމެވެ.

0 comments:

Post a Comment

މިއީ އާންމުކޮށް އިސްލާމުދީނުގެ މަޢުލޫމާތު ގެނައުމަށް އަދި ޚާއްޞަކޮށް ޢިސާ އަލައިހި ސަލާމްގެ ޞައްޙަ ދައުވަތަކީ ކޮބައިކަން ބަޔާން ކޮއްދިނުމަށް ހުޅުވިފައިވާ ބުލޮގެކެވެ.

hit traffic

މިބްލޮގުގައިވާ ލިޔުންތައް، އެއްވެސް އުނިއިތުރުކުރުމަކާއި ނުލައި ބޭނުން ކުރުމަކީ، ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްގެކެވެ.

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP